މައި ކަޕް 2016: ފައިނަލުގެ ފުރަތަމަ ޖާގަ މާރަންދޫ ޔޫތު ކޯޕަރޭޝަން ހޯދައިފި — Ihavandhoo.com

މައި ކަޕް 2016: ފައިނަލުގެ ފުރަތަމަ ޖާގަ މާރަންދޫ ޔޫތު ކޯޕަރޭޝަން ހޯދައިފި

22 ޑިސެމްބަރު 2016 0

މިހާރު ކުރިއަށްދާ މައި ކަޕް 10 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މާރަންދޫ ޔޫތު ކޯޕަރޭޝަން ހޯދައިފިއެވެ.

ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ދެވަނަ ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގެ ފައިނަލުން ޖާގައެއް މާރަންދޫ ޔޫތު ކޯޕަރޭޝަން ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި 2-0 ން އަރާދުވާ ބަލިކުރުމަށްފަހު އެވެ.

މެޗުގައި ރަނގަޅު ކުޅުމެއްދެއްކި މާރަންދޫ ޔޫތު ކޯޕަރޭޝަންގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގައި ކާމިޔާބުކޮށް އެޓީމަށް ލީޑު ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މާރަންދޫ ޔޫތު ކޯޕަރޭޝަންގެ ޖާޒީ ނަމްބަރ 7، ޙުސައިން އާދަމް އެވެ. ދެކާޑު ހަމަވުމުގެ ސަބަބުން އަރާދުވާ ޓީމުގެ މުހިންމު ކުޅުންތެރިއް ކަމަށްވާ އެޓީމުގެ ޖާޒީ ނަމްބަރ 11، މައުރޫފް ޙުސައިން ނުލައި ކުޅުނު މިމެޗުގެ ދެވަނަ ގޯލް މާރަންދޫ ޔޫތު ކޯޕަރޭޝަނުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގައެވެ. މިގޯލް ޖަހައިދިނީ މާރަންދޫ ޔޫތު ކޯޕަރޭޝަންގެ ޖާޒީ ނަމްބަރ 8، އަޙްމަދު ޝިމާލް އެވެ.

 
މުޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޙުސައިން އާދަމް(ކ). މެޗުގެ ފުރަތަމަ ގޯލް ޖައިހައިދިނީވެސް ޙުސައިން އާދަމް. ފޮޓޯ: ލަޔާން. އިހަވަންދޫ.ކޮމް

މިއީ އަރާދުވާ ޓީމު މުބާރާތުގެ ސެމީ ކުޅުނު ފުރަތަމަ ފަހަރުނަމަވެސް މާރަންދޫ ޔޫތު ކޯޕަރޭޝަން މިދިޔަ އަހަރުވެސްވަނީ މުބާރާތުގެ ސެމީގައި ކުޅެފައެވެ. މިދިޔަ އަހަރު އެޓީމު ފައިނަލަށް ނުގޮސް މުބާރާތުން ކެޓީ މާރަންދޫ ޔޫތު ސޮސައިޓީއާ ބައްދަލުކޮށް، ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެން 4-5 ން ބަލިވެގެން ނެވެ.

މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލްމެޗުގައި މާރަންދޫ ޔޫތު ކޯޕަރޭޝަން ބައްދަލް ކުރާނީ މުބާރާތުގެ ދެވަނަ ސެމީގައި މިރޭ ބައްދަލްކުރާ ނިކަ އަދި ހޯރަފުށި ޔޫތު ޑިވްލޮޕްމެންޓް ސޮސައިޓީ (ހައިޑސް) ބައްދަލްކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ