ހާއްސަ ރިޕޯޓް: ގެވަޅު ޕޮއިންޓް ދިނުމުގައި ބޮޑެތިސިންގާ ޖަރީމާ! މިއީ އިހަވަންދޫގައި ހިންގާފައިވާ އެންމެ ބިޔަ ފަސާދައަށް ވެދާނެ!


ގެވަޅު ކޮމިޓީގެ މެމްބަރުން.

އިހަވަންދޫން ދިރިއުޅުމަށްޓަކައި ބަންޑަރަ ގޯތި ނުދޭތާ މިހާރު 10 އަހަރުވީއެވެ. އެންމެ ފަހުން އިހަވަންދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. މިއަދުގެ ހާލަތަށް ބަލާއިރު، ގިނަ ބަޔަކު ވަނީ ދިރިއުޅެން ބިމަކަށް ނުހަނު ބޮޑަށް ބޭނުންޖެހިފައެވެ. ހަމައެކަނި އެ މީހުންނާއި އެ މީހުންގެ މުސްކުޅި މައިންބަފައިންނަށް ބޯހިޔާވަހިކަން ބޭނުންވާތީއެއް ނޫނެވެ. މުސްތަޤުބަލްގެ އުއްމީދުކަމުގައިވާ ދަރިންގެ ބޯހިޔާވަހިކަމާއި، ހިތްހަމަޖެހޭ ދިރިއުޅުމުކަށްޓަކައިވެސް މެއެވެ. އާއިލީ މައްސަލަތަކުންނާއި ދޭދޭ ރަހުމަތްތެރިންގެ މެދުގައި އުފެދޭ ޒުވާބާއި ކޯޅުންތަކުން ވެސް އެއްކިބާވުމަށް ބޭނުންވާތީއެވެ. އަމިއްލަވަންތަ އެކަހެރި ދިރިއުޅުމަކަށް ރަށްފުށުގެ ރަށްވެހީން ލޯބި ކުރާތީއެވެ.

ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކުގެ ތެރެއިން އިހަވަންދޫން ގެވަޅު ނުވަތަ ފުލެޓް ބޭނުންވެފައިވާ ފަރާތްތަކުގެ މުހުތާދުތަކަށް ތަސައްލީއެއް ގެންނަން މިއަދު ޖެހެއެވެ. ރަށުގެ ބިމުން އެންމެންނަށް ގެވަޅު ދޭވަރަށް ބިން ލިބެން ނެތް ކަމުގައި ވީ ނަމަވެސް، އެކަމަށް އެންމެ ބޭނުންވާ ފަރާތްތަކަށް ނިޒާމެއްގެ ތެރެއިން ބެލި، ދިރިއުޅެވޭނެ ގޮތެއްގެ އިންތިޒާމް ހަމަޖެހެން ޖެހޭކަމީ އެއްވެސް މީހަކު އިންކާރު ކުރާނެ ކަމެއް ނޫންކަން ޔަޤީނެވެ.

 

މި ރިޕޯޓްގެ ކުރު ތައާރަފެއް

މި ރިޕޯޓަކީ އިހަވަންދޫ ކައުންސިލްގެ ނަންބަރު: IUL)248-CAA/248/2016/85)  އޯގަސްޓް 10، 2016 އިގެ އިއުލާނާ ގުޅިގެން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ހޯދުމަށް ކުރިމަތިލާފައިވާ 401 ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ރިޢާޔަތް ކޮށްފައިވާ ބައިތަކުގެ ތެރެއިން މައިންބަފައިންގެ ބަޔަށް ޕޮއިންޓް ދިނުމުގައި ހިންގާފައިވާކަމަށް ތުހުމަތު ކުރާ ކޮރަޕްޝަނާއި ފަސާދަ އާއި މަކަރާ ހީލަތާއި ނާޖާއީޒް ފައިދާ ހޯދައިދިނުމާއި ރަސްމީ ލިޔެކިއުން އޮޅުވައިލުމާ ގުޅޭގޮތުން އަލިއަޅުވައިލާ އެކުލަވާލާފައިވާ ރިޕޯޓެކެވެ. ވުމާއެކު ގެވަޅު ދިނުމުގެ އެކި މަރުހަލާ ތަކުގައި ވަށާޖެހެނިވި އެހެން ކަންކަމަށް ބަލާލައިފައެއް ނުވާނެއެވެ.

 

ގެވަޅުދިނުމަށް އިޢުލާންކުރުން

އިހަވަންދޫން ގޯތި ދޫކުރުމަށް 14 އޭޕްރިލް 2013 ގައި ކުރި އިއުލާނު ބާތިލްކޮށް، އިހަވަންދޫން ދިރިއުޅުމަށް ބަންޑަރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 10 އޯގަސްޓް 2016 ގައި ކުރި އިހަވަންދޫ ކައުންސިލްގެ ނަންބަރު: IUL)248-CAA/248/2016/85) އިޢުލާނުންނެވެ. އެ އިޢުލާނަށް އިޖާބަދީ ފޯމް ލާންޖެހޭ އެންމެ ފަހުގެ މުއްދަތަކަށް ދީފައި ވަނީ 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 14:00 އެވެ.

އެ އިޢުލާނުގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މައިގަނޑު 6 ބަޔަކަށް ބަލާނެކަމަށް އޮވެއެވެ. އެ ބައިތަކަކީ ކައިވެނީގެ ބައި، އުމުރުގެ ބައި، ދަރިންގެ ބައި، މައިން ބަފައިންގެ ބައި، ރައްވެހި ކަމުގެބައި އަދި ބަންޑާރަ ގޯއްޗެއް އޮތުމާއި ރަށުގައި ދިރިނޫޅުމުގެ ސަބަބުން ޕޮއިންޓް އުނިކުރުމުގެ ބައެވެ. އެ އިއުލާނަށް އިޖާބަދީ 401 ފަރާތަކުން ގެވަޅު ހޯދުމަށް ކުރިމަތިލިއެވެ.

 

ޕޮއިންޓްދީފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން

އާ ކައުންސިލް ވެރިކަމާ ހަވާލުވެ، ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލު ގޯސްކަމަށް ވިދާޅުވެ އެ އުޞޫލު އިސްލާހުކޮށް އަލުން ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވައިލުމަށް ތައްޔާރުވެފައި ވަނިކޮށް، ހުރިހައި ކައުންސިލަރުން އެކަށް ސަސްޕެންޑްކުރިއެވެ. އެއަށްފަހު ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ އެންގެވުމަށް ކުރިން އޮތް ގެވަޅު ކޮމިޓީ އުވާލައި އާ ގެވަޅު ކޮމިޓީއެއް ހޮވައި، ސީދާ ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ އިރުޝާދާއެކު އާ ގެވަޅު ކޮމިޓީން ޕޮއިންޓް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދީފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފައި ވަނީ ކައުންސިލަރުންގެ ސަސްޕެންޝަންގެ މުއްދަތު ހަމަވާން ވަގުތު ކުޑަތަން ވެފައި އޮއްވައި 30 އޭޕުރީލު 2018 ގައެވެ.

ލިސްޓްގައި އޮތީ ފޯމް ނަންބަރާއި، ނަމާއި އެޑްސް އަދި ޖުމްލަ ލިބުނު ޕޮއިންޓެވެ. ޕޮއިންޓް ލިބުނު ބައިތަކާއި ލިބިފައިވާ ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ހިމަނާފައެއް ނުވެއެވެ. ލިސްޓް އާންމުކުރުމާއެކު ރައްޔިތުންގެ ޝަކުވާ ފުނިޖެހެން ފެށިއެވެ. ޕޮއިންޓްދީފައިވާ ގޮތުގެ ތަފްސީލް ހިމަނާފައި ނެތުމުން ވާނުވާގައި ގިނަބަޔަކު ތިބިނަމަވެސް، ތިން ހާހުގެ ކުޑަ އާބާދީއެއްގައި އެންމެންނަކީ ވެސް އަނެކާގެ ވަނަވަރާއި ދިރިއުޅުމުގެ ހާލަތު އިނގޭނޭ ފަރާތްތަކެއް ކަމަށް ވާތީ ޕޮއިންޓް ދީފައިވާ ގޮތުގައި މައްސަލަތަކެއް ހުރިކަން ދެނެގަންނާކަށް "ރޮކެޓް ސައިންސް" ބޭނުންކުރާކަށް ނުޖެހުނެވެ.

އެގޮތުން ކައިވެނީގެ ބައި، އުމުރުގެ ބައި، ދަރިންގެ ބައި، މައިން ބަފައިންގެ ބައި، ރައްވެހި ކަމުގެބައި އަދި ބަންޑާރަ ގޯއްޗެއް އޮތުމާއި ރަށުގައި ދިރިނޫޅުމުގެ ސަބަބުން ޕޮއިންޓް އުނިކުރުމުގެ ބައިން އެއް ހާލަތެއްގައި ތިބި ފަރާތްތަކަށް ވެސް، ޕޮއިންޓް ދިނުމުގައި ފަރަގުކޮށްފައިވާކަން ފާޅުވެގެން ދިޔައެވެ.

 

ޕޮއިންޓް ގިނަ ވަނީ މައިންބަފައިންގެ ބަޔަށް

ގެވަޅު ކޮމިޓީގެ ބައެއް މެމްބަރުންނާ އެ ދުވަސްވަރު މިކަމާ ގުޅިގެން ސުވާލުކޮށްލުމުން ވިދާޅުވީ ޕޮއިންޓް ދިނުމުގައި ބަލާ އެހެން ކަންތައްތައް އެއްގޮތް ނަމަވެސް ބައެއް މީހުންނަށް އިތުރަށް ޕޮއިންޓް ލިބެނީ މަންމަ ނުވަތަ ބައްޕަ ބަލަމުން ދާތީ ކަމުގައެވެ.

ގެވަޅަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާނުގައި ވާގޮތުން މައިންބަފައިންގެ ބައިން ޕޮއިންޓް ލިބެނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ މަންމަ ބަލަމުންގެންދާ ނަމަ 3 ޕޮއިންޓް، ބައްޕަ ބަލަމުންގެންދާ ނަމަ 3 ޕޮއިންޓް އަދި މައިންބަފައިންނާއި ދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަވެސް 3 ޕޮއިންޓެވެ.

މައިންބަފައިންގެ ބަޔަށް ޕޮއިންޓް ދޭނެގޮތުގެ ތަފްސީލްވެސް އެއިއުލާނުގައި ހިމަނާފައިވެއެވެ. އެގޮތުން މައިންބަފައިން ބަލަމުންގެންދާތީ ޕޮއިންޓު ލިބޭނީ، 1- މަންމަ ނުވަތަ ބައްޕަގެ ގޯތި ނެތި، މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމަ، 2- މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭ ފަދަ މީހަކު ބަލަމުންދާނަމަކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ނަމަވެސް އެ އިއުލާނުގައި، މައިންބަފައިން ބަލަމުންދާ ފަރާތްތަކުން ޕޮއިންޓް ހޯދުމަށްޓަކައި ހުށަހަޅަންވީ ކޮން ލިޔެކިއުމެއްކަމެއް ނުވަތަ އަޅަންވީ ކޮން ފިޔަވަޅެއްކަން ފާހަގަކޮށްފައެއް ނުވެއެވެ. އަދި ގޯއްޗަށް އެދޭ ފޯމުގައިވެސް މައިންބަފައިން ބަލާތޯ ސުވާލުކޮށްފައެއް ނުވެއެވެ.

 

މައިންބަފައިންގެ ބަޔަށް ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްސީލް ލިބުން

އިހަވަންދޫން ބަންޑާރަ ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްސީލް މައުލޫމާތު ހޯދުމަށް "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު" ގެ ދަށުން އިހަވަންދޫ ކައުންސިލަށް ހުށަހެޅުމުން، އިތުރު ތަކުލީފުތަކަކަށްފަހު ކައުންސިލުން ވަނީ އެ މައުލޫމާތުގެ ކޮންމެވެސް މިންވަރެއް ހިއްސާކޮށްފައެވެ.

ކައުންސިލުން ހިއްސާކޮށްފައިވާ މައުލޫމާތުގައި މީހުންގެ ނަމާއި، އައިޑީ ކާޑު ނަންބަރު އަދި އެޑްރެހުގެ އިތުރުން ފޯމް ނަންބަރެއްވެސް ނެތެވެ. ނަމަވެސް ގެވަޅަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްސީލް މައުލޫމާތު އެގެން އޮވެއެވެ. ކައުންސިލުން ހިއްސާކޮށްފައިވާ މައުލޫމާތުގައި އުފަން ތާރީޚް އޮތުމާއި، ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްސީލް އެނގެންއޮތުމާއެކު، ކުރިން އިއުލާނުކޮށްފައިވާ ޕޮއިންޓް ދިން ގޮތުގެ ވަގުތީ ލިސްޓާއި، މި ނޫހުގައި ހުރި ތަފާތު ރިސޯސްތަކުގެ އެހީގައި މައިންބަފައިންގެ ބައިން ޕޮއިންޓް ދީފައި ވަނީ ކޮންކޮން ބަޔަކަށްކަން މިހާރު ވަނީ ދެނެގަނެވިފައެވެ. ނަމަވެސް އަބުރު ގާނޫނު އޮތް ގޮތުން އެ މީހުންގެ ވަނަވަރު ހިއްސާކުރުމަށް އުޒުރުވެރިވެއެވެ.

ލިބިފައިވާ މައުލޫމާތަށް ބަލާއިރު މައިންބަފައިންގެ ބައިން ޕޮއިންޓް ދީފައި ވަނީ 26 މީހަކަށެވެ. 18 މީހަކަށް މަންމަ ބަލާތީ ޕޮއިންޓް ދީފައިވާއިރު 8 މީހަކަށް ބައްޕަ ބަލާތީ ޕޮއިންޓް ދީފައިވެއެވެ. ނަމަވެސް މައިންބަފައިންނާއި ދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ އެހެން މީހަކު ބަލަމުންގެންދާތީ އެއްވެސް މީހަކަށް ޕޮއިންޓް ދީފައެއް ނުވެއެވެ.

ވީމާ މި 26 މީހުންކުރެ ކޮންމެ މީހަކަށް އެހެން މީހުންނަށް ވުރެ އިތުރަށް 3 ޕޮއިންޓް ދީފައި ވެއެވެ.  

 

އަންތަރީސްވާފަދަ އާދަޔާހިލާފު ބޮޑު އިއްތިފާގެއް

ގޯތިދިނުމަށް ކޮށްފައިވާ 10 އޯގަސްޓް 2016 އިގެ އިއުލާނާ ގުޅިގެން ދޫކުރުމަށް ހަމަޖެހިފައި ވަނީ 100 ގޯއްޗެވެ. ވުމާއެކު ގޯތި ލިބޭނެކަން %100 ޔަގީން ވާނީ މަދުވެގެން 70 ޕޮއިންޓް ލިބިގެންކަން ޕޮއިންޓް ދިންގޮތުގެ ވަގުތީ ލިސްޓުން ހާމަވެއެވެ. އަދި %100 ޔަގީން ނުވިއަސް 69 ޕޮއިންޓް ލިބިފައިވާ ފަރާތްތައްވެސް ގުރުއަތަށް ދިއުމުގެ ފުރުސަތު އޮތްކަން ވެސް ލިސްޓުން ހާމަވެއެވެ. ސަބަބަކީ އެއަށްވުރެ އިތުރަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން އެއް ފަރާތް ލިސްޓުން އުނިކުރުމުން ހުސްވެގެންދާ ޖާގަތަކަށް 69 ލިބިފައިވާ ފަރާތްތައް ވަންނާނެތީއެވެ.

އިއްތިފާގަކީތޯއެވެ! ބޮޑުވެގެންވާ އިއްތިފާގެކެވެ. ގެވަޅަށް އެދި ކުރިމަތި ލާފައިވާ 401 ފަރާތުގެ ތެރެއިން މަންމަ ނުވަތަ ބައްޕަ ބަލާކަމަށް ބުނެ ޕޮއިންޓް ލިބިފައި ވަނީ 70، 71 އަދި 72 ޕޮއިންޓް ލިބިފައިވާ މީހުންނަށެވެ. 69 ޕޮއިންޓް ލިބިފައިވާ 2 މީހަކާއި 67 ޕޮއިންޓް ލިބިފައިވާ 1 މީހަކު ފިޔަވައި، 72 އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ އެކަކުވެސް، އަދި 70 އަށް ވުރެ ދަށްކޮށް ޕޮއިންޓް ލިބިފައިވާ ހަމަ އެއްވެސް މީހަކު ވިޔަސް އެ މީހުންގެ މަންމަ ނުވަތަ ބައްޕަ ބަލައިގެން ޕޮއިންޓް ލިބިފައި ނުވެއެވެ. މަންމަ ނުވަތަ ބައްޕަ ނުބަލާ އުޅޭ ވިޔާނުދާ މީހުން ތަރުތީބުވެފައި މި ވަނީ ހާދަ ރީތި "އިއްތިފާގަކުންނެވެ".

އިއްތިފާގަކުން ކަމެއް ވާނީ މިހައިވަރަށެވެ. އަދި ނިމުނީއެއް ނޫނެވެ. މައިންބަފައިން ބަލާތީ ޕޮއިންޓް ދީފައިވާ 26 މީހުންގެ ތެރެއިން 23 މީހަކަށް 70 ޕޮއިންޓަށްވުރެ އިތުރަށް ޕޮއިންޓް ލިބި ހަމަ "އިއްތިފާގަކުން" ގެވަޅު ޔަގީން ވެސްވީއެވެ. ބާކީ ތިބި 3 މީހުންވެސް ގުރުއަތަށްގޮސް ގެވަޅު ލިބުމުގައި ލައްވައިލުމުގެ ފުރުސަތު "އިއްތިފާގަކުން" ފަހިވީއެވެ. ހަމަ އެ މީހުން ނަސީބު ގަދައީއެވެ.

މި އިއްތިފާގު ބޮޑުވެގެންވާ އަޖައިބަކަށް ވަނީ އަދި މިހައި ހިސާބުންނެވެ. މައިންބަފައިން ބަލާތީ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަކީ އެ ޕޮއިންޓް ނުލިބުނުނަމަ ގޯތި ލިބޭނެކަން %100 ޔަޤީން ވާނެ ބައެއްނޫނެވެ. އިތުރު 3 ޕޮއިންޓް ނުލިބުނު ނަމަ އޭގެ ތެރެއިން 8 މީހަކު ގުރުއަތަށް ދިއުމުގެ ފުރުސަތު އޮތްނަމަވެސް ބާކީތިބި 20 މީހުންނަކީ އެއްގޮތަކަށް ވެސް ގެވަޅު ލިބުމުގެ ފުރުސަތު ނެތްމީހުންނެވެ. އެހެންވީމަ މި މީހުން ހަމަ ނަސީބު ގަދައީތާއެވެ.

ދެން އޮތީ އަދި މާ ބޮޑު ވާހަކައެކެވެ. އެންމެބޮޑު އިއްތިފާގެވެ. ބެލި ބެލިންތަކުން ފާހަގަވި ގޮތުގައި މައިންބަފައިން ބަލާތީ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަކީ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ މީހުން ނުވަތަ އެމީހުންގެ އާއިލާއިން ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ ފަރާތްތަކެއްކަން ރޯ ދިމާއަށް ފެންނަން އޮންނަ އޮތުމެވެ. އެ މީހުން ހަމަ ނަސީބު ގަދައީއެވެ. އެހެން ފިކުރުތަކުގެ މީހުން ހަމަ ނަސީބު ދެރައީއެވެ.

 

މައިންބަފައިން ބަލާތީ ޕޮއިންޓް ދީފައި ވަނީ އަޖައިބެއް ފަދަ ސިޓީތަކަކަށް ރިޢާޔަތްކޮށް

ގެވަޅު ކޮމިޓީގެ ދެ މެމްބަރެއްގެ ފުށުން މައުލޫމާތު ލިބިފައިވާ ގޮތުގައި މައިން ބަފައިން ބަލާތީ ޕޮއިންޓްދީފައި ވަނީ އެ ފަރާތްތަކުން ހުށަހަޅާފައިވާ ސިޓީތަކަކަށް ރިޢާއަތްކޮށެވެ. މި ވާހަކަ ބޮޑުތާގައި ޖެހެނީ މިހައި ހިސާބުންނެވެ.

ގެވަޅު ހޯދުމަށް ފޯމު ހުށަހެޅި އެއްވެސް ފަރާތަކުން ގެވަޅު ފޯމު ހުށަހެޅިއިރު މަންމަ ނުވަތަ ބައްޕަ ބަލާކަމަށްބުނެ އެއްވެސް ސިޓީއެއް ހުށަހަޅާފައި ނުވާކަމަށް، ގެވަޅު ފޯމްތައް ކައުންސިލަށް ބަލައިގަތުމާއި ފޯމްތައް ޕްރޮސެސްކުރުމުގައި އަދި ފަހުން ފޯމުތައް އިވެލުއޭޓްކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުންނާއި ކައުންސިލަރުން ހިމެނޭ ގޮތުން މަދުވެގެން 6 މީހަކު މިނޫހަށް ކަށަވަރުކޮށްދީފައިވެއެވެ.

ދެން ސުވާލު އުފެދުނީ އެހެންވިއްޔާ އެއީ އޭގެ ފަހުން (ގެވަޅު ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވި ފަހުން) ހުށަހަޅާފައިވާ ސިޓީތަކެއް ކަމާމެދުއެވެ.

މި ސުވާލަށް ޖަވާބުދެއްވީ ކައުންސިލުންނެވެ. ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ އަބުދުﷲ ސަމީރު ސޮއިކޮށް މި ނޫހަށް ހިއްސާކޮށްފައިވާ ޑޮކިއުމެންޓެއްގައި ބުނެފައި ވަނީ ގެވަޅު ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚް ކަމަށްވާ 2016 ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ފަހުން ގެވަޅާ ގުޅިގެން އެއްވެސް ފަރާތަކަށް އެއްވެސް ލިޔެކިއުމެއް ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާނެކަމަށެވެ.

ގެވަޅު ފޯމާއެކު އެފަދަ އެއްވެސް ސިޓީއެއް ހުށަހަޅާފައި ނުވާއިރު، އަދި އޭގެފަހުން އެއްވެސް ސިޓީއެއް ހުށަހެޅުމަށް ފުރުސަތު ދީފައިނުވާއިރު މިހާރު ފާޅުވެފައި މި ވަނީ ކޮން ސިޓީތަކެއް ހެއްޔެވެ؟ އެ ސިޓީތައް ގެވަޅު ފޯމުތަކާ ހަމައަށް ވާސިލްވީ އަޅެފަހެ ކިހިނެއް ހެއްޔެވެ؟ އަޅެ މީ މީހުން އާޝޯޚު ވާވަރުކަމެއް ނޫންތޯއެވެ!

ދެން ވެސް ހުރީ އަންތަރީސްވާ ވަރުގެ ވާހަކަތަކެވެ.

އަޖައިބެއްފަދަ މި ހުރިހާ ސިޓީތަކުގައި ވެސް ހުރީ 2016 ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ކުރީގެ ތާރީޚްތައް ކަމަށާއި އަދި އެ ހުރިހާ ސިޓީތަކަކީ ވެސް ކޮމްޕިއުޓަރުން ޓައިޕްކޮށް ޕްރިންޓް ކޮށްފައިވާ ސިޓީތަކެއް ކަމަށާއި، އެ ސިޓީތަކުގައިވާ އިބާރާތްތަކުގެ އެއްގޮތްކަމާއި ބައެއް ސިޓީތަކުގެ މައުލޫމާތު އެއް ސިޓީ އަނެއް ސިޓީއާ ފުށުއަރާފައިވުމުން އެއީ އެކަކު ނުވަތަ އެއްބަޔަކު އިބާރާތްކޮށްފައިވާ ސިޓީ ތަކެއްކަމަށް ބެލެވޭކަމަށް ގެވަޅު ކޮމިޓީން މި ނޫހާ މަޢުލޫމާތު ހިއްސާކުރެއްވި ފަރާތަކުން ވިދާޅުވިއެވެ. ފަސާދައިގެ ނުބައިކަން ހިތަށް ވަދެ މަޢުލޫމާތު ހިއްސާކޮށްދެއްވީތީ އޭނާ އަށް ޝުކުރު ދަންނަވަމެވެ.

މީހުން އަންތަރީސްވާ ފެންވަރަށް ދައުލަތުގެ އިދާރާއެއްގެ ލިއެކިޔުމަށް ބަދަލުގެނެސް ބޮޑު ޖަރީމާއެއް ހިންގޭނީ ވަރަށް ރޭވުންތެރި ބަޔަކަށެވެ.

 

ޖާދޫގެ މި ސިޓީތައް ސައްހަ ކަމަށް ބެލިޔަސް އުސޫލު ބުނާގޮތުން ޕޮއިންޓް ނުލިބޭނެ

ކޮންމެއަކަސް ކޮންމެވެސް ޖާދުލަކުން ގެވަޅު ޔަޤީން ނުވާ ބަޔަކަށް ސިޓީތަކެއްގެ ނިވަލުގައި މި ވަނީ ގެވަޅު ޔަޤީން ކޮށްދީފައެވެ.

ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު މިނޫހަށް މައުލޫމާތު ދެއްވާފައިވާގޮތުގައި ގޯއްޗަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ 10 އޮގަސްޓް 2016 އިގެ އިޢުލާނުގައިވާ އުސޫލާ އެއްގޮތަށެވެ. ވީމާ މި ޖާދޫގެ ސިޓީތައް ސައްހަ ކަމަށް ބެލިޔަސް، މަންމަ ނުވަތަ ބައްޕަ ބަލާކަމަށް ޕޮއިންޓް ދޭން ވާނީ އެ އިޢުލާނުގައިވާ އުސޫލާ އެއްގޮތަށް ނޫންތޯއެވެ؟

އެގޮތުން މައިންބަފައިން ބަލަމުންގެންދާތީ ދޭ ޕޮއިންޓު ދެވޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތި ނެތި، މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމަ ކަމަށް އެއިއުލާނުގައި ބުނެފައިވާއިރު، އަދި މައިންބަފައިންގެ ބަޔަށް ޕޮއިންޓް ދޭންޖެހޭ ފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭ ފަދަ މީހަކު ބަލަމުންދާނަމަކަމަށްވެސް ބުނެފައިވާއިރު، ބަލަމުންދާކަމަށް ބުނާ މަންމައިންނާއި ބައްޕައިންގެ ގޯއްޗެއް ރައްޖޭގެ އެއްވެސްތާކު އޮތްތޯ ގެވަޅު ކޮމިޓީން ބަލާފައި ނުވާކަން މި ނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި ބަލަމުންދާ ކަމަށް ހުށަހަޅާފައިވާ މަންމައިންނަކީ ނުވަތަ ބައްޕައިންނަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއްކޮށް ނޫޅެވޭ ފަރާތްތަކެއްތޯ ވެސް ބަލާފައި ނުވާއިރު، އެ ފަރާތްތަކަކީ އެ ފަދަ ހާލަތެއްގައި ތިބި ބައެއް ނޫންކަންވެސް މި ނޫހުން ކުރި މަސައްކަތުން ވަނީ ސާފުވެފައެވެ.

މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ބައްޔަކާހުރެ އަމިއްލަ އެއްވެސް ކަމެއްކޮށް ނޫޅެވޭ މީހުންނަށް ސިއްޙީ ދާއިރާގައި ބޭނުންކުރާ ނަމަކީ އެނދުމަތި ވެފައިވާ ނުވަތަ ބެޑް ރިޑެން ޕޭޝަންޓު އެވެ. މިފަދަ ނިކަމެތި ހާލެއްގައި ތިމާމެންގެ ބައިންބަފައިން ތިބޭތީ އެމީހުންބަލަމޭ ބުނެ ދުނިޔެވީ ބިމެއް ހޯދުމަށް އެދުންވެރިވާތަން ފެނުމުން ހިތުގައި ހަމަ ކުޑަވެސް އިމާންކަމެއް ނެތީބާއޭ ހިތަށް އަރައެވެ. ނުވަތަ އެ ފަދަ ހާލުގައި ތިބި ބަޔަކު ބަލާތީ ލިބެން ޖެހޭ ޕޮއިންޓެއް ހޯދަށް "އަޑިއަޑިން ވަގުވަގަށް" ލިޔެކިއުން ހުށަހެޅިއިރު، އަދި ފަހުން އެ ގޮތުގެމަތިން ޕޮއިންޓް ހަދިޔާކުރުމުން އެއަށް ރުހިގެން ތިބޭއިރު، އެއްވެސް ކަމަކީ މާތް ރަސްކަލާންގެއަށް އޮޅިވަޑައިގަންނަވާނޭ ކަންކަމެއް ނޫނޭ ހަމަ ހިތަށް ނާރަނީބާއެވެ.

މަންމަ ނުވަތަ ބައްޕަ ބަލާކަމުގެ ސިޓީތަކަށް މާކްސް ދިނީ ފޯމްތައް އެ މީހުންނާ ހަމައަށް އައި އިރު ވެސް އެ ފޯމްތަކާއެކު އެ ސިޓީތައް ހިމަނާފައި ވާތީ ކަމަށާއި، އެ ސިޓީތަކާ ގުޅިގެން އިތުރު ކަމެއް ސާފުކުރަން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް ގެވަޅު ކޮމިޓީގެ މެމްބަރަކު އާންމު ފޯރަމެއްގައި ވިދާޅުވެފައިވެއެވެ.

އެކަމަކު ސުވާލަކީ މި އުޒުރާ ހިސާބުން ގެވަޅު ކޮމިޓީއަށް މި ޖަރީމާއިން ސަލާމަތް ވެވޭނެތޯ އުފެދޭ ސުވާލެވެ. އާދަޔާޚިލާފު ސިފަތަކެއް ހުރި މި ސިޓީތަކާމެދު އެއްވެސް ސުވާލެއް ކުރިމަތިނުކޮށް، އަދި މި ސިޓީތަކުގައިވާ މަޢުލޫމާތު ކަށަވަރު ނުކޮށް، އަދި ހަމައެހެންމެ ޕޮއިންޓް ދިނުމާ ބެހޭ އުޞޫލުގައިވާ އިޖުރާއަތުތައް ފުރިހަމަނުކޮށް، ޚާއްޞަ ނަޒަރަކުން މި ސިޓީތަކާ މެދު ދެކި، ޕޮއިންޓް ދީފައިވުމީ ގެވަޅު ކޮމިޓީ މިކަމުގައި ބޮޑުކޮށް ޒިންމާ އުފުލަން ޖެހޭ ކަމުގެ ސާފު ސާދާ ސަބަބުތަކެވެ.

 

އިއްތިފާޤެއްނޫން، ރޭވުންތެރިކަމާއެކު ހިންގާފައިވާ ބޮޑު ޖަރީމާއެއް

މިއީ އިއްތިފާގަކުން ހިނގާފައިވާ ކަމެއް ނޫންކަމާއި، މިއީ ބަޔަކު ހިންގާފައިވާ ބޮޑު ޖަރީމާއެއްކަން އެނގެނީ ހިންގަމުންދާ ކަންކަން ވަށައިގެން ސަނގަލާޖައްސައި ބެލުމުންނެވެ. އާދަޔާޚިލާފް ޖާދޫވީ ގޮތަކަށް، އައިނައި މަކާނެއް ނޭގި ބައެއް މީހުންގެ ގެވަޅު ފޯމުގެ ތެރެއަށް ވަދެފައިވާ ސިޓީތަކަކުން، އެއިން ކޮންމެ މީހަކަށް އިތުރަށް 3 ޕޮއިންޓް ލިބި ގެވަޅު ޔަގީން ވެއްޖެއެވެ. ގެވަޅަށް އެދި ހުށަހަޅާ ހުރިހާ މައުލޫމާތަކީ ވެސް ވެރިފައިކުރަން ޖެހޭ މައުލޫމާތަކަށް ވީނަމަވެސް، މަންމަ ނުވަތަ ބައްޕަ ބަލާ ސިޓީތަކަކީ ވެރިފައި ކުރަންޖެހޭ އެއްޗެއްކަމަށް ގެވަޅު ކޮމީޓީގެ މެމްބަރުން ނުދެކުނެވެ. ހަމަ ގައިމުވެސް އެ ސިޓީތަކުގައިވާ މައުލޫމާތު ވެރިފައި ކުރިނަމަ އެއިން އެކަކަށްވެސް މަންމަ ނުވަތަ ބައްޕަ ބަލާތީ މާކްސް ދޭންޖެހޭ ސަބަބެއް ނެތެވެ.

ކޮންމެއަކަސް މިއީ ބަޔަކު ރާވައިގެން ހިންގާފައިވާ "އޯގަނައިޒްޑް ކްރައިމް" އެއްކަން ބުއްދީގެ ތަރާދުން ކިރީމާ ސާފުވެގެން ދެއެވެ. މި މައްސަލައިގެ ޖިނާއީ ތަޙުޤީގެއް ހިންގަންޖެހެއެވެ.

 

ބައެއް ފަރާތްތަކުން ޖަރީމާއިން ތަނާޒުލްވަނީ

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެވަޅު ކޮމިޓީގެ އެއް މެމްބަރަކު ވަނީ، ވަގުތު ނުދެވޭކަމަށް ބުނެ "ކޮންމެވެސް އެހެން ސަބަބުތަކަކާހުރެ" ގެވަޅުކޮމިޓީގެ މަސައްކަތުން މީގެ ކުރިން އިސްތިއުފާ ދީފައެވެ.

އަދި މަންމަ ނުވަތަ ބައްޕަ ބަލާކަމަށް ސިޓީއެއް ހުށަހަޅާފައިވާނަމަ އެ ސިޓީއެއް ބާތިލްކުރުމަށް ގެވަޅަށް އެދި ކުރިމަތިލާފައިވާ ފަރާތަކުން އެދިފައިވާކަން މި ނޫހަށް ވަނީ ޔަގީންވެފައެވެ. ވީމާ އަދިވެސް ވަގުތު އެބައޮތެވެ. ޕޮއިންޓް ދީފައިވާ ގޮތުގެ ދާއިމީ ލިސްޓް އާންމުކުރުމުގެ ކުރިން ގޯސް ހަދާފައިވާ ފަރާތްތަކުން މިކަމުން މިންޖުވެ ތައުބާވުން ކީއްތޯއެވެ؟

 

ޖަރީމާގެ ބޮޑުމިން

މިފަދަ ޖަރީމާތަކުގެ ބޮޑު ކުޑަމިނަކީ މިނާ ކިރޭނެ ކަންކަމެއް ނޫނެވެ. ވަންނާނެ ފުރިހަމަ ބޯހިޔާވައްސެއް ނެތި ތެޅޭންޖެހޭ "ގަނަ" ފައިސާއިން މިން ކުރެވޭހެއްޔެވެ؟

ހަޤީޤަތުގައި ބޯހިޔާވައްސެއް ހައްގުވާ މީހުންނަށް ލިބެން އޮތް ފުރުސަތު ގެއްލުވާލައި ނާޖާއިޒް ގޮތުގައި "ވަލު ދޮރާށިން" ހޯދާ "ހަރާން" ބޯހިޔާވައްސެއްގައި ތިމާގެ އަނބިދަރިން ގެންގުޅެ ތިމާގެ ދަރިންނަށް ވާރުތަވާނެ މުދަލަކަށް އެއްކަލަ "ހަރާން" ބިންކޮޅު ހެދުމަށްވުރެ ބޮޑު އަނިޔާއެއް އޮންނާނެހެއްޔެވެ؟

މި ފަސާދައިގެ މިން ފައިސާއިން ކޮށްލެވޭތޯ ބަލައިލާނަމެވެ. މި ފަހަރު ދޫކުރަން ނިންމާފައިވާ ވަރުގެ ބިންކޮޅެއް މާކެޓް އަގު އުޅޭނީ 400000 އާއި 500000 އާ ދެމެދުގައި ކަމަށް ބިންވިއްކުމުގައި ހަރަކާތްތެރިވާ މީހުން ބުނެއެވެ. 400000 އަށް ބަލަމާ ހިނގާށެވެ. ޖާދޫވި އެ ސިޓީގެ ޒަރިއްޔާއިން ނާޖާއިޒް ގޮތުގައި ގޯތި ލިބޭ 26 ފަރާތަށް ފުރަތަމަ ބަލައިލަމާ ހެއްޔެވެ. އެއީ 10 މިލިއަން 4 ލައްކަ ރުފިޔާއެވެ. އަދި ގޯތި ހައްޤު ނުވާ 26 ފަރާތަކަށް ގޯތި ދިނުމުން ގޯތި ގެއްލޭ 26 މީހުންނަށް ލިބޭ ގެއްލުން އެއްކުރުމުން މިއަދަދު 20 މިލިއަން 8 ލައްކައަށް ރުފިޔާއަށް އަރައެވެ.

އަދި އެއްކަމެއް ފާހަގަ ކުރެވުނެވެ. މި ޖަރީމާގެ ސަބަބުން 67 އާއި 69 އާ ދެމެދުގެ އަދަދަށް މާކްސް ލިބިފައިވާ މީހުންނަށް ގެވަޅު ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ވަނީ ހަނިވެގެން ގޮސްފައެވެ. އެ ދެމެދުން 80 އެއްހާ މީހުންނަށް ޕޮއިންޓް ލިބިފައިވާއިރު އެއިން ކޮންމެ މީހެއްގެ އަންބެއް ނުވަތަ ފިރިއެއް އަދި ދަރިއެއް ހުންނާނެއެވެ. ވީމާ މި ޖަރީމާގެ ސަބަބުން ހައްޤުތައް ސީދާގޮތުން ގެއްލޭނެ ކަމަށް އިހުތިމާލް އޮތް މީހުންގެ އަދަދު މަދުވެގެން 240 އަށް އަރައެވެ. އިހަވަންދޫގެ ގެތަކުގައި އެވްރެޖްކޮށް މީހުން އުޅޭ ނިސްބަތަށް ބަލާއިރު ނުސީދާގޮތުން މި ޖަރީމާގެ ގެއްލުން 560 މީހުންނަށް ކުރާނެއޭ ބުނެވިދާނެއެވެ. ވީމާ ކިއުމިލޭޓިވްކޮށް ބަލާއިރު މި ޖަރީމާއަކީ 52 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހިޔާނާތެކޭ ނުވަތަ ފަސާދައެކޭ ބުނެވިދާނެއެވެ.

މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަމާއި އެއްބައިވަންތަކަމަށް މިފަދަ ޖަރީމާތަކުން ވާނޭ ގެއްލުން އަންދާޒާ ކުރެވޭ ހެއްޔެވެ؟ ޙައްޤުތައް ގެއްލިގެންދާ މީހުންގެ ހިތުގައި ރުޅިވެރިކަމާއި ނަފުރަތު ނޯންނާނެގޮތަކީ ނެތްގޮތެކެވެ. ކުޑަކުޑަ މުޖްތަމައެއްގައި، ނިސްބަތުން ގިނަ ބަޔަކު އެކީ އެއްފަހަރާ ނުކުމެ މިފަދަ ވައްކަންތައް ކުރުމީ ކުޑަކަމެއްގެ ގޮތުގައި ދެކުން އާންމު ކަމަކަށްވެއްޖެނަމަ އެ މުޖުތަމައެއް ހަލާކުވުން ނޫންގޮތެއް އެއީ ނެތް ގޮތެކެވެ.


ބިން ފޭރުމާއި ވައްކަމާއި ފަސާދައަކީ މުޖުތަމައުގެ އާންމު ގިނަ ފަރުދުން ގަބޫލުކުރާ އާންމު އާދަކާދައަކަށް ވެއްޖެ ނަމަ މުޖުތަމުގެ ހާލަތު އޮންނާނޭ ގޮތް ސިފަކުރައްވާށެވެ. އެ ހާލަތު ވުޖޫދުވުމަށް އެދޭ ކަމުގައި ނުވާނަމަ ގެވަޅު ދިނުމަށް ޕޮއިންޓް ދިނުމުގައި ބަޔަކު ހިންގާފައިވާ މި ބޮޑު ޖަރީމާ ތަހުގީގުކޮށް އެ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، ރިވެތި ގޮތުގައި ނޫން މަގަކުން އެއްވެސް ފަރާތަކަށް ލިބެން އޮތް މާމޮޅު އެހެން ގޮތެއް ނެތްކަން މުޖުތަމައުގެ އެހެން އަފުރާދުންނަށް ޢިބުރަތެއް ގޮތުގައި ދައްކައިދޭން ޖެހެއެވެ.

މުއައްސަސާތަކުން މި މަގަށް މަސައްކަތް ކުރަން ޖެހެއެވެ. އިހަވަންދޫގެ މުޖުތަމުގެ ހަމަޖެހުމާއި ކުރިމަގަށްޓަކައެވެ.

ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Oh shit. Pp kudhinge jareemaa thah falhaa aranee. Counil suspend koffa baavaagen roamaa dhuvaalu rashah vure bodethi jareemaa thah hinganee.

– 3 ޖޫން 2018 0

Subhaanallah! Biruvethi kameh ves nethee baa?

– 3 ޖޫން 2018 0

Kolhu nei kolhah huri hithaamaehgge bodu kamaaeve. Thikamugai emme kan bodu vany thi committeegai thiby katheebun,khatheebun, kaathibun, imaamun fadha ilmy beyfulhynnah v ma!

– 3 ޖޫން 2018 0

Maaniyu menah mi liyun liyelan kihaa vaguteh negi ..haasaru ginakamun kiyan vex foohi vehje

– 3 ޖޫން 2018 3

Kobaatha kuni godu hovaa akuram

– 3 ޖޫން 2018 1

މީދޯ އެބުނާ ތަރައްގީއަކީ؟ އަހުންހަމަ ކޮސްވެއްޖެ․ ކައިއިންސިލަރުން މަތިމައްޗަ ސަސްޕެންޑްކުރަނީ މިކަންފޮރުވަން ދޯ

– 4 ޖޫން 2018 0

ތިޔަ ހުރިހާ ޖަރީމާއެއްގެ އެއްމެ އަޑީގައި ހުންނާނީ ބިންކާ ބޭބެ․ އެބޭފުޅާހުންނާއި ފޮޓޮޔަށް ނާރާ ހިސާބުގަ ކެމެރާގެ ފަހަތުގަ․․․․․

– 4 ޖޫން 2018 0