ޝާފިޢު އަމިއްލަ ގޮތުން އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައިފި

އަޙްމަދު ޝާފިޢު (ކ) މުޙައްމަދު ޢަބްދުﷲ (މ) އަދި މުޙައްމަދު ރަޝީދު (ވ).
މިއަހަރުގެ މާރިޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް އުދަރެސް، ހއ. އިހަވަންދޫ، އަލްއުސްތާޛު އަޙްމަދު ޝާފިޢު އަމިއްލަ ގޮތުން ކުރިމަތިލައިފިއެވެ.
ޝާފިޢު ވިދާޅުވީ އިހަވަންދޫ ދާއިރާގެ ގޮނޑި، ދާއިރާގެ ތަޢުލީމީ ޤާބިލް ދަރިއެއް ފުރުމަށް ދާއިރާގެ ގިނަ ރައްޔިތުން ބޭނުންވާ ކަމަށާއި އަމިއްލަ ގޮތުން އެގޮނޑިއަށް ކުރިމަތިލީ ސަރުކާރުގެ ކޯލިޝަންތެރެއިން ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ނުލިބިގެން ކަމަށެވެ.
ސަރުކާރު ކޯލިޝްނުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާ ޖުމްހޫރީ ޕާޓީއަށް ދިނުމަށަވެ. އެޕާޓީގެ ޓިކެޓް މުޙައްމަދު ޢަބްދުﷲ (މުހައްމާ) ވަނީ ކަށަވަރުކޮށްފައެވެ. ޝާފިޢު ވިދާޅުވި ގޮތުގައި ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓަށް ތާއީދުނުކޮށް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރުމަށް ނިންމީ ޖޭޕީ އިން މުޙައްމަދު ޢަބްދުﷲ އަށް ޓިކެޓް ދީފައިވަނީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށް ކަމަށްވެފައި، މަޖިލީހުގައި ކުރަންޖެހޭ މަސައްކަތްތައް އިޙްލާސްތެރިކަމާއެކު އެންމެ ފުރިހަމައަށް ކުރެވޭނީ އެދާއިރާއިން (ޤާނޫނީ ދާއިރާއިން) ކިޔަވާފައިހުރި ތައުލީމީ ޤާބިލް ޒުވާނަކަށް ކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.
ޝަރީޔާ އިން ލޯ އިން ޑިގްރީ ނަންގަވައިގެން ހުންނެވެ އަޙްމަދު ޝާފިޢު އިތުރަށް ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ބޮޑު ތާއީދެއް އޭނާއަށް އެބައޮތް ކަމަށާއި އަމިއްލަ ގޮތުން ވާދަކުރިނަމަވެސް މިއިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށެވެ.
ޚިޔާލު ފައުޅުކުރުން