21 ފެބުރުވަރީ — Ihavandhoo.com

21 ފެބުރުވަރީ

21 ފެބުރުއަރީ 2015 0

މީލާދީ ސަނަތުން، ހާހާ ނުވަސަތޭކަ ސަތާޅީސް (1947) ވަނައަށްވީ އަހަރު، އިންޑިޔާގެ ޕްރޮވިންސްއެއްކަމަށްވާ، ބަންގާލް ޕްރޮވިންސް ދެބަޔަކަށް ބެހިގެންދިޔައެވެ. ނަސްލީ އަދި ދީނީ ތަޅާފޮޅުންތަކެއްގެ ސަބަބުންނެވެ. މިބައިކުރުންވެސް، ބެހިގެން ދިޔައީ، އެބަޔަކު ނިސްބަތްވާ ދީނުގެ މައްޗަށެވެ. އިރުމަތީ ޕްރޮވިންސް ބައިކުރެވިގެން ދިޔައީ، އިންޑިޔާގެ ބައެއްގެ ގޮތުގައެވެ. އަދި މުސްލިމުންގެ އާބާދީއެއްގެ ގޮތުގައިވި، ހުޅަނގު ބައި ޕާކިސްތާނުގެ ބައެއްގެ ގޮތުގައެވެ. މިތަނަށް ނަންދެވުނީ،(ވެސްޓް) ހުޅަނގު ޕާކީސްތާނުގެ ނަމުންނެވެ.

(އީސްޓް) އިރުމަތީ، ޕާކިސްތާނަކީ މުސްލިމު ޤައުމެއްކަމުގައި ވީނަމަވެސް، ހުޅަނގު ޕާކީސްތާނުގެ ސަގާފަތާއި، ވާހަކަދައްކާ އުޅޭ ބަހުގައި ތަފާތު ވެއެވެ. ހުޅަނގު ޕާކީސްތާނުގައި ވާހަކަ ދައްކާ އުޅޭ ބަހަކީ، ބަނގުލާ ބަހެވެ. އަދި އިރުމަތީ ޕާކިސްތާނުގައި ވާހަކަ ދައްކާ އުޅޭ ބަހަކީ، އުރުދޫ ބަހެވެ. މިދެބައި އެއްސަރުކާރެއްގެ ބެލުމުގެ ދަށުގައި ހިނގަމުން ދިޔައެވެ. ގާތްގަނޑަކަށް އަހަރެއް ފާއިތުވާންދެނެވެ.

މައްސަލައިގެ ފެށުމަކަށްވީ، މީލާދީ ސަނަތުން، ހާހާ ނުވަސަތޭކަ، އަށާޅީސް (1948) ވަނައަށްވީ އަހަރު، ހުޅަނގު ޕާކިސްތާނު އެބައެއްގެ ބާރުގެ ދަށުގައިވާ، އިރުމަތީ ޕާކިސްތާނުގެ ސަރުކާރުން، މުޅި ޕާކިސްތާނުގެ (އިރުމަތީ އަދި ހުޅަނގު ޕާކިސްތާނު ހިމެނޭގޮތަށް) ރަސްމީ ބަހަކީ، އުރުދޫ ބަސް ކަމުގައި ހަމަޖެއްސުމާ ގުޅިގެންނެވެ. މިނިންމުމަކީ، ހުޅަނގު ޕާކިސްތާނުގެ ބަނގުލާ ބަހުގެ އަހުލުވެރިންނަށް ބަލައިގަންނަން ފަސޭހަ ކަމަކަށްނުވިއެވެ.

ސަބަބުތަކެއްވެސް އެބަހުއްޓެވެ. ފުރަތަމައަށްބަލައިނަމަ، މުޅި ޕާކިސްތާނުގެ އާބާދީއަށް ބަލައި، ބަނގުލާ ބަހުން ވާހަކަދައްކާ އުޅޭ މީހުންގެ އާބާދީއަކީ، 56 އިންސައްތަ ކަމުގައިވުމެވެ. ދެވަނަ ކަމަކީ، އިރުމަތީ ޕާކިސްތާނުގެ އަހުލުންގެ ބަނގުލާ ބަހަކީ، އެމީހުންގެ މާދަރީ ބަސް ކަމުގައި ވުމެވެ. އެބަހާ މެދުގައި ހިތުގައި އޮތް ހާއްސަ ލޯތްބެވެ.

މައްސަލަ އަށް ފިނިކަމެއް އަންނާނެކަމަށް ޕާކިސްތާނުގެ ސަރުކާރުން ހީކޮށްގެން ތިއްބެވެ. ހަތަރު އަހަރަށް ހަޅުތާލުތައް ދިގުދެމެމުން ދިޔައެވެ. އިތުރަށް މައްސަލަ ހޫނުވަމުނެވެސް ދިޔައެވެ. މައްސަލަގެ އަސްލު ސަބަބު ބޭއްވުމަށްފަހު، ކޮންމެ ގޮތެއްވިޔަސް ސަރުކާރުގެ ނިންމުން ބަދަލުކުރާކަށް ބޭނުމެއް ނުވިއެވެ. އަދި ކުރަމުންދާ ހަޅުތާލުތަކަކީ، ގާނޫނާ ހިލާފު އެއްވުންތަކެއްގެ ގޮތުގައި ސަރުކާރުން ނިންމާ، އެމީހުން ކޮންޓްރޯލްކުރުމަށް ހަތިޔާރުގެ ބޭނުންކުރުމަށް ފުލުހުންނަށް ހުއްދަދިނެއެވެ.

ނަމަވެސް، މީލާދީ ސަނަތުން ހާހާ ނުވަސަތޭކަ ބާވަންނަ (1952) ވަނައަށްވީ އަހަރުގެ، ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު، އިރުމަތީ ޕާކިސްތާނުގެ ދާރކާ ޔުނިވާރސިޓީގެ ދަރިވަރުންނާއި، ބަނގުލާބަސް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އެހެން ޖަމާއަތްތައް އެކުވެ، ބޮޑު އެއްވުމެއް ފެށިގެން ދިޔައެވެ. މެންދުރުފަހު 3:30 ގެފަހުންނެވެ. މި އެއްވުން ކޮންޓުރޯލުކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރިއެވެ. އެއްވެފައިވާ މީހުންގެ ތެރެއަށް ފުލުހުންގެ ބަޑީގެ އުންޑަތައް އަމާޒުވެގެންދިއައެވެ. އަދި ދާރކާ ޔުނިވާރސިޓީގެ ހަތަރު ދަރިވަރަކު މިދުނިޔެއާ ވަކިވެގެންދިއައެވެ. އެމީހުންގެ މާދަރީ ބަހައްޓަކައެވެ. ބަނގުލާ ބަހައްޓަކައެވެ. މިދުވަސް މިއަދު ފާހަގަ ކުރެވެނީ މުޅި ދުނިޔޭގައި މާދަރީ ބަހުގެ ދުވަހުގެ ގޮތުގައެވެ.

ބަހައްޓަކައި، އެކުރި ހަނގުރާމަ ނިމިގެން ދިޔައީ، އިރުމަތީ ޕާކިސްތާނު، މުޅިން މިނިވަންވެ، އާ ދައުލަތެއް އުފަންވެގެންނެވެ. އެއީ ބަނގުޅަދޭޝްއެވެ. އެ ޤައުމުގެ ރަސްމީ ބަހުގެ ގޮތުގައި އިއުލާނުކުރީ ބަނގުލާ ބަހެވެ. ނުވަތަ ބަންގާޅު ބަހެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ