ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ހިދުމަތް ހއ. ކެލާ އަދި ބާރަށަށް — Ihavandhoo.com

ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ހިދުމަތް ހއ. ކެލާ އަދި ބާރަށަށް

15 ސެޕްޓެމްބަރު 2019 0

ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. ކެލާ އާއި ބާރަށުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ގާއިމްކޮށްފިއެވެ.

މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިންގ ޚިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މުހިންމު ފިޔަވަޅެއް އެޅިއްޖެ ކަމަށާއި ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި މަގްބޫލުކަން ލިބެމުން އަންނަ ހއ. އަތޮޅަށާއި، ފަރުދުންނާއި ވިޔަފާރިތަކާއި މި ދެ ރަށުގެ ރައްޔިތުންނަށް މި އޭޓީއެމް ސެންޓަރތައް މެދުވެރިކޮށް ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ހޯދައިދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއާއެކު ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް، ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ޓިމް ވިދާޅުވިއެވެ.

މި ހިދުމަތާއެކު، ހއ. ގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ދޭ ރަށްތަކުގެ އަދަދު 5 އަށް އެރީއެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ޤާއިމްކޮށްފައިވާ 3 ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5500 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ