އިމަގު މަދަދު ޕްރޮގްރާމް އިފްތިތާޙް ކުރުމަށް މާލޭގައި ބޮޑު ހަރަކާތެއް ބާއްވަނީ — Ihavandhoo.com

އިމަގު މަދަދު ޕްރޮގްރާމް އިފްތިތާޙް ކުރުމަށް މާލޭގައި ބޮޑު ހަރަކާތެއް ބާއްވަނީ

10 މާރިޗު 2017 0

 

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިސްނަގައިގެން އިހަވަންދޫ ޖަވާހިރުވާދީ އަލްޔާން ޒައުލް ޙަމްދޫނަށް އެހީތެރިވުމުގެ ގޮތުން އިމަގު މާލޭގޮފިން ހިންގާފައިވާ ހަރަކާތްތައް ނިންމާލުމުގެ ގޮތުންނާއި، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢުގައި އެހީތެރިކަމާއި އަޅާޅުން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ރަސްމީކޮށް "އިމަގު މަދަދު ޕްރޮގްރާމް"ގެ ނަމުގައި ވެލްފެއާރ ފަންޑެއް ހުޅުވުމަށްޓަކައި މާލޭގައި ބޮޑު ހަރަކާތެއް ކުރިޔަށް ގެންދިޔުމަށް ތައްޔާރުވަމުން އެބަދެއެވެ.

މި ޕްރޮގްރާމަކީ އިހަވަންދޫގައި، އަޅާލުމާއި ޚާއްސަ އެހީތެރިކަމަށް ބޭނުންޖެހޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޚާއްސަ އުސޫލަތަކާއި، ޤަވާޢިދުތަކެއް އެކުލަވާލެވިގެން، ކުރިޔަށްގެންދެވޭ ޕްރޮގްރާމެއް ކަމަށް ޓީވީ މޯލްޑީވްސްގެ މަގޭ ރާއްޖެ ޕްރޮގްރާމުގައި އިމަގު ޖަމިއްޔާގެ ފަރާތުން މިއަދު މަޢުލޫމާތު ޙިއްޞާކުރަމުން ބުނެފައިވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވި އާޒާދީބަހާރު މުޙައްމަދު ފިރާޟް ވިދާޅުވެފައި ވަނީ މި ޕްރޮގްރާމުގެ މަޤްސަދަކީ ހަމައެކަނި މާލީގޮތުން ބޮޑު ފަންޑެއް ހޯދުން ނޫންކަމަށާއި، މުޖުތަމަޢުގައި އެއްބައިވަންތަކަމާއި އަޅާލުމާއި އޯގާތެރިކަމާ ކުލުނާ ލޯބީގެ ސިފަ އަށަގެންނެވުމަކީވެސް މި ޕްރޮގުރާމުގެ މުޙިއްމު އެއް މަޤްޞަދުކަމުގައެވެ.

މި ނޫހައް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިމަގު މަލޭ ގޮފިން އިސްނަގައިގެން، ހިންގުމަށް ތައްޔާރުވަމުންދާ މި ހަރަކާތް ކުރިޔަށްދާނީ މާދަމާރޭ 8:00 ގައި މާލޭގެ ބީ.ޖީ ފުޓުބޯޅަ ދަނޑުގައެވެ. މި ހަރަކާތް ފެށިގެންދާނީ "އިމަގު މަދަދު ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާހުކުރުމާއެކުއެވެ. އެއަށްފަހު މާލޭގައި ދިރިއުޅުއްވާ އަންހެންކަނބަލުންގެ ބައެއް ހަރަކާތް ތަކަކަށްފަހު، ޒުވާނުންގެ ޓީމަކާއި، މާލޭގައި ދިރިއުޅުއްވާ މުސްކުޅިންގެ ޓީމް (ގުރާބުކޮޅު ޓީމް) އާ ދެމެދު ފުޓު ބޯޅަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގައި މާލޭގައި ދިރިއުޅުއްވާ އިހަވަންދޫގެ ވީހާވެސް ގިނަފަރާތްތަކުން ބައިވެރިވުމަކީ މި ހަރަކާތް އިންތިޒާމުކުރަމުންދާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ. މި ހަރަކާތް ނިމިގެންދާނީ އިންސާނިއްޔަތައްޓަކައި ހިނިތުންވުމާއި އެކު އަތުގުޅާލުމަކުންނެވެ.

އިމަގު ޖަމިއްޔާ, އިމަގު މަދަދު ޕްރޮގްރާމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ