އަހްމަދު ޢަބްދުﷲ ބެހި ލީފްލެޓްގައި ދޮގު މައުލޫމާތު ހުރިކަން ހާމަވެއްޖެ
އިހަވަންދޫ ދާއިރާ އުޖާލާ ކުރުމަށްޓަކައި އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ހުލާސާ ހިމެނޭ ލީފުލެޓެއް އެމްޑީޕީގެ ކެމްޕޭން ޓީމުން އިހަވަންދޫ ދާއިރާގެ ރައްޔިތުންނަށް ބަހާފައި ވާއިރު، އޭގައި އިހަވަންދުއަށް ކޮށްދީފައި ވާކަމަށް ބުނާ ގިނަ ކަންތައް ތަކަކީ އޮޅުވާލުމެއް ކަމަށް ހާމަވެއްޖެ އެވެ. މިކަން ހާމަ ވެފައި ވަނީ އެ ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތައް ކަމަށް ބުނާ ކަންތައްތަކަށް އެބޭފުޅާ އެހީތެރިވެދެއްވާފައި ވަނީ ކޮން ގޮތަކުން ކަން ސާފު ކުރުމަށްޓަކައި އިހަވަންދޫގެ އާއްމު ފަރުދަކު އިހަވަންދޫ ކައުންސިލްގެ ފަރާތުން އެދި ހުށައަޅާފައިވާ ސިޓީ އަށް ކައުންސިލުން ދެއްވި ޖަވާބުން ނެވެ. އިހަވަންދޫޑޮޓްކޮމް އަށް ވެސް ހާރޑް ކޮޕީ އެއް ލިބިފައިވާ މިސިޓީގައި އިހަަވަންދޫ ކައުންސިލުން ދެއްވާފައި ވާ ބައެއް ޖަވާބުތައް ތިރީގައި އެވަނީ އެވެ.
އިހަވަންދޫ ބަނަދަރު ހެދުން: އިހަވަންދޫ ދާއިރާ އުޖާލާ ކުރުމަށްޓަކައި އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ހުލާސާ ހިމެނޭ ލީފުލެޓުގައި ވަނީ، ރާއްޖޭގެ ނިސްބަތުން ބޮޑު ބަނދަރެއް އިހަވަންދޫގައި ހަދާދީފައި ވާނެ ކަމަށް ބުނެފައި ވީނަމަވެސް އިހަވަންދޫ ކައުންސިލުން ބުނެފައި ވަނީ އެމަސައްކަތަކީ 2004 ވަނަ އަހަރު އައި ސުނާމީގައި ގެއްލުން ލިބުނު ބަނދަރުތައް މަރާމާތު ކުރުމަށް ސައުދީ ފަންޑުން ލިބުނު އެހީއާއި އެކު ކޮންޓެކްޓް އުސޫލުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި އެމަސައްކަތް ކުރަމުން ދިޔައިރު، އިހަވަންދޫ ކައުންސިލްގެ އެދުމުގެ މަތިން ބަނދަރު ބޮޑު ކުރުމާއެކު ބަނދަރުގެ ދެކޮޅުގައި ރިވެޓުމަންޓު ޖެހުމާއި، އަދި އުޅަނދުފަހަރު ގެ ގެބުރުވާ އެއްސުމަށް ކޮންކުރިޓު ބުލޮކުތަކެއް ހަދާދީފައި ވާކަމަށް ކައުންސިލުން ދީފައިވާ ޖަވާބުގައި ވެއެވެ.
ފެނުގެ މަޝްރޫޢު ފެށުން: ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އިހަވަންދޫގެ ފެނުގެ ހިދުމަތް ފަށައިގަތުން އޮތްކަމުގައި ވީނަމަވެސް، ކައުންސިލްގެ ޖަވާބުގައި ވަނީ އެމަޝްރޫޢު ހިންގުމުގައި މަޖިލިސް މެންބަރު އަޙުމަދު ޢަބުދުﷲގެ އެއްވެސް ހިއްސާއެއް އޮތްކަން އެންގެން ނެތްކަމަށެވެ. އަދި އެއީ ޔުނޮޕްސްގެ އެހީގައި ހިންގަމުން ގެންދާ މަޝްރޫޢެއް ކަމަށް ކައުންސިލުގެ ޖަވާބުގައި ވެއެވެ.
ރަށަށް އާމްދަނީ ލިބޭގޮތަށް މަޝްރޫޢުތައް ފެށުން: ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އިހަވަންދުއަށް އާމްދަނީ ލިބޭގޮތަށް މަޝްރޫޢުތަށް ފައްޓާފައިވާ ކަމަށް ބުނެފައި ވާނަމަވެސް، އަޙުމަދު ޢަބުދުﷲ، އިހަވަންދުއަށް އާމްދަނީ ލިބޭ ގޮތަށް އެއްވެސް މަޝްރޫޢެއް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމުގެ އެއްވެސް މަޢުލޫމާތެއް ކައުންސިލް އިދާރާއަށް ލިބިފައި ނުވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އޯޕަން ސްޓޭޖު ހެދުން: ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އިހަވަންދޫގައި އޯޕަން ސްޓޭޖެއް ހެދި ކަމަށް ބުނެފައި ވީމަނަވެސް، އެމަސައްކަތަކީ 2009 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރައްޔިތު ފެންވަރުގައި ކުރެވިފައިވާ މަސައްކަތެއް ކަމަށާއި، އެމަސައްކަތް ކޮށްފައި ވަނީ ހއ. އަތޮޅު ރައްޔިތު އެކައުންޓުންނާއި އިހަވަންދޫ ރައްޔިތުންގެ އެކައުންޓުން ކަމަށާއި އެދުވަސް ފާހަގަ ކުރުމަށް ކުރެވު މަސައްކަތަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނި ތަކުން ދެއްވާފައި ވަނީ 13.39 އިންސައްތަ ފައިސާ ކަމަށާއި، އެމަސައްކަތް ކުރުމަށް މަޖިލިސް މެންބަރު އަޙުމަދު ޢަބުދުﷲ އެއްވެސް އެހީއެއް ދެއްވާފައި ނުވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޕާކެއް ހެދުން: ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އިހަވަންދޫގައި ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޕާކެއް ހެއްދެވި ކަމަށް ބުނެފައި ވީމަނަވެސް، އެމަސައްކަތަށް މަޖިލިސް މެންބަރު އަޙުމަދު ޢަބުދުﷲ އެއްވެސް އެހީއެއް ދެއްވާފައި ނުވާކަމަށާއި ކުޑަކުދިންގެ ޕާކުގައި މިހާރު ބެހެއްޓިފައިވާ ޕާކުސެޓަކީ ހއ. އިހަވަންދު ކައުންސިލުން ނިންމަވައިގެން 612860.00 ރުފިޔާ (ހަ ލައްކަ ބާރަ ހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ) ހަރަދު ކުރާގޮތަށް ކޮންޓެކްޓު އުސޫލުން އީޒީ ކަލެކްޝަނާއި ކޮށްފައިވާ މަސައްކަތެއް ކަމަށާއި އެމަސައްކަތުގެ އަގުގު ތެރެއިން އީޒީ ކަލެކްޝަނަށް މިހާރު ދީފައި ވަނީ 367716.00 ރުފިޔާ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެރުފިޔާ ދީފައި ވަނީ ކައުންސިލްގެ އާމްދަނީ އެކައުންޓުން ކަމަށްވެސް ކައުންސިލްގެ ޖަވާބުގައި ވެއެވެ.
ޕުރީސުކޫލުގެ މަސައްކަތް ފަށާގަތުން: ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އިހަވަންދޫގައި ޕުރީސުކޫލެއްގެ މަސައްކަތް ފަށާގަނެވުނު ކަމަށް އޮތް ވާހަކައަށް ކައުންސިލުން ދީފައިވާ ޖަވާބުގައި ވަނީ އެމަސައްކަތަކީ ރައްޔިތުންގެ ފެންވަރުގައި ކުރުމަށް ހއ. އިހަވަންދޫ ކައުންސިލުން ނިންމަވައިގެން އިމަރާތް ކުރުމަށް ބޭނުންވާ ތަކެތި ކައުންސިލުން ދީގެން ކޮންޓެކްޓް އުޞޫލުން ކުރައްވަމުން ގެންދާ މަސައްކަތެއް ކަމަށާއި، ޕުރީ ސުކޫލު އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމާއި ސުކޫލު ފަރުމާ ކުރުމާއި ބިމުގައި ހުރި ތަކެއްޗަށް ބަދަލުދީ ހެދުމަށް ކައުންސިލްގެ އާމްދަނީ އެކައުންޓުން (ރައްޔިތުންގެ ފައިސާއިއން) 215378.00 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި، އެމަސައްކަތަށް މަޖިލިސް މެންބަރުގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެގޮތުން އެމަސައްކަތަށް 450 ބަސްތާ ހިލަވެއްޔާ، 400 ކޮަތަޅު ސިމެންތި އާއި 600 ރިންގު ދަނގަޑާއި 500 އެނބުރި ދަނގަޑާއި 25 ކިލޯ ބަންނަ ނަރުގެ އިތުރުން 550 ގޯނި ހިލަ އަޙުމަދު ޢަބުދުﷲ ދެއްވާފައި ވާކަމަށް ކައުންސިލްގެ ޖަވާބުގައި ވެއެވެ.
އެމްޑީޕީގެ ކެންޑިޑޭޓު، މަޖިލިސް މެންބަރ އަޙުމަދު ޢަބުދުﷲ ދޮގުމަޢުލޫމާތު ފަތުރާ ރައްޔިތުންނަށް އޮޅުވާލައިގެން ކެމްޕޭން ކުރަމުން ދާކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުން ނެވެ.
ޚިޔާލު ފައުޅުކުރުން