[HEADER BANNER]
[AD]

މުޙައްމަދު މަތީނުގެ ޖަވާބު

15 މާރިޗު 2014 23

މިއީ އިހަވަންދޫޑޮޓްކޮމް އިން ހުޅުވާލި ފުރުޞަތުގައި އިހަވަންދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ކެނޑޭޓުންނާ ކުރުމަށް ކިޔުންތެރިން ފޮނުވި ސުވާލުތަކުގެ ތެރެއިން، ކެނޑިޑޭޓް ނަންބަރު 3، ހއ. އިހަވަންދޫ، އެރޯމާ / މުޙައްމަދު މަޠީނަށް އަމާޒު ކުރެވުނު ސުވާލުތަކާއި އަދި އިހަވަންދޫޑޮޓްކޮމް އިން ކަނޑައެޅި ސުވާލުތަކަށް މުޙައްމަދު މަޠީން ދީފައިވާ ޖަވާބުތަކެވެ.

 

ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، ނަސަބާއި ހަސަބުގެ ތަފްޞީލް؟

އަޅުގަނޑުގެ ނަމަކީ މުޙައްމަދު މަޠީން. އެޑްރެހަކީ ހއ. އިހަވަންދޫ، އެރޯމާ

އަޅުގަނޑުގެ ބައްޕައަކީ ކުންޑަ ޢަބްދުﷲގެ ޢަބްދުއްޞަމަދު

އަޅުގަނޑުގެ މަންމައަކީ ބަނގޯ މޫސަގެ ޚަދީޖާ

 

އަނބިދަރިންނާ ބެހޭ މަޢުލޫމާތު؟

އަޅުގަނޑުގެ އަންހެނުންނަކީ ގއ. މާމެންދޫ، މުޙައްމަދު ޝަފީޤާއި މއ. ގަޖުރާގޭ ޢާއިޝަތު ޖަލީލަށް ލިބިފައިވާ މަރިޔަމް އިވްރީސާ ޝަފީޤް

އަޅުގަނޑަށް ލިބިފައި ވަނީ 3 ދަރިން. އެއީ ޔޫޞުފް މިހްރާން މަޠީން އާއި، އާދަމް ޚަލަފް މަޠީން އަދި ޢާއިޝަތު އައިވާ މަޠީން

 

ތަޢުލީމީ ފެންވަރާއި، ބައިވެރިވެފައިވާ ތަމްރީން ޕްރޮގްރާމްތަކާއި، މި ނޫންވެސް މިފަދަ ކަންކަން؟

އަޅުގަނޑު ވާނީ ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ޙާޞިލްކޮށްފަ. މީގެ އިތުރުން އަޅުގަނޑަކީ މެމްބަރ އޮފް ރޯޔަލް އިންސްޓިޓިއުޓް ޗާރޓާރޑް ސާވެޔަރސް ސަޓިފިކޭޓް ވެލިޔުއަރއެއް. މީގެ އިތުރުން ވެސް އަޅުގަނޑު ވާނީ ދުނިޔޭގެ އެކި ބައްރުތަކުގައި ބޭއްވުނު ކޯޕަރޭޓް ގަވަނެންސް އަދި މެނޭޖްމެންޓް ދާއިރާގެ ވޯރކްޝްޕް ތަކުގައި ބައިވެރިވެ ތަމްރީން ހޯދާފަ.

 

އަދާކުރި ވަޒީފާތަކާއި، މަޤާމުތައް އަދި ދިރިއުޅުމުގެ މި ނޫންވެސް މަސައްކަތުގެ ތަޖުރިބާތައް؟

އަޅުގަނޑުގެ ޙަޔާތުގައި ތަފާތު ގިނަ ވަޒީފާ އަދި މަސައްކަތު ތަޖުރިބާ ޙާޞިލްކޮށްފައި ވާނެ. ފާހަގަކޮށްލެވޭ ބައެއް ވަޒީފާތައް ދަންނަވާލާނަން؛

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަން.

މިފްކޯގެ އެކްޓިން މެނޭޖިން ޑައިރެކްޓަރ ކަމާއި، ބޯޑު ޑައިރެކްޓަރކަން.

ޑެންމާކުގެ ކުންފުންޏެއްކަމުގައިވާ ޕެމް ކޮންސަލްޓްގެ ސާރވޭ މެނޭޖަރކަން.

ޔޫންއެން އެންވައިރެންމެންޓް ޕްރޮގްރާމްގެ ކޮންސަލްޓެންޓްކަން.

ސޯސް ހޮސްޕިޓޭލިޓީ ގްރޫޕްގެ ޕްރޮޖެކްޓް މެނޭޖަރކަން.

ޓޫރިސްޓް ބައެއް ރިސޯޓްތަކުގެ މެނޭޖްމެންޓް ދާއިރާގެ ތަފާތު ފަންތީގެ މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވާނެ.

 

ޙާސިލްކޮށްފައިވާ ކާމިޔާބީތައް؟

މާސްޓަރސް ޑިގްރީން ޑިސްޓިންކްޓް ޕްލަސް ލިބިފައިވޭ.

އެންމެ ފުރަތަމަ ޑިމޮކްރަޓިކް ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގެ ދަށުން މަހަށް ހަމަ އަގު ހޯދާދިނުމުގެ ސިޔާސަތު ރާވާ ތަންފީޒްކޮށް ކާމިޔާބުކުރުން.

ޤައުމީ ތަރައްޤީގެ ޕްރޮގްރާމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ހިންގުނު މަޝްރޫޢު ކާމިޔާބު ކަމާއެކު ރާވާ ހިންގާދިނުން.

މި ނޫންވެސް ޙަވާލުވި ކޮންމެ ޒިންމާއެއް އިޚްލާޞްތެރިކަމާއި ތެދުކަމާ އެކު ކާމިޔާބުކޮށްފައި ވާނެ.

 

ދިރިއުޅުމަށް މިހާރު ކުރަނީ ކޮން މަސައްކަތެއްތޯ؟

މިވަގުތު ވަޒީފާއެއް އަދާނުކުރަން / ނަމަވެސް އަމިއްލަ ބައެއް މަސައްކަތް ކުރަން.

 

މަޖިލިސް މެމްބަރުކަމަށް ކުރިމަތިލީ ކީއްވެ؟

އާންމުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމަށް، ޚާއްޞަކޮށް ދިވެހިރާއްޖެއަށް ބޮޑެތި އިންވެސްޓްމެންޓްތަށް ހޯދުމަށް ބޭނުންވާނެ ޤާނޫނީ ވެށި ހަރުދަނާކުރުމާއި، އިންވެސްޓަރުންނަށް ބޭނުންވާނެ ސަލާމަތާއި ރައްކާތެރިކަން އަދި އިތުބާރު ދެމެޖެއްޓުމަށް ބޭނުންވާނެ ޤާނޫނުތައް އުފެއްދުމަށް.

 

މަޖިލިސް މެމްބަރު ކަމަށް ތިބާ ހޮވަންވީ ކީއްވެ؟

އަޅުގަނޑު ހޮވަންވީ އުފާ ފާގަތި ރަބީޢުގެ ދުވަސްތަކެއް ހޯދުމަށްޓަކައި އަދި އިތުބާރު ކުރެވޭ މީހަކު ހޮވުމަށްޓަކައި.

 

ތިބާ އަށް އިތުބާރު ކުރަންވީ ކީއްވެ؟

މިހާތަނަށް އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާތީ އާއި، ޢަމަލާ ބަހާ ދިމާވާނެތީ، އަދި އެ އިތުބާރު ދިވެހި ދައުލަތުން އަޅުގަނޑަށް ކޮށް، ދައުލަތުގެ ބޮޑެތި ޒިންމާތައް ޙަވާލުކޮށްފައި ވާތީވެ.

 

ރައްޔިތުންނަށް ވާ ވަޢުދު ތަކަކީ ކޮބާތޯ؟

ފަރުދީ ގޮތުން އަޅުގަނޑުވެފައިވާ ވަޢުދުތައް އަޅުގަނޑު ވާނީ ދާއިރާގެ ރައްޔިތުންގެ އަތަށް ދީފަ.

 

މަޖިލިސް މެމްބަރެއްގެ ޒިންމާތައް އަދާކުރުމުގައި ތިބާ ގެންގުޅުއްވާނެ ހަމަތައް ބަޔާންކޮށްދެއްވާ؟

ޤާނޫނުތައް އުފެއްދުމުގައި ދިރާސާތައް ކުރާނަން.

މަޖިލީހުގެ އަބުރާއި ޝަރަފް ރައްކާތެރިކުރުން.

ދީނީ ކަންކަމުގައި ދަންނަބޭކަލުންގެ ލަދާހޯދުން.

ޤާނޫނުތައް ހެދުމުގައި ކަމާބެހޭ މުޢައްސަސާތަކުގެ ބައިވެރުވުން އިތުރުކޮށް ޚާއްޞަކޮށް ޔުނިވަރސިޓީ ކޮލެޖް ފަދަ ތަންތަނުގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފާނަން.

 

އިހަވަންދޫއާ މެދު ގެންގުޅުއްވާ ޚާއްޞަ ތަޞައްވުރެއް އެބައޮތްތޯ؟ ތަފްޞީލް ދެއްވާ!

އަޅުގަނޑުގެ އުންމީދަކީ ދިވެހިރާއްޖޭގެ އެންމެން ދިރިއުޅެން ފަސޭހަ ރަށަކަށް އިހަވަންދޫ ހެދުން. މިކަން ކުރެވޭނީ ރައްޔިތުން އިޤުތިޞާދީގޮތުން ބާރުވެރިކުރުވައި ވަޒީފާ އުފައްދައި އަދި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ތަޢާރަފްކޮށްގެން.

 

މަރުގެ އަދަބު ތަންފީޒް ކުރުމަށާއި، ރަޖަމް ކުރުމަށާއި، ވައްކަން ކުރާ މީހުން އަތްކަނޑުން ފަދަ ޝަރުޢީ ޙުކުމްތައް ތަންފީޒް ކުރުމަށް ތާއީދު ކުރައްވަންތޯ؟ އަދި މި ޙުކުމްތައް ތަންފީޒް ކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރައްވާނަންތޯ؟ ސާފު ޖަވާބެއް ބޭނުން!

އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ހެދިޔަކަ ނުދޭނަން. އަދި ބައެއް ޚިޔާލުތަފާތުވުން ހުރިކަންކަމުގައި ފުޅާދާއިރާއެއްގައި ދިރާސާކުރެވި ދަންނަ ބޭކަލުން ރަޢުޔުގެ މައްޗަށް ބުރަވަން ޖެހޭ ކަންކަމުގައި ބުރާވާނަން.

 

އިހަވަންދޫގެ ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވެފައިވާ ކަންކަމަކީ ކޮބައިތޯ؟ ރައްޔިތުންގެ ޙާލަތާއި ވިންދު ބަޔާންކޮށްދެއްވާ!

އިސްކަންދޭ ތަރުތީބުން ބަލާނަމަ؛

ނަރުދަމާ އާއި ސާފު ބޯފެން ލިބިފައި ނުވުން.

ޞިއްޙީ ޚިދުމަތުގެ ބަލިކަށިކަން.

ރަށުން ވަޒީފާގެ ފުރުޞަތުތައް ފަހިވެފައި ނެތުން. މި ނޫންވެސް ގިނަ މައްސަލަތަކަކާ އިހަވަންދޫ ރައްޔިތުންނަށް ވަނީ ކުރިމަތިލާން ޖެހިފައި.

 

އިހަވަންދޫގައި ފެތުރެމުންދާ މަސްތުވާކެތީގެ ވަބާއާއި، ވަޒީފާއެއް ނެތި މަގުމަތީ ބިއްޖެހިފައި ތިބި ޒުވާނުންގެ ޙާލަތު ރަނގަޅުކުރުމަށް މަނިކުފާނު ގެންގުޅުއްވާ ތަސައްވަރަކީ ކޮބައިތޯ؟

ޒުވާނުން ބޭނުންވޭ ހެނދުނު ވަޒީފާ އަށް ދާން. ހަވީރު މުނިފޫހި ފިލުވައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކުޅެލަން ބޭނުންވޭ. ރޭގަނޑު އާއިލާ އާއި ދަރިންނާއި އަދި ލޯބިވެރިންނާއެކު ވަގުތުތައް ހޭދަކުރަން ބޭނުންވޭ. މިކަންކަން ފުރިހަމަ ނުކޮށް އިޖުތިމާޢީ އެއްވެސް މައްސަލައެއް ހައްލެއް ނުވާނެ.

 

މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަ ކުރަން ފެނޭތޯ؟ ފެންނަ ނަމަ ކިހާ މިންވަރަކަށްތޯ ކުޑަ ކުރަންވީ؟

ފެނޭ، ކުޑަކުރަންވާ މިންވަރާމެދު މި ދަނީ ދިރާސާ ކުރަމުން.

 

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ކިހާ މިންވަރަކަށް ފަރިތަތޯ؟ ޤާނޫނީ ނިޒާމުގައިހުރި އިސްލާހު ކުރަން ޖެހޭ ޤާނޫނުތައް ކަމަށް މި ވަގުތަށް ފެންނަން ހުރި މުހިއްމު ޤާނޫނުތަކަކީ ކޮބައިތޯ؟ އަދި މި ހިނދަށް ކޮންމެހެން ވެސް ބޭނުންވެފައި ހުރި ޤާނޫނުތަކަކީ ކޮބައިތޯ؟

އިސްލާހުކުރަން ޖެހޭ ޤާނޫނުތައް ވަރަށް ގިނަ. ޤާނޫނުލް އުޤޫބާތާއި ހެއްކާބެހޭ ޤާނޫނު ފަދަ ޖިނާޢީ ޢަދުލުގެ ނިޒާމަށް ބޭނުންވާ ޤާނޫނުތައް މިހާރުން މިހާރަށް ވެސް އިސްލާހު ކުރަން ޖެހޭ. މާލިއްޔަތާ ބެހޭ ޤާނޫނު އަލުން މުރާޖަޢާކޮށް ދައުލަތް ދަރަނި ކުރެވޭނެ ޙާލަތްތަކާއި މިންވަރުތައް ކަނޑައަޅަންޖެހޭ. މިގޮތުން އާންމު ޙާލަތާއި، ހަނގުރާމާގެ ޙާލަތާއި، ބަލިމަޑުކަމާއި، ތަދުމަޑުކަމުގެ ދުވަސްވަރުގައި ދައުލަތް ދަރަނިވެރި ކުރެވިދާނެ މިންވަރުތައް އެޤާނޫނުގައި ކަނޑައެޅުން މުހިއްމު. އަދި މި ނޫންވެސް މި ފަދަ ޤާނޫނުތައް އެބަހުރި އިސްލާހުކުރަން ޖެހޭ.

މަދަނީ އަދި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނެއް ހަދަން ޖެހޭ. އިޤްތިޞާދީ ޙަރަކާތްތައް ފުޅާ ކުރަން ބޭނުންވާނެ ޤާނޫނުތައް ހަދަންޖެހޭ. ޚާއްޞަކޮށް ފްރީ އިކޮނޮމިކް ޒޯންތައް ތަޢާރަފްކުރުމާ ގުޅޭ ޤާނޫނުތަކާއި، ބޮޑެތި މެގަ ޕްރޮޖެކްޓްތަކުން ދައުލަތަށް ޓެކްސް ނެގޭނެ މިންވަރުތައް ކަނޑައެޅުމާބެހޭ ޤާނޫނުތައް ވުޖޫދުކުރަން ޖެހޭ. އަދި މި ނޫންވެސް ޞިއްޙީ ދާއިރާ ވަކި ސިނާޢަތެއްގެ ގޮތުގަ ތަޢާރަފްކޮށް އާންމު ފަރުދުންގެ ހިއްސާ އެ ސިނާޢަތުގައި އިތުރުކުރުމަށްޓަކައި ރާއްޖޭގެ މާލީ އިދާރާތަކުން އެ ސިނާޢަތަށް ލޯނު ދިނުން ޤާނޫނަކުން ލާޒިމްކުރަން ޖެހޭ. އަދި މި ނޫންވެސް މި ފަދަ ޤާނޫނުތައް މިވަގުތުން ވަގުތަށް ވެސް ހަދަންވެފައި އެބަހުރި.

 

ރުޅި އަންނަ ހިނދު ރުޅި މައިތިރިކުރުމަކީ ތިބާ އަށް އުނދަގޫ ކަމެއްތޯ؟ ރުޅިއައިސްގެން ދުވަހަކުވެސް މުދަލަކަށް އަދި އެއްވެސް މީހެއްގެ ޖިސްމަށް ޙަމަލާއެއް ދެވިފައި ވާނެތޯ؟

ތިކަހަލަ ކަމެއް ވީ ހަނދާނެއް ނުވޭ

 

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަންމަނިކަކީ "ބާޣީ" އެއްކަމަށް ބުނެފައި ވާނެތޯ؟ އަދި އެއްވެސް މީހަކުގެ ނަފްސަށް އެ މީހަކު ނުރުހޭ ބަސްތަކުން މުޚާތަބުކޮށްފައި ވާނެތޯ؟

އެނގިފެއެއް ނެތް

 

އާބާދީ އެއްފަސް ކުރުމާމެދު ހިޔާލަކީ ކޮބާތޯ؟ މިގޮތުން މޮޅަދޫ ރައްޔިތުން އިހަވަންދޫއަށް ބަދަލު ކުރުމާމެދު ޚިޔާލަކީ ކޮބާތޯ؟

އާބާދީ އެއްފަސް ކުރުމަކީ ޤައުމުގެ ސިއްހަތު ދުޅަހެޔޮ ކޮށްދޭނެ ކަމެއް. އެކަމަކު މޮޅަދޫގެ ރައްޔިތުންގެ ކުރިމަގު ކަނޑައަޅާނީ މޮޅަދޫގެ ރައްޔިތުން

 

މަތީނުވެފައިވާ ފަރުދީ ވައުދުތަށް ފުއްދުމަށް ފައިސާ ހޯދާނީ ކިހިނެއްތޯ! ކުރިން އެކަންކަން ނުކޮށްދިނީ ކީއްވެތޯ؟

ވައުދުތައް ފުއްދާނީ ވިޔަފާރީގެ ތެރެއިން އަދި ކޯޕްރޭޓިވް ސޮސައިޓީތައް މެދުވެރިކޮށް. އެކަންކަން ކުރުމަށް ކުރިންވެސް މަސައްކަތް ކޮށްފައި ވާނެ. ނަމަވެސް ބޭނުން ވަނީ އެކަށީގެންވާ އެއްބާރުލުން.

 

ފަރުދީ ވަޢުދުވުމަކީ ރިޝްވަތު ދިނުން ކަމަށް ބެލެވޭނެ ދެއްތޯ؟

މުޅި ރައްޔިތުންނަށް އަމާޒުކުރެވިގެން ހިންގޭ މަޝްރޫޢުތަކަކީ ރިޝްވަތުކަމަށް ބެލެވޭނެ ޤާނޫނީ އެއްވެސް ހަމައެއް ނޯންނާނެ.

 

މަތީން މަޖިލިސް ގޮނޑިއަށް ކުރިމަތިލީ މަޤާމެއް ނުވަތަ ފައިސާކޮޅެއް ހޯދުމުގެ ގަސްދުގައި ކަމަށް ބައެއް މީހުން ބުނޭ! ތެދެއްތޯ؟

ތެދެއް! އަޅުގަނޑު މިކަމަށް ކުރިމަތިލީ މަޖިލިސް މެމްބަރުކަން ބޭނުންވެގެން.  އަދި މެމްބަރަކަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ބާރާއި، މި ނޫންވެސް އެކަމަށްޓަކައި ބޭނުންވާ އިމްތިޔާޒްތައް އަޅުގަނޑު ބޭނުން.

 

މުހައްމަދު ޢަބްދުﷲ އާއި، އަޙްމަދު ޢަބްދުﷲގެ ތެރެއިން ތާއީދު ކުރައްވާނީ ކޮން ކެނޑިޑޭޓަކަށްތޯ؟

ތިތަނުން އެކަކަށް ވެސް ތާއީދު ނުކުރަން

 

މެމްބަރުކަމަށް އިންތިޚާބު ކުރެއްވިއްޖެ ނަމަ އެއްވެސް ޕާޓީއަކަށް ސޮއިކޮށްފާނަންތޯ؟

ނުވިސްނަން

 

އެހެން ކެނޑިޑޭޓުންނާ އަޅާ ކިޔުއްވާ ތިބާ ހޮވަންވީ ސަބަބު ސާބިތުކޮށްދެއްވާ!

ވަރަށް ބައިވަރު ސަބަބުތައް އެބަހުރި. ޤައުމެއް އަތޮޅެއް އަދި ރަށެއްވިޔަސް ކުރި އެރުވޭނީ އިޤުތިޞާދީ ހަރަކާތް އިތުރުކޮށްގެން. އެ ހަރަކާތް ހިންގޭނެ ޢިލްމާއި ހުނަރު އަދި ތަޖުރިބާ ހުރި އަދި އެކަން ސާބިކޮށްދީފައިވާ ހަމައެކަނި ކެނޑިޑޭޓަކީ އަޅުގަނޑުކަން ދާއިރާގެ ރައްޔިތުންނަށް މިހާރު ވަނީ ސާބިތުވެފަ.

 

ދާއިރާގެ ގޮނޑިއަށް އިންތިޚާބުވިޔަސް ނުވިޔަސް ރައްޔިތުންގެ ތަރައްޤީއަށް ކޮށްދިނުމަށް ވަޢުދުވާ ކަމެއް އެބައޮތްތޯ؟

ދާއިރާގެ ތަރައްޤީއަށްޓަކައި ކުރަން ޖެހުނު ކޮންމެކަމެއް ކުރާނަން.

 

ނިންމާލަމުން ރައްޔިތުންނަށް ދޭނެ މެސެޖަކީ ކޮބައިތޯ؟

ކެނޑިޑޭޓް ނަންބަރު 3 އަށް ވޯޓް ދެއްވާ - ޔަޤީން ކަމާއެކު ތަފާތު ދައްކާނަން.

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ގަދަ 3

– 15 މާރިޗު 2014 1

ޕާޓީއަކަށް ސޮއި ނުކުރާ ނަމެކޭ ނުބުނެ އެއްނު ހަމަ ގޮނޑި ލިބޭ އިރަށް ވިސްނާފަ ކުރާ ގޮތަށްދޯ....

– 16 މާރިޗު 2014 6

ހަޤީގަތުގައިވެސް، ޢިލްމީ ޤާބިލް މީހުންނަކީ ކޮބައިކަން އެބަ އެނގޭނޫންތޯ؟ ވިސްނުމާ ފިކުރާ ޚިޔާލާތުގެ މުއްސަދިކަން ހުރި މިނަވަރު ވަރަށް ސާފުނޫންތޯ؟ އެހެން ކަމުގައި ވަނީނަމަ، ދާއިރާގެ ރައްޔިތުންނަށް އުޖާލާވަނިވި ކުރިމަގެއް ގެނެސް ދިނުމަށްޓަކައި، މަތީނަށް ވޯޓް ދިނުން މުހިއްމު ކަމުގައި ދެކެން. ވައްކަމާއި، ޚިޔާނާތުގެ ހަޑިމުޑުދާރުކަމުން ތަތްތެޅިފައިވާ މީހުންގެ އި ވިޔާނުދާ ޢަމަލުތަކުން ދާއިރާގެ ރައްޔިތުން ސަލާމަތް ކުރުމަށް މުޙައްމަދު މަތީނަށް ކޮންމެހެންވެސް ވޯޓް ދެއްވާ.

– 16 މާރިޗު 2014 3

މާސްޓާރސް ޑިގްރީ ހޯލްޑަރެއްގެ ކިބައިން އެއްމެ ބޭނުންވި ޖަވާބުތަކެއް ނޫން މި އީ އެއް!

– 16 މާރިޗު 2014 8

ހަޤީގަތުގައިވެސް ވަރަށް މުހިއްމު ވާހަކަތަކެއް. ވައްކަން ކުރާމީހުންނާއި، ފޭރޭ މީހުންގެ ހާލަތާމެދު ނިކަން ވިސްނާލަ ބަލަ. ދާއިރާ ގެ މީހުން، މުހައްމާއަށް ވޯޓް ދޭނަމަ ލަދުން ހަލާކުވާނެދޯ

– 16 މާރިޗު 2014 1

ވޯޓު 3

– 17 މާރިޗު 2014 0

އެންމެންގެ ވޯޓު 3 ކަށްް. 3 ހޮވޭނެ ކަން ޔަޤީން

– 17 މާރިޗު 2014 0

މިފަހަރު މަތީނު 3

– 17 މާރިޗު 2014 0

މަތީނު ކުރިޔަށ.. ވޯތު 3

– 18 މާރިޗު 2014 0

ދެން ތިބި ކެންޑިޑޭޓުންގެ ޖަވާބުތަށް ކޮބާ؟

– 18 މާރިޗު 2014 0

މަރުހަބާ މަތީނު . ހޮވޭނެ ކަމަށް އުންމީދު ކުރަން.

– 18 މާރިޗު 2014 0

ޖަވާބުތައް ކުރު ނަމަވެސް ފުރިހަމަ. ކިޔުންތެރިންނަ މަތީނާ އިތުރު ސުވާލުކުރުމުގެ ފުރުސަތެއް ނެތް ތޯ؟

– 18 މާރިޗު 2014 0

ވޯޓް 3 :)

– 18 މާރިޗު 2014 0

ވޯޓު ވިއްކާ މީހުންގެ ހާލު މާ ދެރަ..ވޯޓް 3

– 19 މާރިޗު 2014 0

ސާބަހޭ ދަރިޔާ

– 19 މާރިޗު 2014 0

އިހަވަންދޫ.ކޮމް އިން ފޮނުވަާ ބޭކަާރު ސުވާލުތަކަށް ޖަވާބު ދޭކަށް ނުޖެހޭ.. އިމަގު ބަހުސް ގަ ހުންނާނީ ވައުދު ތަކާ ހުރިހާ އެއްޗެއްވެސް ކިޔާދީފަ... މަތީނު އިމަގު މަޖިލިސް ބަހުސް ގަ އުޅުނީ ތަކަންދޫ އަހައްމަދާ އަޅައިގަނެގެން.. ކުރާ ސުވާލެއްގެ ޖަވާބު ނުދެވޭ..ާ

– 19 މާރިޗު 2014 6

މި ސިޓްގަ އިސތިހާޜު ކުރާކަށްވެސް ނުޖެހޭ .. ސްރިޕްޓް ލިޔެގެން މުހައްމާ ހުވާވެސް ކޮށްފި ދެން މަ ހީ ހީ

– 19 މާރިޗު 2014 0

ވަގުނޯޓު ..މީ ބޭކާރު ސުވާލުތަ؟

– 19 މާރިޗު 2014 0

ކޮން ވަގުނޯޓެކޭ ކިޔާކަށް.. ހަމަ ކިތަންމެއަ ޒާތީވެފަ އަސަރު ކުރިޔަސް މިފަހަރު މުހައްމާ 1

– 19 މާރިޗު 2014 6

މަތީނު ތިކަން ކާމިޔާބު ކުރެވޭނީ ހަމަ އިހަވަންދޫ ވޯޓް ގިނައިން ލިބިގެން. މަސައްކަތް ކޮއްލާ. ގުޑް ލަކް

– 19 މާރިޗު 2014 0

ޖަވާބުނުދެވުނީ ކޮޕީނުކުރެވުނީމާ ދުވާލަކުދެވަޢުދު އިތުރުވޭ، ވަޢުދުތައްއުޅެނީ އޮބާމާމެން ފެންވަރުގައި މީހަގެގައިގައި އެއްވެސް ހިތްވަރެއްނެތް؟ ފިލްމުކުޅުވާފައަގުވެސް ނުދެވިގެން އުޅޭއިރު ދެނޯ؟ ކަލޯމުހަންމާ ތިމާގެފެންވަރުން ވަޢުދުވެބަލަ؟ މަތީނުކޮޕީކުރުމަކީ މަތީނަށްއޮތްތާއީދު ކަލެއަށް އެނބުރޭނެކަމެއްނޫންކަން ހަނދާކޮށްދެން!

– 19 މާރިޗު 2014 0

މުހަންމާ! ތިކުޅިދޫކޮށްލާފަ ދަންމާނު ޕްރޮގްރާމަށް ތައްޔާރުވެބަލައެއީއޭ މުހަންމާގެ ކެރިއާއަކީ؟

– 19 މާރިޗު 2014 0

ވަރަށް ފުރިހަމަ، މަތީނުައާ ބަދަލުވެ ސުވާލު ކުރުމުގެ ފުރުސަތު ދެއްވީތީ ވަރަށް ސުކުރު ދަންނަވަން. އުއްމީދު ކުރަން ރަނގަޅު ތަރައްގީއެ މި ދާއިރާއށް ގެނެސްދޭނެކަމަށް. ައައިމީ-މާރަންދޫ

– 20 މާރިޗު 2014 0