އިހަވަންދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޯދަވީއްލުމެއް ބާއްވައިފި — Ihavandhoo.com

އިހަވަންދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޯދަވީއްލުމެއް ބާއްވައިފި

26 މެއި 2019 0

އިހަވަންދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންގެ ފަރާތުން ރޯދަވީއްލުމެއް ބާއްވައިފިއެވެ.

މި ރޯދަވީއްލުމުގެ ހަފުލާގައި ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިން އަދި ރަށުގެ ޢިއްޒަތްތެރިންނާއި އޮޑިވެރިންނާއި ކެޔޮޅުންނާއި ވިޔަފާރިވެރިންގެ އިތުރުން އިހަވަންދޫގައި ހުރި ސަރުކާރު މުއްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.

މި ހަފުލާ ބާއްވާފައިވަނީ 2019 މޭ 25 ވީ ހޮނިހިރު ދުވަހު އިހަވަންދޫ ސްކޫލު ހޯލުގައެވެ. ހއ. އިހަވަންދޫގައި ތައުލީމީ މުއައްސަސާއެއް ދިވެހި ދައުލަތުގައި ރަޖިސްޓަރީ ކުރެވި، އުނގަންނައިދޭ އިދާރާއެއްގެ ގޮތުގައި ޚިދުމަތް ދޭންފެށިފައިވާކަމަށް ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުން ސާފުވާން އޮތް ތާރީޚަކީ 1969 މޭ 25ވަނަ ދުވަހުއެވެ.


އިއްޔެގެ ހަފުލާގައި ޕްރިންސިޕަލްވަނީ ސްކޫލުގެ ރަންޔޫބީލް ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެކިފަރާތްތަކުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވައިފަ..

އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރުނުއިރު، ސްކޫލު މިހިސާބަށް ގެނެސް ދިނުމުގައި ޚިދުމަތް ކުރެއްވި ފަރާތްތަކަށް އިއްޔެގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ޝުކުރުއަދާކުރެއްވިއެވެ. އެގޮތުން ސްކޫލުގެ ކުރީގެ ނާޒިރުންނާއި ޕްރިންސިޕަލުންނާއި ހެޑްމާސްޓަރުންނާއި ކުރީ މުވައްޒަފުންނާއި ސްކޫލުގެ ބެލެނިވެރިން ކޮށްދެއްވާފައިވާ އަގުނުކުރެވޭ ޚިދުމަތްތައް ފާހަގަކޮށް ޝުކުރުގެ ނަޒުމުތައް އެފަރާތްތަކަށް ފޮނުވިއެވެ.

މި ހަފުލާގައި އިހަވަންދޫ ސްކޫލު މުވައްޒަފުންގެ ރެކްރިއޭޝަން ކުލަބުންވަނީ ސްކޫލުގެ ނޯޓިސްބޯޑު ޑިޖިޓަލައިޒް ކުރުމަށް 65 އިންޗީގެ 2 ޓީވީ ސްކޫލަށް ހަދިޔާކޮށްފައެވެ.

 

އިއްޔެގެ ހަފުލާގައި ސްކޫލުގެ ކޮންމެ މުވައްޒަފަކަށް ރަންޔޫބީލް ލޯގޯގެ ރަމްޒީ ހަދިޔާ ދިނުން އޮތެވެ. އަދި ސްކޫލުގެ 50 ވަނަ އަހަރީ ދުވަހަށް ތައްޔާރުކޮށްފައި ހާއްސަ ލަވަ އިފްތިތާހުކުރުންވެސް އޮތެވެ. މިލަވަ ހުށަހަޅައިދިނީ ސްކޫލުގެ މުވައްޒަފުންނެވެ.


ސްކޫލުގެ 50 ވަނަ އަހަރީ ދުވަހަށް ތައްޔާރުކޮށްފައި ލަވަ ހައްދަވައިދެއްވީ ހއ. އުތީމު އާދަމް ޢަބްދުއްރަޙުމާނެވެ.

މި ހަފުލާގައި ސްކޫލަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ދެ މުވައްޒަފުން ކަމަށްވާ އިސްލާމް މުދައްރިސް އާމިނަތު ޢަބްދުއްސައްތާރު އަދި ދިވެހި މުދައްރިސް މޫސާ ޢަލީވަނީ ސްކޫލުގެ ހާލަތު ކުރީގައި އޮތްގޮތުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވައިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ