ސިޔާސީ ހަރަކާތްތަކުގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް އިލްތިމާސްކޮށްފި

21 އޮގަސްޓު 2013 0

ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު ސިޔާސީ ހަރަކާތްތައް ހިންގަމުންދާ މިދުވަސްކޮޅު އިހަވަންދޫގައިވެސް ކެމްޕެއިންގެ ހަރަކާތްތައް ތަފާތު ގޮތްގޮތަށް ޕާޓީތަކުން ދަނީ ކުރިޔަށް ގެންދަމުންނެވެ.

އިހަވަންދޫގައި ސިޔާސީ ހަރަކާތްތައް ކުރިޔަށްދާ ގޮތުގެ ސަބަބުން ނޭދެވޭ ޢަމަލުތަކަކަށް މަގުފަހިވެގެން ގޮސްފާނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހަވަންދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފައިވާއިރު މިކަންތައްތަކަށް ހައްލެއް ހޯދުމަށްޓަކައި ކެމްޕެއިންގެ "ފޯރި" ގަދަވުމުގެ ކުރިން އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި އިހަވަންދޫ ކައުންސިލް އިދާރާ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަ ކުރެވެއެވެ.

އެގޮތުން އިހަވަންދޫގައި އެންމެ ވަރުގަދައަށް ހަރަކާތްތެރިވާ އެމްޑީޕީ އާއި ޕީޕީއެމް ގެ އިތުރުން ޖޭޕީ ގެ އިސްފަރާތްތަކާ ވަކިވަކިން އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކައުންސިލްގެ ރައީސް އާއެކު ބައްދަލުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް މިއަދާ ހަމައަށް އައިރު ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންނަށް އިންތިހާއަށް އުނދަގޫވެ މަސްލަހަތު ގެއްލޭނެފަދަ ކަންކަން ދަނީ ފެންނަމުން ނެވެ. އެހެންކަމުން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ހިންގާ އެއްވެސް ސިޔާސީ ހަރަކާތެއްގައި ހަމަނުޖެހުމެއް ނުހިންގުމަށް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން އަތޮޅުތަކުގައާއި މާލޭގައި ޙަރަކާތްތެރިވަމުންދާއިރު މިހާރު ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަނީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދު ކުރާ ފަރާތްތަކުން މިނިވަންކަމާއެކު ކެމްޕޭން ކުރެވޭނެ މާޙައުލެއް ޤާއިމްކޮށް ދިނުމަށްކަމަށް ޕޮލިސް މީޑިޔާއިން ބުނެފައިވާއިރު އިހަވަންދޫގައި ކެމްޕެއިންކުރާ ހުރިހައި ފަރާތަކަށްވެސް ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުޞަތު ދިނުމަށް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިހަވަންދޫ ކައުންސިލް އިދާރާއަށްވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި މިހަލަބޮލި ކަމުގެ ތެރެއިން އިހަވަންދޫގައި އެއްވެސް ހަމަނުޖެހުމެއް ހިނގައިފިނަމަ އެކަން ހައްލުކުރުމުގައި ރައްޔުތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޕޮލިސް ސްޓޭޝަނުންވަނީ އިލްތިމާސްކޮށްފަ އެވެ.

ރިޔާސީ އިންތިޚާބު 2013, އިހަވަންދޫ ކައުންސިލް, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ