އެމް ޑީ އޭގެ ހާއްސަ ޖަލްސާއެއް އިހަވަންދޫގައި ބާއްވައިފި — Ihavandhoo.com

އެމް ޑީ އޭގެ ހާއްސަ ޖަލްސާއެއް އިހަވަންދޫގައި ބާއްވައިފި

18 ޖެނުއަރީ 2013 0

މޯލްޑިވެސް ޑިވެލޮޕްމެންޓް އެލަޔަންސްގެ ފަރާތުން އިހަވަންދޫގައި އެޕާޓީގެ ހާއްސަ ޖަލްސާއެއް ބާއްވައިފިއެވެ. މިޖަލްސާ ފެށިފައި ވަނީ މިރޭ 9:15 ގައި އިހަވަންދޫ ހުރަވީ ބޯޅަދަނޑުގައެވެ.

މިރޭގެ ޖަލްސާގައި އެމްޑީއޭގެ ފަރާތުން އެޕާޓީގެ އިންތިގާލީ ނައިބު ލީޑަރުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން އެޕާޓީގެ އިންތިގާލީ ރައީސް އަލްފާޟިލް އަހުމަދު ޝިޔާމް މުޙައްމަދުވެސް ބައިވެރިވެލެއްވިއެވެ. މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްފާޟިލް އަޙުމަދު އާމިރު ފާހަގަ ކުރެއްވި ގޮތިގައި މިއަދު ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވެފައިވާކަން ފާހަގަ ކުރައްވާ އެމް ޑީ އޭ އިން، ހަލާކުވެފައި މިވާ އިޖުތިމާޢީ ފޭރާން ހަމައަކަށް އެޅުވުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރައްވާނެކަން ފާހަގަ ކުރެއްވިއެވެ. އަދި އެޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު އައްބާސްގެ ވާހަކަފުޅުގައި ބޮޑަށް އަލިއަޅުވާލެއްވީ ޒުވާނުންނަށް ލިބިދޭން ޖެހޭ އެކިއެކި ފުރުސަތު ތަކުގެ މައްޗަށެވެ. މިގޮތުން އެމް ޑީ އޭ އިން ޒުވާނުން މަގުމަތި ނުކުރާނެ ކަމަށާއި ރައްޔިތުންނާއި ޒުވާނުންނަށް ދޮގު ވަޢުދުތަކެއް އެޕާޓީން ނުވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަދެއްކެވި އެންމެހައި ބޭފުޅުންވެސް ވާހަކަ ފުޅު ދައްކަވާފައިވަނީ އެމް ޑީ އޭ އާއި ރައްޔިތުން ގުޅެންވީ ކީއްވެގެން ކަމާއި އެމް ޑީ އޭގެ ވެރިކަމެއްގައި އެބޭފުޅުން ގެންގުޅުއްވާނޭ ބައެއް ސިޔާސަތުގެ މައްޗަށެވެ. މިރޭގެ ޖަލްސާގައި އެމް ޑީ އޭގެ އިންތިގާލީ ރައީސް އަލްފާޟިލް އަޙުމަދު ޝިޔާމް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމާ ހުނަރުވެރިކަމުގެ ނިޒާމް ދަށަށް ގޮސްފައި ވާކަމަށާއި ރަށުގެ އާބާދީގެ ނިސްބަތުން ކޮންމެ ރަށެއްގައިވެސް 10 އިންސައްތައާއި 15 އިންސައްތައާއި ދެމެދުގެ އަދަދަކަށް މީހުންނަށް މިވަނީ ވަޒީފާ ލިބުން ދަތިވެފައި ކަން ފާހަގަ ކުރައްވާ މިކަމުގެ ސަބަބަކީ ތަޢުލީމާއި ހުނަރުވެރިކަމުގެ ތެރެއިން ޅަދަރިން ތަރުބިއްޔަތު ކުރެވިފައި ނެތުން ކަން ފާހަގަ ކުރެއްވިއެވެ.

ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހިދުމަތްތައް ދިވެހިރައްޔިތިންގެ ކިބައިން ނިގުޅާ ގަނެވިފައިވާކަމަށާއި ، ވޭތުވެދިޔަ ދެހަފުތާތެރޭގައި އެމްޑީއޭ އިން އަތޮޅުގެ ރައްތަކަށް ކުރެއްވި ދަތުރުގައި ރައްޔިތުންގެ ކިބައިން ލިބެގެންދިޔަ ޝަކުވާ އަކީ އެބައިމީހުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ ކަން އަހުމަދު ޝިޔާމް ފާހަގަ ކުރެއްވިއެވެ. އިގުތިސާދީ ޕުލޭނެއް ނެތުމުގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް އަސާސީ ހިދުމަތްތައް ނުލިބި ވާކަން ފާހަގަ ކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ހއ. އަތޮޅުގެ އެކިރައްރަށުން އެމްޑީއޭ އާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ޕާޓީގެ އިންތިގާލީ ލީޑަރަށް ޙަވާލު ކުރުން އޮތެވެ. މިގޮތުން ހއ. އުލިގަމާއި މާރަންދޫން އަލަށް އެޕާޓީއާއި ގުޅުނު މެމްބަރުންގެ ފޯމުތައް ޙަވާލު ކުރުން އޮތެވެ.

މިރޭގެ ޖަލްސާ ނިއްމާލާފައިވަނީ 11:15 ގައެވެ. ޖަލްސާ އަށްފަހު ޖަލްސާގެ ބައިވެރިންނަށް އޮތް ބިލއްމީރު ކޮށްލުމެއް އޮތެވެ.

އެމްޑީއޭ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ