" ފުރަތަމަ ކުރަހާއުޅުނީ ބިންމަތީ (ވެލިގަނޑުގައި)" : ވަހީދު

4 ސެޕްޓެމްބަރު 2018 1

 

 

 

މިފަހަރުގެ އެމީހުންގެ ހުނަރުގެ ބައިވެރިއަކީ  ހއ. އިހަވަންދޫ ނަލަހިޔާގެ މުހައްމަދު ވަހީދު އެވެ. އިހަވަންދޫގެ ގިނަބަޔަކު ދަންނާނެ ފަދައިން ވަހީދަކި މޮޅު ހުނަރުވެރި ކުރެހުން ތެރިއެކެވެ. ވަރަށް ތުއްތު  އުމުރުގައި ވަހީދުވަނީ ކުރެހުމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ އަވޯޑެއް ޙާސިލް ކޮއްފައެވެ. ރަށުގެ ވެލިގަނޑުގައި ކުރަހަންފެށި ވަހީދުގެ ކުރެހުންތައްމިހާރު އޭނާ ކުރަހާ އުޅެނީ ކެންވަސް، ބިއްލޫރިފުޅި ، ކާށީގެ ބޮނބިގަނޑު ފަދަ ތަކެތީ ގައެވެ. ފިލްމުސްޓާރެއްގެ ފޮޓޯ 1 ރުފިޔާއަށް ވިއްކި ހަދާން އަދިވެސް އޭނާ ނުނެތެއެވެ. ނަމަވެސް މިއަދު އޭނަގެ ކުރެހުންތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުންރާއްޖެއަށް ޒިޔާރަތް ކުރާފަތުރުވެރިންގެ ތެރޭގައި މަޤުބޫލުވެ. އެކުރެހުންތައް ވިކެމުންދަނީ ރަނގަޅުއަގެއްގައެވެ. މާތް ﷲ ގެ ހެޔޮރަޙްމަތުންމިއަދު ވަހީދަކީ އޭނާއަށް ލިބުނު ހުނަރުގެ ބޭނުންހިފައި ރާއްޖޭގެ ރިސޯޓެއްކަމަށްވާ ފިހާޅޮހި އައިލެންޑް ރިސޯޓުގެ އަރޓިސްޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ ނަމޫނާ ޒުވާނެކެވެ.

ޖަޕާނުންބޭއްވި އިންޓަނޭޝަނަލް ކުރުހުމުގެ މުބާރާތަކުން އެއްވަނަ ޙާސިލްކުރުމުން ލިބުނު މެޑަލް އަދި ސެޓްފިކެޓާއިއެކު ވަހީދު ފޮޓޮއަކަށް ހުއްޓިގެން.

 

ވަހީދު އޭނަގެ ކޮށްކޮމެނާއި އެކު ލިބުނު ކާމިޔާބީ ފާހަގަކުރަނީ.

ތިރީގައި މިހިމަނާލަނީ ވަހީދުގެ ބައެއް ކުރެހުންތަކާ އޭނަގެވާހަކަތަކެވެ.

1)      ކުރަހަން ފެށުނީކިހިނެއްތޯ؟

ކުރަހަން ފެށުނީކިހިނެއްކަމެއް ނޭގެ، ވަރަށް ކުޑަ ކުޑަ އިރުއްސުރެ މިކަމަށް ޝައުގު ހުންނަކަން އިނގޭ، ފުރަތަމަ ކުރަހާއުޅުނީ ބިންމަތީ (ވެލިގަނޑު) ގަ އެއީ ސުކޫލަށްވެސްނުދާ އިރުގަ، މަގު މަގު ފާރުގަޔާ ގޭ ގެ ފާރުގަ ކުރަހަނީ، ދެން ސުކޫލަށްދާން ފެށިފަހުން ކުރަހާ ފޮތުގަ ކުރަހަން ފެށީ، ކުރަހާ ފޮތަކަށް ވަނީ 2 ދުވަސް ، މަންމަ ހުންނަނީ އެކަމާ  ރުޅިއައިސް އަބަދު ފޮތްގަނެދޭން ޖެހެތީ، ބައްޕަ ވެސް އެއްޗެހިކިޔާނެ އަބަދު ކުރަހަތީ.. އެކަމު ފަހުން އެގުނު ބައްޕަވެސް ކުރަހާކަން.. އެއިރު ގިނައިން ކުރަހަނީ ފިލްމުސް ސްޓާރުން ،ދެން ކުރަންފެށި ކަމަކީ 1 ރުފިޔާއަށް ވިއްކާލަނީ ފިލްމުސްޓާރެއްގެ ފޮޓޯ ކުރަހާފަ، ގަލަމުން ބްލެކް އެންޑް ވައިޓުކޮށްކުރަހަނީ...

 

2)    ކުރިން ކުރަހާނެ ސާމާނު ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ. އެއިރު ކުރެހުމަށް ބޭނުންވާ ތަކެތި ހޯދަނީ ކިހިނެއް؟

އަސްލު ކުރިން ކުރަހާ އުޅުނީ ސުކޫލުގަ އުޅުނިއިރު ސުކޫލަށް ގެންދަން ގަނެދޭ ފޮތުގަ. 2 ދުވަހުން އެ ފޮތް ހުސްވޭ. އަނެއްކާވެސް މަންމަ ގާތު ރޮއިގެން ފޮތް ގަންނަނީ. ސުކޫލު ނިންމާފައާއެކު މަސައްކަތުގެ ދާއިރާއަށް ނުކުމެއްޖައިން.

 

3)    ބޮޑަށް ޝައުޤުވެރިވަނީ ކޮންކަހަލަ ކުރެހުންތަކަކައް؟

ހުރިހާ ވައްތަރެއްގެ ކުރެހުންތައްވެސް ކުރަހާ ހިތްވޭ. އެކަމް މިހާރު މި ކުރެހެނީ ގުދުރަތީ ރީތި މަންޒަރުތަކާއި، ގޮނޑުދޮށާއި، ކަނޑު އަޑީގެ މަންޒަރު.

 

4)    އެއީ ކީއްވެ އެ އެއްޗެހި ޚާއްސަވެ ކުރަހަން ޝައުޤު ހުންނަނީ؟

އަސްލު ވާގޮތަކީ ގެސްޓުން ބޮޑަށް ލައިކު ވަނީ އެ ވައްތަރުގެ ކުރެހުންތަކަށް. އެކަމް ވަރަށް ވޭ ރާއްޖޭގެ ކުރީގެ މުސްކުޅި ދިރިއުޅުން ދައްކުވައިދޭ ކުރެހުންތައް ކުރުހާހިތް.

 

5)    ކުރަހާއިރު އެންމެ އިސްކަމެއްދެނީ ކޮން ކަންކަމަކަށް؟

އެ ކުރުހާ އެއްޗެއް ވީހާވެސް ރީތިކޮށް ކުރުހޭތޯ. ދެން މީހަކު ބުނެގެން ކުރުހާ އެއްޗެއް ވިއްޔާ އެމީހާ ހިތްހަމަ ޖެހޭ ވަރަށް އެމީހާ ބޭނުންވާ ގޮތަށް ކުރުހޭތޯ ބަލަނި. އަދި އެއްޗެއް ބަލައިގެން ކުރަހާނަމަ އެއާ ވީހާވެސް ވައްތަރު ވާގޮތަށް ކުރުހޭތޯ ބަލަން.

 

6)    ކުރެހުން ދަސްކުރުމަށް އެއްވެސް މަސައްކަތެއް ކުރިން ކުރަންތަ؟

އަހަރެން މީ އެއްވެސް މީހަކު ގާތުން ކުރުހަން ދަސްކޮށްގެން ކުރަހާ މީހެއް ނޫން. ސުކޫލުންވެސް އެ ދުވަސްވަރު މާ ރަނގަޅު އެއްޗެއް ނޭނގެ. ކުރުހަން (އެއިރު) ދޭނީ އެކުއްޖަކު ބޭނުން އެއްޗެއް ނޫނީ ދަޅެއް، އާފަލެއް ބައިންދާފައި ބުނެފާނެ ކުރަހާށޭ. ބައެއްފަހަރު މުދައްރިސުންނަށްވެސް ކުރުހާދޭން ޖެހޭ. ވީމާ، އިތުރަށް ކުރިއަރަން އަހަރެން މީހުންގެ ކުރެހުން ބަލައި އެގޮތަށް ކުރުހޭތޯ ބަލަން.

 

7)    މީހުންގެ ކުރެހުންތައް ބަލައިގެން ހިތްވަރު ހޯދާކަމަށް ވިދާޅުވެއްޖެ. އެހެންނަމަ، އެންމެ ފާހަގަކޮށްލެވޭ ކުރެހުންތެރިޔަކީ ކާކު؟

ވަރަށް ފާހަގަކޮށްލަން އެފް.ބީ(ފޭސްބުކު)ގަ ހުންނަ ކުރެހުންތައް. އެގޮތުން ސިރު އާޓްސް އަދި ޖަނާހް އާޓްސް ވަރަށް ކަމުދޭ.

 

8)    މިހާރު ތި ކުރަހާ ކުރެހުންތަކުން ކޮންމެ ކުރެހުމެއް ކުރަހަން ގާތްގަނޑަކަށް ކިހާ ވަގުތެއް ނަގާނެ؟

މިހާރު މި ކުރުހާ ވައްތަރުގެ ކުރެހުންތަކުން ކުޑަ ކުރެހުމެއް ވިއްޔާ ބައި ގަޑި އިރު އަދި ބޮޑު ކުރެހުމެއްވިއްޔާ ދެ ގަޑިއިރު. ދެން ބައެއް ވައްތަރުގެ ކުރެހުންތަކަށް ކުޑަކޮށް ގިނައިރުވޭ.

 

9)    ކުރިޔާ އަޅާ ބަލާއިރު މިހާރު ތި ގެންގުޅޭ ވަޞީލަތްތައް ތަފާތުވެދާނެ. ކޮން ގޮތަކުން މިހާރު ބޭނުން ކުރާ އެއްޗެހި ތަފާތީ؟

ކުރިން ކުރެހީ ފަންސުރު ކުލައިން. ދެން ފެންކުލައިން ކުރަހާފޮތުގައި ދެން "ޑްރޮވިން ބޫކް"ގަ. މިހާރު މި ކުރުހަނި ފުޅި ކުލައިން ކެންވަސް ގަ. ވަރަށް ފަސޭހަ ކުރީގަ އެ ކުރެހި ގޮތަށްވުރެ ކެންވަސްގަ ކުރަހަން.

 

10)                 ކުރަހަން އެކި މީހުން ގެންގުޅެނީ އެކި ކަހަލަ "މެޓީރިއަލް". ވަހީދަށް އެންމެ ފަސޭހައީ ކޮންކަހަލަ "މެޓީރިއަލް" އަކުން ކުރަހަން؟

މިހާރު މި ކުރެހެނި ހަމައެކަނި އެކްރިލިކް ކަލާރ އިން. އެހެންވެ އެއިގެން ކުރަހަން ފަސޭހައޭ ބުނެވޭނި. މިހާރު ފަންސުރު ކުލައިން ކުރަހަން އުނދަގޫ އަދި ވޯޓާ ކަލާރ އިން ވެސް. އެއީ މިހާރު އޭގެން ނުކުރުހާތީ.

 

11)                 ކުރިން މަސައްކަތް ކުރީ ހަމަ އެކަނި ކުރެހުމަށް ބިނާވެފަ އޮތް ވަޒީފާއަކު ނޫން. އެއިރު އެގޮތަށް ވަޒީފާގަ އުޅެމުން ކުރަހަން ވަގުތު ހޯދަނީ ކިހިނެއް؟

ކުރިން އަދާކުރި ވަޒީފާގައި އުޅެމުން މާ ގިނައިން ކުރުހާ ނުހެދެ. މީހަކު ބުންޏަސް ވަގުތެއް ނެތޭ ބުނަނި އެކަމް ލިބޭ ހުސްވަގުތު މީހުންނަށް ކުރަހައިދޭން.

 

12)                 ރިސޯޓުގަ ގެސްޓް ޝޮޕް ގަ ވަހީދުގެ ކުރެހުންތަކަށް ޑިމާންޑް އޮވޭތޯ؟

އަބަދުވެސް ކުރަހަން އޯޑާރ ލިބި ލިބި ހުންނަނީ ... ޑިމާންޑް އޮވޭ، ކުރެހުންތަށް ވިކޭ އަބަދުވެސް..

 

13)                 އެއިރު އެހެން ކުރަހައިދޭ ކުރެހުމެއް ނިންމައިލެވެނީ ކިހައި އިރަކުން؟

(އެއިރު)ދެން ހަތަރު، ފަސް ހަ ދުވަސް ވެސް ނަގާފާނެ ނިންމަން.

 

14)                 ތި މަސައްކަތުގައި އެންމެ ބޮޑު ހިތްވަރެއް ލިބެނީ ކޮންބައެއްގެ ފަރާތުން؟

މި ކަމުން ކުރިއަށް ދާން އެންމެ ބޮޑު ހިތްވަރެއް ލިބެނީ އާއިލާގެ ފަރާތުން. ހާއްސަކޮށް އަންހެނުންގެ ފަރާތުން. ކޮއްކޮ އަހުމަދު ވަހީދުގެ ފަރާތުންވެސް ވަރަށް ބޮޑު ހިތްވަރެއް ލިބޭ. އޭނާ ބުނާނެ ރަނގަޅު ކޮއްލަންޖެހޭ ތަންތަން.

15)                 ތި މަސައްކަތް ކުރުމުގަ ހުރި އެންމެ ބޮޑު ގޮންޖެހުންތަކަކީ ކޮބާ؟

ކުރިން މި ކަމުގަ ހުރި ގޮންޖެހުންތަކެއް ކުރިޔަށް ދާން. އެކަމަކު މިހާރު ހަމަ ބޭނުން ވަރަކަށް ބޭނުން އެއްޗެއް ކުރެހުމުގެ ފުރުސަތު އެބަ އޮތް.

 

16)                 ކުރެހުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބެއް ލިބުނުތަ؟

އަދި މާގިނަ ކާމިޔާބީތަކެއް ނެތް ލިބިފައެއް. އެހެންނަމަވެސް އަހަރެން ވަރަށް ފާހަގަކޮށްލަން ސުކޫލު ދުވަސްވަރު ޖަޕާންގަ ބޭއްވި މުބާރާތަކުން 1 ވަނަ ލިބުނު. އަސްލު އަހަރެން ދެކެނި ކުރަހާ އެއްޗެއް، މީހުން ރަނގަޅޭ، ރީތި ވާހަކަ ބުނުން އެއީވެސް ކާމިޔާބެއް ކަމަށް ލިބޭ.

 

17)                 ތި ދާއިރާއަށް ކުރެވޭ އެންމެ ބޮޑު އުއްމީދަކީ ކޮބާ؟

މިހާރު ބޭނުންވަނީ މިކަން އަހަރެންގެ ފަރާތުން ދަސްކޮށްދޭން އަދި އެފަދަ ދުވަހެއް ދެއްކެވުން.

 

18)                 ކޮބާ ވަހީދުގެ ކައިރިން ކުރަހަން ދަސްކުރަން ބޭނުން ކުދިންނަށް އޮތް ފުރުސަތަކީ؟

މިކަން އަބަދުވެސް އެހެން ބަޔަކަށް ދަސްކޮށް ދޭން ވަރަށް ބޭނުން، އެކަމަކު ކުރިން ބުނިހެން އަހަރެން މީ މިކަން ކިޔަވައިގެން ކުރާމިހެއް ނޫން، އެހެންވީމަ އަހރެން ނަށް ކިޔައިދެވޭނީ އަހަރެން ނަށް ލިބިފަ ހުރި ތަޖުރިބާ އެއް، ކުރަހަން ބޭނުންވާ ކުދިންނަށް ވަގުތު ވާވަރަކުން އަހަރެން އެކަން ކޮއްދޭން މި ހުރީ ތައްޔާރަށް.

 

19)                 ވަހީދު ލައްވާ އެއްޗެއް ކުރަހާލަން ބޭނުނަމަ ކިހިނެއް ހަދަން ޖެހޭނީ؟

ކުރަހަން ބޭނުންވާ މީހުން އަހަރެންނަށް ގުޅާލައިގެން ކުރިއަށް ގެންދަންވީ ހަމަ  9798093، ޑިއުޓީ ގަ ވަރަށް ގިނަ ވަގުތު އަހަރެން ހޭދަ ކުރަންޖެހޭ ވަގުތު ތަންދޭ މިނވަރަކުން އެކަން ކޮއްދޭނަން،  ރަށުގަ ޗުއްޓީއަށް ގޮސްހުންނަ އިރު މިހާރުވެސް ވަރަށް ގިނައިން މީހުންނަށް ކުރަހާދެން.

20)                 ވަހީދު ޒުވާނުންނަށް ދޭންބޭނުންވާ މެސެޖަކީ ކޮބާ؟

ޒުވާނުންނަށް ބުނެލަން އޮތީ ވަގުތުގެ ބޭނުން ބޭނުން ހެޔޮގޮތުގައި ހިފާށެވެ. އަދި ތިމާ ބޭނުންވާ ކަމެއް ތިމަންނައަށް ނުވާނޭ ހިތާ އެކަމާ ކުރިމަތި ނުލާ ނުހުންނާށެވެ. ކުރަން ބޭނުންވާ ނަމަ އެކަމައިގެން އުޅޭށެވެ. ފުރަތަމަ ހިތްއެދޭ ވަރަށް ނުވެދާނެތީ އެކަމެއް ހުއްޓާ ނުލާ ކުރިއަށް ގެންދާށެވެ. އިންޝާﷲ ކާމިޔާބު ވާނެއެވެ. ތަކުރާރުކޮށް ބުނެލަން ބޭނުންވަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.

 

މިފަހަރުގެ އެމީހުންގެ ހުނަރުގައި މިގެނެސްދެވުނީ ކުޅަދާނަ ކުރެހުންތެރިއެއްގެ ވާހަކަ، އޭނާ ކުރެހުމުގެ ފަންނަށް ޝައުގު ވެރިވީގޮތެވެ. ކުރެހުމުގެ ފަންނުގައި ކުރިއެރުމާއި ވަޒީފާގެ ފުރުސަތުވެސް ލިބެމުން ދާކަން މި ހުނަރު ވެރިޔާގެ ފަރާތުން އެގިގެން ހިގައްޖެއެވެ. އެމީހުންގެ ހުނަރުގެ ފަރާތުން އެދެނީ ކޮންމެ ޒުވާނަކީވެސް ކޮންމެ ވެސް މަސައެކަތެއް ކުރާ ހީވާގި ކެރޭ ޒުވާނަކަށް ވުމެވެ. މި ހުނަރު ވެރިޔާގެ މަސައްކަތުން ދިރި އުޅުމުގެ އެތައް ކަމެއް ފާހަގަ ވެގެން ހިގައްޖެއެވެ. ބޭނުން ވާކަމެއް ހާސިލް ކުރުމަށް ރޯލަން ޖެހޭ ފަހަރުވެސް އަތުވެދާނެއެވެ. ހުރިހާ ޒުވާނުންނަކީވެސްމުޖުތަމައުގައި ހެޔޮގޮތުގައި ގުނާލެވޭ ވަހީދުފަދަ ކެރޭ ފަހުލަވާނަކަށް ވަމާ ހިގާށެވެ. ރަށާއި ގައުމަށް ޙިދުމަތް ކުރުމަށް އަތުކުރި އޮޅާލާ ބަޔަކަށް އަހަރެމެންވަމާ ހިގާށެވެ. އެމީހުންގެ ހުނަރުގެ ފަރާތުން ވަހީދުއަށް އެދެނީ އަދިވެސް އިތުރުކާމިޔާބީ އާއި އުފާވެރިކުރިމަގެކެވެ.

ތިރީގައިމިވަނީ ވަހީދުގެ ބައެއް މަސައްކަތްތަކެވެ.

އެ މީހުންގެ ހުނަރު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މާޝާ އަﷲ

– 5 ސެޕްޓެމްބަރު 2018 0