ކެނޯއެއްގައި ކުޅުދުއްފުއްޓަށް އެރި ދެމީހަކު ހައްޔަރުކޮށްފި

20 އޭޕުރީލު 2020 0

ކުޅުދުއްފުށި ސިޓީ

ކޮވިޑް-19 ފެތުރެމުންދާތީ، ރާއްޖޭގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ އެނގުމާއި ޚިލާފަށް، ހުއްދަ ނުހޯދާ ހދ. ކުޅުދުއްފުއްޓަށް އެރި ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރާއި 30 އަހަރުގެ މީހެއް ކަމަށެވެ. އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވާ މިދަނޑިވަޅުގައި ކުޅުދުއްފުއްޓަށް އަރާފައި ވަނީ ހދ. ނޮޅިވަރަން ހުޅަނގު ފަރާތުން ކެނޯ އެއްގައި އައި ދެމީހުން ހދ. ކުޅުދުއްފުށި ސިޓީ އެއަރޕޯޓު ރަންވޭ ހުޅަނގު ކޮޅަށް ކެނޯ ބަންޑުން ޖަހާލާފައިވާ ކަމަށް ބުނެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ދެމީހުން ކުޅުދުއްފުއްޓަށް އެރިއިރު އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި މިމީހުން ކެނޯގައި ދަތުރުކޮށްފައި ވަނީ ކެނޯގެ ވެރިފަރާތުގެ ހުއްދަވެސް ނުހޯދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް އެއްރަށުން އަނެއް ރަށަށް އެރުން މިހާރު ވަނީ މަނާކޮށްފަ އެވެ. ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ މާލެ އިން ކޮވިޑް-19 ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔަ ހިސާބުންނެވެ.

މުޅި ރާއްޖެ އިން މިހާތަނަށް މި ބަލީގެ 52 މީހުން ފެނިފައިވާއިރު އޭގެ ތެރެއިން 32 ފެނިފައި ވަނީ މާލެ އިންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ