ރަތްޔިތުންގެ މަޖްލީހުގެ އިހަވަންދޫ ދާއިރާއަށް 4 ބޭފުޅަކު ވާދަކުރަނީ
އަންނަ މާރިޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް، ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު ކުރިމަތިލާފައިވަނީ ހަތަރު ފަރާތަކުންކަމަށް އިލެކްޝަންކުމިޝަނުގެ މީޑިއާ އޮފިޝަލް މިނޫހަށް މައުލޫމާތުދީފިއެވެ. އެއީ އެމްޑީޕީ ގެ ޓިކެޓުގައި ކުރިމަތިލެއްވި މިހާރުވެސް މިދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޢިއްޒަތްތެރި މެމްބަރ ހއ. ތަކަންދޫ، އޯޝެން ވޭވް އަލްފާޟިލް އަޙްމަދު ޢަބްދުﷲ އާއި ސަރުކާރު ކޯލިޝަންގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރިމަތިލެއްވި ހއ. އިހަވަންދޫ، އުސްހަކުރުގެ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ހއ. އިހަވަންދޫ، އުދަރެސް އަލްއުސްތާޛް އަޙްމަދު ޝާފިޢު އާއި ހއ. އިހަވަންދޫ، އެރޯމާ އަލްފާޟިލް މުޙައްމަދު މަތީން އެވެ.
މިފަހަރު ކުރިމަތި ލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަޙްމަދު ޢަބްދުﷲ އާއި މުޙައްމަދު ޢަބްދުﷲ ވަނީ 2009 އަހަރޮ އޮތް މަޖްލިސް އިންތިހާބުގައިވެސް ވާދަކޮށްފައެވެ. އެފަހަރު އަޙްމަދު ޢަބްދުﷲ 824 ވޯޓާއި އެކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، މުޙައްމަދު ޢަބްދުﷲ 695 ވޯޓާއިއެކު ދިޔައީ ދެވަނައަށެވެ.
މިފަހަރު އަލަށް މަޖްލިސް އިންތިހާބުގައި ވާދަކުރާ މުޙައްމަދު މަތީން އަކީ މީގެކުރިން މިފްކޯގެ ބޯޑް މެމްބަރ އަދި އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާއި މޯލްޑިވެސް ޓޫރިސަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރާފައިވާ ބޭފުޅެކެވެ.
ޝަރީޔާ އެންޑް ލޯ އިން ޑިގްރީ ނަންގަވައިގެން ހުންނެވި އަޙްމަދު ޝާފިޢު މަސައްކަތްކުރައްވާފައިވަނީ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި މިއަހަރުގެ މަޖްލިސް އިންތިހާބުގައި ޖުމްލަ 316 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެތެރެއިން 125 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. ކެންޑިޑޭޓުންގެ މެދުގައި ކެންޑިޑޭޓް ނަންބަރު ގުރުލުން، މާދަމާ ބޭއްވޭތޯ އިލެކްޝަނުންދަނީ މަސައްކަތް ކުރަމުންނެވެ.
ޚިޔާލު ފައުޅުކުރުން