ދިރާގު ޓީވީ އާއި ދިރާގު ފައިބަރ އިންޓަރނެޓް އިހަވަންދޫއަށް ތައާރަފްކުރަނީ

7 ނޮވެމްބަރު 2018 0

ދިރާގުގެ ހައިސްޕީޑު ފައިބާ އިންޓަރނެޓްގެ ޚިދުމަތާއި ދިރާގުގެ އައިޕީޓީވީ "ދިރާގު ޓީވީ"ގެ ޚިދުމަތް އިހަވަންދޫގައި ފެށުމަށްޓަކައި، އިހަވަންދޫގައި ކޭބަލް ވަޅުލުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެގޮތުން ކޭބަލް ވަޅުލުމުގެ މަސައްކަތް އަމަލީގޮތުން ފެށުމަށްޓަކައި، އެކުންފުނިންވަނީ އިއްޔެގެ ވަގުތެއްގައި އިހަވަންދޫގެ ކައުންސިލާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުމުގައި އިހަވަންދޫގެ މަގުތަކުގައި ކޭބަލް ވަޅުލައިގެން ތަފާތު ޙިދުމަތްދެމުން އަންނަ އެހެން ފަރާތްތައްވެސް ބައިވެރިކޮށްފައިވެއެވެ.

އިއްޔެގެ ބައްދަލުވުމާއި ބެހޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުއާއި ސުވާލުކޮށްލުމުން ވިދާޅުވީ، ދިރާގުން އިހަވަންދޫގައި ކޭބަލް ވަޅުލަމުން ދާއިރު، އެދޭފަރާތްތަކުގެ ގޭބިސީ އަދި ވިޔަފާރި ކުރާ ތަންނަނާއި، އަލަށް މީހުން ދިރިއުޅެން އިމާރާތް ކުރެވެމުންދާ ތަންތަނަށްވެސް ކޭބަލްގެ ކޮޅު ވައްދައިދޭނެ ކަމަށް އެފަރާތުން މައުލޫމާތު ދީފައިވާކަމުގައެވެ. އަދި އެކަމަށް އެވެސް ފީއެއް ނުނަގާނެކަމަށާއި ނަމަވެސް ފަހުން ކޭބަލް ގުޅުމަށް އެދޭފަރާތްތަކުން ފީއެއް ދައްކަން ޖެހޭނެކަމަށް އެފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ. ދިރާގުގެ ކޭބަލް ގޭގެފޫޓަށް ވެއްދިނަމަވެސް ހިދުމަތަށް ސަބްސްކްރައިބް ނުކުރާނަމަ ރުފިޔާ ދައްކަން ނުޖެހޭނެކަމަށް މައުލޫމާތު ލިބެއެވެ.

ދިރާގު ފައިބަރ އިންޓަރނެޓް ޙިދުމަތަކީ 5 އެމްބީޕީއެސްއިން ފެށިގެން ގޮސް ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑްކަމަށްވާ 100 އެމްބީޕީއެސް އާއި ހަމައަށް އިންޓަރނެޓްގެ ހިދުމަތް ލިބިދޭ ހިދުމަތެކެވެ. ދިރާގެ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކުގެ އަގު 350ރ އިން ފެށިގެން 2090ރ އާއި ދެމެދުގައި ހުރިއިރު ފެޔާ ޔޫސެޖް އެލަވަންސް 30 ޖީބީ އިން ފެށިގެން 500 ޖީބީ އާއި ހަމަޔަށް ލިބިދެއެވެ. ފެޔާ ޔޫސެޖް އެލަވަންސް ހުސްވި ނަމަވެސް 1 އެމްބީޕީއެސްގެ ސްޕީޑްގައި އަންލިމިޓެޑް އިންޓަނެޓްގެ ޙިދުމަތް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ލިބެއެވެ. އަދި މީގެ އިތުރުން ކުޑަ އަގެއްގައި 3 ޖީބީ އިން ފެށިގެން 100 ޖީބީ އާއި ހަމަޔަށް އިންޓަނެޓް ސްޕީޑް ބޫސްޓްވެސް ކުރެވެއެވެ.  

"ދިރާގު ޓީވީ" ގެ ނަމުގައި ދިރާގުން ފޯރުކޮށްދޭ އިޕީޓީވީ އަކީ އިންޓަޏެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްނޮލޮޖީއެކެވެ. މި ހިދުމަތް ފޯރުކޮށްދެނީ ޖޯއި ބޮކްސް މެދުވެރިކޮށެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް ޔޫސޭޖް އެލަވަންސަށް އަސަރުނުކުރުމުގެ އިތުރުން އިންޓަރނެޓްގެ އިތުރު ހަރަދެއް ނުހިނގާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

ދިރާގު ޓީވީގެ ހިދުމަތުގައި މަޝްހޫރު ޗެނެލްތައް ކަމަށްވާ އޭ.އެކްސް.އެން، ޓެން ސްޕޯޓްސް، ސޮނީ އީއެސް.ޕީ.އެން، ލައިފްޓައިމް، ހިސްޓްރީ ޗެނެލް، ބީބީސީ އާރތް ހިމެނެއެވެ. މީގެ އިތުރުން ވެސް ބައިނަލްއަޤްވާމީ އެތައް ޗެނެލްއެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ޗެނެލްތަކެއް ވެސް ދިރާގު ޓީވީން ބެލޭނެއެވެ. ދީރާގުން ހާމަކޮށްފައިވާ ގޮތުގައި މުނިފޫހިފިލުވުމާއި މައުލޫމާތުގެ ޗެނެލްތަކާއި، ވީޑިއޯ އޮން ޑިމާންޑް އާއި ވަގުތުން ފައިސާދައްކައިގެން ބަލާ ޕޭ ޕަރ ވިޔު ފިލްމާއި ޕްރޮގްރާމްތަކާއި ކެޗްއަޕް ޓީވީގެ ހިދުމަތްވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި ދިރާގު ޓީވީއަށް ތައާރަފްކުރާނެއެވެ. 

ދިރާގު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ