ފައިސާއާ ގުޅޭ ސިއްރުތައް ހޯދަން ބާބިލްގެ އެންމެ މުއްސަނދި މީހާގެ އަރިހަށް

7 އޮކްޓޫބަރު 2020 1

ގޭގެ ވަށާ ފާރުބުރި މަތީ އިށީންދެގެން އެއިނީ ބަންސީރެވެ ކިޔުނު ބާބިލްގެ އަސްގާޑިޔާ ހަދާ މޮޅު ވަޑިއެކެވެ. ބަންސީރުގެ ކުރިމަތިން އޭނާ އަސްގާޑިޔާ ހެދުމުގެ މަސައްކަތް ކުރާ ވަޑާންގެ ފެނެއެވެ. މި ވަޑާންގޭގައި ހަދާ ނުނިމި ހުރި އަސްގާޑިޔަލެއް ބަހައްޓާފައި ހުއްޓެވެ.

ގޭގައި ކާނެއެއްޗެއް ނެތެވެ. ކާނެ އެތިކޮޅެއް ލިބޭނީ ނުނިމިހުރި ގާޑިޔަލުގެ މަސައްކަތް ނިންމައި އެ ވިއްކާލެވިގެންނެވެ. މިކަން ބަންސިރު ހަނދާންނެއް ނުނެތެއެވެ. ނަމަވެސް މަސައްކަތައިގެން އަވަދިވުމުގެ ބަދަލުގައި، އަޑި ނޭނގޭ ފުން ވިސްނުމެއްގެ ތެރެއަށް ގެނބި، ފާރުބުރި މަތީ ޖެހި ތަނބެއް ހެން ގަބުވެފައި ހަމަ އިނީއެވެ.

ކުއްލިއަކަށް ފަހަތަށް އެނބުރި ބަލައިލެވުނީ ކަންފަތުގައި ޖެހުނު މިޔުޒިކެއްގެ އަޑަށެވެ. ހިނިތުން ވެލަައިގެން ފަހަތުގައި އެހުރީ ބަންސީރުގެ ގާތް އެކުވެރިޔާ، އަދި ބާބިލްގެ މޮޅު މިޔުޒިކް ކުޅުންތެރިޔާ ކަބީއެވެ. 

"ތިޔަ އެކުވެރިޔާގެ ފައިސާ ދަބަސް މިހާރު ދަނީ ބަރުވަމުންނެވެ. އެހެންނޫން ނަމަ މިހާރު ތިޔަ އެކުވެރިޔާ އުޅޭނީ ވަޑާންގޭގައި އަވަދިނެތި މަސައްކަތުގައެވެ. އެހެންވީމާ، އެކުވެރިޔާގެ ފައިސާ ދަބަހުން އެންމެ 2 ޝެކެލް ދަރަންޏައް ދެވިދާނެ ތޯއެވެ؟"

ތިމަންނަގެ ދަބަހުގައި އެންމެ 2 ޝެކެލް އޮތް ނަމަވެސް، އެ ވާނީ ތިމަންނަގެ ހުރި ހުރިހާ ވެސް މުދާ ކަމުގައި ކަމަށް ބުނެ، ބަންސީރު ޖަވާބު ދިނެވެ. ރަށްޓެއްސަކަށް ވިޔަސް ދަރަންޏަކަށް އެއެއް ނުދެވޭނެއެވެ. އެއްވެސް މީހަކު އެމީހެއްގެ މުޅި މިލްކިއްޔާތު، އެކުވެރިޔަކަށް ވިޔަސް ދަރަންޏަކަށް ނުދޭނެޔޭ ކިޔައި ބަންސީރު އޭނާގެ ޖަވާބު ނިންމައިލިއެވެ.

ހައިރާން ކަމާއެކު ކަބީއަށް ސުވާލު ކުރެވުނީ، ދަބަހުގައި އެންމެ ފައިސާ ފޮއްޗެއްގެ މިންވަރު ވެސް ނެތްއިރު، ޖެހި ތަނބެއްހެން ފާރުބުރި މަތީ ގަބުވެފައި ތި އިނީ ކީއްވެތޯ؟ އާ މެދުއެވެ. ނިންމަން ހުރި ގާޑިޔަލުގެ މަސައްކަތައިގެން އުޅެންވީ ނޫންޙޭ ކިޔައި ކަބީ ވާހަކަ ފަށައިފިއެވެ. އަދި، ކަމަކާ މާބޮޑަށް ފިކުރު ބޮޑުވެ، ހިތްހަމަ ނުޖެހެނީތޯ ސުވާލުކުރިއެވެ.

އާއެކެވެ. އާއެކެވެ. މި ހުރިހާ ފިކުރު ތަކެއްވެސް ފެށުނީ ހުވަފެނަކުން ކަމަށް ބުނެ ކަބީގެ ސުވާލަށް ބަންސީރު ޖަވާބު ދިނެވެ. އެ ހުވަފެނުގައި ބަންސީރަށް ފެނުނީ މުއްސަނދި އަދި ފުދުންތެރި މީހެއްގެ ގޮތުގައި އޭނާ ވަނިކޮށް ކަމަށް ބުނެ ވާހަކަ ކިޔައިދޭން ފެށިއެވެ.

އެއީ އެއްވެސް އަސްލެއް ނެތް ޚިޔާލީ ހުވަފެނެކެވެ. ބަންސީރަށް ފެނުނީ އޭނާގެ ކަމަރު ގައި ވާންކޮށް އައްސާފައިވާ ފައިސާ ދަބަސް، ލާރި ފޮތިތަކުން ބަރުވެފައި ވާތަނެވެ. ސަލާންޖަހާ މީހުންނަށާއި ބޭނުން ޖެހިފައިވާ މީހުން ބޭނުން ކުރުމަށް، އެއްވެސް ބެލުމެއް ނެތި އެ ލާރި ފޮތިތަށް ޖައްވަށާއި ހަވައަށް އުކަމުން ދާތަނެވެ. ދިރިއުޅުމުގެ ހާޖަތްތައް ފުއްދޭވަރަށް ރަނާއި ރިހީގެ ފައިސާ ފޮތިތައް ދަބަހުގެ ވާތަނެވެ. ދުވަހަކު ވެސް ނުލިބޭ ފަދަ އުފާވެރި ކަމެއްގައި ވާތަނެވެ.

"އަހަރެމެން ކަންބަޅި ބަކަށްޓަށް ވުރެއް ވެސް މޮޔާއީ ބާވައެވެ؟" ބަންސީރު ސުވާލު ކުރިއެވެ. "އަހަރެމެން މިއުޅެނީ ދުނިޔޭގައިވާ އެންމެ މުއްސަނދި ޝަހަރުގައެވެ. ގާފިލާ ތަކުގައި ދަތުރު ކުރާ މީީހުންވެސް އެކިޔަނީ، މުދަލާއި މުއްސަނދި ކަމުގެ ގޮތުން ބާބިލާއި އަޅައިކިޔޭނޭ ދެވަނަ ތަނެއް މި ދުނިޔޭގައި ވެސް ނެތް ވާހަކަ ވިއްޔާއެވެ. އަހަރެމެންގެ ލޯ ކުރިމަތީގައި ރަނާއި ރިހީގެ ފައިސާ ފޮތިތައް ފެންނަން އެހުރީއެވެ. އެކަމަކު އެއިން އެކަތި ވެސް އަހަރެމެންގެ އަތައް ލިބޭނެ ގޮތެއް ނުވެއެވެ."

ބަންސީރު އެބުނީ ހަމަ ތެދެކެވެ. ބާބިލްގެ އުސް ގަނޑުވަރު ތަކާއި މުއްސަނދި ދިރިއުޅުން ލޯމައްޗަށް ފެންނަން އެބަހުއްޓެވެ. 

"އަހަރެމެންނަށް ދިމާވެގެން މިއުޅޭ މައްސަލަ އަކީ އަޅެ ފަހެ ކޮބައިހެއްޔެވެ؟ ކެއުމަށާއި އުނު އަންނައުނު ގަތުމަށް ފަހު، އޭގެ އިތުރަށް ބޭނުން ކުރަން ރަނާއި ރިހި ނުހުންނަނީ ކީއްވެހެއްޔެވެ؟"

މި ފިކުރެއް ކުރާން ދެ މީހުން ތިއްބައި، "އެހެން މީހުން ވެސް ރަނާއި ރިހި ހޯދައި ގޮތް ބަލައި، އެ މީހުން ކަންކުރާ ގޮތަށް އަހަަރެމެން ވެސް ކަންކުރަން ވީ ނޫންހޭ؟" ކިޔައި ކަބީ މޮޅު ޚިޔާލެއް ދީފިއެވެ. މި ޚިޔާލު ބަންސީރަށް ވެސް ވަރަށް ކަމުގޮއްސިއެވެ. 

"ރަނުން ޖަރީކޮށްފައިވާ އަސްގާޑިޔަލެއްގައި ދުއްވާފައި ދަނިކޮށް، ތިމަންނަގެ ދުވަސްވީ އެކުވެރި އެއް ކަމަށްވާ އަރުކަދާއި މިއަދު ދިމާވި،" ވާހަކައިގެން ކަބީ ކުރިއަށް ދިޔައެވެ. މި ވާހަކަ އެއް ދައްކާ ނިމުނު ތަނާހެން ބަންސީރު ބުނެފިިއެވެ. "ބުނެވޭ ގޮތުގައި ތިއީ މުޅި ބާބިލްގައި ވެސް ހުރި އެންމެ މުއްސަނދި މީހާއެވެ."

ކަބީ މި ބުނާ އަރުކަދަކީ، މުއްސަނދި ކަމާއި މުދާވެރިކަމުގެ ގޮތުން ބާބިލްގައި އަރައި ހުރި، އެކަމަށް ނަން މަޝްހޫރު މީހެއް ކަމުގައި ބުނެވެއެވެ. މީނާގެ މުއްސަނދިކަން ހުރިވަރީ، ޚުދު ބާބިލްގެ ރަސްގެފާނު ވެސް ގަނޑުވަރުގެ ޚަޒާނާތައް ބެލެހުއްޓުމާއި ގުޅޭ ކަންކަމުގެ މަޝްވަރާއާއި ލަފާ މިނާގެ ގާތުން ހޯދައި ވަރަށެވެ.

އަރުކަދަކީ އަބަދުވެސް ރަނގަޅު، ހެޔޮ ރަހުމަތްތެރި އެކެވެ. އެހެން ނޫނަސް، ގާތް ރަހުމަތްތެރިއެއްގެ ގާތުގައި ކަމެއްގައި ނަސޭހަތަކަށް ނުވަތަ ލަފައަކަށް އެހުން އެއީ އަތުން ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމެއް ނޫން ވިއްޔާއެވެ. ފައިސާ ދަބަސް ހުސްވެފައި ހުރިކަމަކު މިކަމުގައި ފަސްޖެހެމެއް ނެތޭ ކިޔައި، "މިއަދުން މިއަދަށް އަރުކަދުގެ ގާތަށް ދާން ހިނގާށޭ" ބަންސީރު ކިޔަން ފަށައިފިއެވެ. މި ދެ މީހުން ވެސް، ފައިސާއާ ގުޅޭ ސިއްރުތަކާއި ހިކުމަތްތެރި ބަސްތައް ދަސްކުރުމަށް އަރުކަދުގެ ގާތަށް ދިޔުމަށް ނިންމާފިއެވެ. 

***

"ދަ ރިޗެސްޓް މޭން އިން ދަ ބޭބިލޯން" (ބާބިލްގެ އެންމެ މުއްސަނދި މީހާ) އަކީ 1926 ވަނަ އަހަރު ޖޯރޖް ސެމުއެލް ކްލަރސަން ނަމަކަށް ކިޔުނު ބޭކަލަކު ލިޔުއްވާފައިވާ ފޮތެކެވެ. މިފޮތަކީ ފައިސާއާ ގުޅޭ ސިއްރުތަކާއި، ރަނގަޅު ގޮތުގައި ފައިސާ ގެންގުޅޭނެ ގޮތުގެ ނެސޭހަތްތައް ހިމަނައިގެން ލިޔެވިފައިވާ ފޮތެކެވެ. މި ސިއްރުތަކާއި ލަފާތައް ގެނެސްދެއްވާފައި ވަނީ ވަރަށް ވެސް ފުރިހަމަ ކޮށް، މީގެ 4,000 އަހަރު ކުރީގެ މަޝްހޫރު ގަދީމީ ޝަހަރެއް ކަމަށްވާ، ބާބިލް ގައި ހިނގައިފައިވާ ޚިޔާލީ ވާހަކަ ތަކެއްގެ މައްޗައް ބިނާ ކޮށެވެ. 

މިފޮތުގައި މައިގަނޑު ގޮތެއްގައި ބަލައިލާފައިވަނީ ފަހަށް ރައްކާކުރުމާއި، ގެދޮރުވެރިކަމުގެ މުހިއްމު ކަމާއި، ފައިސާ ޚަރަދު ކުރުމުގައި ސަމާލު ވުމާއި، އަދި ރައްކާ ކުރާ ފައިސާއިން އިންވެސްޓް ކުރުމާއި ގުޅޭ ނަސޭހަތާއި، އިރުޝާދު ތަކުގެ މައްޗަށެވެ.

އަހަރެމެން ދިވެހި ޒުވާނުންނަށް ވެސް ކުރިމަތިވެފައި މިވަނީ ބަންސީރަށް ޖެހިފައިވާ ކަހަލަ މުސީބާތަކާއެވެ. މުސާރަ ލިބޭތާ މަދު ދުވަސް ކޮޅެއް ނުވެ، އަހަރެމެންނަށް ލިބުނު ފައިސާ ކޮޅު ހުންނަނީ ހުސްވެފައެވެ. ޖެހިގެން އޮތް މަހުގެ މުސާރަ ލިބެންވާއިރު އެކައުންޓް ބެލެންސް ހުންނަނީ ސުމެއްގައެވެ. ކައިބޯ ތަކެއްޗާއި، އުނު ނިވާކުރާނެ އަންނައުނާއި، ބިލުތަކާއި، މާލޭގައި އުޅޭނަމަ ގޭ ކުލި ވެސް ހިމެނޭ ގޮތަށް، ދައްކާ ޚަލާސް ކުރުމަށް ފަހު ދެން އިތުރު ޚަރަދެއް ކުރާނޭ އެންމެ ލޮއެ ލާރި ފޮއްޗެއް ވެސް އަހަރެމެންގެ ފައިސާ ދަބަހަކު ގިނަފަހަރު ނޯވެއެވެ. އަދި ފަހަށް ރައްކާކުރުމުގެ ޚިޔާލެއް ވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ ނުހުރެއެވެ.

އަހަރެމެން ހެން، ބަންސީރު ވެސް އެ އުޅެނީ ކައިބޮއެ, އުނު އަންނައުނު ގަތުމަށް ފަހު ފައިސާ ދަބަސް އެއްކޮށް ހުލިވާތީއެވެ. މިކަމަށް ފަރުވާއެއް ހޯދަން އޭނާ އެވަނީ ބާބިލްގެ އެއްމެ މުއްސަނދި މީހާ، އަރުކަދުގެ ގާތަށް ދިޔުމަށް ނިއްމައިފައެވެ. އަހަރެމެން ވެސް މިކަމަށް ފަރުވާއެއް ހޯދަން އެބަޖެހެއެވެ. އެހެންކަމުން, ފުދުންތެރި ބަޔަކަށް ވުމަށްޓަކައި ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ބަންސީރާއެކު އަރުކަދުގެ ގާތައް އަހަރެމެން ދާން އެބަ ޖެހެވެ. އަދި ފައިސާއާ ގުޅޭގޮތުން އޭނާ ކިޔައިދޭ ހިކުމަތްތެރި ބަސްތަކާއި އިރުޝާދުތަކަކީ ކޮބައިތޯ ބަލާން އެބަޖެހެއެވެ.

މިފޮތުގެ ފެށުމުގައި ޖޯރޖް ކްލަރސަން ލިޔުއްވާފައިވެއެވެ. "ގައުމެއްގެ ފުދުންތެރިކަން ބިނާވެގެން ދާނީ އެ ގައުމެއްގައި ދިރި އުޅޭ ވަކި ވަކި ފަރުދުންގެ ފަރުދީ ފުދުންތެރިކަމުގެ މައްޗަށެވެ." 

މި ލިޔުމުގެ ދެވަނަ ބައިގައި، މި ބުނާ އަރުކަދު ބޮޑު މުއްސަންޖަކަށް ވެގެން ދިޔަ ގޮތުގެ ވާހަކައާއި، އަދި އެ ވާހަކައިން ލިބޭ ފައިސާއާ ގުޅޭ ފިލާވަޅުތަކާއި ހިކުމަތްތެރި އިރުޝާދު ތަކުގެ މައްޗަށް ބަލައިލާނަމެވެ.

(ނުނިމޭ)

ނޯޓް: މި ލިޔުމުގައި ހިމަނައިފައިވާ ޑައިލޮގްތައް، ފޮތުގައި ހުރި ޑައިލޮގް ތަކުގެ އަސްލާ މުޅިން އެއްގޮތް ނުވުން އެކަށީގެންވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ދެވަނަ ބައެއްގެ އިންތިޒާރުގައި ހުރީމް․

– 9 އޮކްޓޫބަރު 2020 0