ޖޭއެސްސީގެ މެމްބަރަކަށް މާނިއު އައްޔަން ކުރައްވައިފި — Ihavandhoo.com

ޖޭއެސްސީގެ މެމްބަރަކަށް މާނިއު އައްޔަން ކުރައްވައިފި

31 ޖުލައި 2019 0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވަކީލުން ތަމްސީލް ކުރައްވާ މެމްބަރަކު ހޮވަން ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި ހއ. އިހަވަންދޫ އަންބަރީގޭ، އަބްދުލްމާނިއު ހުސައިން މިއަދު ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރައްވައިފި އެވެ.

މާނިޔު ޖޭއިސްސީގެ މެމްބަރުކަމަށް އައްޔަންކުރައްވާ އެބޭފުޅާއަށް ޖޭއެސްސީގެ މެމްބަރުކަމުގެ ލިޔުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުހަވާލުކޮށްދެއްވީ މިއަދު ރައީސް އޮފީހުގައިއޮތް ރަސްމިއްޔާތެއްގައެވެ. އެރަސްމިއްޔާތުގައި މާނިޔުއަށް، ޖޭއެސްސީ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފްއެވެ. މީގެ ކުރިން، ޖޭއެސްސީގައި ވަކީލުން ތަމްސީލް ކުރެއްވީ ލަތީފާ ގާސިމެވެ. ނަމަވެސް، ގާނޫނީ ފަންނުގެ ބިލް ޖޫންމަހުގެ މަހުގެ 27 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ އެކު، އޭނާގެ މަގާމުންވަނީ ވަކިވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ޖޭއެސްސީ ގައި ވަކީލުން ތަމްސީލް ކުރައްވާ މެމްބަރަކު ހޮވަން ބޭއްވި އިންތިހާބުގައި ހަ ވަކީލަކު ވާދަކުރެއްވިއިރު އެ އިންތިޚާބު މާނިއު ކާމިޔާބުކުރެއްވީ 199 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވަކީލް އަލީ ރަޝީދަށް 124 ވޯޓު ލިބިވަޑައިގަތެވެ.  ޖޭއެސްސީގައި ތިއްބަވަނީ ވަކީލުންގެ ތެރެއިން މެމްބަރަކާއި އާންމުންގެ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި މަޖިލީހުގެ ރައީސާއި ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ.

ވަކީލުންގެ ތެރެއިން ޖޭއެސްއީއަށް އައްޔަންކުރާ މެމްބަރުގެ މެމްބަރު ކަމުގެ ދައުރަކީ 5 އަހަރުގެ އެއްދައުރެވެ. އަލަށް އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ބިލާއި އެކު ރާއްޖޭގައި ވަނީ ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް އުފައްދާފަ އެވެ. އަދި ދާދި ފަހުން ވަނީ އެ ކައުންސިލުގެ މަގާމުތަކަށް ވަކީލުން އިންތިހާބު ވެސް ކޮށްފަ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ