އިހަވަންދޫ - ސިހުރުގެ އާލަމުގައި — Ihavandhoo.com

އިހަވަންދޫ - ސިހުރުގެ އާލަމުގައި

12 ޖެނުއަރީ 2015 6

މީގެ 63 އަހަރުކުރީގައި އޭރުގެ ނާދީ ތަމައްދުން އަދި މިހާރުގެ ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި ވަރަށް ބޮޑު ޝަރީއަތެއް ފެށި އެވެ. އަދި އެއީ ސިހުރާ ގުޅިގެން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޝަރީއަތްވެސްމެއެވެ. ހުވަދު އަތޮޅު އަތޮޅުވެރިޔަކަށް ހުންނެވި ވީރު އަލިދީދީ އަވަހާރަކޮށްލުމުގެ ކުށުގައި ޝަރީއަތަށް ހާޒިރުކޮށްފައި ތިބި މީހުންގެ ބޮޑަކަށް ހުރީ ގއ. ނިލަންދޫ ހަކީމްދީދީ އެވެ. އޭނާ ކުށަށް އިއުތިރާފްވުމުގެ ނަތީޖާ އަކީ މަރަން ހުކުމްކުރުމެވެ. ޝަރީއަތަށްފަހު ހަމަ އެދުވަހު ހުޅުލެއަށް ގެންގޮސް ބަޑިޖަހާ އޭނާ މަރާލި އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައި މިވަނީ ސިހުރާގުޅޭ ކަމެއްގަ އެވެ. ހަކީމްދީދީ އިސްކޮށް ހުރެގެން ސިހުރު ހެދި ކަމަށް ވަނީ، ހިކައެއް ލައިގެން ފެން ކެއްކުމަށް ފަހު އެއިން ހެދި ސައިތަށި ހިއްޕަވަން ވީރު އަލިދީދީ އަށް ދީގެން އެކަންޏެއް ނޫނެވެ. އޭނާގެ ގްރޫޕް ވަނީ އޭރުގެ ރާއްޖޭގެ ވެރިޔާ މުހައްމަދު އަމީން އަވަހަރާކޮށްލަން ވެސް ސިހުރު ހަދައިފަ އެވެ.

ފަންޑިތަވެރިކަމާއި ސިހުރު ދިވެހިންނާ ގުޅިފައި ހުރި މިންވަރު ހަމައެކަނި އެހާދިސާ އިން ވެސް އެނގެ އެވެ. އިހަކަށް ދުވަހު އާބާދީގައި 3000 މީހުން ހަމަވި އިހަވަންދޫގައި ވެސް މިކުޅި ކުޑައެއް ނޫނެވެ. އެކަން ކުރަނީ އެކި ނަންނަމުގަ އެވެ. އެއްބަޔަކު ހަދަނީ ފަންޑިތަ އެވެ. އަނެއްބަޔަކު ހާހޫރަޔާއި ބޫގަލް ހަދާއިރު، ރަތްލާޖެހި ސިހުރު ކަމަށްބުނެ ސިހުރު ހަދާމީހުންވެސް މަދެއްނޫނެވެ. ކިތަންމެ ހިއްގައިމު ނަމެއްގައި ކުރިޔަސް ކަމަކީ އެއްކަމެކެވެ. މަތް ﷲ އެކަމެއްކުރުން ޙަރާމްކުރައްވާފައިވާ ސިހުރެވެ.

އިހަވަންދޫގައި މިބަލި އޮތްވަރު ހޯދުމަށް މާފުނަށް ފީނާކަށް ނުޖެހެއެވެ. މިނޫހުގެ ކިއުންތެރިންނަށް ވެސް އިނގޭނެ ފަދައިން، 2013 ވަނަ އަހަރުގެ ފުރަތަމަ ދެމަހު ސިހުރާއި ގުޅޭ ގިނަ ހަބަރުތަކެއް ފެނިގެން ދިޔަ އެވެ. އެއަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ސިހުރު ހެދުމަށް ބޭނުން ކުރާ ސާމާނާއި ލިޔެކިޔުން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން، އިހަވަންދޫގައި އުޅުނު ރަށުންބޭރު މީހަކު ހައްޔަރުކުރި އެވެ. އަދި އެ އަހަރުގެ ފެބުރުއަރީ މަހުގެ 4 ވަނަދުވަހު، ފުލުހުން ވަނީ ސިހުރު ހަދާކަމަށާއި ސިހުރު ހެދުމަށް ބޭނުންވާ އާލާތާއި ލިޔެކިޔުން ގެންގުޅޭކަމަށް ތުހުމަތުކޮށް އިހަވަންދޫގެ ބައެއް ގެތައް ފާސްކޮށް، އެ ގެތަކުން ފެނުނު ސިހުރު ފޮތްތައް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮހެވެ.

ނަމަވެސް ސިހުރުހާހުރަ ހަދާކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާ މެދު މިއަދު ގާނޫނު ހިންގޭކަށް ނެތެވެ. ސަބަބަކީ ގާނޫނުގައި އެފަދަ މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ބަޔާންކޮށްފައި ނުވުމުވެ. 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހު ސަން.އެފް.އެމް އިން ފޮނުވި "ޢިލްމީ ޚަޒާނާ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމް ވަނީ ސިޙުރު ހެދުމަކީ ޤާނޫނީ ކުށެއްކަމުގައި ކަނޑައެޅުމުގެ ގޮތުން ޤާނޫނެއް ފާސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރައްވާފަ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަމަށް އަމަލީސިފަ އަންނަމުންދާ މަންޒަރެއް ނުފެނެ އެވެ.

ސީދާ ސާފުކޮށް މިކަމަށް ޤާނޫނުނެއް ނެތަކަސް ޤާނޫނުލްއުޤޫބާތުގެ 88 ގެ ދަށުން ސިހުރު ހާހޫރަ ހަދާ މީހުން ވެސް ކުށްވެރި ނުވާންވީ ސަބަބެއް ނެތެވެ. އެހެނީ އެ މާއްދާގައި ބުނަނީ ޝަރުޢީ އަދި ޤާނޫނީ އަމުރަކަށް ނުކިޔަމަން ވުމަކީ ކުށެއް ކަމަށެވެ. މާތް ﷲގެ ޝަރީޢަތުގައި ސިހުރު ހެދުން މަނާކޮށްފައިވާއިރު އެކަމަށް ނުކިޔަމަން ވުމަކީ ދިވެހިރައްޖޭގެ ޤާނޫނުލްއުޤޫބާތުގެ ތެރެއިން އަދަބު ދެވިދާނެ ކަމެއް ކަމަށް ޤާނޫނީ ބޭފުޅުން ދެކެއެވެ.

އިހަވަންދޫގައި ސިހުރު އޮތީ ކިހާވަރަކަށް؟

އިހަވަންދޫގައި ސިހުރު ހާހޫރައިގެ ކުޅިވަރު އޮތީ ވަރަށް ވެސް މަތީގަ އެވެ. ނަމަވެސް އެކަން އޮންނަނީ ނުދައްކާ ވާހަކައެއްގެ ގޮތުގަ އެވެ. މާލޭގައި ދިރިއުޅޭ އިހަވަންދޫ ޒުވާނަކު ބުނީ ސިހުރު ހާހޫރައިގެ ކުޅިއަށް ނިމެންނެތްކަމަށެވެ. "ކިހިނެއް އެކަމުން ރަށްސާފުވަނީ. ބައެއް މީހުން ދިރުއުޅުމަށް ކުރާ މަސައްކަތަކަށް އެކަން ހަދައިފި. އަނެއްކާ އެތައްބަޔަކަށް ވާރުތަ މުދަލުގެ ގޮތުގައި ވެސް ލިބެމުން ދަނީ އެފަދަ ފޮތްފޮތް" އޭނާ ހުއްޖަތް ދެއްކި އެވެ.

ތެދެކެވެ. ކިތަންމެ ގަބޫލުކުރަން ބޭނުންނޫން ކަމަށްވިޔަސް އެއީ ހަޤީގަތެވެ. އެތައް ޒުވާނުންނެއް ސިހުރުގެ ޢާލަމަށްވަދެ ގެނބި ހުސްވެއްޖެ އެވެ. އެއްބަޔަކު ސިހުރު ހަދައިދެނީ ދިރިއުޅުމަށް އާމްދަނީ ހޯދުމަށްކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. އަނެއްބަޔަކު ހަސަދަ ފިލުވާލުމަށާއި އިސްތިރިޔާއި ވަރިތޮޅި އަދި މީސްތަކުންގެ ލޯބި ހޯދުމުގެ ބޭނުމުގައި ވެސް ސިހުރުހަދަ އެވެ. މަސްވެރިކަމަށް ދޯނިފަހަރަށް ސިހުރު ހަދައިދޭތީ ދޯނިން ބައެއް ލިބޭމީހުން ވެސް އަދިވެސް އުޅޭކަމަށްވެ އެވެ.

2013 ވަނަ އަހަރު ފުލުހުން އިހަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައި އެތައް ސިހުރު ފޮތެއް ފުލުހުން ގެންދިޔަފަހުން ސިހުރު ފޮތުގެ އަގުވަނީ ވަރަށްބޮޑަށް އުފުލިފަ އެވެ. އެކަމުގެ ފައިދާނަގައި އެއްބަޔަކު ސިހުރު ނުހެދިޔަސް، ސިހުރު ފޮތްފަދަ ތަކެތި ގަނެވިއްކައިގެން އާމްދަނީ ހޯދަ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ސިހުރު ހާހޫރައިގެ ވާހަކަ އެންމެބޮޑަށް އިވިގެންދަނީ ސިޔާސީ ކަންކަމާ ގުޅުވައިގެންނެވެ. އިންތިހާބުތައް ކާމިޔާބުކުރުމަށާއި ޕާޓީތައް ހަލާކުކުރުމަށް ވެސް ސިހުރުގެ ބޭނުންކުރާ ކަމަށްވެ އެވެ. އިހަވަންދޫގެ ސިޔާސީ ވެރިން ވެސް މިކުޅީގައި އުޅެނީ ވަރަށް ކުރީގަ އެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، ސަރުކާރު ކޯލީޝަންގެ ކެނޑިޑޭޓުން ލައްވައި ބަޔަކު ކުޅުވި ސިހުރުގެ ކުޅިޔަކީ ތޯތޯ ވާހަކައެއް ނޫނެވެ. ސަރުކާރު ކޯލީޝަންގެ ޓިކެޓްގައި އިންތިހާބު ކާމިޔާބުކުރި ޒުވާނަކު ބުނީ، ސަރުކާރަށް ތާއިދުކުރާ އިސް ސިޔާސީ މީހަކު ހުރިހާ ކެންޑިޑޭޓުންގެ ޖީބުގައި ބޭއްވުމަށް ސިހުރެއް ދިންކަމުގަ އެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް މިކުޅި ކުޅުނުކަމަށްވެ އެވެ.

"އޭ ސިހުރު ނުކުރާނެކަމަކަށް ގެއެއްގެ ބިންގަލެއް ނާޅާނެ! ބިންގަލެއް އަޅާފިތަ، އެކަލޭގެ އަށް އެނގޭނެ، އެހިސާބުން މަސައްކަތް އެފެށުނީ." އިހަވަންދޫގައި ސިހުރުގެ ކަންކަން އޮތްހިސާބު ކިޔައިދެމުން ޒުވާނަކު ބުންޏެވެ. މުޖުތަމައުގައި ސިހުރުގެ ވަބާ ބޮޑުވެއްޖެނަމަ އެހެން ފިތުނައެއްވެސް އުފެދިގެން ދެއެވެ. މިވެނި މީހަކީ ސިހުރު ހަދާމިހޭއް ކަމަށް ބުނެ ލޭބަލް ކުރެވެ އެވެ. އެ މީހަކަށް މާލީ، ނަފްސާނީ އަދި ޖިސްމާނީ ހަމަލާތައް ދެވޭތަން އާދެ އެވެ. އަވަށްޓެރި އިންޑިޔާއަށް ބަލާލާއިރު ސިހުރުވެރިން ކަމަށް ބުނެ އަނިޔާވެރި ގޮތުގައި އެތައް ބަޔަކު މަރަމުންދާކަމީ މިކަމުގެ ނުރައްކާތެރިކަން އޮތްމިންވަރު ދައްކުވައިދޭ ކަމެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސިހުރާއި ދެކޮޅަށް ފުލުހުން އިހަވަންދޫގައިހިންގި އޮޕަރޭޝަން ތަކަށްފަހު، ސިހުރުވެރިންވަނީ އެމީހުންގެ މަސައްކަތްތައް ޑިޖިޓަލް ކުރަން ފަށާފައެވެ. ކުރިން ފޮތްތަކުގައިހުރި ސާމާނު، ފިޒިކަލް ޑްރައިވްތަކުގެ އިތުރުން ވާޗުއަލް ޑްރައިވްތަކުގައި ރައްކާކުރަން ފަށާފައެވެ. އަނެއްކާވެސް ސިހުރުގެ އާބާބެއް ދެއްތޯއެވެ!

ސިހުރުގެ އާލަމުން އިހަވަންދޫ ނެރެވޭނެބާ!

ސިހުރުން އިހަވަންދޫ ސަލާމަތްކުރުމަށް މަސައްކަތް ކުރާނަމަ ކުރަންހުރި މަސައްކަތް ވަރަށްވެސް ބުރަ އެވެ. ސަބަބަކީ ސިހުރުގެ ތެރޭގައި ޒުވާނުގެ ޝާމިލްވުން ބޮޑޮވަމުން ދާދިއުމެވެ. ކުރިން މުސްކުޅިން ކުރާކަމެއްގެ ގޮތުގައި އެކަން އޮތަސް މިހާރު މިވަނީ މަންޒަރު ބަދަލުވެފަ އެވެ. ޒުވާންޖީލް ސިހުރުގެ ނުބައިކަމުން ސަލާމަތްކުރުމަށް، އެ ކުދިން ނިސްބަތްވާ އާއިލާތަކަށް ނުހަނު މުހިންމު ރޯލެއް ކުޅެވިދާނެކަމަށް ޤަބޫލްކުރަމެވެ. ހަމައެހެންމެ މުސްކުޅިވި ދުވަހު، ތިމާގެ ބައްޕަ ނުވަތަ ކާފަ އެ ކަހަލަ މަގަކުން ހިނގާނަމަ އެ މީހުންނަށް ތެދުމަގު ދައްކައިދީ ހަމަމަގަށް އެޅުވުމަށް ވެސް އާއިލާއިން ނަގަންޖެހޭ ޒިންމާ ބޮޑުކަމަށް ދެކެމެވެ.

2013 ވަނަ އަހަރު ހިންގި އޮޕަރޭޝަން ތަކުގައި ފުލުހުން ވަނީ ބައެއްގެތައް ފާސްކޮށް ސިހުރު ހަދަން ގެންގުޅޭ ސާމާނު އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮހެވެ. ފުލުހުންގެ ހަރަކާތް އެހިސާބަން ހުއްޓުމުން ބައެއް މީހުންގެ ފާޑުކިޔުން ފުލުހުންނަށް އަމާޒްވި އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި ފުލުހުންގެ އެ ހަރަކާތަކީ ވަކިބައެއްގެ ވަރަކޮށާލަން ހިންގި ހަރަކާތެކެވެ. އެ މީހުން ބުނާގޮތުގައި މަތީ މަޤާމްތަކުގައި ތިބި ނުފޫޒްގަދަ ސިހުރުވެރިންގެ ފޮތްތަކުގައި ފުލުހުންނަށް އަތްލާކަށް ނުކެރޭނެއެވެ. "ކިހިނެއް ތިކަން ހުއްޓުވަނީ. ބަލާބަލަ އިހަވަންދޫގައި ހުރި ސަރުކާރުގެ މުއައްސާތަކަށް. ހުރިހާތާކު ވެސް އެއޮތީ ސިހުރުގެ ފަނިއަޅާފަ!" އިހަވަންދޫ އިން ސިހުރުގެ ވަބާ ފިލުވައި ނުލެވޭނެކަމަށްބުނެ، ރިސޯޓެއްގައި މަސައްކަތްކުރަމުންދާ އިހަވަންދޫގެ ޒުވާނަކު ބުންޏެވެ.

ކޮންމެކަމަކީވެސް ގަދައަޅާ މަސައްކަތްކޮށްފިނަމަ ކުރެވިދާނެކަމަކެވެ. ހެއޮހިތުން ހިއްވަރާއިއެކު މަސައްކަތެއް ފަށައިފިނަމަ ކާމިޔާބު ނުވާންވީ ސަބަބެއްނެތެވެ.

ސިހުރު ހެދުން, ޚާއްސަ ރިޕޯޓު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސިހުރު ހަދާ މީހުންނަށް އޮތީ މަރުގެ އަދަބު․․․ އެއަކަށް އިތުރު ވަޟައީ ގާނޫނެއް ބޭނުމެއްނުވޭ․․․

– 12 ޖެނުއަރީ 2015 0

ކިތައްމެވަރަށް ބޫގަލް ހެދިއަސް އިތުރު އާލަމަކަށް ނުދެވޭނެ، ދެންކިހިނެން މިއާލަމުން ނިކުންނާނީ،

– 12 ޖެނުއަރީ 2015 0

ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ސިހުރު ހެދުމަށް ބޭނުން ކުރާ ސާމާނާއި ލިޔެކިޔުން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން، އިހަވަންދޫގައި އުޅުނު ރަށުންބޭރު މީހަކު ހައްޔަރުކުރި އެވެ. މިކަމުގެ އަސްލު ހަޤީގަތް ވަނީ އޮޅިފަ․ ތިބުނާ ފޯއްމުލަކު މީހާ އިހަވަންދޫން ބޭރުކުރީ އެއީ ސިހުރު ބާތިލު ކުރާ ރުޤުޔާ ކުރާ މީހަކަށްވާތީ․ އެމީހާ ރަށުން ބޭރުކުރުމުގަ އުޅުނީ ރަށުގައި ވަރުގަދަޔަށް ސިހުރުހަދާ އުޅޭ ޖައްބާރެއް․

– 13 ޖެނުއަރީ 2015 1

ޝެއިހް ޝާފިއު އާއި މުޙައްމަދު ޢަލީ އަދި އަމީނުމެން ގުޅިގެން އިހަވަންދޫ ސިހިރުން ސަލާމަތްކޮށް، ސިހުރުގެ ކުފުރުން އިހަވަންދޫ ސާފުކޮށްދިނުމަށް މަސައްކަތް ކުރުމަށް ގޮވާލަން․

– 13 ޖެނުއަރީ 2015 0

އޮއްގަލުން ތަޅައި ރަޖަމް ކުރަންޖެހޭ ވަރުގެ ސިހުރުވެރި ކުފުރުވެރިން އިހަވަންދޫގަ އެބަތިބި․ މީންދުވަހަކު ހުކުރަށް ނޭރުމުގެ އިތުރުން މަލާއިކަތުންނާ ޖިންނީން ކޮންޓުރޯލު ކުރާކަމަށް ދައުވާ ކުރާ ކާފަރަކުވެސް ތި އިހަވަންދޫ ފަސްގަނޑުގަ މިނިވަންކަމާއެކު އުޅެމުން އެބަދޭ․ ރަށުގެ ވެރިން އަޅާނުލާ ތިބެން ނުވާވަރުގެ ކަންތައްތައް މިހުންނަނީ․ އޭނާ މަގުފުރައްދާނީ އިހަވަންދޫގެ ކިތައް ޒުވާނުންކަމެއް ބުނަންވެސް ނޭގޭ․

– 13 ޖެނުއަރީ 2015 0

ސިހުރުވެރިން ރަޖަމުކުރޭ

– 14 ޖެނުއަރީ 2015 0