ދެޝަހާދަތަށްފަހުގައި އެންމެ މާތް ޢަމަލު -ދަލާއިލުއްތައުޙީދި 17 — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ދެޝަހާދަތަށްފަހުގައި އެންމެ މާތް ޢަމަލު -ދަލާއިލުއްތައުޙީދި 17

 28- ދެޝަހާދަތަށްފަހުގައި އެންމެ މާތް ޢަމަލަކީ ކޮބާ؟

ޖަވާބު: ދެޝަހާދަތަށްފަހުގައި އެންމެ މާތް ޢަމަލަކީ ފަރްޟު ފަސް ނަމާދެވެ. އެނަމާދުގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތައްވެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ޝަރުޠަކީ އިސްލާމަކު ކަމުގައިވުމެވެ. އަދި ބުއްދި ސަލާމަތުން ހުރުމާއި، ތަންދޮރު އެނގިފައިވުމާއި، ދެ ޙަދަޘުން ޠާހިރުވެގެންވުމާއި، ނަޖިސް ފިލުވައިލައިގެން ހުރުމާއި، ޢައުރަ ނިވާކުރުމާއި، ޤިބްލައަށް ކުރިމަތިލުމާއި، ވަޤުތުވަނުމާއި ނަމާދަށް ނިޔަތްގަތުމަކީވެސް ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ.

ނަމާދުގައި ސާދަ ރުކުންވެއެވެ. އެއީ ކުޅަދާނަވެގެންވާ މީހާ ފަރުޟުނަމާދަށް ކޮޅަށްހުރުމާއި، ޙަރަމްބަން ތަކްބީރު ކިޔުމާއި، ފާތިޙާ ސޫރަތް ކިޔެވުމާއި، ރުކޫޢުކުރުމާއި، ރުކޫޢުން ތެދުވުމާއި، ހަތް ގުނަވަނުގެ މައްޗަށް ސަޖިދަކުރުމާއި، ސަޖިދައިން ތެދުވުމާއި، ދެސަޖިދަ ދެމެދު އިނުމާއި، މިރުކުންތައް ހަމަޖެހިގެން އަވަސްއަރައިނުގަނެ ކުރުމާއި، މިރުކުންތައް ތަރުތީބުން ކުރުމާއި، ފަހު އައްތަޙިއްޔާތާއި، ފަހު އައްތަޙިއްޔާތަށް އިށިއިނދެ އިނުމާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމާއި، ސަލާމްދިނުމެވެ.

ނަމާދުގެ ވާޖިބުތައް އަށެކެވެ. އެއީ ޙަރަމްބަން ތަކްބީރު ފިޔަވައި ދެން ކިޔާ ހުރިހާ ތަކްބީރެއް ކިޔުމާއި، ރުކޫގައި سُبْحَانَ رَبِّيَ الْعَظِيمِ ކިޔުމާއި، އިމާމަކު އަދި އެކަނި ނަމާދުކުރާ މީހަކު ނަމަ سَمِعَ الله لِمَنْ حَمِدَهُ އަދި އިމާމަކު ނުވަތަ އެކަނި ނަމާދުކުރާ މީހަކު ނުވަތަ މައުމޫމަކު ނަމަ رَبَّنَا لَكَ الْحَمْدُ  ކިޔުމާއި ސަޖިދާގައި سُبْحَانَ رَبِّيَ الْأَعْلَى ކިޔުމާއި، ދެސަޖިދަ ދެމެދު އިންނައިރު رَبِّ اغْفِرْ لِي ކިޔުމާއި ފުރަތަމަ އައްތަޙިއްޔާތު ކިޔުމާއި، ފުރަތަމަ އައްތަޙިއްޔާތަށް އިށިއިނދެ އިނުމެވެ. މިނޫން ހުރިހާ ކަމަކީ ނަމާދުގެ ސުންނަތްތަކެވެ. އެއީ ދުލުން ކިޔާތަކެތި ނުވަތަ ކުރާ ޙަރަކާތްތައް ކަމުގައިވިޔަސްމެއެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

ދަލާއިލުއް ތައުޙީދި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ