އީ ސިނގިރެޓްގައި، އާދައިގެ ސިނގިރޭޓަށްވުރެ ކެންސަރު ޖައްސާ މާއްދާތައް ދިހަގުނަ އިތުރަށް ހުރޭ — Ihavandhoo.com

އީ ސިނގިރެޓްގައި، އާދައިގެ ސިނގިރޭޓަށްވުރެ ކެންސަރު ޖައްސާ މާއްދާތައް ދިހަގުނަ އިތުރަށް ހުރޭ

29 ނޮވެމްބަރު 2014 2

އީ ސިނގިރެޓް ނުވަތަ އިލެކްޓްރޯނިކް ސިނގިރޭޓްގައި، އާދައިގެ ސިނގިރޭޓަށްވުރެ ކެންސަރު ޖައްސާ މާއްދާތައް ދިހަގުނަ އިތުރަށް ހުންނަކަމަށް ޖަޕާންގެ ސިއްހީ ތަޖުރިބާކާރުން ބުނެފިއެވެ. ޖަޕާނުގެ ސިއްހީވުޒާރާގެ ބެލުމުގެދަށުން އެގައުމުގެ ސިއްހީ ތަޖުރިބާކާރުން ކުރަމުންދާ ދިރާސާތަކުން ދައްކާގޮތުގައި އީ ސިނގިރޭޓަށް އަޅާ ނިކޮޓިން ލިކުއިޑް ގައި، ފޯމަލްޑިހައިޑް އަދި އެސަޓައިލްޑިހައިޑް ފަދަ ވިހަމާއްދާތައް ގިނަ އަދަދަކަށް ހުންނަކަމަށްވަނީ ދައްކާފައެވެ.

ނިކޮޓިން ލިކުއިޑް އަޅައިގެން، ސިނގިރޭޓް ފަދައިން ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ އީ ސިނގިރޭޓަކީ މިހާރަކަށްއައިސް ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލުވަމުން އަންނައެއްޗެކެވެ. އީ ސިނގިރޭޓަކީ ސިނގިރޭޓް ބުއިމާ ދުރުކޮށްދޭ އެއްޗެއްކަމަށްބުނެ ބައެއްފަރާތްތަކުން ރާއްޖޭގައިވެސް އީ ސިނގިރޭޓް އިސްތިހާރުކުރަމުން ދެއެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރ މަހު ދުނިޔޭގެ ހެލްތް ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނެރުނު ރިޕޯޓެއްގައި، އީ-ސިނގިރޭޓަކީ ސިނގިރޭޓު ބުއިމާ ދުރުކޮށްދޭ އެއްޗެއް ކަމަށް ބުނާ ބުނުން ހުއްޓާލުމަށްވަނީ ގޮވާލާފައެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު އެރިޕޯޓެއްގައި ބުނެފައިވަނީ އީ-ސިނގިރޭޓް ބޭނުންކުރާ ފަރާތްތަކުން ސިނގިރޭޓް ބުއިމާ ދުރުވާކަމަށް ބުނާ ވާހަކައަކީ އެކަށީގެންވާ ވަރުގެ ހެކިތަކެއް ލިބިގެން ދެކެވޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އިތުރު ދިރާސާތައް ހަދަން ޖެހޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އީ-ސިނގިރޭޓް ބުއިމުންވެސް ހަށިގަނޑަށް ގެއްލުންތަކެއްވާ ކަމަށާއި، މާބަނޑު ފަރާތްތަކުން އެ ބޭނުން ނުކުރުމަށް ވެސް ޑަބްލިއުއެޗްއޯއިން ނެރުނު އެރިޕޯޓުގައި ގޮވާލާފައިވެއެވެ. އެގޮތުން ގޭގެއާއި އެފަދަ ތަންތަނުގެ އެތެރޭގައި އީ-ސިނގިރޭޓް ބުއިން މަނާކުރުމަށާއި، ކުޑަކުދިންނަށް އީ-ސިނގިރޭޓް ވިއްކުން ހުއްޓާލުމަށް ވެސް އެ ރިޕޯޓުގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން އެމެރިކާގެ އޯލީންސްގައި 2013 ވަނައަހަރުގެ ފަހުކޮޅު ބޭއްވުނު އެމެރިކަން ސޮސައިޓީ އޮފް ސެލްބަޔޮލޮޖީގެ އަހަރީ ބައްދަލުވުމުގައި ހުށަހެޅުނު ލިޔުމެއްގައި ބުނެފައިވަނީ އީ-ސިނގިރޭޓުގައިވާ ނިކޮޓިނުން ހިތުގެ ސެލްތަކަށް ސީދާގޮތުން ގެއްލުންދިނުމަކީ ގާތްގަކަމެއްކަމުގައެވެ.

އާދައިގެ ސިނގިރޭޓް ފަދައިން އީ-ސިނގިރޭޓުންވެސް ކޮށްދޭކަމަކީ ދުންފަތުގެ އިސްތިއުމާލުކުރާމީހަކު އެ ބޭނުންކުރުމުގެ އެންމެ މުހިއްމު އެއްބޭނުންކަމަށްވާ ނިކޮޓިންގެ ރާހަތް ހަށިގަނޑަށް ލައިދިނުމެވެ. އީ-ސިނގިރޭޓު ބޭނުންކުރާ މީހުން އެ ބޭނުންކުރުމުގެ މައިގަނޑު އެއް ސަބަބަކަށް ވެފައިވަނީ އެމީހުން ދެކޭގޮތުގައި އާދައިގެ ސިނގިރޭޓަށްވުރެ އީ-ސިނގިރޭޓު ސިއްހީގޮތުން މާ ރައްކާތެރިވުމެވެ. އީ ސިނގިރޭޓް ބާޒާރަށް ނުކުތަތާ ކުރީކޮޅު ކުރި ބައެއް ދިރާސާތަކުންވެސް އެއީ އާދައިގެ ސިނގިރޭޓަށްވުރެ ރައްކާތެރި އެއްޗެއްކަމަށް ދައްކާފައި ވެއެވެ. ނަމަވެސް ފަހުގެ ގިނަ ހޯދުންތަކުން ދައްކަނީ އީ ސިނގިރޭޓަކީވެސް ހަށިގަނޑަށް ނުރައްކާތެރި އެއްޗެއް ކަމުގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިކަމުންވެސް އިނގި ފާޅުވެގެންދަނީ އިންސާނުންގެ ނިކަމެތިކަން

– 29 ނޮވެމްބަރު 2014 0

އެވަރުންވެސް އެ ބޯންޖެހޭ ވިއްޔަ․ ނިދިވެސް ނާންނާނެ އެ ނުބޯފިއްޔާ!

– 18 ޑިސެމްބަރު 2014 0