އެމްޓީސީސީގެ މުވައްޒަފުންތަކެއް އިހަވަންދޫއަށް ފުރައްސާރަކޮށް ވީޑިއޯއެއް އާންމުކޮށްފި

9 އޮކްޓޫބަރު 2020 3

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހޯރަފުށީ ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އިހަވަންދުއަށް ފުރައްސާރަކޮށް، ވީޑިއޯއެއްކުޅެ އާންމުކޮށްފިއެވެ.

ސޯސަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމުކޮށްފައިވާ އެވީޑިއޯއިން ފެނިގެންދަނީ އެމްޓީސީސީގެ ހޯރަފުށީ ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ގޮނޑުދޮށުގައި އެކަކު އަނެއްކަކަށް ފުރަގަސްދީ ގުދުވާ މަންޒަރެވެ. ވީޑިއޯގައި ވާހަކަ ދައްކާ މީހާ، އިހަވަންދޫ މީހުންނަށް ޖެޓީ ދައްކައިލުމަށް ރެޑީވުމަށް އެހެންމީހުންނަށް އިރުޝާދުދެއެވެ. އެއިރުޝާދާއިއެކު އެންމެން ދެ ސަފަށްއެތުރި އެކަކު އަނެއްކަކަށް ފުރަގަސްދީ ގުދުވެއެވެ. އެއާއިއެކު ވީޑިއޯގައި ވާހަކަދައްކާ މީހާ ބުނަނީ، އެއޮތީ އިހަވަންދޫ މީހުންނަށް ޖެޓީކަމުގައިއެވެ. އެދި ކެރެންޏާ ޖެޓީއަށް އަރަން އައުމަށް ބުނެއެވެ. ވީޑިއޯގައި އެމްޓީސީސީގެ މުވައްޒަފުންތިބެނީ އެމީހުންގެ މަސައްކަތު ހެދުމުގައި އެމްޓީސީސީގެ ހޯރަފުށީ ސައިޓްގައެވެ.

ހޯރަފުށިން މިނޫހާއި ވާހަކެދެއްކި މީހަކު ނަންހާމަނުކުރުމަށް އެދި މިނޫހަށް މައުލޫމާތު ދީފައިވާގޮތުގައި، ފުރައްސާރަކޮށް ވީޑީއޯކުޅުނު މުވައްޒަފުންނަކީ އެމްޓީސީސީގެ، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގައި މަސައްކަތްކުރާ ކޮންޓްރެކްޓް މުވައްޒަފުންތަކެކެވެ. އަދި އެއީ 350ރ އާއި 420ރ ދެމެދުގެ އަދަދަކަށް ދުވަހު މުސާރަ ދޭ މުވައްޒަފުންތަކެއް ކަމަށްވެސް އޭނާ ބުންޏެވެ. މިކަމާއި ގުޅިގެން އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމްއާއި ގުޅުމަށް ކުރިމަސައްކަތް، އެބޭފުޅާ ރެސްޕޯންޑް ނުކުރައްވާތީ ކާމިޔާބެއް ނުވިއެވެ.

އިހަވަންދޫ ކައުންސިލްގެ މެމްބަރު އަހްމަދު ރިޞްވާން ވިދާޅުވީ، އެމްޓީސީސީގެ މުވައްޒަފުންގެ ތެރެއިންބަޔަކު ކުރި ފުރައްސާރަޔަކީ ހަމައެކަނި އިހަވަންދޫ ރައްޔިތުންނަށް ކުރި ފުރައްސާރައެއް ނޫންކަމުގައެވެ. "އެއީ އެއަރޕޯރޓްގައި ޖެޓީއެއް އެޅުމަށް ރައީސްގެ އަރިހުގައި އެދުނު 12 ރަށުގެ ރައްޔިތުންނާ، ރައްޔިތުންގެ އެދުމާއި އެއްގޮތަށް ޖެޓީއަޅަން ނިންމި ސަރުކާރަށްވެސްކުރި ފުރައްސާރައެއް! ރައްޔިތުންގެ ކުންފުންޏަކުން ރައްޔިތުންނާއި ސަރުކާރަށް ފުރައްސާރަކުރުން ބަލައެއްނުގަނެވޭ." ރިޞްވާން ވިދާޅުވިއެވެ. "އަސްލު ވަރަށް ހައިރާންވި އާދަމް އާޒިމްކަހަލަ ހިންގުންތެރި އެމްޑީއެއްގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންތަކެއް އެފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގުމުންވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، ރައްޔިތުންގެ ކުންފުނީގެ މުވައްޒަފުން އެކުރި ދަށުދަރަޖައިގެ އަމަލަށް، ކުންފުނީގެ ފަރާތުން އިހަވަންދޫއާއި ހއ އަތޮޅުގެ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ" ރިޞްވާން އެބޭފުޅާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

އޮކްޓޫބަރު 5 ވަނަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް، ހޯރަފުށީ ފަޅުގައި ތަރައްޤީކުރަމުންދާ އެއަރޕޯޓުގައި ޖެޓީއެއް ހެދުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު މިގޮތަށް ވިދާޅުވީ އެއާޕޯޓްގައި ޖެޓީ ނާޅާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ތުރާކުނާއި ހޯރަފުށި ނޫން، ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވަނިކޮށެވެ.

ޖުމްލަ 14 ރަށެއްގައި ހއ އަތޮޅުގައި މީހުން ދިރިއުޅޭއިރު، 12 ރަށަކާއި އަދި ހއ.އަތޮޅު ކައުންސިލުން، ރައީސް އޮފީހަށް ފޮނުވި މި ސިޓީތަކުގައި ފާހަގަކޮށްފައި ވަނީ، އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ، އެއާޕޯޓް ޖެޓީގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވުމުގެ ކަންބޮޑުވުމާއި، ޖެޓީއެއް އެއާޕޯޓްގައި އޮތުން މުހިއްމުވާ ސަބަބުތަކާއި އަދި ޖެޓީއާ ނުލައި އެއާޕޯޓް ހުޅުވައިފި ނަމަ އަތޮޅު ރައްޔިތުންނާއި އެއާޕޯޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާނޭ ތަކުލީފުތަކެވެ. މި ސިޓީތަކުގައި އެދިފައި ވަނީ އެއާޕޯޓް ހުޅުވުމުގެ ކުރިން ޖެޓީގެ މަސައްކަތް ނިންމައިދިނުމަށާއި މުޅި އަތޮޅަށް ލާބަ އާއި މަންފާ ލިބޭނޭ ގޮތަށް އެއާޕޯޓްގެ މަސައްކަތް ބައްޓަންކޮށްދެއްވުމަށެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ. މިފަހުން ވަނީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ވެސް ފަށާފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރަށް ދަށުދަރަޖައިގެ އަމަލެއް․ ސައިޓާ ހަވާލުވެ ހުރި މީހަކު ޒިންމާނަގަން ޖެހޭނެ․․ ․ރަމްޒީ އަބޫބަކުރު މީހުން މެނޭޖް ނުކުރެވި ހިންގުމުގަ ހުރި ބޮޑެތި މައްސަލަ މި ފެންނަނީ․،

– 9 އޮކްޓޫބަރު 2020 1

ދެރަވަރުގެ ކަންތައް․ ސަރުކާރުން އެއާޕޯޓުގަ ޖެޓީއަޅަން ނިންމީމަ ސަރުކާރަށް ކުރި ފުރައްސާރައެއް ކަމަށް ބެލެވެނީ․

– 9 އޮކްޓޫބަރު 2020 3

ސަރުކާރުގެ ކުންފުނިން ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ލިބޭ މުވައްޒަފުންގެ ކިބައިން ތި ދެއްކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް․

– 9 އޮކްޓޫބަރު 2020 1