80000 މީހުންނަށް ގެދޮރު ލިބޭނެ ހިޔާ އިފްތިތާހްކޮށްފި — Ihavandhoo.com

80000 މީހުންނަށް ގެދޮރު ލިބޭނެ ހިޔާ އިފްތިތާހްކޮށްފި

18 ނޮވެމްބަރު 2017 0

80000 ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ބޯހިޔާވެހިކަމުގެ ދެމެހެއްޓެނެވި ހައްލުގެ މަޝްރޫއު، "ހިޔާ" ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީނާއި އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް މިރޭ އިފްތިތާފުކޮށްދެއްވައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ ފްލެޓްތަކުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ މިރޭ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 14 ބުރީގެ 62 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފުލެޓްތަކުގައި އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭނެ އެވެ.

ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން ސަރުކާރުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކާއި އެހެން ރައްޔިތުން ވެސް ހިމެނޭ ގޮތަށް އެއް ލައްކަ ރައްޔިތުންނަށް ބޯހިޔާވެހިކަން ހަމަޖެހިގެން ދާނެ އެވެ.

މި މަޝްރޫއުގައި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީއެސްއެމް، އެމްޓީސީސީ، އެމްއޭސީއެލް، އެސްޓީއޯ، އައިލެންޑް އޭވިއޭޝަން، ބީއެމްއެލް، އެމްޕީއެލް، ސްޓެލްކޯ، ފެނަކަ، އެމްޑަބްލިއުއެސްސީ، އިމިގްރޭޝަން، ކަސްޓަމްސް، ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީ އެވެ.  މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހުރިއްޔާ ވިދާޅުވެފައި ވަނީ 62 ޓަވަރުގެ ބިންގަލުގައި ބައިވެރިވެފައިވަނީ ކެޕިޓަލް ވަކިކޮށްފައިވާ މުއައްސަސާ ތަކާއި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ކަމަށެވެ. މިގޮތުން ޖުމުލް 22 ކުންފުއްޏަކާއި ރާއްޖޭން ބޭރުގެ 2 ކުންފުންޏެއް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަސްވަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. އަދި އެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އަޅާނެކަން އިއުލާން ކުރައްވާފައިވެ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ