ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ނެގޭނެ އިންތިޒާމް ހަމަޖައްސައިފި — Ihavandhoo.com

ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ނެގޭނެ އިންތިޒާމް ހަމަޖައްސައިފި

21 ޖެނުއަރީ 2020 0

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ހޯރަފުށިން ދޫކުރެވޭނެގޮތް ހަމަޖައްސައިފިއެވެ.  އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ހޯރަފުށީ ކައުންސިލްގެ އިދާރާއާއި ދެމެދުވަނީ އިއްޔެ ސޮއިކޮށްފައެވެ.  ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ދޫކުރަން ފެށުމަށް، ހޯރަފުށީ ކައުންސިލް އިދާރާގައި ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލަރު އަލްފާޟިލް އިބްރާހީމް ރަޝީދެވެ. ހޯރަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަޙީދެވެ.  ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ދޫކުރަން ފެށުމުގެ ކުރިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަނީ އެ އަތޮޅު ކައުންސިލް އިދާރާއިންނެވެ. އެހެންކަމުން ލައިސަންސް ބޭނުންވާ ފަރާތްތަކުން ޖެހެނީ، އަތޮޅު ކައުންސިލް ހުންނަރަށް ކަމަށްވާ، އެ އަތޮޅު ދިއްދުއަށް ގޮސް ލައިސަންސް ނެގުމާބެހޭ ކަންކަން ފުރިހަމަ ކުރާށެވެ. އެހެންނަމަވެސް އިއްޔެ ސޮއިކުރެވުނު އެއްބަސްވުމާ ގުޅިގެން ހޯރަފުށީ ރައްޔިތުން ހޯރަފުށީގައި ތިބެގެން ލައިސަންސް ލިބޭނެގޮތް ވަނީ ހަމަޖެހިގެން ގޮސްފައެވެ.  އެ ޚިދުމަތް ހޯރަފުށިން ލިބޭގޮތަށް ހަމަޖެހިގެން ދިއުމުން ހޯރަފުށީ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެކަމަށް ހއ. އަތޮޅު ކައުންސިލުން ފާހަގަ ކުރަށްވައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ