[HEADER BANNER]
[AD]

މަދަނީ ޖަމިއްޔާތަކަށް ކެންޑިޑޭޓުން ވެލައްވާފައިވާ ވަޢުދުތައް

10 މާރިޗު 2014 1

ތިރީގައި މިހިމަނާލަނީ އިމަގު މަޖިލިސް ބަހުސްގައި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކުރެވުނު ސުވާލުތަކުގެ ތެރެއިން، ހިންގުންތެރި ކުލަބު ޖަމިއްޔާތަށް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޤާނޫނީ، ފަންނީ އަދި ފަރުދީ ފެންވަރުގަ ކޮށްދެއްވާނެ ކަންތައްތަކާއި ގުޅޭގޮތުން ކުރި ސުވާލުގައި ކެންޑިޑޭޓުން ދެއްވާފައިވާ ޖަވާބުތަކުގެ ތެރެއިން ރައްޔިތުންނަށް ވެލައްވާފައިވާ ވަޢުދު ތަކެވެ.

ކެންޑިޑޭޓް ނަންބަރު 1- މުޙައްމަދު ޢަބުދުﷲ (ޕުރޮގުރެސިވް ކޯލިޝަން / ޖުމުހޫރީޕާޓީ)

- އެބޭފުޅާގެ މެނިފެސްޓޯގަ ހިމެނޭ ގިނަ ކަންތައްތަކަކީ ކުލަބު ޖަމިއްޔާތަކާއި ގުޅިގެން މެނުވީ ނުކުރެވޭނެ ކަންތައްތައް ކަން ފާހަގަ ކުރައްވާ، ހުރިހާ ގޮތަކުންވެސް ކުލަބު ޖަމިއްޔާތަކަށް އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބިގެން ދާނެ ކަމަށް ވިދާޅުވި.

- ޖަމިއްޔާ ތަކާއި ގުޅިގެން ފުޓުބޯޅަ، ވޮލީ ރެފުރީން އުފެއްދުން.

- ޖަމިއްޔާ ތަކާއި ގުޅިގެން މައިކަޕު ފުޓުބޯޅަ މުބާރާތް، ވޮލީ މުބާރާތް ކުރިއަށް ގެންދިއުން

- ޖަމިއްޔާ ތަކާއި ގުޅިގެން ޤުރުއާނާއި ބެހޭ ޢިލްމު ފުޅާ ކުރުމަށް ޓުރެއިނިންގ ޕުރޮގުރާމްތައް ހިންގުން

- ޖަމިއްޔާ ތަކާއި ގުޅިގެން އަންހެނުންނަށް އެރޮބިކްސް ޓުރެއިނަރުން އުފެއްދުން

ކެންޑިޑޭޓު ނަންބަރު 2- އަޙުމަދު ޢަބުދުﷲ (އެމްޑީޕީ)

- މިދާއިރާގެ ޖަމިއްޔާތަކުގެ ތެރެއިން އެބޭފުޅާގެ އެހީތެރިކަމަށް އެދޭ ޖަމިއްޔާތަކަށް އެކަށީގެންވާ ގޮތެއްގައި އެއްބާރުލިންދީ އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށް ފާހަގަ ކުރައްވާ ކުރިއަށް އޮތްތަނުގައިވެސް އެބޭފުޅާގެ އެހީތެރިކަން ޖަމިއޔާތަކަށް ފުޅާ ދާއިރާއެއްގައި އެބޭފުޅުންގެ ހަރަކާތްތަކަށް ލިބިގެން ދާނެ ކަމަށް ވިދާޅުވި.

- ހިންގުންތެރި ޖަމިއްޔާތަކަށް ދަޢުލަތުގެ ބަޖެޓުން ކޮންމެވެސް މިންވަރެއް ކޮންމެ އަހަރަކުވެސް ލިބޭނެ ގޮތް އެކަށައެޅޭތޯ ޤާނޫނެއްގެ ތެރެއިން މަސައްކަތް ކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަން.

- ޖަމިއްޔާ އިން ހިންގާ ހަރަކާތްތަކުގަ ފަސްނުޖެހި، ސާބިތުކަމާއި އެކު އެހީތެރިވުމާއި މަދަދު ދިނުމުގައި ދެމިހުންނާނެ ކަމަށް ވިދާޅުވި.

- ޖަމިއްޔާ ހިންގުމުގަ އިންސާނީ ވަސީލަތްތަކުގެ ދާއިރާއިންނާއި އެހިނެހިން ގޮތްގޮތުން ފުރިހަމަ އެހީތެރިކަމާއި މަދަދު ދިނުމުގައި ސާބިތުކަމާއި އެކު ދެމިހުންނާނަން.

ކެންޑިޑޭޓު ނަންބަރު 3- މުޙައްމަދު މަތީން (އަމިއްލަ)

- ކޯޕަރޭޓިވް ހަދައިގެން ނޫނީ މަދަނީ ޖަމިއްޔާތައް ހިންގުމަކީ އުދަނގޫ ކަމެއްކަމަށް ފާހަގަ ކުރައްވާ ވިދާޅުވެފައިވަނީ މިއަދު މަދަނީ ޖަމިއްޔާތަކުގަ ވިޔަފާރި ވިންގު ތައް ހުންނަން ޖެހޭ ކަމަށާއި، މިދާއިރާއަށް ދެވޭނެ މާލީ އަދި ފަންނީ އެހީ މިއަދު ރާއްޖޭގައި އެބައޮތްކަން ފާހަގަ ކުރައްވާ އެކަން އެބޭފުޅާ އަށް ކޮށްދެވިދާނެކަމަށް ފާހަގަ ކުރެއްވި.

ކެންޑިޑޭޓު ނަންބަރު 4- އަޙުމަދުޝާފިޢު (އަމިއްލަ)

- މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ބޭނުންވާ ކަން ފާހަގަ ކުރައްވާ، މަޖިލިސް މެންބަރުކަމުގެ މަޤާމު ލިބިއްޖެނަމަ، ޖަމިއްޔާ ޖަމާޢަތްތަކަށް އާމްދަނީ ލިބޭނޭ އުސޫލުތަކެއް ޤާއިމުކޮށް ޖަމިއްޔާތަކަށް އެފުރުޞަތުތައް ހޯދަދެއްވާނެ ކަމަށް ވިދާޅުވި. އަދި އެކަމާ ބެހޭ ބިލެއް މަޖިލިހަށް ހުށައަޅާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ.

- ޖަމިއްޔާ ޖަމާއަތް ތަކުގެ ހިންގުންތެރިންނަށާއި މެންބަރުންނަށް ހާއްސަކޮށްގެން ތަފާތު ހޭލުންތެރި ޕުރޮގުރާމުތައް ހިންގުމާއި މިފަދަ ޕުރޮގުރާމުތައް ހިންގުމަށްޓަކައި ފަންޑު ހޯދާދިނުމުގައި އެހީތެރިވެދޭނެ ކަމަށް ވިދާޅުވި.

- ޖަމިއްޔާ ޖަމާއަތް ތަކުގެ މެންބަރުންނަށް ތަފާތު ހުނަރުވެރި ޕުރުގުރާމްތައް ހިންގުމަށް އެފ ޕުރުގުރާމްތައް ހޯދާދޭނެ ކަމަށް ވިދާޅުވި.

- ކުޅިވަރުގެ ރޮނގުންނާއި އެހެނިހެން ރޮނގުތަކުން ޒުވާނުން ނަށް ތަމްރީނު ޕުރޮގުރާމުތައް ހޯދާދިނުމަށް މަސައްކަތް ކުރާނެ ކަމަށް ދެންނެވި.

[BOTTOM CONTENT BANNER]
އިމަގު މަޖިލީސް ބަހުސް 2014, މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަތީނުގެ ޚިޔާލު ރަނގަޅު އެކަމަކު އެކަން ކުރާނެ ގޮތެއް ނުބުނޭ...

– 10 މާރިޗު 2014 0