އެ ޖުމުލަ — Ihavandhoo.com

އެ ޖުމުލަ

30 ޖުލައި 2013 0

އެއީ އަހަރެންގެ މުޅި ތައުލީމީ ހަޔާތުގައިވެސް އެންމެ ދެރަވި ދުވަހެވެ. ދުވަސްވަރަކީ މެދު ޓާރމުގެ އިމްތިހާނުތައް ކުރިއަށް ދިޔަ ދުވަސްވަރެވެ. ދުވަހަކީ އިނގިރޭސި ޓެސްޓު އޮތް ދުވަހެވެ. އަހަންނަކީ އަބަދުވެސް އިނގިރޭސި ބަހަށް ދަށްކަމަށް ފާހަގަކުރެވޭ ކުއްޖެކެވެ. އިނގިރޭސި ބަހުގެ ޓެސްޓަކަށް ދާނަމަ އަހަރެން ހުންނަނީ އަބަދުވެސް ހާސްވެފައެވެ. އިމްތިހާން ކަރުދާސް ލިބުމުން ހުންއަންނަ ފަހަރުވެސް މަދެއް ނޫނެވެ.

ކޮންމެއަކަސް އެދުވަހުވެސް އަހަރެން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ދޭހައިގެ ބައި ހަދަމުން ދިޔައިރު ގިނައީ ނޭނގޭ ސުވާލުތަކާއި ޖަވާބު ޔަގީންނުވާ ސުވާލުތަކެވެ. އެފަދަ ސުވާލުތައް ދޫކުރަމުން ކަހަލަ ގޮތަކަށް ދޭހައިގެ ބައި ހަދައި ނިންމާލައިފީމެވެ. ގިނައީ ޖަވާބެއް ނުދެވި ދޫކޮށްލެވުނު ސުވާލުތަކެވެ.

ސުވާލުކަރުދާހުގެ ދެވަނަ ބައިގައި ދީފައިވަނީ ތަސްވީރެކެވެ. އިރުޝާދު ދީފައިވަނީ އެ ތަސްވީރަށް 250 ބަހާއި 300 ބަހާ ދެމެދުގެ ވާހަކައެއް ލިޔުމަށެވެ. އަހަރެން އެ ތަސްވީރަށް ވިސްނުންތެރިކަމާއެކު ފުންނަޒަރަކުން ބަލައިލީމެވެ. ތަސްވީރުން ފެންނަނީ ފަގީރު އަވަށެކެވެ. ހިނގާފައި އަންނަ ތިންމީހަކާއި އިށިއިންދެގެން ތިބި ތިން މީހެކެވެ. އުޑުމަތި ވަރަށް ސާފު ދުވަހެއްހެން ހީވެއެވެ. ފެންނަން ހުރި ގެތައް ހުރީ އެއް ތައްގަނޑަކަށެވެ. ފުރާޅު ހީވަނީ އައިސްކޯނެއްގެ ކޯނުގަނޑު އެކޮޅުކޮޅުން ޖަހާފައި ހުރި ހެންނެވެ. ފުރާޅު ހަދައިފައި ހުރީ ފަނުންހެން ހީވެއެވެ. ކޮޅަށް ތިބި މީހުން އަނދެގެން ތިބީ މުންޑު ކަހަލަ ފޭރާމެކެވެ. އުނަގަނޑުން މަތީގައި ފޭރާމެއް ނެތެވެ. އެތަނުން އެކަކު އަތުގައި އައްޑަނެއް ފާޑު އެއްޗެއް އޮތެވެ.

އަނެއްކޮޅުން ބަލާއިރު އިށިއިދެގެން ތިބީ ދެ އަންހެނުންނާއި ފިރިހެނެއް ކަމެއް ނުވަތަ ތިން އަންހެނުންކަމެއް ޔަގީނެއް ނޫނެވެ. އެހާ ސާފެއް ނޫނެވެ. ނަމަވެސް އެ ތިން މީހުންވެސް ތިބީ ކޮންމެވެސް ކަހަލަ މަސައްކަތެއްގައި މަޝްޢޫލުވެކަން ޔަގީނެވެ.

އެތައް އިރަކު ތަސްވީރަށް ބަލަން އިނުމަށްފަހު ލިޔާނެ އެއްޗަކާމެދު ވިސްނާލީމެވެ. ލިޔާނެ އެއްވެސް އެއްޗެއް ސިކުނޑިއަކަށް ނައެވެ. ތަސްވީރަށް ބަލަހައްޓައިގެން ލިޔާނެ އެއްޗަކާމެދު ވިސްނަން އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް އިވުނީ މުދައްރިސް "ގަޑިޖެހިއްޖެޔޭ!" ބުނުއްވި އަޑެވެ. އޭރު އަދި އެންމެ އަކުރެއްވެސް ނުލިޔެވެއެވެ. ވާހަކަ ލިޔަން ޖެހެނީ އިތުރު ގަނޑުގައިކަމުން އަވަސް އަވަހަށް ގަނޑެއް ނަގައި ނަންޖެހުމަށް ފަހު ޖުމުލައެއް ލިޔުނީމެވެ. ނަމަވެސް ދެވަނަ ޖުމުލަ ނުލިޔެވެނީސް މުދައްރިސް އަރާ ހަމަވެއްޖެއެވެ. އަދި ސުވާލުކަރުދާސް ހަވާލުކުރުމަށް އިޝާރާތްކުރެއްވިއެވެ. އަހަރެން ކަރުދާސް ހަވާލުކުރުމުން، މުދައްރިސް އެއަށް ބައްލަވާލެއްވުމަށްފަހު ބޯހޫރުވާލެއްވިއެވެ. އަދި ބުނުއްވިއެވެ." ނިޒާރު ދުވަކުވެސް އިނގިރޭސިއަކުން ފާހެއް ނުވާނެ! ނިޒާރު ކީއްކުރަން. ނިޒާރުގެ ދަރިންގެ ދަރިންވެސް އިނގިރޭސިއަކުން ފާހެއް ނުވާނެ!"

އެއީ ތެދެކެވެ. ވަރަށް ބޮޑު ތެދެކެވެ. މިއަދު އަހަރެންނަކީ ތިންކުދިންގެ ބައްޕައެކެވެ. އެކަމަކު ހިތާމަޔަކީ ތިން ކުދިންގެ ތެރެއިން އެކަކުވެސް އިނގިރޭސިން ފާސްނުވާ ކަމެވެ. އަހަރެން އެ ދުވަސްތައް ހަނދާނުން ފޮހެލަން ބޭނުމެވެ. ތާރީޚް އިޔާދަވާތަން ދެކޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އަދިވެސް އެދުވަހު މުދައްރިސް ބުނުއްވި"އެ ޖުމުލަ" ހިތުގައި ބިންވަޅުނެގިފައި އެބަހުއްޓެވެ.

(ނިމުނީ)

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ