މައިކަޕް ފުޓުބޯޅަ މުބާރާތް ފެށިގެން ކުރިއަށް — Ihavandhoo.com

މައިކަޕް ފުޓުބޯޅަ މުބާރާތް ފެށިގެން ކުރިއަށް

7 ޑިސެމްބަރު 2019 0

މިރޭގެ މެޗުގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޖަންގަލް ޓީމުގެ ޖ.17، އިބުރާހިމް ތޯއިފު

އިހަވަންދޫގައި ބާއްވާ ހއ އަތޮޅުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ’މައިކަޕް‘ ފުޓްބޯޅަ މުބާރާތުގެ ކުޅުން މިރޭ ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގައި މިއަހަރު 12 ޓީމަކުން ވަނީ ބައިވެރިވެފައިވެއެވެ. މައިކަޕް ފުޓުބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ 8:30 ގައި އިހަވަންދޫ ހުރަވީ ދަނޑުގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަސްއަދު ޢަލީ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ މައިކަޕް ފުޓުބޯޅަ މުބާރާތް ކުޅެވިގެން ދާނީ ޓާފު ދަނޑެއްގައިކަމަށް އުއްމީދު ކުރައްވާ ކަމަށެވެ، ޓާފު ދަނޑުގެ ސަބް ބޭސް ހަދާނެ ފަރާތެއް ހޯދުމަށް މިހާރު އިޢުލާނުކުރެވިފައިވާނެ ކަމަށާއި މިމަހުގެ 12 ވަނަ ދުވަހުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން އަސްއަދު ޢަލީ ވަނީ، މިއަދު ކައުންސިލާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިނިސްޓްރީން އިހަވަންދޫގައި ވޮލީކޯޓު އެޅުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭގޮތަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

މިމުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކޮށްފައި ވަނީ ގުރޫޕު 1 ގެ ދެޓީމު ކަމުގައިވާ ޖަންގަލް އަދި ޔުނައިޓެޑް ޔޫތު އެވެ. މިމެޗު ނިމިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ކާމިޔާބު ކުރި ގޯލާއެކު 1-1 އިން އެވަރުވެއޮވެއެވެ. މިރޭގެ މެޗުގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޖަންގަލް ޓީމުގެ ޖ.17، އިބުރާހިމް ތޯއިފު އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ