[HEADER BANNER]
[AD]

ސަމީރުގެ ހިތްވަރަށް ސާބަސް

ރާއްޖޭގެ ޒަމާންވީ ޚުދުމުޚްތާރު އަނިޔާވެރި ވެރިކަމުގެ ސަގާފަތް ރަށްފުށާ ހަމަ ވެސް އޮތީ ސޮހިގެން ގޮސްފަ އެވެ. އެކާވީސް ވަނަ ގަރުނު ފެށުމާ އެކުހެން ރާއްޖޭގެ އުދަރެސް ޑިމޮކްރަސީގެ ރަންރީނދޫ ވިދުވަރުން ޖަރީކޮށްލީ ޒަމާނީ ވެރިކަމުގެ ނިޒާމަކާ އެކު އެވެ. ޔުނިޓަރީ ދައުލަތެއްގެ ހަމަތައް ހިފެހެއްޓިފައިވާ ލާމަރުކަޒީ ނިޒާމެއް ތަޢާރަފް ކުރެވުނެވެ. ރަށްރަށުގެ ވެރިން ފުރަތަމަ ފަހަރަށް އިންތިޚާބު ކުރެވެން ފެށި އެވެ.

މިގޮތުން ބޭއްވުނު ފުރަތަމަ އިންތިޚާބުގައި ތަނަވަސް އަޣުލަބިއްޔަތެއް އިހަވަންދޫން ހޯއްދަވައި މުހައްމަދު ސަމީރު ކައުންސިލްގެ ރައީސްކަމާ ހަވާލުވި އެވެ. ނުރައްކާތެރި ޒިންމާ ބޮޑު ގޮނޑިއެއްގައި ސަމީރު ހަމަޖެހިލީ އުމުރުން ހަމަ އެންމެ 22 އަހަރުގަ އެވެ. ބައެއް ރައްޔިތުން ސަހަރޯއޭ ހިތައް އެރިނަމަ ވެސް އަޅުގަނޑު ހިތަށް އަބަދުވެސް އަރަމުން ދަނީ ޒުވާނުންގެ ފަންވަރާއި ބުންވަރުން މެނުވީ ޒަމާންވީ ނުރަނގަޅު އަސަރެއް ފޮހެނުލެވޭނެ ކަމަށެވެ.

އިހުގެ ނުކިއްސަރު ވައްޓަފާޅިތަކުން ނެއްޓިގެން ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ހިންގޭ ތަޢައްސުބުން އެއްކިބާވެފައިވާ ހިކުމަތްތެރި ރަށްވެހި ޚިދުމަތަކަށް ރައްޔިތުން އެދެމުން ދިޔަ ޖޯޝުންފުރިގެންވާ ގޮވުންތަކާ ކުރިމަތިލުމަށް ސަމީރު ނިކުންނެވީ ހިތްވަރެއް ހުރެގެންކަން ކަށަވަރެވެ.

ގްރޭޑް 1 އިން ގެރޭޑް 10 އާ ހަމައަށް އެއް ކިލާހެއްގައި ސަމީރާ އެކު ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. ކައުންސިލްގެ 3 އަހަރުގައި ނިކަން ގާތުން މަޝްވަރާކުރުމުގެ އިޒުނަ ލިބުނެވެ. ސަމީރާމެދު ޚުލާސާ ގޮތެއްގައި އަޅުގަނޑު ދަންނަވަން އޮތީ "ކުޑަކަތީބުބޭ" އަށް ކާފަ ކިޔުމުގެ ހައްޤު ހުރިހާ ރޮނގަކުން ވެސް ސަމީރަށް ލިބިގެންވާ ކަމަށެވެ.

ސަމީރުގެ ހިތްވަރާއި ބުންވަރު ފާއިތުވި ކުރު 3 އަހަރު ތެރޭގައި އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ.

ކައުންސިލް އުފެދުނީ 2011 ފެބްރުއަރީ 26ގަ އެވެ. ކައުންސިލް މެމްބަރުން ހުވާކުރިތާ ބަރާބަރު އެއް އަހަރާއި 19 ދުވަސް ވީއިރު ނަޝީދުގެ ވެރިކަން ފުރޮޅާލި އެވެ. ނަމަވެސް އެ ދެމެދަށް ވެސް ލައްކަ މަސައްކަތް ކުރި އެވެ. ސަރުކާރާ ގުޅިގެން އިހަވަންދޫގެ ބަނދަރުގެ މަސައްކަތް ފެށި އެވެ. ނަރުދަމާގެ ނިޒާމާއި ފެނުގެ ނިޒާމަށް އިޢުލާނު ކުރެވި މަސައްކަތް ފެށުމަކާ ހަމައަށް އޮތީ ގޮހެވެ. 100 ފްލެޓް އެޅުމަށް ރުށް ކަނޑަން އޮތީ ތައްޔާރު ކުރެވިފަ އެވެ. ގެސްޓް ހައުސް އެޅުމަށް އިންކުރެވި ފާހަގަ ޖަހެވުނެވެ. ބާޒާރު ބަނދަރުގެ ވަރުގަދަ މަޝްރޫޢެއް ހިންގުމަށް އޮތީ އިޢުލާނު ކޮށްފަ އެވެ.

ނަމަވެސް ނަޝީދުގެ ވެރިކަން ވެއްޓުމާއެކު ކުރެވުނު ހުރިހާ މަސައްކަތެއް ވީ ބަރުބާދެވެ. ފުރޮޅާލި ވެރިކަމުގެ ބާނީ ރައީސް ވަހީދުގެ 2 އަހަރު ފާއިތުވެގެން ދިޔައީ އެއްވެސް އަޅާލުމެއް ނެތި އެވެ. ކިރިޔަ ކިރިޔާ މުއްވައްޒަފުންގެ މުސާރަގަނޑު ހަމަޖައްސާލަދިން ކަމެވެ.

ކައުންސިލުން ރަށު އޮފީހުގެ ހިންގުމާ ޙަވާލުވި އިރު، ރައްޔިތުންގެ އެކައުންޓުގައި 14 ލައްކައެއްހާ ރުފިޔާ ހުރިކަމަށްވެ އެވެ. ކަމެއް ކުރަން ހުރި ފައިސާ އަކީ މިއީ އެވެ. ނަމަވެސް މި ފައިސާ ކޮޅުވެސް ފިނޭންސް މިނިސްޓްރީން ފްރީޒް ކުރި ގޮތަށް އަދިވެސް ހުރީ އެ ހާލުގަ އެވެ. ކައުންސިލްގެ ދައުރު ހަމަވާން މަހަކަށް ވީއިރު އެފައިސާކޮޅުން ކަމެއް ކޮށްލުމުގެ ފުރުޞަތު ވެސް ކައުންސިލަށް ގެއްލުނީ އެވެ.

ވެރިކަން ވެސް ގެއްލުނީ އެވެ. ހުރި ފައިސާ ކޮޅު ވެސް ފްރީޒްވީ އެވެ.

ނަމަވެސް ގޮތް ހުސްވެގެން އެންމެ ތަންފުކެއް ވެސް ފަހަތައް ނުޖެހެ އެވެ. އަޑު އައްސަވާށެވެ!

ކައުންސިލުން ހިންގުމާ ހަވާލުވިއިރު، 230000 ރުފިޔާއިން ދަރަނިވެރިވެ، ތަނުގެ މުވައްޒަފަށާއި ފިއުލް ސަޕްލައި މޯލްޑިވްސް އަށް މަހަކު 5000 ރުފިޔާ ދޭންޖެހިފައިވާ ރައްޔިތުންގެ ތެޔޮފިހާރަ ހަމައަކަށް އެޅުވުމަށްޓަކައި، ތަނުގައި ހުރި ތެޔޮކޮޅު ނީލަމުގައި ވިއްކާލައި، 30000 ރުފިޔާގެ ފައިދާ އަކާ އެކު ތަނުގެ ދަރަނި އަދާކޮށް، 5500 ރުފިޔާ އަށް އާންމު ފަރާތަކަށް ތަން ކުއްޔަށް ދިނެވެ. ނަތީޖާ އަކީ ފިޔުލް ސަޕްލައި މޯލްޑިވްސް އަށް މަހުން މަހަށް ދޭން ޖެހޭ 2500 ރުފިޔާގެ ކުލި ކަނޑައި، މަހުން މަހަށް ކައުންސިލަށް 3000 ރުފިޔާގެ އާންމުދަނީއެއް ލިބެން ފެށުމެވެ. އަދި ތެޔޮ ފިހާރައިގެ މުއްދަތު ހަމަވުމުން ރައްޔިތުންގެ ފުރިހަމަ މިލްކަކަށް ތެޔޮފިހާރަ ބަދަލުވުމާ އެކު 10 އަހަރުގެ މުއްދަތަށް 3000 ރުފިޔާގެ ކުއްޔަކަށް ތެޔޮ ފިހާރަ މިހާރުވަނީ ކުއްޔަށް ދީފަ އެވެ. 10 އަހަރުން 360000 ރުފިޔާ ކައުންސިލަށް ލިބޭނެ އެވެ.

މި ހުޅުވުނު ކުޑަ ފުރުޞަތުން ލިބުނު ލާރިކޮޅުން ރަށްވެހިގޭގެ ވަށާ ފޫޓް ފާރު ރާނައި، އެ ތަނުގައި ކުރެވެމުން ދިޔަ އިމާރާތުގެ އެންމެހާ މަސައްކަތް ނިންމައި، ފަރުނީޗަރު ލުމަށްފަހު، އެ ޢިމާރާތް 11000 ރުފިޔާގެ ކުއްޔަކަށް 5 އަހަރު ދުވަހަށް ފުލުހުންނަށް ދިނެވެ. 5 އަހަރުން 660000 ރުފިޔާ ކައުންސިލަށް ލިބޭނެ އެވެ.

ރައްޔިތުންނަށް އަގު ހުރި ޚިދުމަތެއް ދެވޭނީ ކައުންސިލަށް ފައިސާ ލިބޭނެ ވަސީލަތްތަކެއް ގާއިމުކޮށްގެން ކަމުގައި ވާތީ ކައުންސިލުން މި ފެށި މަސައްކަތް ބާރަށް ކުރިއަށް ގެންދިޔަ އެވެ.

މިގޮތުން ވިޔަފާރިއާއި، އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކާއި، އޮޑިހަރުގެ ތަކުން ބިމުކުލި ނަގާނެ އުޞޫލެއް ކަނޑައަޅައި ޢަމަލު ކުރަން ފެށި އެވެ. ނަތީޖާ އަކީ ކައުންސިލަށް މަހަކު 25000 ރުފިޔާގެ ނަފާއެއް ލިބެން ފެށުމެވެ.

އިސާހިތަކު ކައުންސިލަށް ލިބެންފެށި ފައިސާ ބޭނުން ކޮށްގެން އިތުރު އިންވެސްޓްތައް ކުރަން ފެށި އެވެ. މިގޮތުން ރާފާފުގެ ހުރި ބިމުގައި ޒަމާނީ ފެންވަރުގެ ގެސްޓްހައުހެއް އެޅުމުގެ މަސައްކަތް ފެށި އެވެ. 5 ކޮޓަރި ހިމެނޭ މި ޕްރޮޖެކްޓަށް ކައުންސިލުން 900000 ރުފިޔާ ޚަރަދު ކުރާނެ އެވެ.

ދެން ކައުންސިލުން ފެށީ މެގަ ޕްރޮޖެކްޓެކެވެ. އިހަވަންދޫގެ އޮޑިދޯނި ފަހަރާއި ބޯޓު ފަހަރު ފަސޭހައިން އެހެލާ ބޭލޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްލިޕްވޭއެއް ހެދުމަށް ނިންމައި 10 މިލިޔަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ބޭރުގެ އިންވެސްޓަރަކާ ގުޅިގެން އިޢުލާނު ކުރި އެވެ. މިގޮތުން 160 ޓަނުގެ ބަރު ދަމާލެވޭ 800000 ރުފިޔާގެ ވިންޗެއް މިހާރު އިހަވަންދޫ އަށް ވަނީ އެތެރެކޮށްފަ އެވެ.

ކައުންސިލަށް ލިބެމުންދިޔަ ނަފާއިން 20000 ރުފިޔާ ޚަރަދުކޮށްގެން ބަނދަރުގެ ނެރުބައްތި ޖެހި އެވެ.

ކައުންސިލްގެ ބަޖެޓުން 70000 ރުފިޔާ ޚަރަދުކޮށްގެން ވުޟޫ ކުރާ ތަނެއް އާސާރީ މިސްކިތުގައި އެޅި އެވެ. އަދި މިސްކިތްތަކުގެ މަރާމާތަށް 350000 ރުފިޔާ ޚަރަދުކުރި އެވެ.

ދާއިރާގެ މެމްބަރުގެ މާލީ އެހީތެރިކަމާއެކު ޒަމާނީ ފެންވަރުގެ ޕްރީ ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ. މިއީ 3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އަތް ފޯރާ އަގުގައި އިންޓަރނެޓާއި ހައި ޑެފިނިޝަން ފެންވަރުގައި ކޭބަލްޓީވީގެ ޚިދުމަތް ރައްޔިތުންނަށް ދިނުމަށްޓަކައި ކައުންސިލްގެ 49 އިންސައްތަ ހިއްސާވާގޮތަށް އަމިއްލަ ކުންފުންޏަކާ އެކު 500000 ރުފިޔާގެ ޕްރޮޖެކްޓެއް ފެށި އެވެ. މި މަޝްރޫޢުގެ ފޮނިމީރުކަން ރައްޔިތުންނަށް މިހާރު ވަނީ ލިބެން ފަށާފަ އެވެ.

300000 ރުފިޔާގެ ޚަރަދަކާ އެކު ޒުވާނުންގެ މަރުކަޒެއްގެ ފެށުން ކައުންސިލުން މިހާރު އެ ވަނީ ޙާޞިލްކޮށްފަ އެވެ.

600000 ރުފިޔާގެ އަގުހުރި ޕާރކްސެޓެއް ކުޑަކުދިންގެ ޕާކްގައި ރުކުރުވާލުމަށް ކައުންސިލުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

250000 ރުފިޔާ ޚަރަދުކޮށްގެން ހިނަވާގެއެއް އެޅުމަށް ޝެޑިއުލް ކުރެވި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، ޣާޒީ ދަނޑުގެ ފޫޓް ފާރުގެ ނުނިމި ހުރިބައި ރޭނުގެ މަސައްކަތް މިމަހުގައި ނިމޭނެ އެވެ.

އިހަވަންދޫ މަދަރުސާގައި ވޯރކް ވޭއެއް ހެދުމަށްޓަކައި 50 ކޮތަޅު ސިމެންތި އާއި، ގައު އެޅުމަށް ބޭނުންވާނެ ވެއްޔާއި، މުޅި މަދަރުސާގެ ގޯތި ތެރެއަށް ލާނެހާ ދޮންވި ކައުންސިލުން ވަނީ މަދަރުސާ އަށް ހަދިޔާކޮށްފަ އެވެ.

ސިއްހީ މަރުކަޒާއި، އިންޖީނުގޭގެ ގޯތި ތެރެއަށް ވެލިއަޅައި އެ ތަންތަނުގައި ހުރި އަޑިގުދަން ފިލުވައި، މަގުތަކަށް ވެސް ވެލި އަޅައި އެއްވަރުކޮށް ފުޓްބޯޅަ ދަނޑުތަކުގެ އަޑިގުދަން ވެސް ފިލުވާދިނެވެ. ފުއްޓަރު ފަރާތުގައި ހިއްކުނު މަގަށް ސަރުކާރުގެ އަލާޅުމެއް ނުލިބުނެވެ.

ކައުންސިލްގެ އިޢުލާނުތައް ފަސޭހައިން ފެންނާނެހެން ރަށުގެ 4 ސަރަހައްދެއްގައި ނޯޓިސް ބޯޑު ހަދައި، ފާރުތަކުގައި އިޢުލާނު ތަތްކުރުމުގެ ސަގާފަތް އުވާލި އެވެ.

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށްޓަކައި ދަރިންނާމެދު ސަމާލުވުމަށް ބެލެނިވެރިންނަށް ތަކުރާރުކޮށް ހަނދުމަކޮށްދީ މަސްތުވާތަކެއްޗާ ދެކޮޅަށް ސިލްސިލާ މަސައްކަތްތަކެއް ކުރި އެވެ.

50000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ރަށުގައި ހުރެ އައިޑީ ކާޑު ހެއްދޭނެ އިންތިޒާމު ކައުންސިލުން ރައްޔިތުންނަށް ވަނީ ފަހިކޮށްދީފަ އެވެ. މިހާތަނަށް 1300 މީހުން މި ޚިދުމަތް ހޯދާފައިވާ އިރު، ރައްޔިތުން އަތުން ސަލާމަތްވެގެން ގޮސްފައި އެ ވަނީ 700000 އެއްހާ ރުފިޔާކަން ކަށަވަރެވެ. އެހެނީ އައިޑީކާޑެއް ހައްދާލަން 1500 ރުފިޔާ ޚަރަދު ނުކޮށް ފަރުޖައްސާލުމުކީ އެހެންޏާ ވާނެ ކަމެއް ނޫނެވެ.

މި ފަދަ އެތަކެއް ޚިދުމަތެއްގެ ވާހަކަ ވެސް ދެންނެވި ދާނެ އެވެ. ނަމަވެސް މިހާ ހިސާބަށް ކުރުކޮށްލީ އެވެ.

މި ހުރިހާ މަސައްކަތެއްގެ ޝުކުރު ހަމައަކަނި ސަމީރަށް ރައްދުކުރަނީކީ ނޫނެވެ. މިއީ ހުރިހާ މެމްބަރުންގެ ވެސް މިންނެތް ބުރަ މަސައްކަތުގެ ނަތީޖާ އެވެ.

ނަމަވެސް މި މަސައްކަތުގެ ބަޠަލަކީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. އަދި ސަމީރަށް ލިބޭ ކޮންމެ ތަޢުރީފަކީ ސަމީރުގެ ލަފާވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް ޢަބްދުﷲ މަންސޫރަށް ވެސް ހައްގުވާނެ ތަޢުރީފެއްކަން ކަށަވަރެވެ. ހިކުމަތްތެރި ހަރު ބޭފުޅަކު ސަމީރާއެކު ވުމަކީ ސަމީރަށް ލިބުނު އެންމެ ބޮޑު އެހީކަމުގައި ނުވެ ނުދާނެ އެވެ.

ބައި ރުފިޔާއެއް ވެސް ނެތްތަނަކާ ހަވާލުވެ، ސަރުކާރެއްގެ އެހީއެއްނެތި، ލައްކަ ބައިވަރު މަސައްކަތް ހިންގައިފި އެވެ. ލައްކަ ނަފާ ލިބޭނޭ ގޮތްތައް އިންތިޒާމުކޮށްފި އެވެ. ރައްޔިތުންގެ އެކައުންޓް ވަނީ އާރޯ ވެފަ އެވެ.

މިއީ ސަމީރުގެ ޒުވާން ލީޑަރޝިޕަށް މެޑެލިދޭންވީ ވަގުތެވެ. މީހަކު ކުރާނެ ޝަކުވާއެއް، މީހަކު ކުރާނެ ޒުވާބެއް، މީހާކު އަރުވާނެ ރުޅިއެއްނެތި، މަޑުމަތިރި ކަމާއި، ސުލްހަވެރިކަމާއެކު ކައުންސިލްގެ ދައުރު ނިންމާލުމަށް ސަމީރު ތައްޔާރުވެފައި އެ ވަނީ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯދައިގެންނެވެ. އެ ލޯބީގެ ސިއްރަކީ ސަމީރު ކުރެއްވި ހިތްވަރެވެ. ކާމިޔާބު ކުރުމަށް ގުޅިގެން ގަދައަޅައި ކުރި މަސައްކަތެވެ. ސަމީރުގެ އަޒުމުގައި ހުރި ފަންވަރު ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުވެއްޖެ އެވެ. ދެވަނަ ކުޑަކަތީބުބޭއެއްގެ ޠަބީޢަތު ރައްޔިތުންނަށް އިޙްސާސްކޮށްދީފި އެވެ. އަޅުގަނޑު ދެކެނީ ސަމީރަށް ދެވަނަ ދައުރެއް ހައްގު ކަމަށެވެ.

[BOTTOM CONTENT BANNER]
ކިހައްޑިޔަ, ކައުންސިލްގެ ރައީސް, ލޯކަލް ކައުންސިލް އިންތިހާބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސަމީރަށް ކުރިއެރުން އެދެން.

– 11 ޖެނުއަރީ 2014 1

މާނިއު ސަމީރު އާއި ކޯލިޝަން ހެދީބާ

– 11 ޖެނުއަރީ 2014 0

ސަމީރުމެން ކިތަންމެ ކަމެއްކުރިއެއްކަމަކު ރައްޔިތުންނަށް އެކަން އެނގޭނެތަ؟ ރައްޔިތުންނާ މަހަކު އެއްފަހަރުނަމަވެސް ކައުންސިލުން ބައްދަލުކުރުމަށް ގޮވާލަން..

– 11 ޖެނުއަރީ 2014 0

ޢަބުދުލް މާނިޢު ޙުސައިން އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރުކަމަށް އޮޅިގެން އެމްޑީޕީ ޕުރައިމެރީގާއި ކުރިމަތިލާފައިވާތީވެ އެމްޑީޕީ ކައުންސިލަރުންގެ ވޯޓް ހޯދަން ވެގެން! ނެރުންވީ ކޮޕީ ބަޕުލިޝް އެއް

– 11 ޖެނުއަރީ 2014 4

މިހާރުގެ ކައުންސިލަށް ކުރެވިފަހުރިކަންކަން މަދެއްނޫނެވެ. މަދީ ރަތްޔިތުންނާއި ބާއްވަންޖެހޭ ގުޅުމެވެ.

– 12 ޖެނުއަރީ 2014 0

އެހެން މެމްބަރުންނައި ކައުންސިލްގެ ރައީސް އައި ޖެއްސުމަށްޓަކައި ނެރެވިފައިވާ ލިޔުމެއް. މިފަދަ ތަޢުރީފް ހޯދުމަށް އެހެން މީހުންވެސް ފާރަވެރިވާނެތާދޯ؟ މި ލިޔުމުގެ ސަބަބުން ދެން ތިބި ކެނޑިޑޭޓުން ސަމީރު ކަޓުވާ އެ މީހުންވެސް ރައީސް ކަމަށް އަންނަން ބޭނުންވާނެތާ. ކައުންސިލުން އެއްވެސް ކަމެއް ކުރާނަމަ ނުވަތަ ނިންމާނަމަ އެއީ ހުރިހާ ކައުންސިލް މެމްބަރުންގެ ބައިވެރިވުން އޮވެ ނިންމޭ ކަންތައްތައް: ވަރަށް ހީލަތްތެރި ލިޔުމެއް .. ސަމީރު ސަމާލުވާތި

– 13 ޖެނުއަރީ 2014 4

އެހެން މެމްބަރުންނަށް ވެސް ޝުކުރު އަދާކޮށް ތަޢުރީފް ކޮށްފައިވޭ މި ލިޔުމުގައި.. ލިޔުން ނުކިޔާ ކޮމެންޓް ނުކުރޭ..

– 13 ޖެނުއަރީ 2014 0

ސުލްހަވެރިކަމާއެކު ކައުންސިލްގެ ދައުރު ނިންމާލުމަށް ސަމީރު ތައްޔާރުވެފައި....................!

– 14 ޖެނުއަރީ 2014 1

ސަމީރުގެ އޮތީ އެންމެ މައްސަލައެއް. ތިބުނާ މަސްތުވާ ތަކެތީގެ ކަންތައް މިހާރު ކޮޅުންލާފި. ތިކުރާ ހުރިހާ ކަމަކަށްވުރެ ނަރުދަމާގެ ކަންތައް ކުރުމަށް ފެނޭ. ތި ލާރިތައް ދޭންވީ ފަރާތްތަކަށް މިހާރު ދީފިތޯ ބަލާބަލަ.

– 22 ޖެނުއަރީ 2014 0