ކައުންސިލަރުން ސަސްޕެންޑްކުރީ އިހަވަންދޫ ޖަލްސާ ހުއްޓުވަން – ގުޅިފައިވާ ޕާޓީތައް — Ihavandhoo.com

ކައުންސިލަރުން ސަސްޕެންޑްކުރީ އިހަވަންދޫ ޖަލްސާ ހުއްޓުވަން – ގުޅިފައިވާ ޕާޓީތައް

1 ފެބުރުއަރީ 2018 1

ހއ. އިހަވަންދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކުރީ ގުޅިފައިވާ ޕާޓީ ތަކުން އިހަވަންދޫގައި މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ހުރަސްއަޅަން ކަމަށާއި، ނަމަވެސް މިހާރު އިންތިޒާމު ކޮށްފައިވާ ވަރަށްވުރެ ވަރުގަދައަށް އިހަވަންދޫ ޖަލްސާ ކުރިއަށް ގެންދާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުން ބުނެފި އެވެ. ގުޅިފައިވާ ޕާޓީ ތަކުގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިހަވަންދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރީ އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށެވެ. ކައުންސިލަރުން ސަސްޕެންޑް ކުރީ ގުޅިފައިވާ ޕާޓީ ތަކަށް މުޅި ރާއްޖޭގައި ހާއްސަކޮށް އިހަވަންދޫގައި އޮތް ތާއީދު ފެނި ރައީސް އެކަން ހަޖަމުވެވަޑައިނުގަތުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑް ކޮށްގެން ގުޅިފައިވާ ޕާޓީ ތަކުގެ ޖަލްސާ ހުއްޓުވޭނެ ކަމަށް ހީވިޔަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގުޅިފައިވާ ޕާޓީ ތަކަށް ނިސްބަތްވާ އެއް ބޭފުޅަކަށް ފިޔަވަޅު އަޅާއިރު ދެން ތިއްބެވި ހުރިހާ ބޭފުޅުން މަސައްކަތުގައި ނިކުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުގެ ކައުންސިލަރުން ސަސްޕެންޑް ކުރަމުން ގެންދަނީ ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތައް އަތޮޅު ތެރޭގައި ހިންގަމުންދާއިރު އެކަމުގައި ރަށްރަށުގެ ކައުންސިލަރުން އިސް ދައުރެއް އަދާކުރާތީ ކައުންސިލަރުންނަށް ބިރުދައްކާ، ފަހަތަށް ޖެއްސުމަށް ކަމަށެވެ. ނަމަވެސް އެލްޖީއޭއާއި ސަރުކާރުން ދައްކާ އެއްވެސް ބިރަކަށް ގުޅިފައިވާ ޕާޓީ ތަކަށް ނިސްބަތްވާ އެއްވެސް ކައުންސިލަރަކު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުގެ އެޑްވާންސް ޓީމު މިހާރު އިހަވަންދޫއަށް ގޮސް ޖަލްސާގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އަދި މިއަދާއި މާދަމާވެސް ގުޅިފައިވާ ޕާޓީ ތަކުގެ އިސް ބޭފުޅުން އިހަވަންދޫއަށް ވަޑައިގަންނަވަމުން ގެންދަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

އެލްޖީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ކައުންސިލަރުން ސަސްޕެންޑްކުރީ އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހުގެ މުނާސަބާތާއިގުޅިގެން ކައުންސިލުން އަމަލުކޮށްފައިވަނީ ޤައުމީފެންވަރުގައި ކައުންސިލަކުން އަމަލުކޮށްގެންވާނޭފަދަ ގޮތަކަށް ނޫންކަމަށާއި، ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވަނީ މުޖުތަމައުގެ ހަމަޖެހުންގެއްލި، ސަރުކާރު ބަދުނާމުވާނެފަދަ ގޮތަކަށް ކަމަށާއި އަދި އެފަދަ މުނާސަބާތަކާއިގުޅިގެން ސަރުކާރުގެ އިދާރަތަކަށް ދޭންޖެހޭ އެއްބާރުލުންދިނުމުގެ ރޫޙު ކައުންސިލްގެ މެމްބަރުންގެ ކިބައިން ނުފެންނަކަމަށް އެލްޖީއޭގެ ބޯޑަށް ފެނުމުންކަމުގައެވެ.

ފާހަގަކުރެވޭގޮތުގައި ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާ މިދަނޑިވަޅަކީ އިހަވަންދޫގައި، އިދިކޮޅު ފަރާތްތަކުން ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެކެވެ. ހުކުރުދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިޖަލްސާގެ ތައްޔާރީ ތަކުގައި 5 ކައުންސިލަރުންވެސްދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން ގުޅިފައިވާ ޕާޓީތަކުން ބާއްވަން އުޅޭ ޖަލްސާއަށް ތަންތައްޔާރު ކުރަން އުޅުނު ފެނަކަ މުވައްޒަފެއް ކުއްލި ގޮތަކަށް ގދ. މަޑަވެއްޔަށް ފޮނުވާލަންވެސްވަނީ ނިންމާފައެވެ. މިރަށު ޖަވާހިރުމާގޭ، ޢަބްދުލް އަލީމް ހަސަން ގދ. މަޑަވެލީ ފެނަކަ ބްރާންޗަށް ބަދަލު ކުރިކަން އަންގައި އޭނާއަށް ވަނީ ބުދަ ދުވަހު ޗިޓް ހަވާލުކޮށްފައެވެ. އެޗިޓްގައި ބުނެފައިވަނީ މިމަހުގެ 5 އިން ފެށިގެން މަޑަވެލީ ފެނަކަ ބްރާންޗަށް ބަދަލުކުރި ކަމަށާއި އެބަދަލަކީ ޑިޕާޓްމަންޓަށް ގެނެވުނު ބަދަލެއްގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޖަލްސާ ހުއްޓޭހޭ އެމީހުން ސަސްޕެންޑްވީމަ؟ އަތްފައިވެސް ބުރިވަނީތަ ސަސްޕެންޑްވީމަ؟ ބަލަގަ ފަސޭހައެއް ނޫންތަވާނި ޖަލްސާ ތައްޔަރުކުރުމަށާއި އެހެންކަންކަމުގަ އުޅެން؟ ކޮންމެކަމެއް ވާނެ ސިޔާސީ ކުރަން

– 1 ފެބުރުއަރީ 2018 2