ބަނޑަހައަށް ބިން އިތުރުކޮށްދީ ކުލީ މުއްދަތު އިތުރުކުރުމަށް ކައުންސިލަށް މަޖުބޫރުކުރިކަން ހާމަވެއްޖެ — Ihavandhoo.com

ބަނޑަހައަށް ބިން އިތުރުކޮށްދީ ކުލީ މުއްދަތު އިތުރުކުރުމަށް ކައުންސިލަށް މަޖުބޫރުކުރިކަން ހާމަވެއްޖެ

2 ފެބުރުއަރީ 2018 1

 

އިހަވަންދޫ ރައްޔިތުންގެ ތެޔޮ ފިހާރައެއް ކަމުގައިވާ "ބަނޑަހަ"، ކުއްޔަށް ނަގާފައިވާ ފަރާތަށް، ބަނޑަހައިގެ އިރުމަތީ ފަރާތުން 2000 އަކަ ފޫޓްގެ ބިން އިތުރުކޮށްދިނުމަށާއި، އަދި ބަނޑަހައިގެ ކުލީ މުއްދަތު އިތުރު 10 އަހަރަށް އިތުރުކުރުމަށް، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އިހަވަންދޫ ކައުންސިލަށް އަންގައި މަޖުބޫރުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ބަނޑަހައިގެ އިރުމަތީ ފަރާތުން ބިން އިތުރުކުރުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެންގުމުގެ ކުރިން، ބަނޑަހައިގެ އިރުމަތީ ފަރާތުގައި ހަދާފައި ހުރި ނަލަ މައިޒާން (ޓިނު ހަރުގެ) އެ ތަނުން ނެގުމަށް ވެސް އެ އޮތޯރިޓީން އަންގާފައިވާކަމަށްވެއެވެ. މަޢުލޫމާތުލިބިފައިވާ ގޮތުގައި ނަލަ މައިޒާން ހަދާފައި ވަނީ ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން މައިޒާނެއްގެ ގޮތުގައި ރަޖިސްޓްރީކުރެވި ހުއްދަވެސް ހޯދައިގެންނެވެ.

ބަނޑަހައަށް ބިން އިތުރުކޮށްދީ ކުލީ މުއްދަތު އިތުރުކުރުމަށް ބަނޑަހަ ކުއްޔަށް ހިފާފައިވާ ފަރާތުން ކައުންސިލަށް ހުށަހަޅާފައި ނުވާއިރު، ސީދާ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އަމިއްލައަށް ފެނިގެން އެފަދަ އެންގުމެއް ކައުންސިލަށް އަންގަން ޖެހުނު ސަބަބު ސާފުވާ ގޮތެއް ނުވިއެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ މި އެންގުމަށް ކައުންސިލުން ތަބާވެފައި ނުވާއިރު، އޭގެ ފަހުން ވަނީ އިހަވަންދޫން ގޯތި ދޫކުރުމަށް ކައުންސިލުން ކުރި މަސައްކަތް އެ އޮތޯރިޓީން ހުއްޓުވާފައެވެ. އަދި އެ އޮތޯރިޓީގެ ހުއްދަ ނެތި ވަގުތީ އޮޑި ހަރުގެވަޅު ދޫކުރުން ވެސް ވަނީ މަނާކޮށްފައެވެ.

ސަރުކާރު ބޭނުމަކަށް ނުވަތަ ރައްޔިތު ބޭނުމަކަށް ނުވަތަ އިޖުތިމާޢީ ބޭނުމަކަށް ނުވަތަ ވަގުތީ އޮޑިހަރުގެވަޅު ހެދުމަށް ނުވަތަ ދަނޑު ހެއްދުން ފަދަ ކަންކަމަށް ފިޔަވައި، އެހެނިހެން ވިޔަފާރި ބޭނުންތަކަށް ދައުލަތުގެ ބިން، އާންމު ބީލަމަކަށް ހުޅުވައިލުމެއް ނެތި ދޫކުރުމަކީ ޤާނޫނީ ގޮތުން ކަނޑައެޅިގެން މަނާކަމެއް ކަމުގައި ވީހިނދު، މިފަދަ ޣައިރުޤާނޫނީ ޢަމަލެއް ކުރުމަށް އިހަވަންދޫ ކައުންސިލަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އަންގާފައި ވާތީ އެ މައްސަލަ ކަމާގުޅުން ހުރި މުޢައްސަސާތަކަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

ބަނޑަހަ ކުއްޔަށް ހިފާފައިވާ ފަރާތުން، އެއްބަސްވުމާ ޚިލާފަށް އަދި އުޞޫލުތަކުގެ ބޭރުން ބަނޑަހާގައި އިންޕޯޓް މުދާ ވިއްކާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ބަލަ ޓިނު އެއްވެސް ތާކު ހުއްދައް ނެތި އަޅާފަ ހުރިތަނަކީީ ކުއްޔެއްވެސް ދައްކާތަނުން ކީއްތޯ ބިން އެންމެ އުފެންދުންތެރިކަމާއިއެކު ޤައުމަށްށާއި އިހަވަންދޫ ރައްޔިތުންނަށް ފައިދާ ވާގޮތަށް ބޭނުން ކުރިއްޔާ!!!!

– 8 ފެބުރުއަރީ 2018 0