ކިހައްޑިޔަ: އަޖައިބު އަންތަރީސް ހީވާވަރުވެއެވެ!! — Ihavandhoo.com

ކިހައްޑިޔަ: އަޖައިބު އަންތަރީސް ހީވާވަރުވެއެވެ!!

ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންގެ މުސާރައަށް މަހަކު ދޮޅުލައްކަ ރުފިޔާއެވެ. ރަށުތެރޭ ގިނަވަމުން އިތުރުވަމުންދާ ފުލުހުންގެ މުސާރައަށް ވެސް މަހަކު ތިން ލައްކައެއްހާ ރުފިޔާ ނުހިނގައެއް ނުދާނެއެވެ. އިންޖީނުގޭގެ "ވެރިވެރީންގެ" މުސާރައަށް އެކަނިވެސް ލައްކައެއް ޚަރަދުވާނެއެވެ. ޢިއްޒަތްތެރި މެމްބަރު ވެސް މަހަކު މަދުވެގެން ލައްކައެއް ޖައްސާނެކަން ކަށަވަރެވެ.

އިހަވަންދޫގެ ބެލެހެއްޓުންތެރީންގެ މުސާރައަށް މަހަކު މިލިއަނުން ޚަރަދު ހިނގާއިރު މުސާރަދެނީ މިސޮރުގެ ޖީބުންވެސް ނަގާ ޓެކުހުންނޫންތޯއެވެ. މި ވާހަކަ ދައްކާނަމެވެ.

ފުޓްބޯޅަ މުބާރާތެއް ބާއްވާދީފައި، މިސްކިތުން ބާވެގެން ނެގި ތަކެތީގެ ނީލަން ކިޔައިލީމާ ކައުންސިލްގެ ޒިންމާ އަދާވީ ހެއްޔެވެ؟ ޒުވާނުންނަށް "އަހުލުވެރިކުރުމުގެ" ފިލާވަޅުތައް ނަގައި ދީފައި އެ ކުދިންގެ ދެބަނޑަށް ކާންދީފައި ބައިސާ ކަނޑަމުން މުގޯޅި އަޅަމުން ދުއްވީމާ ފުލުހުންގެ ދައުރުއަދާވީ ހެއްޔެވެ؟ ހެދިހައި ގާނޫނެއް އިޞްލާހު ކުރަމުން، ތަސްދީޤު ކުޅަ ޤާނޫނެއްވިއްޔާ ޢަމަލުކުރުން އަވަސްކުރަމުން ފަސްކުރަމުން، އެޅިހައި ބަތަކަށް ރިހައަޅަމުން ގަދައަށް "ކެއީމާ" ޢިއްޒަތްތެރި މެމްބަރު، ގަންދީ ކުރި ހުވައަށް ކައްފާރާ ނުދީ ފަރުޖެހޭނެ ހެއްޔެވެ؟ ނުވަތަ ހަދިޔާބަދިޔާ ހިފައިގެން ރަށަށް އައިސް "ބޯޅަ" ބެހީމާ ރައްޔިތުންގެ އާފާތުތައް ފިލާދިޔައީތޯއެވެ؟ ވެދުން ސަލާމަށްފަހު ދަންނަވަމޭ މެމްބަރުކަމަށް ހޮވީކީ "ކޯޗު ކޯސް" ހިންގާދޭކަށެއް ނޫނެވެ. "ބްރޯ" ވިދާޅުވީމާ ކަޅިއަރައިގެން ގައުމު ވިއްކޭނެހެން ދުސްތޫރު "އޮޅައިލި"އިރު ރައްޔިތުމީހާ ކޮބައިތޯއެވެ!!

މަ ބުނާނީ ހަމަ މިހެންނެވެ. ނޫތަރީގޭ އަހައްމަދު "ސަރަނގަކަށް" ބެހެއްޓީމާ ކައުންސިލްގެ އިދާރީ ހިންގުން ހިފަހައްޓާނެއެވެ. ހަތް "ކަތީބުން" އިންތިޚާބު ކުޅައީ ކާތިބުކަން ކުރާން ކަމަށް ހީކޮށްގެން ސަރަންފީގައި ތިއްބަވާނެ ކަމެއްނެތެވެ. ކުރާނޭ ކަމެއް ނެތީ ވިއްޔާ ރަށު އޮފީހަށް ވަދެ ނުއުޅި މަހަށް ނިކުންނާން އުޅޭށެވެ!!

އަޖައިބު އަންތަރީސް ވާނެ ނޫންހޭ ކުނި އަންދައިގެން އަރާހާ ވިހަ ދުމެއް ރަށު ތެރެއަށް ފެތުރި އެތަކެއް ރައްޔިތަކުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔަ އިރު، މާތް ރަސްކަލާންގެ ގަންދީ ހުވާ ކޮށްގެން މިތިބަ، ފުލުހުންނާއި، ހަތް "ކަތީބުންނާއި"، ދެ "އަތޮޅުވެރީންނާއި"، ޢިއްޒަތުގެ ތެރި މަޖިލިސް މެމްބަރަށް ކަހަރުވަކެކޭ ވިޔަސް ހިވަނީކީ ނޫންވިއްޔާއެވެ!! ކުނީގެ ކަންތައް ބޮއްސުންލައިފައި ހުރި މިންވަރަކީ ކުނިކޮށި މިހާރުވެފައި ވަނީ އުތުރު ފަރާތު ގުންޑޯޅިއަށެވެ. ކުނި ވެފައި ވަނީ މަސްމަހާމެހީގެ "ގައުގަލާގެއްޔަށެވެ".

އެއްވެސް އިންސާނެއްގެ ޖިސްމަށް އަނިޔާ ކުރުމަކީ އަނެއް އިންސާނާއަށް ލިބި އޮތް ޙައްޤެއް ނޫނެވެ. ރައްޔިތުންގެ ފުރާނަ އާއި ޖިސްމަށް ގެއްލުންދޭ ކޮންމެ ކަމެއް ހުއްޓުވައި ރައްޔިތުންގެ ޞިއްޙަތު ސަލާމަތް ކޮށްދިނުމުގެ ޒިންމާ މަތިވެފައި މިތިބަ ބޭކަލުންގެ ލަދު ކޮބައި ހެއްޔެވެ! ރައްޔިތު މީހާ ދިރިއުޅޭ ވެއްޓަށް ރައްކާތެރިކަމާއި ޙިމާޔަތް ކަށަވަރުކޮށް ދެއްވާށެވެ.

މިކަހަލަ ވާހަކަ ދެއްކީމާ މަ ހަދާނީ ހަންޑަވާޅިއަކަށެވެ. ވަރިހަމައެވެ.

ވެދުމެވެ.

ކިހައްޑިޔަ, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކަލޯ ކަލެޔައް ސާބަސް

– 10 އޮގަސްޓު 2015 1

ވަރަށް ގަދަ

– 10 އޮގަސްޓު 2015 0

އެޑިޓުކޮށްފް އިން ފޮޓޯއެއް․ މަށެއް ޤަބޫލެއް ނުކުރާނަން․

– 11 އޮގަސްޓު 2015 4

"ޢިއްޒަތްތެރި މެމްބަރު ގަންދީ ކުރި ހުވައަށް ކައްފާރާ ނުދީ ފަރުޖެހޭނެ ހެއްޔެވެ؟" އިންސާނުން ގަންދީ ހުވާކުރެވޭތަ؟

– 11 އޮގަސްޓު 2015 1

ވަރަށް ފުުރިހަމަ․․․․․․․․․․․․․․․․․․․

– 11 އޮގަސްޓު 2015 0

ދައުރަކީ ދެންއޮތް ދައުރެވެ․ އިހަވަންދޫގެ އިއްޒަތުގެ ތެރި ގޮނޑިއަށް ވަކީލަކު ފައި ކުރުކުރާނެއެވެ․ ރައްޔިތުންގެ އަގުބޮޑެތި ފާރުތަކުގައި މިސޮރު ނިކަން ގަދައަށް ފަވާނެއެވެ․ ނުވާވަރުންވެސް ނުފޯރާފޮތިން ފޫގަޅާނެއެވެ․ އަރިހުގައި އޮންނަ ޒުވާން ބައިގަނޑު ވިހަވެ ފުޅަވާްންފަށާނޫއެވެ․ އަންތަރީސް ހީވާނީ ދެނެވެ․ ތިމާގެ ފެންވަރު އެނގި ފަހަތަށް ޖެހޭނެއެވެ․ ކަރުދާހުގައި ނަމެއް ނޯނާނޫއެވެ․ ފާހަގަ ޖަހަން ޖެހޭނީ ހަމަ މިސޮރު ބަހުންނަމަ ރޯނު އެދުރަށެވެ․ މިވަރު ސިޔާސީ ރައްޔަތުލޯބި ދުށީމުހޭ․ އަންތަރީސް އެވެ․

– 11 އޮގަސްޓު 2015 3

މި ލިޔުމުގައި އެއްވެސް ތެދު މައުލޫމާތެއް ނެތް․․․․․․․ ވަކީލެއްގެ މުސާރަ ހިމަނާލަން ފެނޭ․․․

– 12 އޮގަސްޓު 2015 5