އިމަގު އަތޮޅުކައުންސިލް ބަހުސް ބާއްވައިފި — Ihavandhoo.com

އިމަގު އަތޮޅުކައުންސިލް ބަހުސް ބާއްވައިފި

11 ޖެނުއަރީ 2014 2

އިމަގު އަތޮޅުކައުންސިލް ބަހުސްއަށްފަހު ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން

އިމަގު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވަން ހަމަޖައްސާފައިވާ ކައުންސިލް ބަހުސްގެ އަތޮޅު ކައުންސިލް ބަހުސް ރޭ ބާއްވާފިއެވެ. ރޭ 21:00 ގައި އިހަވަންދޫ އޯޕަން ސްޓޭޖްގައި ކުރިޔަށްދިޔަ މިބަހުސްގައި ބައިވެރިވީ އެމްޑީޕީގެ ފަރާތުން އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓުން ކަމަށްވާ މުހައްމަދު ރަޝީދާއި އަބުދުﷲ ހުސައިންއެވެ.

ބަހުސްގައި ބައިވެރިވި ދެކެންޑިޑޭޓުންވެސް ބަހުސްގައި ބައިވެރިވުމަށް އޯޕަންސްޓޭޖަށް އައުމުން، ކިޔާފައިވަނީ ރަތްދޫލައިގެ މަރުހަބާއެކެވެ. އިހަވަންދޫ މަދަރުސާގެ ޑެފިއުޓީ ޕްރިންސިޕަލް މުހައްމަދު އަބުދުއް ސަމަދު ހުށަހަޅައިދިން މިބަހުސް ކުރިއަށް ގެންގޮސްފައިވަނީ ފަސް ބަޔަކަށް ބަހާލައިގެންނެވެ.

ފުރަތަމަ އޮތީ ކެންޑިޑޭޓުންގެ އިސްބަސް އިއްވުމެވެ. ދެވަނައަށް އޮތީ ފަރުދީ ގިންތީގައި ހިމެނޭ ސުވާލުތައް ކުރުމެވެ. އެއަށްފަހު ސިއްހަތާއި ތައުލީމާއި ތަރައްގީއާއި އަދި އިގްތިސާދީ ކަންކަމަށް އަމާޒްކޮށްގެން ޖަމާއި ގިންތީގެ ސުވާލުތަކެއް ކެންޑިޑޭޓުންނާއި އަމާޒް ކުރެވުނެވެ. އެއަށްފަހު ސުވާލުކޮށްފައިވަނީ މެނިފެސްޓޯއިން ހޮވާލެވުނު ދެދާއިރާއަކުންނެވެ. އެންމެފަހު ކަމެއްގެ ގޮތުގައި އޮތީ ކެންޑިޑޭޓުންގެ ފަހުބަސް އިއްވުމެވެ.

އިމަގުން ކުރިން މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ހުރިހާކެންޑިޑޭޓުންވެސްވަނީ ބަހުސްގައި ބައިވެރިވުމަށް އެއްބަސް ވެލައްވާފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓާއި ޕީޕީއެމްގެ ކެންޑިޑޭޓް ރޭގެ ބަހުސްގައި ބައިވެރިވެފައެއް ނުވެއެވެ. ރޭގެ ބަހުސް ހުށަހަޅުވާދެއްވި މުހައްމަދު އަބުދުއްސަބަދު ބަހުސް ފެށުމުގެ ކުރިން ވިދާޅުވިގޮތުގައި، ކެމްޕޭންގެ މަސައްކަތްތަކާއި ތާއީދުހޯދުމަށް ވަގުތު ތާވަލް ކުރެވިފައިވާ ގޮތުން ޕީޕީއެމް އަދި ޖުމްހޫރީޕާޓީގެ ކެންޑިޑޭޓުންނަށް ބަހުސްގައި ބައިވެރިވެވެންނެތްކަން އިއްޔަ އަންގާފައިވާކަމަށް ވިދާޅުވިއެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ބަހުސްގެ ވިލަރެސް ކޮމިޓީން ނިންމާފައިވަނީ ކަނޑައެޅިފައިވާ ތާރީހްތަކުގައި ބަހުސްގައި ބާވެރިވާ ކެންޑިޑޭޓުންނާއިއެކު ބަހުސް ކުރިޔަށް ގެންދިއުމަށް ކަމުގައެވެ. އެގޮތަށް ނިންމީ މިހާރު ކަނޑައަޅާފައިވާ ތާރިހްތަކަކީ ގިނަ މަޝްވަރާތަކަކަށްފަހު ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުގެ ރުހުމާއިއެކު ކަނޑައަޅާފައިވާ ތާރީހް ތަކަކަށްވާތީކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އިމަގު ރަށުކައުންސިލް ބަހުސް އޮންނާނީ މިމަހުގެ ސާދަވަނަދުވަހުގެރޭ އިހަވަންދޫ އޯޕަންސްޓޭޖް ސަރަހައްދުގައެވެ.

 

އިމަގު ކައުންސިލް ބަހުސް 2014, އިމަގު ޖަމިއްޔާ, ލޯކަލް ކައުންސިލް އިންތިހާބު, އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވޯޓްދޭންވީ މީހުން ވަރަށްބޮޑަށް ސާފުވެއްޖެ. ޝުކުރިއްޔާ އިމަގު

– 11 ޖެނުއަރީ 2014 1

ބާވެރިވާނެކަމަށްބުނެ ފަހުވަގުތު ބައިވެރިނުވުމުން ވަރށް ކަޑަ. ރަށު ބަހުސްގަ ބާވެރިވާނެކަމަށް އުންމީދުކުރަން. ސޮންދު ގަދަ އިނގޭ!

– 11 ޖެނުއަރީ 2014 0