ވެއްޓުނު ބޯޓުގެ ޑޭޓާ ރެކޯޑާ ކަނޑުން ނަގައިފި

12 ޖެނުއަރީ 2015 0

ބޯޓުގެ ކަޅުފޮށީގެ ޑޭޓާ ރެކޯޑަރ ޖަކާޓާއަށް ގެންދަނީ

އިންޑޮނީޝިއާއިން ސިންގަޕޫރަށް ދަތުރުކުރަނިކޮށް ޖާވާ ކަނޑަށް ވެއްޓުނު އެއާއޭޝިއާ މަތިންދާ ބޯޓުގެ ކަޅުފޮށީގެ ބައެއް ކަނޑުން ނަގައިފިއެވެ. މިއަދު ނަގާފައި ވަނީ ކަޅުފޮށީގައި ހިމެނޭ ފްލައިޓްގެ ޑޭޓާ ރެކޯޑާ އެވެ.

ނޭޝަނަލް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ޓީމުގައި ހިމެނޭ ޑައިވަރުން ބޯޓުގެ ކަޅުފޮށި ހޯދާފައި މިވަނީ ކަޅުފޮށިން ފޮނުވާ ސިގުނަލް ލިބުމުން، ކަޅުފޮށި ހޯދުމުގެ މަސައްކަތް އިތުރުކޮށްފައި ވަނިކޮށެވެ. އާއްމުކޮށް މަތިންދާ ބޯޓުގެ ފަހަތުކޮޅުގައި ހަރުކޮށްފައިވާ ކަޅު ފޮއްޓަކީ ބޯޓު ކަނޑަށް ވެއްޓުނު ނަމަވެސް ފެން ނުވަންނަ ގޮތަށް ހަދާފައިވާ އެއްޗެކެވެ. އަދި ދިމާވާ ކާރިސާއެއްގައި މޫދަށް ވެއްޓިއްޖެނަމަ، ކަޅުފޮށިން 30 ދުވަސްވަންދެން ސިގުނަލް ފޮނުވާނެއެވެ.

ބޯޓުގެ ކަޅު ފޮށީގައި ހިމެނޭ ފްލައިޓް ޑޭޓާ ރެކޯޑާ ފެނުމަކީ ބޯޓު ވެއްޓެން ދިމާވި ސަބަބު ހޯދުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށް އޮފިޝަލުން ބުނެ އެވެ. ފްލައިޓް ޑޭޓާ ރެކޯޑާރުގައި އެއާ ސްޕީޑާއި ބޯޓުގެ މިސްރާބު ފަދަ މުހިންމު މައުލޫމާތުތައް ރައްކާކޮށްފައި ހުންނާނެ އެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ