23 ޑިސެމްބަރު އިއްތިހާދާމެދު... — Ihavandhoo.com

23 ޑިސެމްބަރު އިއްތިހާދާމެދު...

9 މާރިޗު 2013 0

2011 ވަނަ އަހަރުގެ ޑިސެމްބަރު 23 ގައި ރާއްޖޭގައި ކުރި މުޒާހަރާއަކީ މިހާތަނަށް ރާއްޖޭގައި ކުރި އެންމެ ބޮޑު އެއް މުޒާހަރާ އެވެ. މި ކަމަކާ ދެބަސްވާނޭ ބޭފުޅަކު މަދުން ނޫނީ އުޅެފާނެ ކަމަކަށް އަޅުގަނޑު ނުދެކެމެވެ. މިފަދަ ބޮޑު މުޒާހަރާއަކަށް ނުކުންނަންޖެހޭ ގިނަ ބައިވަރު ސަބަބުތަކެއް ހުންނާނެކަން އެއީ ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ. މުޒާހަރާކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ދިވެހިންނަށް ލިބިދީފައިވާ ހައްގެއް ކަމަށް ވީހިނދު ގާނޫނީގޮތުން މުޒާހަރާއާމެދު ދައްކާނޭ އިތުރު މާގިނަ ވާހަކަތަކެއް އޮވެދާނެ ކަމަކަށް އަޅުގަނޑު ނުދެކޭ ޙާލު "23 ޑިސެމްބަރ އިއްތިހާދާމެދު" އަޅުގަނޑުގެ ގަލަން ހިންގާލާނާމެވެ.

ދިވެހިރާއްޖެ އަށް ޖެހިފައިވާ އެންމެބޮޑު އެއް ވަބާއަކީ މަސްތުވާތަކެތީގެ ވަބާ އެވެ. ރަލުގެ ވަބާ އެވެ. ހަމައެކަނި ރިސޯޓުތަކަށް ރާ ވިއްކުމުގެ ހުއްދަ ދޫކުރެވިފައި ވާ ދުވަހުގައި ވެސް އެ ވަބާގައި ދިވެހި ޒުވާނުން ހަލާކުވެފައިވާ ވަރު އެންމެން ވެސް ދަނެ އެވެ. މިފަދަ ހާލަތެއްގައި އޮއްވައި މީހުން ދިރިއުޅޭ ރައްރަށުގައި ރާވިއްކުން ފުޅާކޮށްފިނަމަ އިތުރަށް ދިމާވެދާނޭ ކަންކަމަކީ، "ހަމަ" މަގުގައި ފިކުރު ހިންގައިފި ނަމަ ކުޑަކުއްޖަކަށް ވެސް ވަންހަނާވާނޭ ކަންތައްތަކެއް ނޫނެވެ. ނަމަވެސް ދެރަކަމަކީ 30 އަހަރުގެ ދިގުވެރިކަމެއް ނިމުމަކަށް ގެނައުމަށްޓަކައި އެތައް އުއްމީދަކާއެކު ރައީސް ކަމަށް އިންތިޚާބު ކުރެވުނު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ އިތުރުން އެ މަނިކުފާނަށާއި އެ މަނިކުފާނުގެ ޕާޓީއަށް އެކަން ނުވިސްނުނު ކަމެވެ. ނުވަތަ އެކަން އެގޮތަށް ކުރުމުން ނިކުންނާނޭ ހިތި ނަތީޖާ އެނގި ތިބެ ރައީސް ނަޝީދުގެ ސަރުކާރުން މަސްތުވާ ތަކެއްޗަށް ހުޅުވުނު ދޮރުތައް ބަންދު ކުރާނަން ކަމަށް ވަޢުދުވެ ވަޑައިގަންނަމުން އެކަމަށްޓަކައި އިތުރު ދޮރެއް ހުޅުވުމުގެ މަސައްކަތް މެކުހަށް ޖެހިކަމެވެ. "އެމީހުން" ބޭނުންވިގޮތަށް މިކަން ފުޅާކުރުމަށްޓަކައި މީހުން އުޅޭރަށްރަށް ފަޅުކޮށްފައި ރާ ވިއްކުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ފޫގަޅާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދީނީ އިލްމުވެރިން އެތައް ފަހަރަކު އެތައް ގޮތަކުން އެކަން ނުކުރުމަށް ވަނީ ގޮވާލާފަ އެވެ. ސިޓީތަކުންނާއި ބައްދަލުވުން ތަކުގަ އެވެ. އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށެވެ. ހުކުރު ހުތުބާ މެދުވެރިކޮށެވެ. ނަމަވެސް އެ ގޮވުންތަކަށް ރައީސް ނަޝީދު ދިނީ ބީރު ކަންފަތެވެ.

ހަމައެގޮތަށް އައްޑޫސިޓީގައި ބުދު ހުރި މޮނިއުމެންޓުތަކެއް ބަހައްޓާ އެ ތަކެއްޗަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފު އެއްޗެއް ކަމަށް އޭރުގެ އިސްލާމިކް މިނިސްޓްރީން ވެސް ގޮވަގޮވައި އޮށްވައި އެ ބަހައްޓައި، "އެ ހުރީ ބުދު ބަހައްޓާފައޭ ބަހައްޓާނަމޭ" ގޮވައި ރައީސް ނަޝީދުގެ ސަރުކާރުގައި އެ މަނިކުފާނުގެ ޕާޓީގެ އިސް ސަފުގައި ތިބި ބައެއް ވެރިން ވާހަކަ ދައްކާފައިވެ އެވެ. އަދި އެ ތަކެއްޗާ ބެހޭގޮތުން އެކިފަހަރު އެކި ޖަވާބު ދީފައިވެ އެވެ. މީ ޚަބަރު ބަލައި، ކިޔައި ހަދާ އެއްވެސް މީހަކަށް ދޮގު ކުރެވޭނޭ ކަމެއް ނޫނެވެ. އަދި އެކަން ހުއްޓުވުމަށް ކުރެވެނު އެއްވެސް ކަމަކަށް އިޖާބަ ނުދީ ޖެއްސުން ކޮށްފައިވާކަން ވަރަށް ރަނގަޅަށް އެގޭނެ އެވެ.

އދ ގެ ހިޔުމަން ރައިޓްސް އެމްބެސެޑަރ ޕިއްލޭ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއެއް އޮތްކަމަށް ވެސް ގަބޫލުނުކުރާ ކަމަށް ހީވާ މޭރުމަކުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކައި އިސްލާމްދީނުގެ ހުދޫދުތަކަށް ފުރައްސާރަ ކުރި ކުރުން އެއީ އެއްވެސް މުސްލިމަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.  އަދި އެވަރުން ނުވެގެން އިސްލާމްދީނާއި ގައުމުގެ ގާނޫނުއަސާސީ ހިމާޔަތްކުރުމަށް ހުވާކޮށްގެން ހުރި ވަލިއްޔުލްއަމުރު އާނާ ދިފާޢު ކުރުމީ ގަބޫލުކުރެވޭނޭ ކަމެއްހެއްޔެވެ؟

އިޒްރޭލުގެ ފްލައިޓް ޖެއްސުމުގެ ކަންކަން ރައީސް ނަޝީދުގެ ސަރުކާރުން ކުރަމުން ދިޔައީ ދިވެހީންގެ ހިއްސުތަކަށް ބެލުމެއް ނެތި އެވެ. އެ ކަމުގައި ވެސް ދިޔައީ ޖެއްސުން ކުރަމުންނެވެ. ފަލަސްތީނުގައި ކޮންމެ ދުވަހަކު ވެސް ކަތިލެވެމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ، ކުދި ޅަދަރީންގެ މައްޗަށް އެއްވެސް ވިސްނުމެއްނެތި އެވެ. މުސްލިމުންގެ ޢަދުއްވުން ކަމުގައިވާ މި ނުބައި ނުލަފާ ޔަހޫދީންނާއި ގުޅުން ބަދަހިކުރުމަކީ އެއްވެސް މުސްލިމަކަށް ކޮން ގޮތަކުން ކޮން ބީދައަކުން ހެޔޮވާނޭ ކަމެއްތޯ އެވެ؟ މިއީ ދިވެހި ދީބަށް އެތައް އެތައް ގޮތަކުން އެތައް އެތައް ނުރައްކަލަކާ ކުރުމަތި ވެދާނެ ކަމެއްކަން އެނގިހުރެ މުސްލިމުންގެ ޢަދުއްވުންނަށް %100 މުސްލިމުން މަރުޙަބާ ކިޔަންވީތޯ އެވެ؟

މި ދަންނަވާލެވުނީ މުޒާހަރާ އަށް ނުކުންނާން ޖެހުނު ބައެއް ކަންތައްތަކެވެ. މީ މުސްލިމަކަށް ގަބޫލު ކުރެވޭނޭ ކަންތައްތައްތޯ ތިޔަބޭފުޅުން މިން ކޮށްލާށެވެ.

މި ކަންކަން މިގޮތައް ހުރިއިރު އިސްލާހުކުރުމަށް އެތައް އެތައް ކަމެއްކުރެވުނެވެ. އެތައް ގޮތަކުން މަސައްކަތްކުރެވުނެވެ. ސީދާ ރައީސް ނަޝީދާ ބައްދަލު ވެސް ކުރެވުނެވެ. އެ މަނިކުފާނުގެ ފަރާތުން އެއްވެސް އަލިމަގެއް ނުފެނުނެވެ. އަދި އިތުރަށް ކުރެއްވީ މަލާމާތާއި ފުރައްސާރަ އެވެ. ވިދާޅުވަމުން ގެންދެވީ "ރައްޔިތުން ތިބި ގޮތް" ތިމަންނާ އަށް ދައްކާށެވެ. ރައްޔިތުން ތިބީ ޝެއިޚުންގެ ފަހަތަކު ނޫނެވެ. ތިމަންނާގެ ފަހަތުގަ އެވެ. މި ހިސާބުން އެ ނޫން ގޮތެއް ނެތުމުން އެންމެފަހުގެ ގޮތް އިހްތިޔާރު ކުރުމަށް މަޖުބޫރުވި އެވެ. އެ ހިސާބުން ދިވެހީން ދީނަށް ލޯބިކުރާވަރު ދެއްކުމަށްޓަކައި އަތުކުރި އޮޅާލައި މަސައްކަތްފެށި އެވެ. އަދި މިކަމުގައި ދީނީ ޢިލްމުވެރިންނާއެކު އެހެން ސިޔާސީ ފަރާތްތައް ވެސް ބައިވެރި ކުރަން ނިންމި އެވެ. ކަމުގެ ބޮޑުކަން ވިސްނޭތީ އެވެ. "ރައްޔިތުން ތިބި ގޮތް" ރައީސް ނަޝީދަށް ދެއްކުމަށްޓަކަ އެވެ.

މިކަންތައް ކުރަން ފެށުމުން ސަރުކާރުން މިކަމަށް އެޅި ހުރަސްތައް އެއީ ކޮންމެ މީހަކަށް ވެސް އެގޭނޭ ކަމެކެވެ. މުޒާހަރާ އަށް ތާއީދުކޮށް އެކަމަށް ވަކާލާތު ކުރަމުންދާ މީހުން މުޒާހަރާއާ ދެކޮޅަށް ރޭވުންތައް ރޭވި އެވެ. އަދި މިކަމަކީ ދީނީ ކަމެއް ނޫންކަމަށް ބުނެ ޝެއިޚުންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރެވެމުންދިޔަ އެވެ. އަދި މި ހަރަކާތުގައި އިސްކޮށް އުޅޭމީހުން ހައްޔަރުކޮށް ބިރުދެއްކި އެވެ. މަޖިލީހުގެ ކޮމިޓީތަކަށް ގެންގޮސްގެން ތާކުންތާކުނުޖެހޭ ސުވާލުކުރި އެވެ. ތާލިބާނުން ބައިވެރިވޭތޯ ވެސް ސުވާލުކުރި އެވެ. މި މީހުން ގޮތް ހުސްވެފައިވާ ވަރު އެ ހިސާބުން ވެސް ހާމަވެގެންދިޔަ އެވެ.

23 ޑިސެމްބަރ މުޒާހާރާ އަށް ހާއްސަ ކުރެވުނު ވެބްސައިޓް ހެކް ކުރި އެވެ. އަދި މީހުން މަރަން އިންޒާރުދީފައިވާ އެއްޗެހިތަކެއް އެއަށް ލޯޑުކޮށް މުޒާހަރާ ކުރަނީ މީހުން މަރަންކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދި އެވެ. އަދި މުޒާހަރާ ކުރަނީ ހަރުކަށި މީހުންކަން ހާމަކޮށް މެދުމިނަށޭ ކިޔައި އިދިކޮޅަށް ސަރުކާރުން ނުކުތުމަށް ނިންމި އެވެ. އަދި، މި މީހުންނަށް ތާއީދުކުރާ މީހުން ހިސާރުކޮށްފައިވާ ޓީވީ ޗެނެލްތަކަށް އަރުވައިގެން އިދިކޮޅަށް ކުރެވުނުހާ ކަމެއް ކުރިކަމީ ދިވެހީން ދެކެފައިވާ ހަގީގަތެކެވެ. މުޒާހަރާތަކަށާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވިމީހުން، އެކަމާއި ދެކޮޅުވުމުން އެ މީހުންގެ އެ ބުނުމަކީ އެހެން މަޤުސަދުތަކެއް ހާސިލްކުރުމަށް ކުރަމުންދާ ކަމެއްކަން "ހޭ" ޖެހޭ މީހުންނަށް ރޭކާލި އެވެ.

ކަންތައް ދިޔައީ އެ މީހުން ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. އިސްލާމްދީނަށް ލޯބިކުރާ އެތައް ބަޔަކު ނަޞްރުގެ މައިދާންނަށް އައިސް ތޮއްޖެހުނެވެ. ދިވެހިން އިސްލާމްދީނަށް ދީފައިވާ ގަދަރާއި ލޯބި އަދި ދީނަށްކުރާ އިޙްތިރާމް މި މީހުންނަށް ފެނި ހަޖަމު ނުކުރެވުނެވެ. މެދުމިނަށޭ ކިޔައިގެން ބޭއްވި އެއްވުމަށް ދިޔައީ ނިސްބަތުން މަދު ބައެކެވެ.

ނަސްރުގެ މައިދާނަށް އެއްވި މީހުން އެތަނުގައި ﷲ އަކުބަރު ކިޔައި ގުގުމަމުން ދިޔަ އަޑަކީ މި މީހުނަށް އަހަން އެހާ ފަސޭހަ އަޑަކަށް ނުވި އެވެ. އެ ތަނުގައި މޫދުފެނުން ވުޟޫކޮށްގެން ނަމާދު ކުރީތީ ވެސް ހަޖަމެއް ނުވި އެވެ.

އެ ދުވަހުގެ އެއްވުމުގައި 5 ކަމަކަށް އެދުނެވެ. މުޅީން ވެސް ދީނީ ކަންކަމެވެ. ސިޔާސީ އެއްވެސް ކަމަކަށް އެދިފައި ނުވެ އެވެ.

މުޒާހަރާގެ ބައިވެރީން ގޮވާލި ފުރަތަމަ ކަމަކީ ދިވެހި ސަރުކާރުން އައްޑޫސިޓީގައި ބަހައްޓާފައި ހުރި ޣައިރު ދީންތަކުގެ ކަލާނގެތަކުގެ ބުދުތައް ނެގުމެވެ. މި ބުދުތައް ބެހެއްޓުމާ ބެހޭގޮތުން ސަރުކާރުން ވަނީ އެކި ފަހަރު އެކި ވާހަކަ ދައްކާފަ އެވެ. އެ ބުދުތައް ބެހެއްޓީ ސާކުގެ ގައުމުތަކުން ކަމަށާއި، ބުދުތައް ބެހެއްޓީ އައްޑޫސިޓީ ކައުންސިލާއި، އައްޑޫ ރައްޔިތުން ކަމަށް ބުނުން ފަދަ ވާހަކަތަކެވެ. މި ފަދަ ބުދުތަކެއް މުސްލިމުންގެ ތެރޭގައި ބެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ދީނުގެ ދަންނަބޭކަލުން ޤުރުއާނާއި، ސުންނަތުގެ އަލީގައި ވިދާޅުވަމުން ގެންދެވިއިރު ވެސް ސަރުކާރު ހިންގާ އެމްޑީޕީން ވަނީ "ބުދު އެހެރީ ބަހައްޓާފައޭ، އަދި ވެސް ބަހައްޓާނަމޭ، ކަލޭމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެޔޭ" ބުނެ ޖެއްސުން ކުރުންތަކުން ރައްދުދީފަ އެވެ.

މުޒާހިރާގެ ބައިވެރީންގެ ދެ ވަނަ ގޮވައިލުމަކީ އދގެ ހިޔުމަން ރައިޓްސް އެންބެސެޑަރ، ޕިއްލޭގެ ވާހަކަތައް ރައީސް ނަޝީދު ކުށްވެރި ކުރެއްވުމާއި، ޕިއްލޭ އިސްލާމްދީނަށް މަލާމާތް ކުރެއްވި ކުރެއްވުމަށް މާފަށް އެދިވަޑައިގަތުމެވެ. ޕިއްލޭއަކީ ޢިލްމީ އެއްވެސް ހަމަޔަކުން ސާބިތުނުކުރެވޭ ތުހުމަތުތަކަކާއެކު އިސްލާމްދީނުގެ ހައްދަކަށް ފުރައްސާރަ ކުރެއްވި ޖާހިލެކެވެ.

ތިން ވަނަ ގޮވައިލުމަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ނުބައި، އެންމެ އަނިޔާވެރި، އެންމެ ރަހުމުކުޑަ އެއް ގައުމުކަމަށްވާ އިޒްރޭލުގެ ގައުމީ އެއަރލައިނުގެ ފްލައިޓުތައް ރާއްޖެއަށް ބާއްވަން ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރުމެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ރެޔާއި ދުވާލު އިޒްރޭލުން ދެމުންދާ ރަހުމުކުޑަ އަނިޔާތަކާމެދު އެއްވެސް ހިތެއް ފިތެއް ނެތި ލޯމަރާލައި، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ މޫނަށް ކުޅުޖެހުމާ އެއްފަދަ، މި ނިންމުން ސަރުކާރުން ނިންމާފައި ވަނީ ރާއްޖޭގެ ކަންކޮޅުތަކުގައި އެ ކަމާދެކޮޅަށް އެކިފަރާތްތަކުން އަޑު އުފުލަމުން ދަނިކޮށެވެ.

މުޒާހަރާގެ ބައިވެރީންގެ އަނެއް ގޮވައިލުމަކީ ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓައިލުމެވެ. ރައީސް ނަޝީދުގެ ސަރުކާރުން މީހުން އުޅޭ ރަށްރަށުގެ ސަރަހައްދުތަކަކީ "ފަޅުރަށްތައް" ކަމަށްހަދައި، އެ ތަންތަނުގައި އަޅާ ހޮޓާތަކުގައި ރާ ވިއްކޭނެ މަގު ފަހި ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރީންގެ ފަސް ވަނަ ޑިމާންޑަކީ މާލޭގައި ގިނަވެފައިވާ ޒިނޭ ޚާނާތައް ބަންދުކުރުމުގެ ޑިމާންޑެވެ. މި ތަންތަނާބެހޭ މައުލޫމާތުތައް ދިވެހިސަރުކާރަށް ވެސް އެނގޭކަމީ އިންކާރުކުރެވެން ނެތް ހަގީގަތެކެވެ.

މުޒާހަރާގެ ބައިވެރީންގެ އެދުންތަކަށް ސަރުކާރުން ކުރީ ޖެއްސުމެވެ. އިޖާބަ ދޭނެކަމަށް ބުނެ މުޅީން ވެސް ކުރީ ޖެއްސުމުގެ ކަންތައްތައްކަން އެންމެނަށް ވެސް އެގޭނެ އެވެ.

މާލޭގައި ހުރި ޒިނޭ ހާނާތައް ބަންދުކުރަން އެދުމުން ބަންދުކުރީ ޤާސިމް އިބުރާހީމްގެ ރިޒޯޓްތަކުގައި ހުރި ސުޕާތައް އެކަންޏެވެ. ހަމަ އެކަނި ޤާސިމްގެ ރިސޯޓުގަ ހުރި ތަންތަނެވެ. މިއީ އެޔަށް ދިން އިޖާބަ ހެއްޔެވެ؟ ނޫނީ ޖެއްސުމެއް ހެއްޔެވެ؟

އަދި ރާ ވިއްކުމުގެ ކަންތައް ހުއްޓުވުމަށް މި މީހުން ކަމެއްކުރި ހެއްޔެވެ؟ މި ޑިމާންޑުތަކުން އެއްވެސް ޑިމާންޑަކަށް އިޖާބަދިން ހެއްޔެވެ؟

ދީނީ އިލްމުވެރިން ވިކުނިއްޔޭ ކިޔައިގެން ދައްކާވާހަކައަކީ އެއްވެސް ވަރަކަށް ސާބިތެއް ނުވާ ވާހަކަތަކެކެވެ. އަދި އެ ބޭފުޅުންގެ އަގު ވައްޓާލައި އެ ބޭފުޅުންނަށް ކުރާ އިޙްތިރާމް ގެއްލުވައިލެވިގެން ނޫނީ އެ މީހުނަށް ކާމިޔާބީއެއް ނެތްކަން އެނގުނު ހިނދު އެކިއެކި ތުހުމަތުތައް އަޅުވައި އެބޭފުޅުން ފަޟީހަތް ކުރަމުންދާކަން ވިސްނާ ކޮންމެ މީހަކަށް ވެސް އެގޭނެ އެވެ.

ދީނީ އިލްމުވެރީން ގޯސްވާން ފެށީ މި މީހުންކުރާ މި ފަދަ ކަންތައްތަކަށް ފާޅުގައި ބަސް ކިޔައި ދެކޮޅުވާން ފެށި ހިސާބުންނެވެ. ހަމަ އެ ބޭފުޅުން ދައްކަވަމުން ގެންދެވީ އޭރު ވެސް ދައްކަވަމުން ގެންދިޔަ ވާހަކަތަކެވެ. ދީނާ ޚިލާފައް ދެއްކި ވާހަކައެއް މި މީހުންނަށް ބުނެދެވުނު ހެއްޔެވެ؟ މައުމޫނުގެ ވެރިކަމުގައި އެމްޑީޕީއަށާއި، ރައީސް ނަޝީދަށް ވެސް ދީނީ ޢިލްމުވެރިން ވަރުގެ ބައެއް ނެތެވެ. ނަމަވެސް ކެޔޮގަނޑު ކަނޑާލީމައި ގަހުގެ ބޭނުމެއްނެތޭ ކިޔައި ގަސް އެއްލައިލީ ދެންވާނެ ގޮތެއް ރަނގަޅަށް ވިސްނާނުލަ އެވެ.

މިއަދު ވެސް ދީނީ އިލްމުވެރީން ދަނީ އެ ބޭފުޅުންގެ ޒިންމާ އަދާކުރަމުންނެވެ. ޖެހުނު ކޮންމެ ކަމަކާ ކުރިމަތިލަމުންނެވެ. ވަކި ސަރުކާރަކަށް ބެލުމެއްނެތި އެވެ. މިއަދުގެ ސަރުކާރުން ވެސް މިފަދަ ކަމެއް ކުރާނަމަ އެކަމަކަށް ފަސްޖެހުމެއް ނެތި ނުކުންނާނެ ކަމީ އަޅުގަނޑު ޔަގީން ކުރާކަމެކެވެ.

ދީނީ އިލްމުވެރިން އެ ދުވަހު ނުކުތީ ކުރިންވެސް ބުނިގޮތަށް ނަސޭހަތްދީ ކަންތައް އިސްލާހުކުރުމަށް މަސައްކަތްކޮށް ގަބޫލު ނުކުރުމުންނެވެ. "ރައްޔިތުން ތިބި ގޮތް" ދެއްކުމަށް ސީދާ އޭރުގެ ރައީސް އެދުމުންނެވެ. މިއަދު ވެސް އެގޮތަށް ގަބޫލުނުކޮށް ކަންކުރަމުންދާނަމަ އިލްމުވެރީން ނުކުންނާނެކަމީ ޔަގީން ކަމެކެވެ.

މި ސަބަބަށްޓަކައި، ނަމުގެ ކުރިއަށް "އައްޝެއިހް"ގެ ލަޤަބު ލިބިފައިވާ ހެޔޮލަފާ ދީނީ ޢިލުމުވެރިޔަކު މިޤައުމާ ޙަވާލުވާ ދުވަހަކީ އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަހެވެ. ފަހަރެއްގައި ވެސް އަޅުގަނޑު މި ފާހަގަކޮށްލީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ޖާބިރަށް "ފަޟީލަތުއްޝެއިޚް"ގެ ލަޤަބު ލިބުނު ގޮތަށް އެލަޤަބު ލިބިފައިވާ ބޭފުޅެއްގެ ވާހަކައެއް ނޫނެވެ.

އިނަފް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ