ހުމާއި ރޯގާ އަދި ބޭރަށް ހިންގުންޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ ސަމާލު ވުމަށް އިލްތިމާސްކޮށްފި — Ihavandhoo.com

ހުމާއި ރޯގާ އަދި ބޭރަށް ހިންގުންޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ ސަމާލު ވުމަށް އިލްތިމާސްކޮށްފި

26 ސެޕްޓެމްބަރު 2019 0

އާމިނާދިޔޯ ސިއްހީމަރުކަޒު. ފޮޓޯ: އާމިނާދިޔޯ ސިއްހީމަރުކަޒު

ހުމާއި ރޯގާ އަދި ބޭރަށް ހިންގުންޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ ރައްޔިތުން އެކަމަށް ސަމާލު ވުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން އިލްތިމާސްކޮށްފި އެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޕަބުލިކު ހެލްތު ޔުނިޓުން ބުދަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވަނީ، މިދުވަސްވަރު ހއ. އިހަވަންދޫގައި ހުން އައުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ޑޮކްޓަރަށް ދައްކަމުންދާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވަމުން ދާކަމަށް އެ މަރުކަޒަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

 

މި ރޯގާ ތަކުން ރައްކާތެރިވުމަށާއި، ރޯގާ ޖެހިއްޖެނަމަ އަމަލުކުރާނޭ ގޮތްތައް ޕަބުލިކު ހެލްތުން ވަނީ ބުނެދެއްވާފައެވެ.

ތިރީގައި މިހިމަނާލަނީ އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޕަބުލިކު ހެލްތު ޔުނިޓުން ދެއްވާފައިވާ އިރުޝާދު ތަކެވެ.

ވާރޭފެން:

  • ވާރޭފެންނަގާނަމަ ފުރާޅުރަނގަޅަށް ސާފުކުރުމަށްފަހު ފެންނެގުން.
  • ވާރޭފެން ބުއިމަށްބޭނުންކުރާނަމަ ކްލޮރިނޭޓް ކޮށްގެން ނުވަތަ ކައްކައިގެން ބޭނުންކުރުން.

 

ވަޅުފެން:

  • ތެލި އަދި ތަށިދޮވުމަށާ ކެއްކުމަށް ބޭނުންކުރެވޭ ވަޅުފެން ކްލޮރިން ކޮށްގެން ބޭނުން ކުރުން.

އާއްމު ސާފްތާހިރުކަން:

  • ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުން.
  • ޚާއްސަކޮށް ފާހާނާކޮށް ނިމުމަށްފަހު ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން.
  • ކުޑަކުދީންގެ ނެޕީ ބަދަލުކުރުމަށްފަހުގައި ސައިބޯނިލައިގެން އަތްދޮވުމާއި ، އަދި ބޭނުންކޮށްފައިވާ ނެޕީ ރައްކާތެރިގޮތުގައި ނައްތާލުން.

ކާނާ:

  • ކާބޯތަކެތި ރަނގަޅަށް ކައްކައިގެންބޭނުން ކުރުމާއި، އަދި ރޯމޭވާއާއި ތަރުކާރީ ރަނގަޅަށް ދޮވެގެން ބޭނުންކުރުން.
  • ކާބޯތަކެތީގައި މެހިނުޖައްސާނޭހެން މަތިޖަހާފައި ބެހެއްޓުން، އަދި ތާޒާކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކު ނުވާނޭހެން ރައްކާކުރުން.

ބޭރަށް ހިންގުން ޖެހިއްޖެނަމަ:

  • ބޭރަށް ހިންގުން ޖެހިއްޖެނަމަ ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުން، ޚާއްސަކޮށް ލޮނުޕެކެޓް ބޭނުންކުރުން، އަދި ތުއްތު ކުދިންނަމަ ގާތުން ކިރުދިނުން ކުރިއަށް ގެންދިއުން.
  • ބޭރަށް ހިންގުން ރަގަޅުނުވާނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ ، ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ ލަސްނުކުރައްވާ އަވަހަށް ޑޮކްޓަރެއް ނުވަތަ ޞިއްޙިއެހީތެރިއެއްގެ ލަފާހޯދުން.
  • ރަށުތެރޭގައާއި ގޯތިތެރޭގައި ކުނި ޖަމާވިޔަނުދީ، ގޯތިގެދޮރު ސާފުތާހިރުކޮށް ބެހެއްޓުންއަދި ކުނިވާޒާތުގެ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން.
  • ބޭރަށް ހިންގުންޖެހިފައިވާނަމަ، ބަލި ރަގަޅުވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގެ މަސައްކަތާއި ދުރުހެލިވުން އަދި ކޮންމެހެން ކުރަންޖެހިއްޖެ ހާލަތެއްގައި ރަގަޅަށް ސައިބޯނިލައިގެން އަތްދޮވުން.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ