100 އަހަރު ބޭނުންކުރެވޭގޮތަށްހެދި ބުރިޖް ހަފުތާއެއްނުވަނީސް ވެއްޓިއްޖެ!

16 މާރިޗު 2018 0

ކުރިއަށްއޮތް ސަތޭކައަހަރުވެސް ބޮޑު މަރާމާތަކާނުލާ ބޭނުންކުރެވޭނެގޮތަށް ޑިޒައިންކޮށްހެދި ބުރިޖެއް، ރޭވިތާ ހަފުތާއެއްނުވަނިސް އަދި ބޭނުންކުރަންވެސް ނުފަށަނީސް ވެއްޓި ބިމާހަމަވެއްޖެއެވެ. އެމެރިކާގެ ފުލޮރިޑާގެ އިންޓަރނޭޝަނަލް ޔުނިވާސިޓީގެ ކެމްޕަހާއި އެތަނުގެ ދަރިވަރުންގެ އެކޮމަޑޭޝަން ބުލޮކާއި ދެމެދު އަޅާފައިވާ މިބްރިޖް ވެއްޓިފައިވަނީ އިއްޔެގެ ވަގުތެއްގައެއެވެ. ކަމާބެހޭ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި މިހާދިސާގައިވަނީ 10 މީހުން މަރުވެފައެވެ.

ވެއްޓުނު ބުރިޖަކީ ފުލޮރިޑާގެ އިންޓަރނޭޝަނަލް ޔުނިވާސިޓީގެ ކެމްޕަހާއި އެތަނުގެ ދަރިވަރުންގެ އެކޮމަޑޭޝަން ބުލޮކާއި ދެމެދު އޮންނަ ކާރޫބާރޫބޮޑު މަގު ހުރަސްކުރުމަށް އަޅާފައިވާ ބުރިޖެއްކަމުން، އެއީ ހިނގާ މީހުންނަށް ހާއްސަ ބުރިޖެކެވެ. 2019 ވަނައަހަރުގެ ކުރީކޮޅު ބޭނުންކުރަން ފަށަން ހަމަޖެހިފައިވާ 950 ޓަނުގެ، 175 ފޫޓް ދިގު މި ބްރިޖް ރާވާފައިވަނީ މިދިޔަ ހޮނިހިރުދުވަހު އެންމެ ހަ ގަޑީއިރުގެ ތެރޭގައެވެ. އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބްރިޖް ރާވައި ނިންމައިލެވުމުން، ފުލޮރިޑާގެ އިންޓަރނޭޝަނަލް ޔުނިވާސިޓީއިންވަނީ އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ހަބަރުތައް ބުނާގޮތުގައި ބުރިޖް ވެއްޓުނުވަގުތު އިންޖިނޭރުންދިޔައީ، ބުރިޖް ރޭވިފަހުން ދޫވެފައިވާ ސަސްޕެންޝަން ކޭބަލްތަކަކަށް ބާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. 100 އަހަރަށްވުރެ ގިނަދުވަހު ބޮޑު މަރާމާތަކާއިނުލާ ބޭނުންކުރެވޭގޮތަށް ޑިޒައިން ކޮށްފައިވާ 14 މިލިއަން ޑޮލަރުގެ ބުރިޖް، ރޭވިތާ ހަފުތާއެއްނުވަނީސް ވެއްޓި އެތައްބަޔަކު މަރުވުމުން އެކަންދަނީ ތަހުޤީގުކުރަމުންނެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ