ކޮމަންވެލްތާއި އަލުން ގުޅުމަށް ކެބިނެޓުން ނިންމައިފި — Ihavandhoo.com

ކޮމަންވެލްތާއި އަލުން ގުޅުމަށް ކެބިނެޓުން ނިންމައިފި

19 ނޮވެމްބަރު 2018 0

ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ކެބިނެޓުން މިއަދު ނިންމައިފި އެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމާ މެދު ގޮތެއް ނިންމެވުމަށްޓަކައި ކުރެވުނު މަޝްވަރާގައި، ކޮމަންވެލްތުގައި ރާއްޖެ އޮތުމުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އެކި ދާއިރާތަކުން ފަހިވާ ފުރުސަތުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަ ކުރެއްވިއެވެ. ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ލިބޭ ސްކޮލަޝިޕް ފުރުސަތުތަކާއި، ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތައް ފާހަގަ ކުރެއްވިއެވެ.

 މީގެ އިތުރުން، ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި، ހުރިހާ ދާއިރާއަކުންވެސް އެހެން ޤައުމުތަކާ އެއް ހަމައެއްގައި ދިވެހިރާއްޖެއިން ފައިތިލަ ސާބިތު ކުރުމުގައި ކޮމަންވެލްތު ގެ މެންބަރެއްގެ ގޮތުގައި އޮތުމުގެ މުހިންމުކަން ވަޒީރުން ފާހަގަ ކުރެއްވިއެވެ. މިގޮތުން ޑިމޮކްރެސީ ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކުރުމުގައި ކޮމަންވެލްތުގެ ދައުރު ވަޒީރުން ފާހަގަ ކުރެއްވިއެވެ.

 މީގެއިތުރުން ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރާ މަސައްކަތުގައި ކޮމަންވެލްތްގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކާ ބެހޭ ގޮތުންވެސް ވަޒީރުން މިއަދު މަޝްވަރާ ކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައި ކުރަން ނިންމާފައިވާ ކަންކަން ހިމެނޭ އެޖެންޑާގައި، ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރުމަށް ހުށަހެޅުން ހިމެނެއެވެ.

ކޮމަންވެލްތާ ރާއްޖެ ގުޅުނީ 9 ޖުލައި  1982 ވަނަ އަހަރުއެވެ. ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު އެ ޖަމިއްޔާއިން ރާއްޖެ ވަކިވީ 13 އޮކްޓޫބަރު 2016 ގަ އެވެ. އެ ޖަމާއަތުން ރާއްޖެ ވަކިވުމުގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން އޭރު ދެއްކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު ތަފާތުކޮށް ކަންކަން ކުރުމެވެ.

ރައީސުލްޖުމުހުރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ކޮމަންވެލްތްގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝަވަރާގެ މަތީން ނިންމުމާއި ގުޅިގެން އެކަމަށްޓަކައި ޤާނޫނީ ގޮތުން ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް، އެކަންކަމާ ގުޅޭ އިދާރާތަކުން މިހާރު ކުރިއަށް އެބަ ގެންދަވައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ