4 އަނބިންގެ ވާހަކަ

20 އޭޕުރީލު 2014 1

 

އެއީ ރަސްކަލެކެވެ. އޭނާ އަށް ވަރުގަދަ ތަހުތަކާއި، އިއްޒަތާއި ޝަރަފު ވިއެވެ. އޭނާއަށް އާރާއި ބާރު އަދި މުދާ މިލްކުވެގެން ވިއެވެ. ގަދަ ފަދަ ކިއްލާތަކުގެ ފާރުތައް އޭނާއަށް އައްޑަނައެއްކަމުގައި ވިއެވެ. ސިފައިންނާއި ފުލުހުންނާއި ލަޝްކަރީން އޭނާއަށް ހިމާޔަތެއްކަމުގައި ވިއެވެ.

އޭނާގެ 4 އަނބީން އޭނާއަށް ވިއެވެ. އެހަތަރު އަނބީންވެސް އޭނާދެކެ އިންތިހާއަށް ލޯބިވާކަމަށް ބުނެއެވެ. ނަމަވެސް، އެރަސްގެފާނު އެންމެ ލޯބިފުޅުވީކަމުގައިވީ، އޭނާގެ ހަތަރުވަނަ އަނބިމީހާއެވެ. އެއަނބިމީހާއަށްޓަކައި އޭނާ ނުކުރާނީ ކޮންކަމެއްތޯއެވެ. އެންމެ އަގުބޮޑު ފޭރާމުން ޒީނަތްތެރިކޮށް، ރަނުގެ ގަހަނާއިން ޖަރީކޮށްދިނެވެ. މީރުހައި ކެއުންތަކުން ބަނޑުފުރާނަ މުއްތިކުރުވާ، ޝަރުބަތު ތަކުގެ ރަހައިން ހިތް ފުރާލަ ދިނެވެ. އިއްޒަތުގެ ދާނުގައި ނިންދަވާ، ޝަރަފުގެ ގޮނޑިން ޖާގަ ދިނެވެ.

އޭނާގެ 3 ވަނަ އަނބިމީހާ ދެކެވެސް ލޯބި ވިއެވެ. އެހެން ރަސްރަސްކަލުންނަށް އަނތްބެއްގެ ގޮތުގައި ދެއްކުމަށް ދަތުރުތަކުގައި ގެންދަނީ އޭނާއެވެ. ރީތީވީމައެވެ. އެއާ އެކުގައި އެއަނބިމީހާއަށް އެހެންމީހުންގެ ލޯތައް އަމާޒުވުމުންވެސް ރަސްގެފާނަށް ޖެހިލުންވުން ލިބެއެވެ. ނަމަވެސް، 4 ވަނަ އަނތްބައްވުރެ 3 ވަނަ އަނބިމީހާދެކެވާ ލޯބި ކުޑައެވެ.

ރަސްގެފާނުގެ 2 ވަނަ އަނބިމީހާ ދެކެވެސް ރަސްގެފާނު ލޯބިފުޅު ވިއެވެ. ނަމަވެސް، އިސްކުރެވެނީ، ތިންވަނަ އަނބިމީހާގެ ފަހަށެވެ. ނަމަވެސް، އެއަނބިމީހާ ވަނީ ރަސްގެފާނަށް އެންމެ ބޭނުންތެރި އެކަކު ކަމުގައެވެ. އޭނާއަށް ހިޔާލާއި ލަފާ ދެއްވުމުގައި އެއަނބިމީހާގެ ވަގުތުތައް ރަސްގެފާނަށް ހުސްކޮށްދިނެވެ. ރަސްގެފާނަށް ކުރިމަތިވާ ކަންކަމުގައި އެހީވެދެއެވެ. އަދި ރަސްގެފާނުގެ އަމިއްލަ ނަފްސައް އޮންނަ އިތުބާރު އެގޮތުގައި ބާއްވާދިނުމުގައި އެއަނބިމީހާގެ ރޯލު ނުހަނު ބޮޑެވެ.

ރަސްގެފާނުގެ 1 ވަނަ އަނބިމީހާއަކީ ތެދުވެރިއެވެ. ރަސްގެފާނަށް ލިބޭ ކޮންމެ ކާމިޔާބެއްގެ ފަހަތުގައި އޭނާގެ އަތެއް ވެއެވެ. ރަސްގެފާނުގެ އިއްޒަތާ ތާޖާއި ތަހުތު ހިމާޔަތް ކުރުމުގައި އޭނާގެ ރޯލު ކުޑައެއްނޫނެވެ. އެ އަނބިމީހާގެ ހިތުގައިވަނީ ވަރުގަދަ ތެދުވެރި ލޯތްބެކެވެ. ނަމަވެސް، ރަސްގެފާނުގެ ފުރަތަމަ އަނބިމީހާ ދެކެ ރަސްގެފާނުވީ ކަނު ލޯތްބެކެވެ. އެ އަނބިމީހާއަށް އަޅުލުމުގައި ރަސްގެފާނު ފަރުވާ ކުޑަކުރިއެވެ.

ރަސްގެފާނު ވަރަށްބޮޑަށް ބަލިވެއްޖެއެވެ. ބަލީގެ ދާނުގައި އޮންނަންޖެހިއްޖެއެވެ. ބަލިން ގަދަވާނެކަމުގެ އުއްމީދު ގެއްލި މަރަށް އިންތިޒާރުކުރެވެން ފަށައިފިއެވެ. އޭނާގެ ވަގުތުޖެހެނީއޭ ހީވުމުން، އޭނާ އެންމެ ލޯބިވާ 3 އަނބިންނަށް ގޮވައި ކައިރިއަށް ގެނައެވެ. އޭނާގެ އަނބިން ދޫކޮށް ދިއުމަށް އޭނާ ބޭނުން ނުވާ ވާހަކަ ބުންޏެވެ. އަދި އޭނާއާ އެކުގައި ފުރާނަ ޤުރުބާންކޮށް މަރުވަން ކެރޭނީ ކާކަށްތޯ ސުވާލުކުރެއެވެ.

4 ވަނަ އަނބިމީހާއަށް ރަސްގެފާނު ބުންޏެވެ. " އަހަރެން އެންމެ ލޯބިވީ ތިބާ ދެކެވެ. އަދި އެންމެ އޯގާތެރިވެ އަޅައިލީވެސް ތިބާއަށެވެ. މިއަދު އަހަރެން ދާންޖެހިއްޖެއެވެ. ތިބާ އަހަރެންނާ އެކުގައި ދާނަން ހެއްޔެވެ؟ "

4 ވަނަ އަނބިމީހާ ޖަވާބު ދިނެވެ. " ނޫނެކެވެ. ތިއީ ވާނޭ ކަމެއް ނޫނެވެ. " މިހެން ބުނެ އެ އަނބިމީހާ ދުވެފައި ހިނގައްޖެއެވެ. އޭނާ އެންމެ ލޯބިވީ އަނބިމީހާގެ ބަސްތަކުން އޭނާގެ ހިތް ކަފާ ކުދިކުދިކޮށްލިފަދައެވެ.

3 ވަނަ އަނބިމީހާއަށް ރަސްގެފާނު ބަލައިލީ އުންމީދީ ނަޒަރަކުންނެވެ. " އަހަރެންގެ ޝަރަފެއް ކަމުގައި ތިބާ ހެދީމެވެ. އަދި އަހަރެން ތިބާ ދެކެ ލޯބިވީމެވެ. މިއަދު އަހަރެން ދާންޖެހިއްޖެއެވެ. ތިބާ އަހަރެންނާ އެކުގައި ދާނަން ހެއްޔެވެ؟ "

3 ވަނަ އަނބިމީހާ ޖަވާބު ދިނެވެ. " ނޫނެކެވެ. ތިއީ ވާނޭ ކަމެއް ނޫނެވެ. އަހަރެންނަށް ދިރިއުޅުމަކީ ވަރަށް ފޮނި އެއްޗެކެވެ. ތިބާ މަރުވުމުން އަހަރެންނަށް އެހެންމީހަކާ ކައިވެނި ކުރެވިދާނެއެވެ." މިހެން ބުނެ އެ އަނބިމީހާ ހިނގައްޖެއެވެ. 3 ވަނަ އަނބިމީހާގެ ބަސްތަކުން އޭނާގެ އުއްމީދުގެ އަލިކަމަށް ފަނޑުކަން ލިބިއްޖެއެވެ.

2 ވަނަ އަނބިމީހާއަށް ރަސްގެފާނު ބަލައިލިއެވެ. އަސަރާ އެކުގައެވެ. " އަހަރެންނަށް ހިޔާލާއި ލަފާ ދެއްވުމުގައި ތިބާގެ ވަގުތުތައް ހުސްކޮށްދިނީމެއްނޫންހެއްޔެވެ؟  ތިބާގެ ބޭނުން އަހަރެންނަށް މިވަނީ ޖެހިފައެވެ. އަދި އަހަރެން ތިބާ ދެކެ ލޯބިވީމެވެ. މިއަދު އަހަރެން ދާންޖެހިއްޖެއެވެ. ތިބާ އަހަރެންނާ އެކުގައި ދާނަން ހެއްޔެވެ؟ "

2 ވަނަ އަނބިމީހާ ޖަވާބު ދިނެވެ. " ނޫނެކެވެ. ތިއީ ވާނޭ ކަމެއް ނޫނެވެ. އަހަރެންނަށް މިއަދު ދެވޭނޭ ހިޔާލެއް މަޝްވަރާއެއް ނެތެވެ. ތިބާ މަރުވުމުން އަހަރެންތިބާ ވަޅުލައި ދީފާނަމެވެ. އިއްޒަތުގައެވެ. ޝަރަފާވެސް އެކުގައެވެ. " މިހެން ބުނެ އެ އަނބިމީހާ ދުރައްޖެހިލިއެވެ. 3 ވަނަ އަނބިމީހާގެ ބަސްތަކުން އޭނާގެ އުއްމީދުގެ ބައްތި މުޅިން ނިވިއްޖެއެވެ. ނޭވާ ހާސްވެ ހިތުގެ ހިނގުން ހުއްޓެން އުޅޭ ފަދައެވެ.

އެވަގުތު ރަސްގެފާނަށް އަސަރާއެކުގައި ވޭނީ އާހެއްގެ އެކުލެވޭ އަޑެއްގެ ވެރިއެއް މުހާތަބުކުރިއެވެ. " އަހަރެން ތިބާ ދެކެ އިންތިހާއަށް ލޯބިވަމެވެ. ތިބާ ދާ ތަނަކާ މެދު އަހަރެން ޖެހިލުމެއް ނެތެވެ. އަހަރެން މިހުރީ ތިބާއާ އެކުގައި ދާށެވެ."

ރަސްގެފާނު އެއަޑުގެ ވެރިޔާއަށް ބަލައިލިއެވެ. އެއީ ހިކިހިކި ހޯލި ކޮޅެއްފަދަ އަންހެނެކެވެ. ނިކަމެތި ހަށިގަނޑެއްގެ ވެރިއެވެ. އޭނާ އަށް އޯގާވެރިވުމާ، އަޅާލުމާއި ލޯބި ލިބިފައިނުވާ، ރަސްގެފާނުންގެ ދޮށީ އަނބިމީހާއެވެ. ރަސްގެފާނު އަސަރާ އެކުގައި އޭނާގެ ނިކަމެތި ހަށިގަނޑަށާއި ވަޅުވަދެފައިވާ ދެލޮލަށް ބަލައިލިއެވެ. އަދި ބުންޏެވެ. " އަހަރެންނަށް އަދި ފުރުޞަތެއް ލިބިއްޖެނަމަ އެންމެ އޯގާވާނީ ތިބާއަށެވެ. "

ހަގީގަތަކީ މިއީއެވެ. އަހަރެމެން ކޮންމެ އިންސާނަކާއެކުގައި 4 ބައިވެރިއަކު ވެއެވެ. އެއީ ރަސްގެފާނުގެ 4 އަނބިން ފަދައިންނެވެ. ރަސްގެފާނު އެންމެ ލޯބިފުޅުވީ 4 ވަނަ އަނބިމާހާ، އަހަރެމެންގެ އަމިއްލަ ހަށިގަނޑު ފަދައެވެ. ރީތިހާ ފޭރާންތަކުންނާއި ގަހަނާ ތަކުން އަހަރެމެން ހަށިގަނޑަށް ޒީނަތްތެރިކަން ދެމެވެ. ނަމަވެސް، މަރުއައިސް ޖެހުމުން ހަށިގަނޑު އަހަރެމެންނާ ވަކިވެ އަހަރެމެން ދާން ޖެހެއެވެ.

ރަސްގެފާނު ލޯބިފުޅުވާ 3 ވަނަ އަނބިމާހާ، އަހަރެމެންގެ މުދާ ފަދައެވެ. ހަޔާތުގައި އެ މުދަލަށް އަހަރެމެން އިސްކަމެއް ދެމެވެ. ނަމަވެސް، އަހަރެމެން މަރުވުމުން އެމުދާ އެހެންބަޔަކަށް މިލުކުވެގެން ދާނެއެވެ. ރަސްގެފާނުގެ 3 ވަނަ އަނބި އެހެންމީހަކާ އިންނަ ފަދައިންނެވެ.

ރަސްގެފާނު ލޯބިފުޅުވާ 2 ވަނަ އަނބިމާހާ، އަހަރެމެންގެ ރަހުމަތްތެރިންނާއި އެކުވެރިންނާއި ގާތްތިމާގެ މީހުންފަދައެވެ. ހަޔާތުގައި އަހަރެމެންނަށް ލަފާ އަރުވާ ކަންކަމުގައި އެހީތެރިވެ ހިޔާލާ މަޝްވަރާދޭ ބަޔަކުކަމުގައި އެމީހުންވެއެވެ. ނަމަވެސް، އަހަރެމެން މަރުވުމުން އެމީހުންނަށް ކޮށްދެވޭނެ ހަމައެކަނި ކަމަކީ، އިއްޒަތާ ޝަރަފާ އެކުގައި ވަޅުލައިދިނުމެވެ. ރަސްގެފާނުގެ 2 ވަނަ އަނބި ރަސްގެފާނަށް އެގޮތަށް ބަސްބުނި ފަދައިންނެވެ.

ރަސްގެފާނުގެ ފުރަތަމަ އަނބިމީހާއީ އަހަރެމެންގެ ޢަމަލުތަކެވެ. އަހަރެމެންނަށް ފަރުވާކުޑަކުރެވޭ ކަންތަކެވެ. ނަމަވެސް، އަހަރެމެން މަރުވުމުންވެސް އަހަރެމެންނާ އެކުގައި ވާނީ ހަމައެކަނި އެ ޢަމަލުތަކެވެ. އެ ޢަމަލުތަކަށް ހެޔޮކޮށްހިތާ ވަރުގަދަ ކުރާށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރަށް ފުރިހަމަ. ހަތަރު ކުލަ ދައްކާފަ އިނީމަ ހީކުރީ ސިޔާސީ ލިޔުމެއް ކަމަށް.

– 20 އޭޕުރީލު 2014 0