ކުއްލި ޚަބަރު: ގޯތި ދޫކުރުން އޭސީސީން ހުއްޓުވައިފި

 

އިހަވަންދޫން ގޯތި ދޫކުރުމަށް ކޮށްފައިވާ އިއުލާނު ބާތިލުކުރުމަށްފަހު، ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ އުސޫލު އިސްލާހުކޮށް، އަލުން އިއުލާނުކޮށްގެން ގޯތި ދޫކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް އިހަވަންދޫ ކައުންސިލް އިދާރާ އާއި މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއަށް އެންގެވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމަވައިފިއެވެ.

އޭސީސީން މި ގޮތަށް ނިންމެވީ، ހއ. އިހަވަންދޫ / މަތިވައްގެ، މުޙައްމަދު ވިޝާހު އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ތަހުގީގުކުރުމަށް ފަހު އެ ކޮމިޝަނުން އިއްޔެ ނިންމެވި ނިންމެވުމުގައެވެ.

ވިޝާހު ހުށަހެޅި މައްސަލާގައި، ގޯތި ދޫކުރުމަށް އިހަވަންދޫ ކައުންސިލް އިދާރާއިން ކުރައްވަމުން ގެންދެވި މަސައްކަތުގައި ހަދާފައިވާ ކަމަށް ފާހަގަވާ މައިގަނޑު 8 ގޯހެއް ފާހަގަކޮށްފައި ވާނެ ކަމަށް، ވިޝާހު މި ނޫހަށް ވިދާޅުވިއެވެ.

އޭސީސީގެ ނިންމެވުމުގެ ކޮޕީއެއް މި ނޫހަށް ލިބިފައިވާއިރު، އެ ނިންމެވުމުގައި ބަޔާންކޮށްފައި ވަނީ "ގޯއްޗަށް އެދޭ ފަރާތްތަކުގެ މައުލޫމާތުތަކަށް އަންނަ އުނިއިތުރު ބަލާނެ ތާރީހު ގޯތި ދިނުމަށް ކުރި އިއުލާނުގެ އެކި ތަންތަނުގައި އެކިގޮތަށް ބަޔާންކޮށްފައި ވާތީ އާއި، އެގޮތަށް އަންނަ އުނިއިތުރު ގޯތި ދޭ ތާރީހާ ހަމައަށް ބަލާނަމަ، ގޯތި ދޭ ދުވަހު އެ މައުލޫމާތުތައް ސާފުކޮށް، ގޯއްޗަށް އެދޭ ފަރާތްތަކަށް ލިބޭ ޕޮއިންޓްގެ އަދަދުތައް އިސްލާހުކޮށްގެން ހަމަ އެ ދުވަހު ގޯތި ދޭން ޖެހޭނެތީ، އެކަމަކީ އެ ގޮތަށް ކުރެވޭނެ ކަމެއްކަމަށް ނުވުމާއެކު، އެ އިއުލާނު ބާތިލުކުރުމަށްފަހު، ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ އުސޫލު އިސްލާހުކޮށް، އަލުން އިއުލާނުކޮށްގެން ގޯތި ދޫކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ހއ. އިހަވަންދޫ ކައުންސިލް އިދާރާ އާއި މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ" އަށް ދަންނަވާކަމަށެވެ.

އެ ނިންމެވުމުގައި ފާހަގަކުރައްވާފައިވާ އަނެއް ނުކުތާއަކީ "ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމަށް އާންމުކޮށްފައިވާ އިއުލާނުގައި ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު (ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އެކި ބައިތަކަށް ލިބުނު ޕޮއިންޓްގެ އަދަދު ވަކިން އެނގޭގޮތަށް) ބަޔާންކޮށްފައި ނުވުމާއެކު، އެ މައުލޫމާތުތައް އެނގިގެން ނޫނީ ޝަކުވާ ހުށަހަޅަން އެނގޭނެކަމަށް ނުފެންނާތީ، ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާ ބެހޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލާއިރު، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އެކި ބައިތަކަށް ލިބުނު ޕޮއިންޓްގެ އަދަދު ފޯމު ހުށަހެޅި ފަރާތަށް ވަކިން އެނގޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު އިއުލާނުކުރުމަށް ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާ" އަށް ދަންނަވާކަމަށެވެ.

މީގެ އިތުރުން އެ ނިންމެވުމުގައި ދެން ފާހަގަކޮށްފައި ވަނީ "މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް" ކަނޑައަޅާކަމަށެވެ.

އޭސީސީގެ މުޅި ނިންމެވުމަށް ބަލާއިރު ޖުމްލަގޮތެއްގައި އޭސީސީން ތަފްސީލުކޮށް ތަހުގީގުކޮށްފައި ވަނީ، ގޯއްޗަށް އެދި ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި، ގޯތި ދޫކުރުމަށް ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ އުސޫލާ ފުށުއަރާ ގޮތަށް ޕޮއިންޓް ދީފައިވާ ކަމަށް ފާހަގަވާ މައްސަލައެވެ.

"އަޅުގަނޑު ހުށަހެޅި މައްސަލާގައި ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ހިންގާފައިވާކަމަށް ކަށަވަރު ކުރެވޭ ގިނަ ޖަރީމާތަކެއް ފާހަގަކޮށްފައި ވާނެ. މައްސަލަ ނިންމެވިއިރު އެ ޖަރީމާތައް ތަހުގީގުކޮށްފައެއް ނެތް. އެ ޖަރީމާތަކާމެދު ގޮތްތަކެއް ނިންމަވާފައެއް ނެތް. އެ ޖަރީމާތައް ތަހުގީގު ނުކޮށް ކޮރަޕްޝަންގެ ކުށެއް ނެތް ކަމަށް ނިންމާފައި ވާތީ ވަރަށް ބޮޑަށް ކަންބޮޑުވޭ" މައްސަލަ ހުށަހެޅި މުޙައްމަދު ވިޝާހު މި ނޫހަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ "އަޅުގަނޑު ގަބޫލުކުރަނީ، ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ބަޔަކު ބޮޑެތިސިންގާ އެތައް ޖަރީމާއެއް ހިންގާފައިވާއިރު އެ ޖަރީމާތަކުގެ ތެރެއިން ކުޑަކުޑަ ތަންފުކެއް ތަހުގީގުކޮށްފަ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާކަމަށް ސިއްކަ ޖަހާފަ އަލުން އިއުލާނު ކުރަން އޭސީސީން އަންގާފައި ވަނީ ބަޔަކު މޫނުގަ އަނދުން އަޅުވައިފަ ހިންގާފައިވާ ޖަރީމާތައް އޮއްބައިލާ ވަކި ބަޔަކު ސަލާމަތްކުރަން" ކަމަށެވެ.

ވިޝާހު ނިންމާލަމުން ވިދާޅުވީ "ޕޮެއިންޓް ދިނުމުގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގުކޮށްދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް އަލުން ހުށަހަޅާނެ" ކަމަށެވެ.

އިހަވަންދޫން ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ކަންކޮށްފައިވާ ގޮތުން އިހަވަންދޫގައި ވަނީ ބޮޑު ފިތުނައެއް އުފެދިފައެވެ. އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ލިޔެކިއުމަށް ބަލާއިރުވެސް ކައިވެނިކޮށްގެން ތިބި ބައެއް މީހުންނަށް ކައިވެނީގެ ބައިން ޕޮއިންޓް ދީފައި ނުވާކަން ވަނީ ހާމަވެފައެވެ.

ޕޮއިންޓް ދިނުމުގައި ހަދާފައިވާ ގޯސްތަކުގެ މައްޗަށް ބިނާކޮށް މީގެ ކުރިން މި ނޫހުން ވަނީ ދިގު ރިޕޯޓެއް ވެސް ގެނެސް ދީފައެވެ.

ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ