ކުނިމަދުކުރުމުގައި 3 އާރު އެހީތެރިވެދެއެވެ.
ވަނަ ޤަރުނު ނިމި 21 ވަނަ ޤަރުނާ މިކުޑަކުޑަ ދީބު ކުރިމަތިލީ، ބޮޑެތި ބަދަލުތަކަކާއި އެކުގައެވެ. އެކެއްގެ މުށުތެރޭގައި ބާރުތައް ތޮއްޖެހިފައި އޮތްއޮތުންނިމުމަކަށްއައިސް ފުރިހަމަ ޑިމޮކުރަސީއަކަށް މިރާއްޖެ މަރުޚަބާ ކިޔައިފިއެވެ. ރަށުތަރައްޤީއަށް އެންމެ ވަރުގަދައަށް ބަސްބުނާނެ ފަރާތަކީ އެރަށެއްގެ އަހުލުވެރިންކަމުގައި ވެއްޖެއެވެ. ކިޔަވާދިނުމުގެ ރޮގުންކުރިއެރުންތަކެއް ދިވެހިދީބު ޙާޞިލްކޮށް ރާއްޖޭގެ ތަޢުލީމުގެ ފުރަތަމަ ޔުނިވާރސިޓީވެސް މިޤައުމަށް އުފަންވެންޖެއެވެ. ތަރައްޤީއާއި ތަހުޒީބުގެ މާއްދީ ގޮތުންނާ އުމްރާނީ ގޮތުން ބަދަލުތަކަކާ އަޅުގަނޑުމެންގެ މުޖުތަމަޢު މިވަނީ ކުރިމަތިލައިފައެވެ. ނަމަވެސް މިބަދަލު ތަކާއި އެކުއެކީގައި އަޅުގަނޑުމެންގެ ކުޑަކުޑަ މަހަލްތަކަށް ކުރިމަތިވެފައި މިވަނީ ބޮޑު މައްސަލައަކާއެވެ.
ސާފުބޯފެނާ، ނަރުދަމާއާއި، މަގުހެދުމާއި، ބަނދަރުހެދުމަކީ ތަރައްޤީގެ ތަނބުތަކެވެ. ގެދޮރުގެ ބޯހިޔާވަހިކަމާއި ދަތުރުފަތުރުގެ ލުއިފަސޭހަކަމަކީ، ތަރައްޤީގެ ނާރެހުގައި ބުރުޖަހަޖަހާ ހުންނަ ކަންތައްތައްކެވެ. ތަރައްޤީގެ ޕުލޭންތައް ކުރެހި ރާވާ ހިންގުމަށް ތައްޔާރުވަމުންދާއިރު، އެޕުލޭންތަކުގެ ދަށުން ނަގާ ކޮޅަށް ޖަހާލެވޭ ގެދޮރުތަކުގެ ޚާލަތަށް އިތުރު ވިސްނާލުމަކުން ވިސްނާލަން އެބަޖެހެއެވެ. ހެދިގެންދާ ބަނދަރާއި، ތާރުއަޅާލެވޭ މަގުތަކުގެ ޚާލަތު އޮންނާނޭ ގޮތް އިތުރަށް ތަޞައްވުރު ކޮށްލަން އެބަޖެހެއެވެ.
ތަނަށް ތަރައްޤީއެއްލިބި އެތަރައްޤީގެ ދަށުން ތަނުގެ ހާލަތު ބަވަނަވަމުން އަންނާނޭކަން ހަނދުމަކޮށްލަން ޖެހޭބައެވެ. ތަރައްޤީގެ ކުރިއެރުން އަންނަމުން ދިޔަދިޔަހެން އާބާދީގައި ގުނާލެވޭ ބޯތައް އިތުރުވާނޭކަން ޔަޤީނެވެ. އަދި ބަނދަރުތަކާއި މަގުތަކަށް އެޅިގެންދާ ކުނީގެ އަދަދު އެތައްތަނެއް އިތުރުވާނޭކަން އެއީ ޝައްކެއް އޮތްކަމެއް ނޫނެވެ. ގޭބިސީތަކުގެ ނިސްބަތް އިތުރުވަމުން ދިޔަވަރަކަށް އަދި އެބައެއް ދިރިއުޅުމުގެ ޚާލަތު އާރޯވަމުން ދިޔަ ވަރަކަށް އެގޭބިސީތަކުގައި އުފެދޭ ކުނީގެ ނިސްބަތް އިތުރުވާނޭކަން ޔަޤީނެވެ.
މިއީ އެކަމަކަށް މިހާރު އެންމެ ބޮޑަށް ވިސްނުން ހިނގަންޖެހިފައިވާ ކަންތަކެވެ. މިއީ އަޅުގަނޑު ކުރިން އަލިއަޅުވައިލި ބޮޑުމައްސަލައެވެ. ކުރިމަތިވެފައިވާ އަދި އެކަމަކަށް ހައްލުބޭނުންވެ، ހައްލުކުރަން ޖެހޭ މައްސަލައެވެ.
ކުނީގެ މައްސަލައަކީ މުޅި ދުނިޔޭގައިވެސް ބޮޑު މައްސަލައަކަށްވެ، މިމައްސަލައަށް ޙައްލެއް ގެންނާނޭ ގޮތަކާއި ދޭތެރޭގައި އަބަދުވެސް މަޝްވަރާކުރެވެމުން ދެއެވެ. މިއީ، ހަމައެކަނި، އިހަވަންދޫއަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އަދި ހަމައެކަނި މިދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ވެސް ނޫނެވެ. މިއީ، ދުނިޔޭގެ ހުރިހާ ޤައުމެއްވެސް އެކަމާދޭތެރޭގައި ވިސްނަން ޖެހޭ، ވިސްނަން ޖެހުނު، މައްސަލައެކެވެ.
އަހަރެމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ، ކުނީގެ މައްސަލަ ޙައްލުކުރުމަށް، ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަހަރެމެންގެ މިކުޑަކުޑަ ދީބުގައި ބިމުގެ ދަތިކަން އޮތުމެވެ. އެހެންކަމުން، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ކަންކުރާ އުސޫލުން، އިންސާނުން ދިރިއުޅޭ ޞަރަޙައްދުތަކާ އެތައްކިލޯމީޓަރު ދުރަށް ކުނިގެންދާ އުސޫލުން އަހަރެމެންނަށް ކުނިގެންގޮސް ނައްތާލެވޭނޭ އުސޫލެއް ހަމަޖެހިފައި ނެތެވެ.
ނަމަވެސް، ފަރުދީ ފެންވަރުގައި ކުންޏައް ޙައްލެއް ހޯދުމަށް އިހަވަންދޫގެ ރައްޔިތުންނަށް ކުރެވިދާނޭ ކަންތައްތަކެއް އެބަހުއްޓެވެ. މިކަމަށް ޙައްލެއް ހޯދުމަށް އަހަރެމެންނަށް ބަރޯސާވެވިދާނޭ އެއް ކަމަކީ، 3 އާރެވެ. ތިން އާރު، ރަމްޒުކޮށްދެނީ، ރެޑިޔުސް (މަދުކުރުން)، ރީޔޫސް (އަލުން ބޭނުންކުރުން)، އަދި ރީސައިކަލިން (އެހެންގޮތަކަށް ބަދަލުކޮށްގެން، އަލުން ބޭނުންކުރުން) މިތިން ކަންތަކެވެ.
ތުރީއާރަކީ (ތިންއާރު)، މިޒަމާނުގެ ތަޢުލީމުގައި ބޭނުންކުރެވޭ، އަދި ކިޔަވާދެވޭ އެއްޗެކެވެ. އެގޮތުން، މިތިން އާރު ބޭނުން ކުރުމަށް ގުރޭޑު 3 ގެ އީއެސް (އެންވާރުމެންޓަލް ސްޓަޑީޒް) ފޮތުގައި ލިޔެފައިވެއެވެ. އެގޮތުން، މިލިޔުމުގައިވެސް، ތިން އާރުގެ ޙުލާޞާއެއް މިސާލާއެކުގައި ލިޔެލާނަމެވެ.
ފުރަތަމައާރު އެއީ ރެޑިޔުސް (މަދުކުރުން) އެވެ. މިއާރުގެ ރަމްޒުކޮށްދެނީ ނުވަތަ މައުނަކޮށްދެނީ، ވީހާވެސް ބޮޑަކަށް ކުނިއުފެއްދޭ މިންވަރު މަދުކުރުމެވެ. މިސާލަކަށް ބާޒާރުކުރުމަށް، ބޭރުގައި ޚަރަކާތްތެރިވާއިރު، އެއްކޮތަޅަކަށް ވީހާވެސް ގިނައިން ތަކެތި އެޅުން ހިމެނެއެވެ. އެގޮތުން ހަނޑޫ ކޮތަޅެއްގެ ތެރެއަށް ޓޯމާޓޯ ދަޅު، ބިސް ނުވަތަ އެނޫންވެސް ހަރުތަކެތި ލައިގެން ގެނެވިދާނެއެވެ. އެކަމަށް އިތުރު ކޮތަޅެއް ބޭނުންކުރުމުގެ ބަދަލުގައެވެ. ނަމަވެސް ހަނޑޫ ކޮތަޅެއްގެ ތެރެއަށް ފުށް ނާޅާށެވެ.
ދެވަނައާރު އެއީ ރީޔޫސް (އަލުން ބޭނުންކުރުން) ވެއެވެ. މީގެ މައުނައަކީ، އެކެއްޗެއް ހަމަ އެހެންކަމަކަށް އެއަށް ބަދަލެއް ގެނައުމަކާ ނުލާ ބޭނުންކުރުމެވެ. މިސާލަކަށް، ކޯސްޓްދަޅެއް ހުސްވުމަށްފަހު އެކޯސްޓްދަޅަށް ތެލުލިފަތް އެޅުމަށް ބޭނުންކުރުމެވެ. ކުރީއަހަރުގައި ބޭނުންކުރި ދަބަސް މިއަހަރުވެސް ސުކޫލުފޮތްތައް އެޅުމަށް ބޭނުންކުރުމެވެ. ކުރިންފަހަރު ބާޒާރުން ގެނައި ކޮތަޅު މިފަހަރު ބާޒާރަށް ދަމުން ގެންދިޔުމަކީވެސް، މީގެ މިސާލެކެވެ.
ތިންވަނައާރު ރަމްޒުކޮށްދެނީ ރީސައިކަލިން (އެހެންގޮތަކަށް ބަދަލުކޮށްގެން، އަލުން ބޭނުންކުރުން) އެވެ. މިއީ މިޒަމާނުގައި ވަރަށްބޮޑަށް އަޙައްމިއްޔަތުކަމެއް ދެވޭ ކަމެކެވެ. މީގެ މިސާލަކީ، ލިޔެފައިވާ ކަރުދާސް އެއަށް ގޮތްތަކެއް ހެދުމަށްފަހު އެކަރުދާހުން އަލުން ކަރުދާސް އުފެއްދުމެވެ. މިސާލަކަށް ރީތި ފަޓްލޫނެއް ތިމަންނާއަށް ކުރުވީމާ، އޭތި އެއްލާލުމުގެ ބަދަލުގައި ކުޑަކޮށް ބުރިކޮށްލައިގެން އެއިން ސޯޓެއް ހަދައިގެން ލެވިދާނެއެވެ. ކުރީޒަމާނުގައި އަތްބައްތި ހެދުމަށް ކޯސްޓްދަޅު ބޭނުންކުރިއެވެ. ރޮށިފިހާ ދަފަތްގަނޑަކަށް ޑަބިޔާ ކަފައިގެން ބޭނުންކުރިއެވެ. ފުޅިބައްތި ހެދުމަށް ޖޭމް ފުޅި ބޭނުންކުރިއެވެ. މިއީ ހައްތަހާވެސް މިސާލެވެ. މިތިން އާރުގެ ބޭނުން ހިފައިފިނަމަ އަހަރެމެން އުފައްދާ ކުނީގެ މިންވަރު އެތައްތަނަކުން މަދުވާނެއެވެ. ކުނިނައްތާލެވޭނީ ނުވަތަ މަދުކުރެވޭނީ ފަރުދީ ފެންވަރުގައި އެކަމަށް މަސައްކަތްތަކެއް ކުރެވިގެންކަން ޔަޤީނެވެ.
ރާއްޖޭގެ ގިނަރަށްރަށަށް ކުރިމަތިވެ އެކަމަށް ޙައްލެއް ހޯދުމަށް ދަތިތަކާއި ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކަށް ކުނީގެ މައްސަލަވާނޭކަން ޔަޤީނެވެ. އެހެނީ މިމައްސަލައަކީ، ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށް، ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް، ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަނަށް، ނުވަތަ އެނޫންވެސް އެހެން ކޮމިޝަނަކަށް މައްސަލަ ހުށައަޅައިގެން ބެލެވޭނޭ މައްސަލައެއް ނޫނެވެ. ހަމައެހެންމެ، ރާއްޖޭގެ ދިފާއީ ބާރާއި ދިވެހި ފުލުހުން ގުޅިގެން ހިންގޭ ޙާއްޞަ އޮޕަރޭޝަނަކުން ހުއްޓުވާލެވޭނޭ މައްސަލައެއް ނޫނެވެ. އަދި ހަމައެހެންމެ މިއީ ރާއްޖޭގެ މެޖިސްޓްރޭޓް ކޯޓްތަކުން ނުވަތަ ރާއްޖޭގެ ހައިކޯޓަށް ނުވަތަ ސްޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިގެން ބެލެވޭނޭ މައްސަލައެއްވެސް ނޫނެވެ. މިއީ، އަޅުގަނޑުމެން އެކަމަށް ޙައްލެއް ހޯދަންޖެހޭ މައްސަލައެވެ.
ޚިޔާލު ފައުޅުކުރުން