ބަނދަރުގެ ވެލިގަނޑުން ވެލި ދޫކުރުމުގެ އުސޫލު އާންމުކޮށްފި — Ihavandhoo.com

ބަނދަރުގެ ވެލިގަނޑުން ވެލި ދޫކުރުމުގެ އުސޫލު އާންމުކޮށްފި

23 ޖެނުއަރީ 2020 0

އިހަވަންދޫ ބަނދަރު.

އިހަވަންދޫ ބަނދަރުގެ އިރު އުތުރު ކަނުގައި ހެދިފައިވާ ވެލިގަނޑުން ވެލި ދޫކުރުމުގެ އުސޫލު އާންމުކޮށް، ވެލި ދޫކުރުމުގެ ތައްޔާރިތައް ވެއްޖެއެވެ.

އިހަވަންދޫ ބަނދަރުގައި ހެދިފައިވާ ވެލިގަނޑުން ވެލި ނެގުމަށް ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން ވެލި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ވެލި ނެގުމަށް ނަންނޯޓް ކޮށްފައިވާ ތަރުތީބުން ކޮންމެ ދުވަހަކު 10 ފަރާތަކަށް، ވެލިދޫކުރުމަށް ކަނޑައަޅައި، އާންމުކޮށްފައިވާ އުޞޫލުގެ ދަށުންނެވެ.

އިހަވަންދޫ ކައުންސިލުން ބުނީ މިހާރު ނަންނޯޓް ކޮށްފައިވާ ފަރާތްތަށް ފިޔަވައި، ވެލި ބޭނުންވާ އިތުރު ފަރާތްތަކަށްވެސް ވެލިދޫކުރުމަށް ވަނީ ނިންމާފައިވާކަމަށެވެ. މިހާރު ނަން ނޯޓްކޮށްފައިވާ ފަރާތްތަށް ފިޔަވައި، ވެލި ބޭނުންވާ އިތުރު ފަރާތްތަކުން މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކައުންސިލް އިދާރާގައި ނޯޓްކުރުމަށް އެކައުންސިލުންވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ބަނދަރުގެ ތެރޭގައި އިރު އިތުރު ކަނުގައި އޮތް ވެލިގަނޑުން ވެލި ދޫކުރުމަށް އިހަވަންދޫ ކައުންސިލުން އާންމުކޮށްފައިވާ އުޞޫލުގައިވާ ގޮތުން ވެލި ދޫކުރެވޭނީ ކޮންމެ ގޭބިސީއަކަށް 150 ގޯނީގެ ރޭޓުންނެވެ. ވެލި އަޅަން ބޭނުން ކުރަން ވާނީ ހިލަ ނުވަތަ ހިލަވެލި ހުސްކުރި ގޯންޏަށްކަމަށް އެ އުޞޫލުގައިވެއެވެ. ވެލިނެގުމަށްފަހު ނަގާވެލި ބަނދަރު މަތީ އެއްކޮށްފައި ނުބެހެއްޓޭނެކަށާ އެ ގޮތަށް ބަނދަރުމަތީ ބެހެއްޓޭނީ ވެލި ނަގަން ފުރުޞަތުލިބޭ ދުވަހެއްގެ ރޭގަނޑު 22:00 އާ ހަމައަށްކަމަށާއި ނަގާ ވެލި ދީފައިވާ ގަޑީގެ ކުރިން ބަނދަރުން ހުސްކުރަން ވާނެކަމަށްވެސް އެ އުޞޫލުގައި ބުނެއެވެ.

އެ އުޞޫލުގައި އިތުރަށް ބުނަނީ ވެލި ބަނދަރުން ގެންދިއުމުގެ ކުރިން، ވެލި ދޫކުރުމުގެ މަސައްކަތުގައި އުޅުއްވާ ކައުންސިލް އިދާރާގެ ފަރާތްތަކަށްދައްކައި ގޯނީގެ އަދަދު ބަލައި، އެފަރާތުގެ ހުއްދަ ހޯދަން ވާނެކަމަށެވެ. އަދި ގޯންޏައް ވެލި އަޅާނެ މިންވަރެއް އެނގޭނީ ވެލި ނަގާ ފަރާތަށްކަމަށާއި، ގޯނީގެ އަދަދު ގުނާއިރު ގޯންޏައް ވެލި އަޅާ މިންވަރެއް ކައުންސިލް އިދާރާއިން ނުބަލާނެކަމަށާއި، ކިތަންމެ މަދުން ވެލި އެޅިފައި ހުއްޓަސް އަދަދު ގުނާއިރު ގޯނި ގުނޭނެކަމަށްވެސް އެ އުޞޫލުބުނެވެ.

ކައުންސިލް އިދާރާއިން އަންގާ ދުވަހު ވެލި ނަގަން ހާޟިރުނުވެވޭ ނަމަ، އެކަން ކައުންސިލް އިދާރާއަށް އަންގަންވާނެކަމަށާއި، އެ ގޮތަށް ހާޟިރު ނުވެވިއްޖެ ނަމަ، އެފަރާތަކަށް އިތުރަށް ދެވޭނީ އެންމެ ފުރުޞަތުކަމަށް އެ އުޞޫލު ބުނެއެވެ. ވެލި ނެގުމަށް ނަން ނޯޓްކޮށްފައިވާ ތަރުތީބުން ވެލި ދޫކުރަން ހަމަޖެހިފައިވާ ދުވަސް އެފަރާތްތަކަށް ގުޅައި އެންގޭނެކަމަށް އެ އުޞޫލް ބުނެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ