11 އަހަރުގެ މާއިން ކިޑްނީއަކަށް އެދިއެދި

28 މާރިޗު 2018 0

ދަރިންނަކީ އުފާވެރިކަން ގެނުވާ ބައެކެވެ. އަދި ހަޔާތް ބާއްޖަވެރި ކުރުވާ ބައެކެވެ. ކޮންމަ މަޔަކު ވެސް ބަފަޔަކު ވެސް އެމީހެއްގެ ދަރިއަކަށް ވާނެ ލޯތްބަކީ ދުލުން ކިޔައިދޭން ނުވަތަ ގަލަމުން ލިޔެ ސިފަކޮށްދޭން ދަތިވާ ވަރުގެ ބާރުގަދަ ލޯތްބެކެވެ. ކަން މިހެން އޮތް އިރު ތިމާގެ ލޯބިވާ ދަރިފުޅަށް ދެރަގޮތެއް ދިމާވުމަކީ އެ މައިންނާއި ބަފައިންގެ ހިތްތައް ކުދި ކުދި ވެގެންދާ ކަމެކެވެ. އަދި އެކުދިންނަށް ދެރަ ގޮތެއް ވެއްޖެ ނަމަ އެކަން ހައްލު ކުރުމަށް އެމީހުންނަށް ކުރެވުނު މަސައްކަތެއް އެމީހުން ކުރާނެ އެވެ.

ހއ އިހަވަންދޫ އަޒުހާރާ އާއި މޫސާގެ ދަރިފުޅު މުހައްމަދު މާއިން މޫސާ، ކޮންމެވެސް ވަރަކަށް ބަލިކޮށް އުޅޭތީ އެންމެ ކުޑައިރުންސުރެވެސް ދިއައީ ޑަކްޓަރަށް ދައްކަމުންނެވެ. އެގޮތުން އުމުރުން 3 މަހުގައިވެސް އަދި 2  އަހަރުގައި އަވަށްޓެރި އިންޑިއާއިންވެސް ފަރުވާ ހޯދުނެވެ. މާއިންގެ އުމުރުން 2 އަހަރުގައި ޑަކްޓަރަށް ދެއްކުމުން ކުޑަކަމުދާ ހޮޅީގައި މައްސަލައެއް ހުރިކަމަށް ބުނެފައިވާތީ ޑަކްޓަރުގެ ލަފާގެ މަތިން އޮޕަރޭޝަނެއްކޮށް ހަމަސްދުވަހު އެންޓި ބަޔޯޓިކް ދީފައިވާ ކަމަށް މާއިންގެ މަންމަ އަޒުހާރާ ކިޔައިދިނެވެ. ނަމަވެސް ކިޑްނީގައި މައްސަލައެއް ހުރިކަމަށް ޑަކްޓަރު ބުނެފައިނުވާކަމަށް އޭނާ ބުންޏެވެ.

ނަމަވެސް މަންޒަރު ބަދަލުވެގެން ދިއައީ 11 އަހަރުގެ މާއިން ކެއުން މާބޮޑަށް މަދުވުމުން އިހަވަންދޫ ސިއްހީމަރުކަޒަށް ދެއްކުމުންނެވެ. އަދި އެއަށްފަހު އިތުރުފަރުވާއަށް ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ރެފަރ ކުރިއެވެ. ޓެސްޓްތަކުގެ ނަތީޖާއިން ލޭމަދުކަމަށް ދައްކާތީ ކުޅުދޫފުށިން މާއިން އަށް ލޭއެޅިއެވެ.  މާއިންއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން ދަނިކޮށް ފިޓްޖެހި އައިސީޔޫއަށް ބަދަލުކުރިއެވެ. އަދި އެހޮސްޕިޓަލުން ފަރުވާ ދެވޭވަރަށްވުރެ ގޯސްވުމުން އައިޖީއެމްއެޗްއަށް ރިފަރ ކުރިއެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އޭވީ ފިސްޓޫލާ ލެއްވޭނެ ގޮތެއް ނެތުމުން އިންޑިއާއަށް ފޮނުވިއެވެ. މިހާރު މާއިންއަށް އިންޑިޔާގެ އާނަންތަޕޫރީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ 2 މަސްވަނީއެވެ.  

މާއިންގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާއިރު، މާއިން ދުނިޔޭގަ ހުރުމަށް ހަފްތާއަކު ތިން ފަހަރު ޑައިލަސިސް ހަދަންޖެހެ އެވެ. މާއިންގެ މައިންބަފައިންގެ އެންމެބޮޑު ކަންބޮޑުވުމަކީ މާއިންގެ ފަރުވާއަށް ދީފައިވާ މުއްދަތު މިމަހުގެ 30 އަށް ހަމަވުމުން އާސަންދައިގެ އެހީ މެދު ކެނޑޭނެތީއެވެ. މާއިނަށް ފަރުވާކުރުމަށް މާއިންގެ ބައްޕަ ގިނަދުވަސްތަކެއް ވަންދެން މަސައްކަތެއް ނުކޮށް ހުރުމުން އަދި ކުރިޔަށް އޮތްތަނުގައިވެސް ކުރަންޖެހޭނެ އިތުރު އެތައް ހަރަދުތަކުގެ ސަބަބުން ވަރަށްބޮޑަށް މާލީ އެހީތެރިކަމަށް ބޭނުންވެފައެވެ. ކިޑްނީ ޑޯނާއެއް ލިބި ކިޑްނީއެއް މާއިން އަށް ލިބޭ ގޮތްވިޔަސް ކަމަކީ ތަފާތު އެކިއެކި ހަރަދު ހިނގާނޭ ކަމަކަށްވުމުން ތިޔަބޭފުޅުން ދެއްވާ ކުޑަ ކުޑަ އެހީއަކީވެސް މިހާލަތުގައި މާއިންގެ އާއިލާއަށް ވަރަށްބޮޑު އެހީއެކެވެ.

މާއިންގެ އާއިލާ މަސައްކަތް ކުރަމުންދަނީ ކުޑަކުޑަ މާއިނަށް ދާއިމީ ފަރުވާއެއްގެ ގޮތުން ކިޑްނީއެއް ލެއްވުމަށެވެ. އެކަމަށް ކުރަންޖެހޭ ހޭދައަކީ މެދުފަންތީގެ އެއާއިލާއަށް އެކަނި ކުރެވޭނެ ހޭދައަކަށް ނުވުމުން އެފަރާތްތަކުން އެދެނީ ދީލަތު އެހީއަކަށެވެ. އެ ކުއްޖާގެ މުސްތަގުބަލަށް ދީލަތި އެހީއެއް ވެދެއްވާށެވެ.

މާއިންއަށް އެހީތެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން 7898999 ނުވަތަ 7644414 ފޯނާއި ގުޅުމަށް އާއިލާއިން އެދެއެވެ.

މާއިންގެ ފަރުވާއަށް މާލީ އެހީ ދެއްވުމަށް މާއިންގެ މަންމަގެ 7714523536101 ނަންބަރު ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

މަދަދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ