"އިމަގު މަދަދު ޕްރޮގްރާމް" މާލޭގައި އިފްތިތާހްކޮށްފި

ފޮޓޯ: ޢަބްދުލްމާނިޢު ޢަބްދުއްޞަމަދު / ވައިޖެހޭގެ

މަދަދުވެރިކަމާއި އޯގާތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދަރުމަ ހުރި އެހެންވެސް ބައެއް ކަންކަމަށް ހޭދަކުރުމުގެ ގޮތުން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ ފަރާތުން ކުރިއަށްގެންދާ "އިމަގު މަދަދު ޕްރޮގްރާމް" ރޭ މާލޭގައި އިފްތިތާހްކޮށްފިއެވެ.

މަދަދު ޕްރޮގްރާމް އިފްތިތާހް ކުރުމަށްޓަކައި ރޭ އިޝާފަހު ބީ.ޖީ ޓާފް ދަނޑުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ގިނަ ޢަދަދެއްގެ ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ބައިވެރިވިއެވެ.

ރޭގައި ބޭއްވި ހަފްލާގައި ރަސްމީކޮށް ޕްރޮގްރާމް އިފްތިތާހްކުރީ ދަނޑުމަތީގައި ބަހައްޓާފައިހުރި "އިމަގު މަދަދު ޕްރޮގްރާމް" ލިޔެފައިވާ ބެނަރ ނިވައިކޮށްފައި ފޮތިގަނޑު، އެ ރަސްމިއްޔާތުގައި ބައިވެރިވި ދެ ޖިންސްގެ ބޭފުޅުން، އެ ބެނަރގެ ދެ ފަރާތުގައި އެތުރި އެ ފަރުދާ ކަހައިލުމާއެކުއެވެ.

 

ފޮޓޯ: ޢަބްދުލްމާނިޢު ޢަބްދުއްޞަމަދު / ވައިޖެހޭގެ

އިމަގު ޖަމިއްޔާގެ ފަރާތުން އަލްފާޟިލް މުޙައްމަދު ޒާހިރު / އިރަމާގެ، ހަފްލާގައި ބައިވެރިވި ބޭފުޅުންނާ މުޚާތަބުކޮށް ވާހަކަފުޅުދެއްކެވިއެވެ. ޒާހިރުގެ ވާހަކަފުޅުގައި، ރޭ އިފްތިތާހު ކުރެވިގެން ދިޔަ ޕްރޮގްރާމާ ބެހޭ ބައެއް ތަފްޞީލްތަކާއި އެހީތެރިވުމާއި އޯގާތެރިވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދެއްކެވިއެވެ.

މަދަދު ޕްރޮފްރާމް އިފްތިތާހް ކުރުމަށްފަހު ތަފާތު ކުޅިވަރުތައް ކުޅުނެވެ. މިގޮތުން ކުޑަކުދިންނަށް ޚާއްޞަ އިވެންޓަކާއި އަންހެނުންނާއި ފިރިހެނުންނަށް ޚާއްޞަ އިވެންޓްތަކާއި ހަމައެކަނި އަންހެނުންނަށް ބައިވެރިވެވޭ އިވެންޓަތަކާއި އަދި ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ ބައެއް ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއައެވެ.

އެންމެ ޚާއްޞަ އިވެންޓްގެ ގޮތުގައި އޮތީ ގުރާބުކޮޅު ޓީމާއި ޒުވާންނުގެ ޓީމަކާ ދެމެދު ކުޅުނު ޚާއްޞަ ފުޓްބޯޅަމެޗެވެ. ގްރާބުކޮޅު ޓީމަކީ މާލޭގައި ދިރިއުޅޭ މުސްކުޅި އުމުރު ފުރާގެ ފިރިހެނުންނާއި ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ މީހުންނާއި އަދި ނުކުޅެވޭ ނުވަތަ ކުޅެން ނޭނގޭ މީހުންކަމަށް ބުނެވޭ މީހުން ހިމެނޭ ގޮތަށް، މާލޭގައި އުޅޭ އިހަވަންދޫގެ ޒުވާން ޓީމްތަކަށް ގޮންޖެހުމުގެ ގޮތުން އުފައްދާފައިވާ ޓީމެކެވެ. ރޭގެ މެޗް ނިމުނީ ދެ ލަނޑުން ހަމަހަމަވެގެންނެވެ. މިއީ ގުރާބުކޮޅުން މިހައިތަނަށް ނެރުނު އެންމެ ފުރިހަމަ ނަތީޖާއެވެ.

ރޭގެ ހަފްލާގައި ބައިވެރިވި އެންމެން އަތުގުޅާލައި އެންމެން އެކުގައި ހިނިތުންވެލުމުގެ ހަރަކާތެއް އޮތެވެ.

ފޮޓޯ: ޢަބްދުލްމާނިޢު ޢަބްދުއްޞަމަދު / ވައިޖެހޭގެ

ރޭގައި ބޭއްވި ހަފްލާގައި އިމަގު މަދަދު ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ހާމަކޮށްފައިވެއެވެ. އަދި އެ ޕްރޮގްރާމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ލީފްލެޓެއް ވެސް ބެހިއެވެ. ތިރީގައި އެ ވަނީ މި ދެންނެވި ލީފްލެޓެވެ.

 

އިމަގު ޖަމިއްޔާ, އިމަގު މަދަދު ޕްރޮގްރާމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ