ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ 10 ކާނާއެއް

5 އޮކްޓޫބަރު 2013 0

(ތިރީގައި މިވަނީ ވޭޓުމެޑިކެއަރ ގައި ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ). ބޮލުން އިސްތަށި ފައިބާނަމަ، ފުރަތަމަ ކަމަކަށް ސަމާލުކަން ދޭންވާނީ ކެއުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތް ބަލައި މިހާރު ގިނައިން ކެވެނީ ކޮންބާވަތެއްގެ ތަކެއްޗެއްތޯ ބެލުމެވެ. ބޮލުން އިސްތަށި ފޭބުން ކޮންޓުރޯލް ކޮށްދޭނެ ކަމަށް ބުނެ އިޝްތިހާރު ކޮށްފައިވާ އެކި ބާވަތްތަކާ ދިމާއަށް ހައްލު ހޯދުމަށް ގިނަ މީހުންނަށް ދެވޭގޮތް ވެއެވެ. ނަމަވެސް އެފަދަ ތަކެތިން ރަނގަޅު އަސަރެއް ނުކުރެ އެވެ. އިސްތަށި ފޭބުން ހުއްޓުވުމަށްޓަކައި ކުރެވޭނެ އެންމެ މޮޅު ކަމަކީ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމެވެ. ތިރީގައި މިވަނީ އިސްތަށިގަނޑު ވަރުގަދަކޮށް އިސްތަށި ފޭބުން ހުއްޓުވުމަށް ކެވިދާނެ ބާވަތްތަކެކެވެ.

1. ސަންފުލާވަރ އޮށް: ސަންފުލާވަރ އޮށް މުއްސަނދި ވެފައި ވަނީ ކޮޕަރ، ޒިންކު، މެގުނީޒިއަމް، ކެލްސިއަމް، ދަނގަޑު، ބައޮޓިން، ޕރޮޓީން، އޮމެގާ 6 އާއި ފެޓީ އެސިޑުން ނެވެ. މިބައި ތަކަކީ އިސްތަށި ފޭބުން މަނާ ކުރުމަށް އެހީވެދޭ ބާވަތް ތަކެކެވެ. ސިއްހަތު ރަނގަޅު އިސްތަށިގަނޑެއް ބެހެއްޓުމަށްޓަކައި ރޮލާހުރި ސަންފުލާވަރ އޮށުގެ މުށެއް ވަރު ފުދެއެވެ. ސަންފުލާވަރ އޮށް ގިނައިން ބޭނުން ނުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ސަބަބަކީ ގިނައިން ބޭނުން ކޮށްފިނަމަ، ބޮލުން އިސްތަށި ފޭބުމަށް މަގުފަހިވާކަމަށް ދައްކާފައިވާތީއެވެ.

2. ނަޓްސް: އިސްތަށި ފޭބުން ހުއްޓުވުމަށާއި އިސްތަށިގަނޑު ފުރިހަމަ ސިއްހަތެއްގައި ބެހެއްޓުމަށް ނަޓުސް އަކީ ވަރަށް މުހިއްމު ރޯލެއް އަދާކޮށްދޭ އެއްޗެކެވެ. އެކި ކަހަލަ ބަދަނާއި، ކެޝޫ ނަޓްސް އަދި ވޯލްނަޓްސް ފަދަ ނަޓްސް ތަކުގައި ފުޅާ ދާއިރާއަކަށް ޕުރޮޓީން، ވިޓަމިން، މިނަރަލް، އަޔަން، ޒިންކު އަދި ހެލްތީ ފެޓްސް ހިމެނެއެވެ. އެހެން ކަމުން ކެއުމުގެ ތެރޭގައި ނަޓްސް ހިމެނުމަށް ހަނދާން ބަހައްޓަވާށެވެ.

3. ބިސް: ސިއްހަތު ރަނގަޅު އިސްތަށިގަނޑަކަށް ޕުރޮޓީން އަކީ މުހިއްމު އެއްޗަކަށް ވީހިނދު، އަހަރެމެން އެންމެންވެސް ދަންނަ ޕުރޮޓީން އިން މުއްސަނދިވެފައިވާ ބިހުގައި އިސްތަށި ފޭބުން ކޮންޓުރޯލް ކޮށްދިނުމަށް އެހީވެދޭ ބައޮޓިން އާއި ވިޓަމިން ބީ އެކުލެވެއެވެ. ވީމާ ދުވާލަކު 1 ބިސް ކެއުމަށް އާދަ ކުރާށެވެ.

4. ސްޕިނަޗް: ވިޓަމިން ބީ، ސީ އަދި އީ ގެ އިތުރުން ކެލްސިއަމް އާއި އޮމެގާ 3 ން މުއްސަނދި ވެފައިވާ ސްޕިނަޗްގައި ހުންނަ ގިނަ އަދަދެއްގެ ނިއުޓުރިއަންޓުސް އާއި އެންޓި އޮކްސިޑެންޓްން އިސްތަށިގަނޑު ވަރުގަދަ ކޮށްދެއެވެ.

5. ކެރެޓު: ގިނަ ބަޔަކަށް ކެރެޓު އެނގިފައި އޮންނަނީ ލޮލުގެ ފެނުން ރަނގަޅު ކުރުމަށް އެހީވެދޭ ކާނާއެއްގެ ގޮތުގައެވެ. ލޮލުގެ ފެނުން ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ކެރެޓުގައި ހުންނަ ބީޓާ ކެރޮޓީން އިން ބޮލުގެ އިސްތަށީގަނޑު ވަރުގަދަ ކޮށްދެއެވެ.

6. ކައްޓަލަ: ކެއުމުގައި ޤަވާއިދުން ކައްޓަލަ ހިމަނާނަމަ، އިސްތަށި ފޭބުމުގެ މައްސަލަ ހައްލު ވެއެވެ. މިއީ ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް އޮތް އެންމެ ފަސޭހަ ގޮތޭވެސް ބުނެވިދާނެއެވެ. ކައްޓަލާގައި ބީޓާ ކެރޮޓިން ހިމެނުމުގެ އިތުރުން ހަށިގަނޑުގެ ސެލް ތަކާއި ޓިޝޫތައް ހެދި ބޮޑުވުމަށް ބޭނުންވާ ވިޓަމިން އޭ ހުރެއެވެ.

7. ބީންސް: އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ މާއްދާ ތައް ކަމުގައިވާ ލޯ ކެލެރީ ޕުރޮޓީން އާއި ފައިބަރުގެ އިތުރުން ބީންސް މުއަސަނދި ވެފައި ވަނީ ވިޓަމިން ބީ،ސީ އަދި ޒިންކުން ނެވެ.

8. ސަލްމަން: މަހުގެ ބާވަތްތަކުގެ ތެރެއިން ސަލްމަން އަކީ އޮމެގާ-3 ފެޓީ އެސިޑްސް މަތީމިންވަރަކަށް އެކުލެވިގެންވާ މަހެކެވެ. އަދި މީގެ އިތުރުން މީގައި އެކުލެވޭ ވިޓަމިން ބީ 12 އާއި ޕުރޮޓީންގެ ސަބަބުން ގިނައިން އިސްތަށި ފޭބުން ހައްލުކޮށްދީ އިސްތަށިގަނޑު ހިކި ކިފުޅިވުން ދުރުކޮށްދެއެވެ. ކެއުމުގައި ހަފުތާއަކު ދެފަހަރު ސަލްމަން މަސް ބޭނުންކޮށްގެން ތަފާތު ދެނެގަނެވޭނެ އެވެ.


9. ގެރިމަސް: ގެރިމަހުން ޕުރޮޓީން އާއި ވިޓަމިން ބީ ގެ އިތުރުން ޒިންކާއި އަޔަން ލިބިދެއެވެ. ފުރިހަމަ އިސްތަށިގަނޑެއް ބޭނުންނަމަ ހަފުތާއަކު ދެފަހަރު ކެއުމުގައި ގެރިމަސް ހިމެނުން ރަނގަޅެވެ.

10. އޯޓްސް: އޯޓްސް އަކީ ވަރަށް ގިނަ ގޭގޭގައި ގެންގުޅޭ ކާ އެއްޗެކެވެ. އޯޓްސް އިން ހެނދުނުގެ ނާސްތާ ތައްޔާރު ކުރެވޭ އިރު، މަފިންސް ނުވަތަ ޕޭން ކޭކްސް ހަދާއިރު އެއަށް ވެސް އަޅައިގެން ބޭނުން ކުރެވެ އެވެ. އަދި މީގެ އިތުރުން "އޯޓްމީލް ކުކީސް" ވެސް އޯޓްސް އިން ތައްޔާރު ކުރެވިދާނެ އެވެ. ގިނައަދަދަކަށް މައިކުރޯ ނިއުޓުރިއެންޓުސް އާއި ވިޓަމިން ބީ، ކޮޕަރ، ޒިންކު، ޕުރޮޓީން އަދި ޕޮޓޭސިއަމް އެކުލެވިގެން ވާތީ އޯޓު ބޭނުން ކުރުމުން އިސަތަށިގަނޑު ވަރުގަދަ ކޮށްދީ އިސްތަށި ފޭބުން ހުއްޓުވާދެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ