ފާޑުކިޔަންވީ ރައްޔިތުން މުސާރަދޭ މީހުންނަށެވެ. — Ihavandhoo.com

ފާޑުކިޔަންވީ ރައްޔިތުން މުސާރަދޭ މީހުންނަށެވެ.

9 މާރިޗު 2016 6

ދެވި ހިފާފިއެވެ! ފޭސްބުކަށެވެ! ކޮންމެ ދުވަހަކުވެސް ދެލޯ ހުޅުވުމާއިއެކު ބަލާލެވެނީ އެއަށެވެ. ކުދިން ދަމާފައިހުންނަ ހާސަރާ، ސިޔާސީވެރިންގެ ޒުވާބު ތަކުން ހިތަށް ހަމަޖެހުމެއް ލިބެނީ ތޯއްޗެކެވެ. ވަރަށްބަލަމެވެ! އެފަދަ ހާސަރަކަށް އޮށްގާ ނޫކޭތޯއެވެ. އަނގައިން ނުބުނެވޭތޯއެވެ. އެކަން ކާމިޔާބުކުރުމުގައި ދެމިހުރީމެވެ. އަހަރެންގެ ޖަޒްބާތުތައް ކޮންޓްރޯލް ކުރެވެއެވެ. އަހަރެންގެ އިނގިލިތައް ގުޅިފައިވަނީ ހިތަކާ ނޫނެވެ. ސިކުނޑިއާއެވެ. ނަމަވެސް ވޭތުވެދިޔަ ދެތިން ދުވަހު ފެންނަންފެށި ހޯގޮވުންތަކަށް އެއްޗެއް ބުނެލަން ގަސްތު ކޮށްފީމެވެ. ޖަޒްބާތީ ގޮތަކުން ނޫނެވެ. އިލްމީ ގޮތުންނެވެ.

ދިވެހިން ނިކަން ވަރުގަދަ ޑިމޮކްރަސީއެއްގައި ހިފާފިއެވެ. މިސްރުން ކިޔަވާ ވިދާޅުވި ބޭފުޅާ ވިދާޅުވަނީ އެއީ ދިމަގްރާތީ ކަމުގައެވެ. ޑިމޮކްރަސީއަކަސް ދިމަގުރާތީއަކަސް މިދެއްކެނީ އެކައްޗެއްގެ ވާހަކަތާއެވެ. ރުހުމުގައިވެސް ނުވަތަ މަޖުބޫރުން ނަމަވެސް ހިފައިގެން މިތިބަ އެއްޗެއްގައި ދިވެހިން ހިފައިގެން މިތިބީ ނަމެއްގައެވެ. ކަމުން ދައްކަމުންދަނީ ދިވެހިންނަކީ އެއާ ނިކަން އިދިކީލަ ބައެއްކަމެވެ.

ޑިމޮކްރަސީގައި ދިވެހިން ހިފައިގެން ތިބީ ހިތާވާ ތަންތަނުގައެވެ. ހާލަތާއިއެކު ހިތާވާ ތަންތަން ބަދަލުވެދެއެވެ. ހިތައްއެރީމަ އޭގެ އަސާސާއި ހިލާފުވެލައެވެ. ބުނެއެވެ. އަދި ޑިމަކްރަސީ އޮތީ އޭގެ ޅަފަތުގައެވެ. އެހެންވީމާ އެހަރަކަހަލަ ކަންކަންވުމަކީ މައްސަލައެއް ނޫނެވެ. ހިތަށްއަރައެވެ. ޑިމަކްރަސީ ހަރުވެ ފުރާފުރޭނީ ކޮންދުވަހަކުން ބާއެވެ؟ ނޫނޭވާ ބޯ ބޮޑު ބައެކެވެ. ޅަފަތުގަ އޮތްއެއްޗެކޭ ކިޔާ އުޒުރުދައްކާ ހިތައްއެރިކަމެއް ކުރީމާ ވީނޫންހެއްޔެވެ.

ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އެއްބާރޭ އަހަރެމެން ކިޔަމެއްނޫންހެއްޔެވެ. މީނަމެއްގައި ކިޔާ އެއްޗެކެވެ. ކަން އޮތީ ދެލިގަނޑެއްހެންނެވެ. ނޫސްވެރިކަމުގެ ބާރު ފެނުމުން އެކަން ހަޖަމްކުރެވޭވަރަށް ސިޔާސީ ވިސްނުން ތަރައްޤީވެފައިވާ މީހުން މިވެށީގައި މަދެވެ. ސިޔާސީ ގޮތުން އިދިކޮޅާއި އެއްކޮޅުގައި ތިބީވެސް ހަމަ އެއްހާލެއްގެ ބަޔެކެވެ. ހަޤީގަތުގައި އޭގެން އެއްބައެއްވެސް ހަޤީޤީ ފާޑުކިޔުންތަކަށް ފުރުސަތު ދޭކަށް ބޭނުމެއް ނުވެއެވެ. ސިޔާސީ މަޤާމްތަކަށް އަންނަންވާނީ ފާޑުކިޔާނެކަން އެނގި ތިބެއެވެ. ކަންކަން ނުވަންޏާ އެވާހަކަ ދައްކާނެއެވެ. ވާކަންކަމަށްވުރެ ބޮޑަށްފެންނާނީ ނުވާ ކަންކަމެވެ. ނޫސްވެރިންގެ މަސްއޫލިއްޔަތަކީ ޒިންމާދާރު ކުރުމެވެ. ފާޑުކިޔުމެވެ.

ނޫހަކީ ކިތަންމެ ކުޑަ ނޫހަކަސް އަދި ކިތަންމެ ބޮޑު ނޫހަކަސް ރަޖިސްޓްރީ ކުރަނީ އެއް އިދާރާއެއްގައެވެ. ހިނގަނީ އެއް ގަވާއިދެކެވެ. މިނާން ޖެހެނީ އެއް ނާޅިއަކުންނެވެ. އިހަވަންދޫގައި ހުއްޓުމެއްނެތި ހިންގާ އޮތީ އެއްމެ ނޫހެކެވެ. ކުޑަ ނޫހެކެވެ. މުސާރަހިނގާ މުވައްޒަފުންތަކެއް ތިބިކަމެއް ނުދެނަހުރީމެވެ. ކިޔާތީ އިވެއެވެ. އެއީ އެކަމަށް ޝައުޤުވެރިވާ ބަޔަކު ރަށުގެ ރައްޔިތުންނަށް ހުޅުވާލަދީފައިވާ ޕްލެޓް ފޯމެކެވެ. ކިޔާށެވެ. ލިޔާށެވެ. ލިޔުންތަކަށް ކޮމެންޓް ކުރާށެވެ.

ދެން މިއޮތީ ކުރިން ދައްކަމުންދިޔަ ވާހަކައެވެ. އެކުޑަކުޑަ ނޫސް ހިނގަން ސިޔާސީ ވެރިން ބޭނުން ނުވާވާހަކައެވެ. ސަބަބުތައް ބައިވަރެވެ.

އަދާކުރަންޖެހޭ ވަޒީފާގެ ގޮތުން މަސައްކަތްކުރަންޖެހެނީ އިންތިހާބީ ވެރިންނާއި ނިކަން ގާތުންނެވެ. އެދުވަހު ބުނާތީ އިވެއެވެ. އެމީހުންނަށް އަހަރެމެންދިން ހުއްދަޔާ އެމީހުން ހިލާފު ވެއްޖެއެވެ. ރަށުގެ ނަން ހަޑިކުރަނީއެވެ. ތިމަންމެންގެ އަބުރު ކަތިލަނީއެވެ. ވީމާ އެމީހުންނަށް ދިން ހުއްދަ ބާތިލްކުރަމާ ހިނގާށެވެ. އަދި ބުނެއެވެ. އެއީ ޑީއާރުޕީގެ އެޖެންޓުން ތަކެކެވެ. އެމީހުންނަށް ހަރަދުކުރަނީ އެމީހުންނެވެ. 

މިއަދު ބުނާތީ އިވެއެވެ. އެއީ ތިމަންމެނާ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ބައެކެވެ. ހަސަދަ ފިލުވަނީއެވެ. އެއީ ވަކިފިކުރަކަށް ގޮސް ހުސްވެފައިވާ ބައެކެވެ. އެމީހުން ތިމަންމެންގެ އަބުރު ކަތިލާފިއެވެ. ރަސްމީގޮތުން އެމީހުންގެ ދުވަސް ދުއްވައިލެވޭނެ މަގެއް ހޯދަމާ ހިނގާށެވެ. އަޑު ކެނޑެން ޖެހެއެވެ. އަޑު ކަނޑުވަން ޖެހެއެވެ.

ކުރީގައިވެސް މިހާރުވެސް ސިޔާސީވެރިންގެ ނެތީ ހިއްވަރެވެ. ރައްޔިތުމީހާ ނުވަތަ ނޫހަކުން ދައްކާ ވާހަކަ އަޑުއަހާ އޭގެން އިބުރަތެއް ހާސިލްކުރުމުގެ ހިއްވަރެވެ. އޭގެ ބަދަލުގައި ކުރަނީ ޖެއްސުމެވެ. ޝަކުވާއެއް ނުވަތަ ނަސޭހަތެއް އަޑުއެހުމީ ނިކަން ދެރަކަމެއްކަމަށް އެމީހުން ދެކެއެވެ.

ހިތާމައަކީ މިކަން ބައެއް ޒުވާނުންނަށް ނުވިސްނޭތީއެވެ. ސިޔާސީ ބެއްމީހުންގެ ސިކުނޑިން ވިސްނާ ބަޔަކަށް އެބައިމީހުން ވެފައިވާތީއެވެ. ހިޔާލު ފާޅުކުރުމަކީ އެހިޔާލު ލިޔުނު މީހާގެ އަބުރާއި ޒާތީ ދިރިއުޅުމާއި ބެހެންޖެހޭ ކަމެއްކަމަށް ބައެއް ޒުވާނުންނަށް ހީވެފައި އޮންނާތީއެވެ. މިކަން ފެންނީ ވަކި ފިކުރެއްގެ ޒުވާނުންގެ ކިބަޔަކުން ނޫނެވެ. ހުރިހާ ފިކުރަކުންނެވެ.

ނޫހެއްގައި ލިޔާއެއްޗެއްގެ ސަބަބުން އަބުރު ގެއްލޭނަމަ ދާންވީ ކޮންތާކަށްކަން ހުރިހާ އެންމެނަށްވެސް އެނގެއެވެ. ދޮގު ވާހަކައެއް ލިޔުމުން ދާންވީ ކޮންތާކަށްކަންވެސް ހަމަ އެނގެއެވެ. އެކަމަކު އޭގެ ބަދަލުގައި ކަމާބެހޭ އިދާރާޔަކުން ޝާއިއުކުރާ ރިޕޯޓެއް ނޫހުގައި ޖެހީމާ އެއީ ދެން ވަރަށް ވިޔާނުދާ ކަމެކެވެ. އެވީދެން ސިޔާސީ މީހާ ވަރުގަދަ ސްޓޭޓަސްއެއް ޖަހާލާށެވެ. އޭނާއަށް ތާއިދުކުރާކުދިންގެ މަސައްކަތަކަށްވާނީ އެލިޔުނު މީހެއްގެ ސޯޓް ބޭލުމެވެ. ޒާތީ ދިރިއުޅުމަށް ފާޑުކިޔުމެވެ.

ވިސްނޭ ޒުވާނުންވެސް ފެނެއެވެ. އެމީހުން ސުވާލުކުރެއެވެ. މުހިންމީ ނޫހެއް އިސްލާހުކުރުން ހެއްޔެވެ؟ ނޫނީ ރައްޔިތުން ދައްކާ ޓެކުސް ފައިސާއިން ބޮޑެތި މުސާރަ ދީގެން ހިންގާ މުއައްސަސާއެއް އިސްލާހުކުރުންހެއްޔެވެ؟

އަނެއްކަކު ސުވާލުކުރެއެވެ. މުއައްސަސާއަށް ފުލުން ވަނަ ލިބުމުން ޒިންމާ ވާންވީ ނޫސް ހެއްޔެވެ؟ ނޫނީ ރައްޔިތުން ހެއްޔެވެ؟

އަހަރެން ބުނާނީ މިހެންނެވެ. ފެއިލްވީ ރައްޔިތުންނެވެ. އެކަށީގެންނުވާ ބަޔަކު ރަށް ތަމްސީލްކުރަން ހޮވީ ރައްޔިތުންނެވެ. ފުރަތަމަ ފަހަރު ލިބުނު ފިލާވަޅުން އިބުރަތް ހާސިލް ނުކުރީ ރައްޔިތުންނެވެ. އުއްމީދު ކުރަމެވެ. ތިންވަނަ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާނެ ކަމަށެވެ.

މިހިސާބުން އަހަރެންގެ ހާސަރު ނިންމާލަމެވެ.

(ނޯޓް: މިއީ މިނޫހަށް ކިޔުންތެރިޔަކު އީމެއިލް ކޮށްފައިވާ ލިޔުމެކެވެ.)

އިހަވަންދޫ ކައުންސިލް, ފޭސްބުކް އެޑިކްޓް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހުސްހެއޮވާހަކަ․ އެކަމަކު އަމާޒްނެތް ލާހޫރޭ ލިޔުމެއް․

– 9 މާރިޗު 2016 0

އެއް އަހަރަކު ކައުންސިލަށް އިންތިހާބުވެލީމަ މަތި ހަށިނަގާ ތިމަންނާމެން ވަރެއް ނެތިގެން އުޅުނު ކައުންސިލަރުންނަށް ނޫނެކޭ ބުނާނެ

– 9 މާރިޗު 2016 0

މިއަށްވުރެ ފުރިހަމަ ލިޔުމެއް މިނޫހަށް މިއަހަރު އަދީ ނާދޭ․ ވަކިފަރާތަކަށް ނުޖެހި ވިސްނާ މީހަކަށްނޫނީ މިފަދަ ލިޔުމެއް ނުލިޔެވޭނެކަނ ޔަޤީން․

– 9 މާރިޗު 2016 0

100 ގެ ލިޔުމެއް․

– 9 މާރިޗު 2016 0

މި ލިޔުން ލިޔުނީކާކުކަމެއްނެތް؟؟؟؟؟؟؟؟؟؟؟؟؟؟؟

– 13 މާރިޗު 2016 0

Ihusaanu liyunee mi liyun

– 21 މެއި 2016 0