ބައެއް ކަހަލަ އިލެކްޓްރޯނިކް ގޭމް ތަކުން ޒުވާނުންގެ ދީނީދުނިޔެވީ ވާޖިބުއަދާ ކުރުމަށް ހުރަސް އެޅޭ - ހުކުރު ހުތުބާ — Ihavandhoo.com

ބައެއް ކަހަލަ އިލެކްޓްރޯނިކް ގޭމް ތަކުން ޒުވާނުންގެ ދީނީދުނިޔެވީ ވާޖިބުއަދާ ކުރުމަށް ހުރަސް އެޅޭ - ހުކުރު ހުތުބާ

15 ނޮވެމްބަރު 2019 0

ޒުވާނުންގެ ތެރޭގައި ވަރަށް ފޯރިއާއެކު ކުޅެމުން ގެންދާ ބައެއް އިލެކްޓްރޯނިކްސް ގޭމްސަތައްކަމަށްވާ ޕަބްޖީއާއި ޖަސްޓްކޯސް އާއި ޕޯކެމޯންގޯ އާއި ފޯޓްނައިޓް ފަދަގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔެވީ ވާޖިބުއަދާ ކުރުމަސް ހުރަސް އެޅުމުގެ އިތުރުން ތަފާތު އިތުރު ގެއްލުންތައް ކުރިމަތި ކުރުވާ ގޭމު ތަކެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ހުކުރުނަމާދުގެ ކުރިން ދިން ހުތުބާގައި ވިދާޅުވެފައިވާ ގޮތުގައި އިލެކްޓްރޯނިކް ގޭމްތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރައްވާފައިވާ ގޮތުގައި އެފަދަ ގޭމްކުޅޭ ޒުވާނުންގެ މެދުގައި ކުށްކުރުމާއި މީހުން މެރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ޚިޔާލު އަށަގަނެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލުވެސް އުފެދެއެވެ.

" ﷲ ހަނދުމަކުރުމުން އެއްކިބާ ކުރާ ކޮންމެ ކަމަކުން ދުރުހެލިވުން" މިމައުލޫގައި ދިން ހުތުބާގައި ގޭމްތަކަށް ދެވިހިފާމީހުންނާ ގުޅޭގޮތުން ވިދާޅުވެފައި ވަނީ އެފަދަ ޒުވާނުންގެ ކިބައިން މުރާލިކަން ކެނޑި ކަންނެތްކަން އަށަގަންނަ ކަމަށެވެ. ގޭމް ކުޅެން ގިނަވަގުތު ހޭދަކުރާއިރު އޮށޯވެ އޮވެވޭގޮތަކުން ނުވަތަ އިށީދެ އިނދެވޭ ގޮތަކުން ބުރަކަށީގައި ރިއްސާ ބުރަކަށި ގުދުވެމައިބަދައަށް ބޮޑެތި ގެއްލުންތައް ލިބޭކަމަށާއި ނޭގިހުއްޓަ ލޮލަށް ގެއްލުންތައް ލިބި ލޮލުގެ ފެނުމަށް އަސަރުކުރާކަމަށްވެސް ހުތުބާގައި ވިދާޅުވެފައި ވެއެވެ. ލޭގެ ޕްރެޝަރަށް ބަދަލުއައިސް ސިކުޑިއަށް ތަފާތު މައްސަލަތައް ކުރިމަތިވުމުގެ އިތުރުން މީހާގެ މިޒާޖަށް ބަދަލުއައިސް ދީނީ އަޚްލާޤީ މިންގަނޑު ފަހަނައަޅައި ހަވާނަފްސުގެ އަޅަކަށް މިހާވެދާކަން ހުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.

މާތް ﷲ އިންސާނާ ހައްދަވާފައި ވަނީ އެކަލާންގެއަށް އަޅުކަން ކުރުމަށްކަން ފާހަގަ ކުރައްވާ، މާތް ﷲ ވަނީ އެކަލާނގެއަށް ބޯލަނބާ ކިޔަމަން ވެވޭނެ ހުރިހާ މަގެއް އިންސާނާއަށް ފަހިކޮށްދެއްވާފައި ކަމަށް ހުތުބާގައި ވިދާޅުވިއެވެ. މުނިފޫހި ފިލުވުމުގެ ގޮތުން އިސްލާމީ އުސޫލުތަކާއި އަދަބުތަކާ ހިލާފުނުވާ ގޮތަށް ހެދިފައިވާ ގޭމުތައް ކުޅުމަށް އިސްލާމްދީން މަނާ ނުކުރާކަން ފާހަގަކުރައްވާ، ވަގުތު ބޭކާރު ކުރުމަކާނުލައި، ދަރިންގެ އަހުލާގާއި ސުލޫކަށް ހެޔޮބަދަލުތައް އަންނަ، ދަރިންގެ ޢިލްމީ ފެންވަރު ރަނގަލުވެ، ވިސްނުންތަރައްޤީވާފަދަ ގޭމުތައް ކުޅުމަށް މައިންބަފައިން ދަރިންނަށް ފުރުސަތު ދިނުމަކީ އެދެވިގެންވާ ކަމެއްކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ.  

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ