ގުދުސްގައި އާޖެންޓީނާއިން ކުޅެންއުޅޭ މެޗް ކެންސަލްކުރުމަށް ފަލަސްތީނުން އެދިއްޖެ!

އިސްރާއިލުން ހިފާފައިވާ ގުދުސްގެ ޓެޑީ ސްޓޭޑިއަމްގައި އާޖެންޓީނާއާއި އިސްރާއިލުން އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ތައްޔާރުވަމުންދާތީ، އެމެޗް ކެންސަލް ކުރުމަށްފަލަސްތީނުން އާޖެންޓީނާގެ ކިބައިން އެދިއްޖެއެވެ. ފަލަސްތީނުން މިގޮތަށް އެދިފައިވަނީ ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ފޮނުވާފައިވާ ސިޓީއެއްގައެވެ. ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މިއިލްތިމާސް ދެކުނު އެމެރިކާގެ ފުޓްބޯލް ކޮންފިޑަރޭޝަން އަދި ފުޓްބޯޅައިގެ މައި އިދާރާ ފީފާއަށްވެސް ކޮށްފައެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖަބް ތުހުމަތު ކުރައްވަނީ އިސްރާއީލުން "ކުޅިވަރު" ސިޔާސީ ކުރަން އުޅެނީ ކަމުގައެވެ. އެގޮތުން ޖޫން 9 ގައި ކުޅެންއުޅޭ އެކުވެރިކަމުގެ މެޗް ކުޅޭ ސްޓޭޑިއަމް ހުރި ތަނަކީ 1948 ގައި އިސްރާއީލްގެ އިސްތިއުމާރީ ބާރުތަކުން ސުންނާފަތި ކުރުމުގެކުރިން ފަލަސްތީނުގެ ވިލެޖެއްކަމުގައެވެ. ޖިބްރީލް އިތުރަށް ވިދާޅުވީ މިމެޗް ކުޅެފިނަމަ އާޖެންޓީނާގެ އަގުވެއްޓިގެން ދާނެކަމުގައެވެ.

އިސްރާއިލްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ވެބްސައިޓްގައި ވާގޮތުން 31,733 މީހުންގެ ޖާގައިގެ ޓެޑީ ސްޓްޑިއަމްގައި ކުޅޭ މިމެޗްގެ ޓިކެޓްގަތުމަށް މިހާތަނަށް 600,000 ހާހަށްވުރެގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމުގައެވެ. އަންނަ ޖޫން މަހުގެ 9 ގައި އަޖެންޓީނާއިން އިސްރާއިލްއާއި އެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ޝެޑިއުލް ކޮށްފައިމިވަނީ ޖޫން 14 ގައި ރަޝިއާގައި ފަށާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ތާރީޚީ ފަލަސްތީން ޔަހޫދީންނާއި އަރަބިންނާ މެދު ބައިކުރުމުގެ 1947 ވަނަ އަހަރުގެ އދ.ގެ ޕާޓިޝަން ޕްލޭނުގެ ދަށުން ގުދުސް އަށް ވަނީ ޚާއްސަ ދަރަޖައެއް ދީފަ އެވެ. ގުދުސް އަކީ އެއްވެސް ބައެއްގެ ބާރުގެ ދަށުގައި އޮންނަ ތަނެއް ނޫން ކަމަށް ހަމަޖެއްސީ ގުދުސްގައިވާ މުގައްދަސް ބިނާތަކުގެ ސަބަބުންނެވެ. ނަމަވެސް 1948 ވަނަ އަހަރުގެ ހަނގުރާމައިގައި ޒަޔަނިސްޓް ބާރުތަކުން ވަނީ ގުދުސްގެ ހުޅަނގުގެ ތަންތަން ހިފާ އެއީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

އޭގެ ފަހުން އިޒްރޭލުން ވަނީ 1967 ވަނަ އަހަރު ހަނގުރާމައިގައި އިރުމަތީ ގުދުސް ވެސް ހިފައިފަ އެވެ. އޭރު އިރުމަތީ ގުދުސް އޮތީ ޖޯޑަންގެ ބެލުމުގެ ދަށުގަ އެވެ. އަދި އެއީ އިޒްރޭލުގެ ބައެއްގެ ގޮތުގައި އެ ގައުމުގެ ގާނޫނުތަކުގައި ވަނީ ހިމަނައިފަ އެވެ. އިޒްރޭލުން 1980 ވަނަ އަހަރު ފާސްކުރި "ގުދުސް ގާނޫނު"ގެ ދަށުން އިރުމަތީ ގުދުސް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ހިމަނާ މުޅި ގުދުސް އެއީ އިޒްރޭލުގެ ވެރި ރަށް ކަމަށް ކަނޑައެޅި އެވެ. އެކަމަކު ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައެއް ނުވެ އެވެ. އަދި އދ. ސަލާމަތީ މަޖިލީހުން 1980 ވަނަ އަހަރު ފާސްކުރި 478 ވަނަ ގަރާރުގެ ދަށުން ވަނީ އިޒްރޭލުން ފާސްކުރި ގާނޫނު ބާތިލް ކަމަށް ކަނޑައަޅައިފަ އެވެ. ނަމަވެސް މި މަހު 14 ވަނަ ދުވަހު އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރި ފަހުން ގުއަޓަމާލާ އަދި ޕެރަގުއޭގެ އެމްބެސީވެސްވަނީ ގުދުސްއަށް ބަދަލުކޮށްފައެވެ. އެއާއިއެކު އިސްރާއިލުން ގުދުސްގައި ހިންގަމުންއަންނަ ރަސްމީހަރަކާތްތައްދަނީ ވަރަށްބޮޑަށް އިތުރުކުރަމުންނެވެ. މިފަދަ އިވެންޓްތައް ގުދުސްގައި ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ގުދުސްއަކީ އިސްރާއިލްގެ ވެރިރަށްކަމަށް ގިނަބަޔަކަށް ޤަބޫލްކުރުވުން ކަމަށްވެއެވެ.

 

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ