އިހަވަންދިއްޕޮޅު ސިޓީ، ވޯޓްހޯދަން ރައްޔިތުންނަށްދެއްކި ދަޅައެއް! — Ihavandhoo.com

އިހަވަންދިއްޕޮޅު ސިޓީ، ވޯޓްހޯދަން ރައްޔިތުންނަށްދެއްކި ދަޅައެއް!

21 ފެބުރުއަރީ 2016 4

އިހަވަންދިއްޕޮޅު ސިޓީގެ ތަސައްވަރު ފޮޓޯ: އިހަވަންދޫ.ކޮމް

ފޮޓޯއިންއެ ފެންނަނީ ބޭރު ޤައުމެއްގެ ސިޓީއެއް ނޫނެވެ. އިހަވަންދިއްޕޮޅު ސިޓީއެވެ! އެއީ ޕީޕީއެމް އަދި ޖޭޕީ އިހަވަންދޫ ގޮފިން 2014 ވަނަ އަހަރުގެ ލޯކަލް އިންތިހާބުގައި، އެ ކޯލީޝަނުން ނެރުނު ކެންޑިޑޭޓުންނަށް ރައްޔިތުންގެ ހިތްޖެއްސުމަށް ކުރެހި ތަސައްވަރެކެވެ.

އިހަވަންދިއްޕޮޅު ސިޓީގެ "ހިޔާލީ" ފޮޓޯ ކިތައްމެހައިވެސް ބަލާލަން ޗާލެވެ. ފުލެޓް ތަކާއި އުސް އިމާރާތްތަކެވެ. ބޮޑެތި މިސްކިތްތަކެވެ. ޒުވާނުންނަށް ބޮޑު ސްޓޭޑިއަމެކެވެ. މަސްވެރިންނަށް މަސް ބަނދަރެކެވެ. އިހަވަންދޫއާއި ހުވަހަންދޫ އެއަރޕޯޓް، ބުރިޖަކުންވަނީ ގުޅުވައިލާފައެވެ. ދެވަނައެއް ނުވާފަދަ ޒަމާނީ ސިޓީއެކެވެ.

ސާބަހެވެ! މިފަދަ ފުރިހަމަ ތަސައްވަރުތައްކުރަހާނީ ރަށްދެކެ ލޯބިވާ ރަށަށް ކުރިއެރުން ހޯދައިދޭން ފެންބޮވައި ގަނެފައިވާ ބައެއްކަން ޔަޤީނެވެ. ރަށުގެ ކުރިމަގާއިމެދު ވިސްނާ ފިކުރުކޮށް، ސިކުނޑީގައި ތަސައްވަރުތައް ކުރަހާނެ ދަރިންތަކެއް ލިބިފައިވުމީ އިހަވަންދޫގެ ނަސީބެވެ.

ހަމައެކަނި ތަސައްވަރު ކުރެހުމަކުން ނުފުދެއެވެ. އޭގައި ކުލަޖައްސަންވެސް ޖެހެއެވެ. އެގޮތުން ޕީޕީއެމުން އެމީހުން ކުރެހި ތަސައްވަރުގައި ކުލަޖެއްސުމަށް އެކުލަވައިލީ އެކިކުލަތަކުން ޒީނަތްކޮށްފައިވާ މެނިފެސްޓޯއެކެވެ. ކޮންމެއަކަސް ތަސައްވަރާ ހަމައަށް ދިއުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ތިމާމެން ރައްޔިތުންގެ ގާތަށް ވޯޓް ހޯދުމަށް ހިފައިގެންއައި މެނިފެސްޓޯގައި ވެފައިވާ ވައުދުތައްފުއްދުމެވެ.

ކިތައް ވައުދު ފުއްދައިފި ބާއެވެ؟ ނުފުއްދިހުރި ވައުދުތައް ފުއްދުމަށް މިހާތަނަށް ކުރެވުނީ ކޮންކަމެއް ބާއެވެ؟ ކުޑަމިނުން ވީވައުދުތަކުގެ މަތިން ހަނދާންހުރީ ކިތައް މެމްބަރުންބާއެވެ؟ ބައެއް ވައުދުތަކަށް ނަޒަރު ހިންގައިލާނަމެވެ.

ގްރޭޑް 11-12 ގައި ކިޔަވާ ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ދޭނެކަމަށް ވައުދުވުމުން ހެވިފައިތިބި ކުދިންގެ އުނގުތައް އަދިވެސްހުރީ ހުހަށެވެ. ސިއްހީމަރުކަޒުގެ ލެބޯޓަރީގެ ހިދުމަތް އިތުރަށް ފެންވަރު މަތިކޮށް ފުޅާކޮށް ކުރިއަރުވަން ވައުދުވީއިރު، އެތަނުގައި އެންމެ އާދައިގެ ޓެސްޓް ގަނޑެއްވެސް މިއަދު ހެދެން ނެތްކަން އެނގެނީ ކިތައް ކައުންސިލަރުންނަށްބާއެވެ؟ މެނިފެސްޓޯގައި ދަނޑުވެރިކަމުގެ ދާއިރާއިން ލައްކަ ވައުދު ވެފައިވާއިރު އެއިގެން އެންމެކަމެއް ހާސިލްކުރަން އެއްވެސް މަސައްކަ އަދާހަމައަށް ކުރެވުނުތަނެއް ނުފެނެއެވެ. އަންހެން ކަނބަލުންގެ މަތިން ހަނދާންހުރިހެނެއްވެސް ހިއެއްނުވެއެވެ.

ގެދޮރުވެރިކަމުގެ ދާއިރާއިން، ކޮންމެމީހަކަށް ފަސޭހަކަމާއިއެކު އުޅެވޭނެ ތަނެއް ހަމަޖެއްސުމަށް ވައުދުވެފައި އެވައުދަށްވީ ހަރާންކޯރެވެ. ގޯތި ދިނުމަށް ކުރިން ކުރިޔަށް އަޅާފައިހުރި ފިޔަވަޅުތައްވެސް އަޅަންފެށީ ފަހަތަށެވެ. ވުމާއިއެކު ގެދޮރުއަޅަން ބޭނުންވާ ފައިސާ ހޯދުމަށް މަގުތަކެއް ހަމަޖައްސާނެކަމަށް ވީވައުދުގެ ވާހަކަ ނުދައްކަމާ ހިނގާށެވެ. ކުނިނައްޓާލުމުގެ ނިޒާމް ހަމަމަގަށް ގެނެސްދޭނެކަމަށް ވުއުދުވެ ދެއްކި ބޮޑެތި، އިންސިނަރޭޓަރ ތަކުގެ ފޮޓޮއަކީ ބިލާހެއްކަމަށް ބަލަމާ ހިނގާށެވެ.

ލާމަރުކަޒީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ވީވައުދުތައްވެސް ނުހަނު ފުރިހަމައެވެ. ރައްޔިތުންނާއިއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާ ރައްޔިތުންގެ ވިންދާއި ޝުއޫރު ހުރިގޮތް ހޯދާނެކަމަށް ވައުދުވި ބޭފުޅުންނަށް އަދި އެއުޅެނީ ލާމަރުކަޒި ޤާނޫނުން އަހަރަކު ދެފަހަރު ބޭއްވުމަށް ލާޒިމްކުރާ އެންމެ އަހަރީ ޖަލްސާއެއްވެސް ނުބޭއްވިގެންނެވެ.

ޒުވާނުންނަށް ތަނަވަސްކޮށްދޭން ވައުދުވި ވިޔަފާރީގެ ފުރުސަތުތަކުގެ ހަބަރެއްނުވެއެވެ. ހަމައެހެންމެ ކުޅިވަރު ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޭންވައުދުވި މުސާރައަށްވެސް ދެނީ ކޮންބަޔަކަށް ކަމެއްނޭގެއެވެ. ތައާރަފުކޮށްދޭން ވައުދުވި މޫދުކުޅިވަރުތައްވެސް ކުޅޭބަޔަކު ހޯދަހޯދާވެސް ނުފެނުނެވެ. ދެންހުރި ވައުދުތަކުގެ ވާހަކަ އިހަށް ބާއްވާލާނީއެވެ.

މިހާހިސާބުން އަޅުގަނޑު ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެކެވެ. ކައުންސިލްގެ ދައުރު ނިމެމުން ދާއިރު، ވީވައުދުތައް ނުފުއްދާނަމަ ކައުންސިލަށް އިންތިހާބުވުމަށް ކުރެހި އިހަވަންދިއްޕޮޅު ސިޓީގެ ތަސައްވަރު ހަޤީގަތަކަށްހެދޭނީ ކިހިނަކުންހެއްޔެވެ؟

އިހަވަންދޫ ކައުންސިލް, ޕީޕީއެމް އިހަވަންދޫ, ޖޭޕީ އިހަވަންދޫ, ޕީޕީއެމް ކޯލީޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސަޅިބާސާ

– 21 ފެބުރުއަރީ 2016 0

ގެދޮރުވެރިކަމުގެ ވަޢުދަށް ހަރާންކޯރުވީ ކައުންސިލަރުންގެ އިސްތިޢުފާއަށް ގޮވާލަން․ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުން އެވަރަށް އުޅޭ އިރުވެސް މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރަށް ނިސްބަތްވާ ކައުންސިލަރުން އެދަނީ ރައްޔިތުންނަށް ހަރާންކޯރު ވަމުން․

– 21 ފެބުރުއަރީ 2016 0

ކައުންސިލް އިދާރާ ހިނގަނީ․ ހިންގަނީ އެއް ނޫން․ އޮޓޯ މޯޑަށް ލާފަ އެންމެން އުޅެނީ އެފްބީގަ․ ޕާޓީގެ ސަޕޯރޓު ހޯދަން ފާޑުފާޑުގެ ފޮޓޯ އަޕްލޯޑު ކުރުމުގަ އަވަދިނެތި․

– 21 ފެބުރުއަރީ 2016 0

އެމް․ޑީ․ޕީ އާ އެއްކޮޅަށް އަން ކޮމެންޓް އެކަނި މިތަނުގައި ޕޯސްޓް ކުރެވެނީ

– 22 ފެބުރުއަރީ 2016 0