އައިއެސްއައިއެލްއިން އާ އިސްލާމީ ޚިލާފަތެއް އިއުލާންކޮށްފި

އިރާގުގައި ބާރުގަދަކޮށްގެން އުޅޭ ސުންނީ ހަނގުރާމަވެރި ޖަމާއަތް އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލެވަންޓް (އައިއެސްއައިއެލް) އިން އާ އިސްލާމީ ޚިލާފަތެއް އިއުލާންކޮށްފިއެވެ.

މިއަދު ދައުރުވަމުންދާ އޯޑިއޯޓޭޕެއްގައި، އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލެވަންޓް އިން ވާނީ އިރާގުގެ ދިޔާލާ ޕްރޮވިންސުން ފެށިގެން ސީރިޔާގެ އެލެޕޯއާ ހަމައަށް އެއީ އާ ޚިލާފަތް ދެމެގެންދާނެ ސަރަހައްދު ކަމަށާއި އަދި އެޚިލާފަތުގެ ޚަލީފާއަކީ އައިއެސްއައިއެލްގެ ވެރިޔާ އަބޫބަކުރު އަލް ބައުދާދީ ކަމަށްވެސް އިއުލާން ކޮށްފައެވެ.

އައިސިސް ޖަމާޢަތުން ހާމަކުރާ ގޮތުގައި އެޖަމާޢަތުގެ ނަމަކީ މީގެ ފަހުން "ދި އިސްލާމިކް ސްޓޭޓް" އެވެ. އަދި އެމީހުން އިއުލާންކުރި ދައުލަތުގެ ޚަލީފާ އަބޫބަކުރު އަލް ބައުދާދީ އެއީ މުޅި އިސްލާމީ ދުނިޔޭގެ ޚަލީފާ ނުވަތަ ވެރިޔާއެވެ.

އުސްމާނީ ޚިލާފަތް މީގެ ގަރުނެއްގެ ކުރިން އުވިދިއުމަށްފަހު އާ އިސްލާމީ ޚިލާފަތެއް ގާއިމް ކުރެވިފައެއް ނުވެއެވެ.

މި އައު ޚިލާފަތް އިއުލާން ކުރުމާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އެމީހުންނާއި އެއްބައިވެ ހަނގުރާމަކުރުމަށް ދާނޭކަމަށް ބެލެވެއެވެ.

 މިހާރުވެސް ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ދިވެހިން ބައިވެރިވެ ހަނގުރާމަ ކުރަމުން ދެއެވެ. ސީރިޔާގައި ހަނގުރާމަކުރާ ދިވެހިން ހިންގާ ޓްވިޓާ އެކައުންޓުން ބުނާގޮތުގައި މިހާތަނަށް ސީރިޔާގެ ދާހިލީ ހަނގުރާމާގައި ވަނީ ދެ ދިވެއްސަކު މަރުވެފައެވެ.

ދިވެހިން ސީރިޔާއަށް ހަނގުރާމަށްދާ މައްސަލަ ބޮޑުވުމުން، އެމައްސަލާގައި އިލްމްވެރިން ދެކޭގޮތަކީ ކޮބައިކަން، އިލްމްވެރިންނާއި މަޝްވަރާކުރުމަށްފަހު އިސްލާމިކް މިންސްޓްރީން އަންގާނެކަމަށް ބުނިނަމަވެސް މިއަދާހަމައަށްވެސް އެކަމުގައި ވަކި ގޮތެއް އަންގާފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި މިމަހުގެ 17 ގައި އިސްލާމީ މަރުކަޒުގައި މިކަމާއި ބެހޭ މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ. އެބައްދަލްވުން ބޭއްވީ ނޫސްވެރިންނަށް ސިއްރުކޮށްގެންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ