ދިއްދޫ ހިމެނޭހެން 3 އަތޮޅު ހޮސްޕިޓަލެއްގައި އައު ހޮސްޕިޓަލް އަޅަނީ

28 ފެބުރުއަރީ 2020 0

ހއ. އަތޮޅު ހޮސްޕިޓަލްެގެ އައު އިމާރާތުގެ ކުރެހުން

ރާއްޖޭގެ ތިން އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީޒްތަކުގެ ތެރޭގައި ހިމަނައިގެން 55 އެނދުގެ އައު ހޮސްޕިޓަލްތައް އެޅުމަށް ނިންމައި އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީސްތައް ތައާރަފްކޮށްފިއެވެ.

އިއްޔެ މާގިރި ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލާއި، އޭދަފުށީގައި ހުންނަ ބ އަތޮޅު ހޮސްޕިޓަލާއި، ކުޑަހުވަދޫގައި ހުންނަ ދ އަތޮޅު ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީސްތައް ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބުދުﷲ އަމީނެވެ.

މިހާރު އެތިން އަތޮޅުގެ އަތޮޅު ހޮސްޕިޓަލް ހިންގުމުގައި މިވަގުތު ހަވާލުވެ ތިއްބެވި މެނޭޖަރުންވެސް ވަނީ ބައިވެރިވެ ވާހަކަފުޅު ދައްކަވާފައެވެ.

އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީޒްތަކުގައި ހިމެނިގެން މުޅިން އައު ހޮސްޕިޓަލްތައް އިމާރާތްކޮށް، އިތުރު ޚިދުމަތްތައް ތަޢާރަފްކުރާނެކަމުގައި ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މި ތިން ހޮސްޕިޓަލްވެސް ފަރުމާކޮށްފައިވަނީ ޒަމާނާއި އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލްތަކެއްގެ ގޮތުގައި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މި ހޮސްޕިޓަލްތައް ޤާއިމްކޮށް ނިމޭއިރު އެ ތަންތާގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، 6 ޕްރައިވެޓްރޫމްގެ އިތުރުން 3 އެނދުގެ އެންއައިސީޔޫ، 3 އެނދުގެ އައިސީޔޫ، 2 އޮޕަރޭޝަން ތިއޭޓަރ އަދި 12 އެނދުގެ 8 ވޯޑު ހިމެނިގެންދާނެ ކަމަށާއި، އަދި މީގެ އިތުރުން ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދޭނެ އިންތިޒާމްތައްވެސް ހުންނާނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މިތިން ހޮސްޕިޓަލްގެ މަސައްކަތުގެ އިތުރުންވެސް ރާއްޖޭގެ ސިއްޙީ ދާއިރާގައި އަލަށް ޤާއިމް ކުރެވޭ ހެލްތު ފެސިލިޓީތަކާއި ގުޅޭ މައުލޫމާތު އަންނަ މަހުގެ ތެރޭގައި ހާމަކުރުމަށް ހެލްތު މިނިސްޓްރީން ތައްޔާރުވަމުންދާ ކަމަށެވެ.

ހއ އަތޮޅާއި ބ އަތޮޅު އަދި ދ އަތޮޅުގެ އަތޮޅު ހޮސްޕިޓަލްތައް އަލުން އިމާރާތް ކުރުމަށް ނިންމާފައި ވަނީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. އަދި މި މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް މިހާރުވަނީ އިއުލާނުވެސް ކޮށްފައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ