އަހަރެމެން

ފެށިގެން އައި ގޮތް

އިހަވަންދޫ ޑޮޓްކޮމް 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަދުވަހުން ފެށިގެން ހިންގަން ފަށާފައިވާއިރު، އިހަވަންދޫ ޑޮޓްކޮމް ވުޖޫދަށް އައިސްފައި މިވަނީ ވަރަށް ގިނަ މަރުޙަލާތަކެއް ކަޑައްތު ކުރުމަށްފަހު އެވެ. ރަށުންބޭރުގައިތިބޭ ރަށުގެ ރައްޔިތުންނަށް ރަށުގައި ހިނގާ ޙާއްސަ ކަންތައްތަކާއި، ރަށުގެ މުޙިއްމު ޚަބަރުތައް އަންގާދެވޭނެފަދަ ގޮތެއް ހަމަޖެހުމަކީ ވަރަށް މުޙިއްމުކަމެއްކަމުގައި އިހަވަންދޫގެ ޒުވާނުންތަކަކަށް ވިސްނުމުގެ ނަތީޖާ އަކަށްވީ 2006 ވަނަ އަހަރުގެ ތެރޭ އައި އެންޖީގެ ނަމުގައި މޯބައިލް ގުރޫޕެއް އުފެއްދުމެވެ. ޖުމުލަ 3 މީހުން ހިމެނޭ ގުރޫޕަކުން މިމަސައްކަތް ކުރަމުން ދިޔައިރު، އައިއެންޖީއިން ކުރަމުން ދިޔަ މަސައްކަތަކީ، އެކިއެކިކަންކަމުގައި ރަށުން ބޭރުގައި ތިބެންޖެހިފައިވާ ރަށުގެ ރައްޔިތުންގެ ތެރެއިން އައިއެންޖީގެ މެންމްބަރުންނަށް ވާފަރާތްތަކަށް ރަށުގެ މުޙިއްމު ޚަބަރުތައް އަގަކާއި ނުލާ ވަގުތުން ވަގުތައް ފޯރުކޮށްދިނުމެވެ. މިގޮތުން ޚަބަރުތައް ފޮނުވަމުން ގެންދިޔައީ އެސް އެމް އެސްގެ ޒަރިއްޔާއިން ނެވެ. 2006 ވަނަ އަހަރުގެ ނިމުމާއި ހަމަށް އާއިރު އައިއެންޖީގެ ޙިދުމަތް ހޯދަމުންދިޔަ މެމްބަރުންގެ ޢަދަދު 40 އަށްވުރެ މަތިވެގެންދިޔަ އެވެ.

އަދި އެހިސާބުން ނިއުސް އައިއެންޖީ ގެ ނަމުގައި ޕެޕަރޮނިޓީ ނަމަކަށް ކިޔާ ވެބުސައިޓެއްގައި އެކައުންޓެއް ހުޅުވާ ވެޕުސައިޓެއް މެދުވެރިކޮށް އިހަވަންދޫގެ ޚަބަރާއި ފޮޓޯ ހިމަނަން ފެށުނެވެ. މޯބައިލް ފޯނުން އިންޓަރނެޓު މެދުވެރިކޮށް ވަދެވޭ މި ވެޕްސައިޓަށް ވަރަށްބޮޑު ތަރުޙީބެއް ލިބެމުން ދިޔަ އެވެ. 2007 ވަނަ އަހަރުގެ މެދުތެރޭ އައިއެންޖީގެ ވެޕުސައިޓް ރަޝިޔާގެ ވެޕުސައިޓެއްގެ ސަބުޑޮމައިންއަކަށް ބަދަލުކޮށް، ކޮމްޕިއުޓަރާ ރައްޓެހި ގޮތަށް އައިއެންޖީގެ ވެބުސައިޓެއް ހުޅުވުނެވެ. ކުރިން އިނގިރޭސި ބަހުންނާއި ލެޓިން އަކުރުން ޚަބަރުތައް ޕަބުލިޝް ކުރަމުން ދިޔަނަމަވެސް މިފަހަރުގެ ބަދަލާއި އެކު މިސައިޓު މެދުވެރިކޮށް ތާނަ އަކުރުން ލިޔެ ދިވެހި ބަހުން ޚަބަރުތައް ގެނެސްދެމުން ގެންގޮސް 2007 ވަނަ އަހަރު ނިމެންވެފައިވަނިކޮށް ޚަބަރުތައް ހޯދުމުގައި ދިމާވި ދަތިތަކަކާއިހުރެ އައިއެންޖީ ހިންގުން ހުއްޓާލެވުނެވެ.

އަދި 2008 ވަނަ އަހަރު އީއެމްޓީގެ ނަމުގައި އަނެއްކާ ސައިޓް ހިންގަންފެށުނެވެ. މިފަހަރު ސައިޓް ހިންގަންފެށިއިރު ޚަބަރުގެ އިތުރުން ތަފާތު އެކި އެކި ލިޔުންތައް ވެސް ހިމަނަމުން ގޮސްފައި ވާނެ އެވެ. އަދި ފޮޓޯގެލެރީއެއް ސައިޓްގައި ހަދައި، ފޮޓޯ ޝާއިޢުކުރަމުން ގެންދެވުނެވެ. އަދި ސުކޫލު ދަރިވަރުންނަށް އެހީތެރިވުމުގެ ދޮރު ހުޅުވާލުމުގެ ގޮތުން ސައިޓްގައި ދަރިވަރުންނަށް ޙާއްސަ ސަފްޙާއެއް ތައްޔާރުކުރުމާއި އެކު ޅެން، ބަނދި، ވާހަކަ، އާއި މަޢުލޫމާތުގެ ސަފްޙާތައް އިތުރުކޮށް ވެބުސައިޓް ކުރިއަށްގެންދިޔަ އެވެ.

އީއެމްޓި ހިންގަމުން ދިޔަ ސާވާއަށް ކުރިމަތިވަމުންދިޔަ ބައެއް މައްސަލަތަކުގެ ސަބަބުން، ސާވާ ބިޒީވެ ސައިޓަށް ވަންނަމީހުންނަށް ދަތިތަކާ ކުރިމަތިވަމުންދިޔުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، އީ އެމް ޓިގެ ނަމުގައި ކުރިއަށް ދިޔަ ވެބްސައިޓްގެ ފެންވަރު ރަނގަޅުކޮށް ރަށުގެ ނަމާ ގުޅުވައިގެން، އިހަވަންދޫޑޮޓްކޮމްގެ ނަމުގައި އަމިއްލަ ވެބުސައިޓެއް ގަތުމަށް އީއެމްޓީގެ ޓީމުން ނިންމުމެވެ. އަދި އިހަވަންދޫ ޑޮޓްކޮމްގެ ނަމުގައި ޑޮމައިން ނަން ގަނެ ރަޖިސްޓްރީ ކުރެވުނެވެ. މިގޮތުން މިހާރު އިހަވަންދޫޑޮޓްކޮމްގެ ނަމުގައި ފެންނަމުން މިދާ ވެބުސައިޓްގައި އައިއެންޖީ އަދި އީއެމްޓީގެ ލިޔުންތަކާއި އެނަމުގައި ޝާއިޢުކޮށްފައިވާ ޚަބަރުތައްވެސް ހުންނާނެއެވެ. މިހާރު މިފެންނަ ވެބުސައިޓު ވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗާގައި، 2011 މާރޗް 17 އިން ފެށިގެން ރެޖިސްޓްރީން ކުރެވިފައެވެ. މިހާހިސާބުން ވެބުސައިޓް ރަނގަޅުގޮތެއްގައި ހިންގުމަށްޓަކައި މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށައި ކިޔުންތެރިންނާއި ރަހުމަތްތެރި ގޮތްތަކަށް، ކުރިއަރަމުންދާ ޓެކުނޮލޮޖީ އާއި އެކު ސައިޓުގެ މަލަމަތި ބަދަލުކުރަމުން ގެންދެވުނެވެ.

މަޤުޞަދު

  • އިހަވަންދޫގެ ޚަބަރާއި މަޢުލޫމާތު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިއްބަވާ ދިވެހިންނަށް ފޯރުކޮށްދިނުން.
  • އިހަވަންދޫގެ ރައްޔިތުންގެ ޝުޢޫރުތަކާއި އުއްމީދުތައް ހާމަކޮށްދިނުން.
  • ދަރިވަރުންނަށް ބޭނުންތެރި ތަފާތު އެތައް މަޢުލޫމާތުތައް ކަމުގެ ޤާބިލް ބޭފުޅުން މެދުވެރިކޮށް ގެނެސްދިނުން.
  • ހުނަރުވެރި ބޭބޭފުޅުން، އެބޭފުޅުންގެ ހުނަރަ ހާމަކޮށްދިނުމުގެ ފުރުޞަތު ހޯދައިދިނުން.
  • ތަފާތު ރޮނގުތަކުން ހުނަރު ވެރި ލިޔުންތެރިން އުފެއްދުން.

ﷲ އިރާދަކުރެއްވިއްޔާ މިމަޤުޞަދުތައް ހާސިލްކުރުމުގައި އަޅުގަނޑުމެން އިހަވަންދޫ ޑޮޓްކޮމް ހިންގަމުން ދާނަމެވެ.